އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ބުދަ ދުވަހު ވައިޓް ހައުސްގައި ބައްދަލުކުރައްވައިފި
އެމެރިކާ އިން އީރާނާއެކު އަލުން ފަށާފައިވާ ނިއުކްލިއާ މަޝްވަރާތަކުގެ ދާއިރާ ފުޅާކޮށް، އެ ގައުމުގެ މިސައިލް ޕްރޮގްރާމް ހުއްޓުވުމަށް ބާރުއެޅުމަށް އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އުންމީދު ކުރައްވާ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ބައްދަލުކުރެއްވުމަށްޓަކައި، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ 2026، ފެބްރުއަރީ 11 ގައި ވައިޓް ހައުސް އަށް ވަޑައިގަންނަވަނީ. | އޭއެފްޕީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ބުދަ ދުވަހު ވައިޓް ހައުސްގައި ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުމުގައި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމްގެ އިތުރުން، އެ ގައުމުގެ މިސައިލް އުފެއްދުމުގެ ގާބިލުކަމާއި ސަލާމަތީ ގޮތުން ހުރި އެހެނިހެން ނުރައްކާތައް ހުއްޓުވުމަށް އެމެރިކާ އިން އީރާނާއެކު ކުރާ މަޝްވަރާތަކުގެ ދާއިރާ ފުޅާކުރުމަށް ނަތަންޔާހޫ ބާރުއަޅުއްވާނެ ކަމަށް ބެލެވެ އެވެ.
މީގެ ގާތްގަނޑަކަށް 13 މަސް ކުރިން ޓްރަމްޕް ދެވަނަ ދައުރަކަށް ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ނަތަންޔާހޫ އާ ބައްދަލުކުރެއްވި ހަތްވަނަ ފަހަރެވެ. މިދިޔަ ހުކުރު ދުވަހު އޮމާންގައި އީރާނާއެކު ބޭއްވުނު ނިއުކްލިއާ މަޝްވަރާތަކަށްފަހު، ދެން އޮންނަ ބުރުގައި އެމެރިކާގެ ނިންމުންތަކަށް ނުފޫޒު ފޯރުވުމަށް ނަތަންޔާހޫ އުންމީދު ކުރައްވަ އެވެ.
އީރާނާއެކު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެ ގައުމަށް ހަމަލާދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވާފައިވާއިރު، އީރާނުން ވެސް ވަނީ ބަދަލުހިފާނެ ކަމަށް ބުނެފަ އެވެ. މީގެ ސަބަބުން ސަރަހައްދީ ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. އެމެރިކާގެ ގާތް އެކުވެރިއެއް ކަމަށްވާ އިޒްރޭލުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓްރަމްޕް ތަކުރާރުކޮށް ތާއީދު ކުރައްވާއިރު، އިޒްރޭލަކީ އީރާނުގެ އެންމެ ބޮޑު ދުޝްމަނެވެ.
އަންގާރަ ދުވަހު މީޑިއާތަކަށް ދެއްވި އިންޓަވިއުތަކެއްގައި ޓްރަމްޕް ވަނީ އޭނާގެ އިންޒާރު ތަކުރާރު ކުރައްވާފަ އެވެ. އީރާނުން އެއްބަސްވުމަކަށް އަންނަން ބޭނުންވާ ކަމަށް ގަބޫލުކުރެއްވި ނަމަވެސް، އެކަމަށް އީރާނުން ދެކޮޅު ހަދައިފިނަމަ "ވަރަށް ހަރުކަށި ފިޔަވަޅެއް" އަޅުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ފޮކްސް ބިޒްނަސް އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނާއެކު ވެވޭ ރަނގަޅު އެއްބަސްވުމަކީ ނިއުކްލިއާ ހަތިޔާރާއި މިސައިލް މައްސަލަ ހިމެނޭ އެއްބަސްވުމެއް ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ. މީގެ އިތުރުން، އީރާނު ކައިރީގައި އެމެރިކާގެ އަސްކަރީ ބާރު ވަރުގަދަކުރުމުގެ ގޮތުން ދެވަނަ އެއާކްރާފްޓް ކެރިއަރު ސްޓްރައިކް ގްރޫޕެއް ފޮނުވުމާ މެދު ވިސްނަވަމުންދާ ކަމަށް އެކްސިއޯސް އަށް ޓްރަމްޕް ވިދާޅުވި އެވެ.
މިކަމާ ގުޅުންހުރި ފަރާތްތަކުން ބުނާ ގޮތުގައި، އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމާއި، ހަމާސް އަދި ހިޒްބުالله ފަދަ ޖަމާއަތްތަކަށް އީރާނުން ދޭ އެހީތެރިކަން ހުއްޓުވުން ނުހިމެނޭ ނިއުކްލިއާ އެއްބަސްވުމަކަށް އެމެރިކާ އިން ގޮސްދާނެތީ އިޒްރޭލުން ކަންބޮޑުވެ އެވެ. އިޒްރޭލުގެ އޮފިޝަލުން ވަނީ އީރާނުގެ ވައުދުތަކަށް އިތުބާރު ނުކުރުމަށް އެމެރިކާ އަށް ބާރުއަޅާފަ އެވެ.
އެމެރިކާއަށް ފުރާވަޑައިގަތުމުގެ ކުރިން ނަތަންޔާހޫ ނޫސްވެރިންނަށް ވިދާޅުވީ، މަޝްވަރާތަކުގައި ގެންގުޅެންޖެހޭ އުސޫލުތަކާ މެދު އިޒްރޭލުން ދެކޭގޮތް ރައީސް ޓްރަމްޕަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި އީރާނާއެކު ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތްތައް ނާކާމިޔާބުވެއްޖެ ނަމަ، އަޅާނެ އަސްކަރީ ފިޔަވަޅުތަކާ ބެހޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމަށް މަސްދަރުތަކުން ބުނެ އެވެ.
އީރާނުން ބުނެފައިވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނަމަ ނިއުކްލިއާ ޕްރޮގްރާމް ހަނިކުރުމާ މެދު މަޝްވަރާ ކުރަން ތައްޔާރު ކަމަށެވެ. ނަމަވެސް މިސައިލްގެ މައްސަލަ އެކަމާ ގުޅުވުމަށް އީރާނުން ވަނީ ދެކޮޅު ހަދާފަ އެވެ.
އީރާނުގެ އެންމެ މަތީ ވެރިޔާގެ މުޝީރު އަލީ ޝަމްޚާނީ ބުދަ ދުވަހު ވިދާޅުވީ، އިސްލާމީ ޖުމްހޫރިއްޔާގެ މިސައިލް ގާބިލުކަމަކީ އެއްވެސް ހާލެއްގައި މަޝްވަރާ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ނަތަންޔާހޫ ވައިޓް ހައުސް އަށް ވަޑައިގަތުން މިފަހަރު އޮތީ އާންމުކޮށް އޮންނަ ވަރަށްވުރެ ސިއްރުވެރި ގޮތަކަށެވެ. އޭނާ ވައިޓް ހައުސްއަށް ވެދެވަޑައިގަތީ ނޫސްވެރިންނާއި ކެމެރާތަކަށް ނުފެންނަ ގޮތަށެވެ. އޭނާ ޓްރަމްޕާ ބައްދަލުކުރައްވަމުން ގެންދަވާކަން ފަހުން ކަށަވަރުކޮށްދިނީ ވައިޓް ހައުސްގެ އޮފިޝަލެކެވެ.
މި ބައްދަލުވުމުގެ އެޖެންޑާގައި ޣައްޒާގެ މައްސަލަ ވެސް ހިމެނެ އެވެ. ޓްރަމްޕް ބޭނުންފުޅުވަނީ އޭނާ މެދުވެރިވެގެން އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމައިގެން ކުރިއަށް ދިއުމަށެވެ. ނަމަވެސް، ހަނގުރާމަ ނިންމައި ފަލަސްތީނުގެ ސަރަހައްދުތައް އަލުން އާރާސްތު ކުރުމަށް ޓްރަމްޕް ހުށަހެޅުއްވި 20 ނުކުތާގެ ޕްލޭން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އެއީ އިޒްރޭލުގެ ސިފައިން ފިޔަވަހިތަކަކަށް ބަހާލައިގެން ފައިބަމުންދާއިރު، ހަމާސްގެ ހަތިޔާރު އަތުލުން ފަދަ ކަންކަމުގައި ދެފަރާތުގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ހުރުމުންނެވެ.
ފެބްރުއަރީ 18 އަށް ކުރިން ތާވަލުކުރި ނަތަންޔާހޫގެ މި ދަތުރުފުޅު އަވަސްކުރީ، އެމެރިކާ އިން އީރާނާއެކު އަލުން މަޝްވަރާތައް ފެށުމާ ގުޅިގެންނެވެ. މިދިޔަ ހަފުތާގައި އޮމާންގައި ބޭއްވި ބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމެއް ކަމަށާއި، ވަރަށް އަވަހަށް އިތުރު މަޝްވަރާތައް ބާއްވާނެ ކަމަށް ދެފަރާތުން ވެސް ވަނީ ބުނެފަ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، އޮމާން ބައްދަލުވުމުގެ ކުރިން ވިދާޅުވީ، މަޝްވަރާތަކުގައި އީރާނުގެ މިސައިލްތަކާއި، އެ ގައުމުން ވާގިވެރިވާ ޖަމާއަތްތަކާއި، އީރާނުގެ ރައްޔިތުންނާ މެދު އެ ގައުމުން އަމަލުކުރާ ގޮތުގެ މައްސަލަ ހިމަނަންޖެހޭނެ ކަމަށެވެ. ނަމަވެސް އީރާނުން ބުނީ ހުކުރު ދުވަހުގެ މަޝްވަރާތައް އަމާޒުކުރީ ހަމައެކަނި ނިއުކްލިއާ މައްސަލައަށް ކަމަށެވެ.
މަޝްވަރާތަކުގެ ދާއިރާ ފުޅާކުރުމާ މެދު ޓްރަމްޕް ގެންގުޅުއްވަނީ ނުސީދާ ސިޔާސަތެކެވެ. އަންގާރަ ދުވަހު އެކްސިއޯސް އަށް ދެއްވި ބަސްދީގަތުމުގައި ޓްރަމްޕް ވިދާޅުވީ، ކޮންމެ އެއްބަސްވުމެއްގައި ވެސް އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހިމެނުމަކީ ސުވާލެއް އުފެދޭ ކަމެއް ނޫން ކަމަށާއި، ނަމަވެސް މިސައިލްގެ މައްސަލައަށް ވެސް ހައްލެއް ހޯދިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އީރާނުން ބުނަމުންދަނީ އެ ގައުމުގެ ނިއުކްލިއާ މަސައްކަތްތަކަކީ ސުލްހަވެރި ބޭނުންތަކަށް ކުރާ ކަންކަން ކަމަށެވެ. ނަމަވެސް އެމެރިކާ އާއި އިޒްރޭލުން ތުހުމަތުކުރާ ގޮތުގައި އީރާނުން ދަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.
މިދިޔަ ޖޫން މަހު ހިނގި 12 ދުވަހުގެ ހަނގުރާމައިގައި، އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އިޒްރޭލުން ދިން ހަމަލާތަކުގައި އެމެރިކާ އިން ވަނީ ބައިވެރިވެފަ އެވެ.
އެ ހަމަލާތަކުގައި އިޒްރޭލުން ވަނީ އީރާނުގެ ވައިގެ ދިފާއީ ނިޒާމަށާއި މިސައިލް ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. އިޒްރޭލުގެ ދެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އީރާނުން މިހާރު ދަނީ އެ ގާބިލުކަން އަލުން އިއާދަކުރުމަށް މަސައްކަތް ކުރަމުންނެވެ.
މިދިޔަ މަހު އީރާނުގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތައް ހުއްޓުވުމަށް އެ ގައުމުގެ ސަރުކާރުން ބާރުގެ ބޭނުންކުރުމުން، އެމެރިކާއިން އަސްކަރީ ގޮތުން ވަންނާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވިއެވެ. ނަމަވެސް ފަހުން އެކަން އޮތީ މަޑު ޖައްސާލާފަ އެވެ.
ޖޫން މަހު އިޒްރޭލުން ދިން ހަމަލާތަކާއި، ޣައްޒާ، ލުބުނާން، ޔަމަން އަދި އިރާގުގައި އީރާނަށް ތާއީދުކުރާ ޖަމާއަތްތަކަށް ލިބުނު ނާކާމިޔާބީތަކުގެ އިތުރުން، އީރާނުގެ ބައިވެރިއެއް ކަމަށްވާ ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު މަގާމުން ދުރުވުމާ ގުޅިގެން، ސަރަހައްދީ ގޮތުން އީރާނަށް އޮތް ނުފޫޒު ވަނީ ކުޑަވެފަ އެވެ.
ޓްރަމްޕާއި ނަތަންޔާހޫއަކީ ގިނަ ކަންކަމުގައި އެއްގަލަކަށް އަރާ ދެ ބޭފުޅުން ކަމަށްވިޔަސް، އަދި އެމެރިކާ އަކީ އިޒްރޭލަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދޭ ގައުމު ކަމަށްވީ ނަމަވެސް، ބުދަ ދުވަހުގެ ބައްދަލުވުމުގައި ދެ ގައުމުގެ މެދުގައި ހުރި ބައެއް ޚިޔާލުތަފާތުވުންތައް ފެންމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.
ޣައްޒާ އާ މެދު ޓްރަމްޕް ގެންގުޅުއްވާ ޕްލޭންގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ ފުރުސަތު އޮތް ނަމަވެސް، ނަތަންޔާހޫ އާއި އޭނާގެ ކޯލިޝަންގައި ހިމެނޭ ހަރުކަށި ކަނާތު ފިޔައިގެ ބޭފުޅުން އެކަމާ ދެކޮޅު ހަދަ އެވެ.
އިޒްރޭލުގެ ސެކިއުރިޓީ ކެބިނެޓުން އާދިއްތަ ދުވަހު ވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިންނަށް ބިން ގަތުމަށް ފަސޭހަވާނެ ގޮތްތަކެއް ނިންމާފަ އެވެ. މިއީ ފަލަސްތީނުގެ މުސްތަގުބަލުގެ ދައުލަތުގެ މައި ހިތް ކަމަށް ބެލެވޭ ސަރަހައްދުގައި އިޒްރޭލުގެ ބާރު ގަދަކުރުމަށް ނިންމި ނިންމުމެއް ކަމުން، ބައިނަލްއަގުވާމީ މުޖުތަމައުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.
މިކަމާ ގުޅޭގޮތުން ޓްރަމްޕް އެކްސިއޯސް އަށް ވިދާޅުވީ، އޭނާ ހުންނެވީ ފަލަސްތީނުގެ ބިންތައް އިޒްރޭލުގެ ދަށަށް ގެނައުމާ (އެނެކްސޭޝަން) ދެކޮޅަށް ކަމަށެވެ. އަދި މިވަގުތު ވިސްނަންޖެހޭ މާ ގިނަ ކަންތައްތައް އެބަހުރި ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
މަސްދަރު: ރޮއިޓާސް





