އީރާން-އެމެރިކާގެ ހަމަ ނުޖެހުމާ ގުޅިގެން ތެލުގެ އަގު މައްޗަށް
ހޯމޫޒް ކަނޑުއޮޅިން ދަތުރުކުރާ އެމެރިކާގެ އުޅަނދުފަހަރަށް އީރާނުގެ އަސްކަރިއްޔާއިން ކުރިމަތިވެދާނެ ނުރައްކަލަކަށް ސަމާލުވުމަށް އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދީފައި. މި ނިންމުމާއެކު ދުނިޔޭގެ ބާޒާރަށް ތެޔޮ ސަޕްލައިކުރުމަށް ބުރޫއަރާފާނެ ކަމުގެ ބިރުވެރިކަން އުފެދި، ތެލުގެ އަގު ވަނީ އެކެއް އިންސައްތައަށް ވުރެ މައްޗަށް އުފުލިފައި.

ތެޔޮ ފީފާގެ ސްޓޮކެއް. | އައިސްޓޮކް
ހޯމޫޒް ކަނޑުއޮޅި އާއި އޮމާން ކަނޑުގެ ސަރަހައްދުން ދަތުރުކުރާއިރު، އީރާނުގެ ސަރަހައްދީ ރަށްތަކާ ވީހާވެސް ދުރަކުން ދަތުރުކުރުމަށް އެމެރިކާގެ ދިފާއީ ވުޒާރާއިން އެމެރިކާގެ ދިދަ ޖަހާފައިވާ އުޅަނދުފަހަރަށް އިރުޝާދު ދިނުމާ ގުޅިގެން، ހޯމަ ދުވަހު ތެލުގެ އަގު 1 އިންސައްތަ އަށް ވުރެ މައްޗަށް ޖެހިލައިފި އެވެ.
ރޮއިޓާސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އީސްޓަން ސްޓޭންޑަޑް ގަޑިން ހެނދުނު 11:24 (ޖީއެމްޓީން 16:24) ހާއިރު، ބްރެންޓް ކްރޫޑް އޮއިލް ފިއުޗާސްގެ އަގު ވަނީ 89 ސެންޓް ނުވަތަ 1.3 އިންސައްތަ މައްޗަށް ގޮސް، ފީފާއެއްގެ އަގު 68.94 ޑޮލަރަށް އަރާފަ އެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް ކްރޫޑްގެ އަގު 83 ސެންޓް ނުވަތަ 1.3 އިންސައްތަ މައްޗަށް ގޮސް، ފީފާއެއްގެ އަގު ވަނީ 64.38 ޑޮލަރަށް އުފުލިފަ އެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓްގެ މެރިޓައިމް އެޑްމިނިސްޓްރޭޝަނުން ފާހަގަކުރި ގޮތުގައި، ހޯމޫޒް ކަނޑުއޮޅިއާއި އޮމާން ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުގެ އަސްކަރިއްޔާއިން އަރައި ފާސްކުރުމުގެ ނުރައްކާ އޮވެއެވެ. އަދި އެންމެ ފަހުން މިފަދަ ހާދިސާއެއް މިދިޔަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު ވެސް ހިނގާފައިވާކަން އެ އިދާރާއިން ފާހަގަކުރި އެވެ. އެހެންކަމުން، ހޯމޫޒް ކަނޑުއޮޅިން އިރުމައްޗަށް ދަތުރުކުރާ އެމެރިކާގެ އުޅަނދުފަހަރު އޮމާނާ ވީހާވެސް ކައިރިން ދަތުރުކުރުމަށް އެ އިދާރާއިން ވަނީ އިރުޝާދު ދީފަ އެވެ.
މި އެންގުމާއެކު، އެމެރިކާ އާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ތެޔޮ ސަޕްލައިކުރުމަށް ބުރޫއަރާފާނެ ކަމުގެ ބިރުވެރިކަން ވަނީ އަލުން އުފެދިފަ އެވެ. ދުނިޔޭގައި ބޭނުންކުރާ ތެލުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ތެޔޮ އުފުލަނީ އޮމާނާއި އީރާނާ ދެމެދު އޮންނަ ހޯމޫޒް ކަނޑުއޮޅި ތެރެއިންނެވެ.
އެސްއީބީގެ އެނަލިސްޓް ބްޖާން ޝީލްޑްރޮޕް ވިދާޅުވީ، އެމެރިކާގެ މަނަވަރުތައް އެ ސަރަހައްދުގައި ތިބިހާ ހިނދަކު، އީރާނުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލުގެ ބިރުވެރިކަން މުޅިން ފިލައިގެން ނުދާނެ ކަމަށެވެ.
މި ހަފުތާގެ ކުރީކޮޅު ތެލުގެ އަގު ދަށަށް ގޮސްފައިވާކަން ފާހަގަ ކުރެވޭ އިރު އެކަން އެހެން ދިމާވީ، އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ނުސީދާ މަޝްވަރާތައް ކާމިޔާބު ކަމަށް ދެ ގައުމުން ވެސް ސިފަކޮށް، އެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެއްބަސްވުމާ ގުޅިގެންނެވެ.
އެހެންނަމަވެސް، އީރާނުގެ ޚާރިޖީ ވަޒީރު ހޮނިހިރު ދުވަހު ވިދާޅުވީ، އެމެރިކާގެ ފައުޖުތަކުން އީރާނަށް ހަމަލާއެއް ދީފިނަމަ، މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާދޭނެ ކަމަށެވެ. ފާއިތުވި ހަފުތާތަކުގައި އެމެރިކާ އިން ވަނީ އެ ސަރަހައްދުގައި އެ ގައުމުގެ ކަނޑުގެ ސިފައިންގެ ބާރު ވަރުގަދަކޮށްފަ އެވެ.
ޔޫބީއެސްގެ ތެލާ ބެހޭ އެނަލިސްޓް ޖިއޮވާނީ ސްޓައުނޯވޯ ވިދާޅުވީ، މަސްރަހު ބަދަލުވަމުންދާ ގޮތް އަންދާޒާކުރަން ނުހަނު އުނދަގޫ ކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް ކަން ހިނގާގޮތް ބަލަމުންދާ ކަމަށާއި، މިހާރު އިންތިޒާރު ކުރަމުންދަނީ މަޝްވަރާތަކުގެ ދެވަނަ ބުރު ބާއްވާނެ ތާރީޚެއް ކަނޑައެޅުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ޔޫކްރެއިން ހަނގުރާމައަށް ޚަރަދުކުރުމަށް ރަޝިޔާއިން ތެޔޮ އެކްސްޕޯޓްކޮށްގެން ހޯދާ އާމްދަނީ ކުޑަކުރުމަށް ހުޅަނގުގެ ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް ވެސް އިންވެސްޓަރުން ދަނީ ފާރަވެރިވަމުންނެވެ. މިގޮތުން، ރަޝިޔާ އިން ކަނޑުމަގުން ކުރާ ކްރޫޑް އޮއިލް އެކްސްޕޯޓަށް އެހީތެރިވެދޭ އެންމެހާ ޚިދުމަތްތައް މަނާކުރުމަށް ޔޫރަޕިއަން ކޮމިޝަނުން ވަނީ ހުށަހަޅާފަ އެވެ.
މަސްދަރު: ރޮއިޓާސް







