އިޒްރޭލުން ޣައްޒާ ގައި 11 މީހުން ޝަހީދު ކޮށްލައިފި
އިޒްރޭލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ވަރުގަދަ ހަމަލާތަކުގައި 11 މީހުން ޝަހީދުކޮށްލާފައިވާއިރު، މީގެ ތެރޭގައި ގެދޮރު ގެއްލިފައިވާ އާއިލާތައް ދިރިއުޅޭ ފޭލިގެތަކަށް އަމާޒުކުރި ހަމަލާތައް ހިމެނޭ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިޒްރޭލުން ހިންގަމުންދާ މި ގަތުލުއާންމުގައި މިހާތަނަށް ފަލަސްތީނުގެ 72,000 އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުވެފައި.

އިޒްރޭލުން ދިން ހަމަލާތަކެއްގައި ޝަހީދުވި ފަލަސްތީީނުގެ ރައްޔިތުންގެ ޖަނާޒާގެ ތެރެއިން، 2026 ފެބްރުއަރީ 15 ވަނަ ދުވަހު ދެކުނު ޣައްޒާގެ ޚާން ޔޫނިސްގައި ހުންނަ ނާސިރު ހޮސްޕިޓަލުގައި ކަށުނަމާދު ކުރަނީ. | ރޮއިޓާސް
ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރާ ހަމާސް އިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެ، އާދީއްތަ ދުވަހު އިޒްރޭލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ މަދުވެގެން 11 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ހާމަކޮށްފި އެވެ.
ޣައްޒާގެ މެޑިކަލް އޮފިޝަލުން މައުލޫމާތު ދެއްވި ގޮތުގައި، ގެދޮރު ގެއްލިފައިވާ އާއިލާތައް ދިރިއުޅޭ ފޭލިގެތަކަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ހަތަރު މީހަކު ވަނީ ޝަހީދުވެފައެވެ. މީގެ އިތުރުން، ދެކުނުގެ ޚާން ޔޫނިސްއަށް ދިން ހަމަލާއެއްގައި ފަސް މީހަކު ޝަހީދުވެފައިވާއިރު، އުތުރުގެ ސަރަހައްދެއްގައި އިޒްރޭލު ސިފައިން ބަޑިޖަހައި އިތުރު މީހަކު ވަނީ މަރާލާފައެވެ.
އިޒްރޭލުގެ ވައިގެ ހަމަލާތައް ދެން އަމާޒުކޮށްފައިވަނީ ޣައްޒާ ސިޓީގެ ތާލް އަލް-ހަވާ އަވަށުގައި ހުރި، ހަމާސްއާ ގުޅިފައިވާ އިސްލާމިކް ޖިހާދު ޖަމާއަތުގެ ކޮމާންޑަރެއް ކަމަށް ބެލެވޭ މީހަކަށެވެ.
ޣައްޒާގައި ހުންނަ ހަމާސްގެ ތަރުޖަމާނު ހާޒިމް ގާސިމް ވަނީ، ގެދޮރު ގެއްލިފައިވާ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން އާ "ގަތުލުއާންމެއް" ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ "ބޯޑް އޮފް ޕީސް" ނުވަތަ ސުލްހައިގެ މަޖިލީހުގެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށް މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ހިންގި ސީރިއަސް އަމަލެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
އިޒްރޭލުގެ އަސްކަރީ އޮފިޝަލަކު ބުނީ އާދީއްތަ ދުވަހު ދިން ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ދިން "ސީދާ" ހަމަލާތަކެއް ކަމަށެވެ. އަދި އޮކްޓޫބަރު މަހު ގާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހަމާސް އިން ތަކުރާރުކޮށް ޚިލާފުވެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ މަޝްރޫއުގެ މުހިންމު ބައެއް ކަމުގައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވާ ކަމަށް ބުނެ، އިޒްރޭލާއި ހަމާސްއިން ދަނީ އެއްބަޔަކު އަނެއްބަޔަކަށް ތަކުރާރުކޮށް ތުހުމަތުތައް ކުރަމުންނެވެ. މިއީ އިޒްރޭލާއި ފަލަސްތީނުގެ އެތައް ޖީލަކަށް ދެމިގެންގޮސްފައިވާ މައްސަލައިގައި މިހާތަނަށް ހިންގި އެންމެ ނުރައްކާތެރި އަދި އެންމެ ބޮޑު ގެއްލުންތަކެއް ލިބުނު ހަނގުރާމައެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުަވަހު ފެށުނު މި ހަނގުރާމައިގައި ފަލަސްތީނުގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ވައިގެ އަދި އެއްގަމު ހަމަލާތަކުގައި މިހާތަނަށް 72,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.





