މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދަން އުޅޭ 2.4 ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރުމުގެ މުއާމަލާތާ ގުޅޭ ގޮތުން މަޖިލީހުގެ ޚިޔާލު ހޯދަން ގަރާރެއް
ޕެންޝަން ފަންޑުގައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު އެމްއެމްއޭއަށް ވިއްކާލުމަށްފަހު، އެ ފައިސާ ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރަން ނިންމާފައިވަނީ މާލީ ގާނޫނުތަކާ ހިލާފަށް ކަމަށް ބުނެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި. މި މުއާމަލާތުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ވެއްޓި ތަކެތީގެ އަގު އުފުލުމުގެ ބިރު އޮތްއިރު، މިއީ މަޖިލީހުގެ ހުއްދައެއް ނެތި ފައިސާ ޗާޕުކުރުމަށް ހިންގާ ހީލަތްތެރި އަމަލެއްގެ ގޮތުގައި ގަރާރުގައި ވަނީ ސިފަކޮށްފަ. އެހެންކަމުން ޕެންޝަން ފަންޑުގެ މިނިވަންކަން ގެއްލޭ މި މައްސަލައިގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މި ގަރާރުގައި ވަނީ ގޮވާލާފަ.


ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) | ރައްޔިތުންގެ މަޖިލިސް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދަން އުޅޭ 2.4 ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރުމުގެ މުއާމަލާތާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތެއް ދެނެގަތުމަށް ޓަކައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ގަރާރެއް ހުށަހަޅުއްވައިފި އެވެ.
ކުޑޫ މި ގަރާރު ހުށަހަޅުއްވާފައިވާއިރު ރައީސް މުއިއްޒުގެ ސަރުކާރުން ހީލަތްތެރި ގޮތަކަށް ފައިސާ ޗާޕުކުރުމަށް، ޕެންޝަން ފަންޑުން އިންވެސްޓު ކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު އެމްއެމްއޭ އަށް ވިއްކާލުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން ޕެންޝަން އޮފީހުގެ ބޯޑުން ވަނީ ނިންމާފަ އެވެ. އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ގަރާރު ވަނީ މަޖިލީހަށް ހުށަޅާފަ އެވެ.
އެގޮތުން މި ކަމާ ގުޅިގެން ކުޑޫ ހުށަހެޅުއްވި ގަރާރުގައި ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި، ޕެންޝަނާ ބެހޭ ގާނޫނުގެ އިތުރުން ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގައި އެކަށައަޅާފައިވާ މާލީ އުސޫލާ ޚިލާފަށް، އަދި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާ ޚިލާފަށް، ސަރުކާރުން ކުރަމުންދާ ކަންކަމާ މެދު މަޖިލީހުގެ ޚިޔާލެއް ހޯދުމަށް ހުށަހަޅާ ގަރާރެއް ކަމަށެވެ.
ގަރާރުގައި ބުނީ މަޖިލީހުން ހުއްދަ ލިބިގެން މެނުވީ، މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައިވާ މިންވަރަށްވުރެ ޚަރަދު އިތުރުކޮށްގެން ނުވާނެ ކަމަށާއި ބަޖެޓުގައި ވަކި ކަމަކަށް ޚަރަދެއް ކުރުމަށް ކަނޑައަޅައިފައިވާނަމަ އެ ޚަރަދެއް ކުރާންވާނީ އެކަމަކަށް އެކަނި ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައި އާއި ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތަށް ނޫން ގޮތަކަށް ދައުލަތުގެ ފައިސާއިން ޚަރަދުކުރުން، ނުވަތަ ދައުލަތުގެ މުދަލެއް ވިއްކާލުން ނުވަތަ ނައްތާލުން ނުވަތަ ދޫކޮށްލުން އެއީ ހުއްދަނޫން އަމަލުގެ ގޮތުގައި ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ގަރާރުގައި ވަނީ ފާހަގަ ކޮށްފަ އެވެ.
އޭގެ އިތުރުން ޕެންޝަނާ ބެހޭ ގާނޫނުގައި، ޕެންޝަން އެސެޓްސް އިންވެސްޓް ކުރުމާ ބެހޭ އެއްވެސް ހުށަހެޅުމެއް ސަރުކާރުން ނުވަތަ އެހެން ވެސް ފަރާތަކުން ހުށަހަޅާ ނަމަ ހުށަހަޅަން ވާނީ ލިޔުމުންކަމާއި އެ ހުށަހެޅުމެއް އާންމުކޮށް ހާމަކުރަން ބަޔާންކޮށްފައިވާ ކަމަށް އެ ގަރާރުގައި ވެ އެވެ.
ގަރާރުގައި ބުނީ ފިސްކަލް ޒިންމާގެ ގާނޫނުގައި، ސަރުކާރުން ދަރަންޏަށް ފައިސާ ނަގަންވާނީ ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށް އަދި ގިނަވެގެން 91 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ޚަލާސްކުރާ ގޮތަށް، އެޑްވާންސެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ފައިސާ ނެގޭނީ ވޭތުވެދިޔަ ތިން އަހަރު ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ 2.5އަށް ވުރެ އިތުރުނުވާނެ ގޮތެއްގެ މަތިންކަން ބަޔާންކޮށްފައިވާ ކަމަށް ވެސް ކުޑޫ ހުށަހެޅުއްވި ގަރާރުގައި ފާހަގަ ކޮށްފައި ވެ އެވެ. ނަމަވެސް އެ އުސޫލާ ޚިލާފަށް ފައިސާ ނެގުމުގެ ބޭނުމުގައި ޕެންޝަން ފަންޑު މެދުވެރިކޮށް ނާޖާއިޒު މުއާމަލާތެއް ހިންގުމަށް ފަހު އެ ފައިސާ ސަރުކާރަށް ނެގުުމަށް މަސައްކަތް ކުރަމުން ދާ ކަމަށް މައުލޫމާތު ލިބޭ ކަމަށް ގަރާރުގައި ބުނެފައި ވެ އެވެ.
އެފަދަ މުއާމަލާތެއް ހިންގައިގެން ޕެންޝަން ފަންޑުން ސަރުކާރަށް ފައިސާ ނެގުމަކީ ގާނޫނީ ހަމަތަކާއި އުސޫލުތައް އެއް ފަރާތްކޮށް އެ ހަމަތަކާއި އުސޫލުތަކާ ކަނޑައެޅިގެން ޚިލާފަށް، ސަރުކާރުން ކުރާ ކަމެއް ކަމަށް ކުޑޫ ގެ ގަރާރުގައި ފާހަގަކޮށްފައިވާއިރު އެކަމަށް އިހުތިޖާޖު ކުރުމުގެ ގޮތުން ޕެންޝަން އޮފީހުގެ އިސް ބޭފުޅުންތަކެއް އިސްތިއުފާ ދެއްވިކަން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.
މި ފަދަ ގާބިލު ތަޖުރިބާކާރު އެތައް ބަޔަކު މިކަމާ ދެކޮޅު ހެދުމުން، މި ކަމުގެ ނުރައްކާތެރިކަން ވަޒަން ކުރެވޭ ކަމަށާ ސަރުކާރުގެ މި އަމަލުގެ ސަބަބުން ޕެންޝަން ފަންޑުގައި ފަހަށް ރައްކާކޮށްފައި ހުރި ރައްޔިތުންގެ ފައިސާ އެގޮތް މިގޮތަށް ޚަރަދުކޮށް، ހުސްކޮށްލަމުން ދާކަން ފާޅުކަން ބޮޑުކޮށް ފެންނަން އޮތް ކަން ވެސް ކުޑޫ ފާހަގަކުރެއްވި އެވެ.
ގަރާރުގައި ބުނީ މިއީ ޕެންޝަން ފަންޑުގެ މިނިވަންކަން ގެއްލި، ރާއްޖޭގެ މުޅި މާލީ ނިޒާމުގެ އިތުބާރު ގެއްލިގެން ހިނގައިދާ ފަދަ ކަމެއް ކަމަށެވެ. އަދި އެއީ މަޖިލީހުން ފާސްކޮށްފައިވާ، މި އަހަރުގެ ބަޖެޓުގައި ދައުލަތަށް ފައިސާ ހޯދާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ބަޔާންކޮށްފައިވާ ކަންކަމާ ޚިލާފަށް އެ ކަންކަމުގެ ބޭރުން، މަޖިލީހުގެ ހުއްދަ ހޯދުމަކާ ނުލައި ނުވަތަ މަޖިލީހަށް އެންގުމަކާ ނުލައި ސަރުކާރުން ކުރާ ކަމެއް ކަމަށެވެ.
ކުޑޫ ވިދާޅުވީ އެ މުއާމަލާތުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ދަށްވެ، ބޭރު ފައިސާގެ އަގު އިންތިހާއަށް މަތިވުމުގެ ނަތީޖާއެއްގެ ގޮތުން މުދަލާއި ޚިދުމަތުގެ އަގުތައް ނުހަނު ބޮޑަށް އުފުލުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެހެންކަމުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަޖިލީހަށް މަތިކޮށްފައިވާ ދުސްތޫރީ ވާޖިބު އަދާކުރުމުގެ ގޮތުން ކުރަން ޖެހޭ ކަންކަން ކުރުމަށް ޓަކައި ޕެންޝަން އޮފީހުގެ މުއާމަލާތާ ގުޅޭ ގޮތުން މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށް އެދޭ ކަމަށް ގަރާރުގައި ވެ އެވެ.






