ހަމާސް: އީރާނަށް ދޭ ކޮންމެ ހަމަލާ އަކީ އިސްލާމީ އުންމަތަށް ދޭ ހަމަލާ އެއް
އީރާނުގެ އިންގިލާބީ ދުވަހުގެ މުނާސަބަތުގައި އަލް-ގައްސާމް ބްރިގޭޑްސްގެ ތަރުޖަމާނު އަބޫ އުބައިދާ ވަނީ އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވައި، އީރާނަށް ދޭ ކޮންމެ ހަމަލާއަކީ މުޅި އުންމަތަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވާފައި. ފަލަސްތީނުގެ މިނިވަންކަމަށް އީރާނުން ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވަމުން، އިޒްރޭލުގެ އުދުވާނުތަކަށް ރައްދުދިނުމުގެ ފުރިހަމަ ގާބިލުކަން އީރާނުގެ އަސްކަރިއްޔާއަށް ލިބިގެންވާކަމުގެ އިތުބާރު އޮތްކަމަށްވެސް އޭނާ ވިދާޅުވި.

ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސީރާތު ރެފިއުޖީ ކޭމްޕުގައި، އިޒްރޭލުގެ އަސީރުން ރެޑް ކްރޮސްއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ކުރިން، ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ މުޖާހިދުން ސަފުތަކަކަށް އެތުރިގެން - ފެބްރުއަރީ 22، 2025. | އޭޕީ
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފި، އަލް-ގައްސާމް ބްރިގޭޑްސްއިން އިންޒާރު ދީފައިވާ ގޮތުގައި އީރާނާ ދެކޮޅަށް ހިންގާ ކޮންމެ އުދުވާނަކީ މުޅި އިސްލާމީ އުންމަތަށް ދެވޭ ހަމަލާއެކެވެ.
އެމެރިކާ އާއި އިޒްރޭލުގެ ފަރާތުން ކުރިމަތިވަމުންދާ އިންޒާރުތަކާއި ފުރައްސާރަތަކުގެ ތެރޭގައި، އީރާނުގެ އިސްލާމީ އިންގިލާބަށް 47 އަހަރު ފުރުން ފާހަގަކުރި ބުދަ ދުވަހު ނެރުނު ބަޔާނެއްގައި، ގައްސާމް ބްރިގޭޑްސްގެ ތަރުޖަމާނު އަބޫ އުބައިދާ ވަނީ އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީއަށާއި، އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވާފަ އެވެ.
އަބޫ އުބައިދާ ވިދާޅުވީ، އިސްލާމީ ޖުމްހޫރިއްޔާއަށާއި އެ ގައުމުގެ އަޚުވަންތަ ރައްޔިތުންނަށް ދޭ ކޮންމެ ހަމަލާއަކީ މުޅި އިސްލާމީ އުންމަތަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ދެކޭ ކަމަށާއި، އެއީ މިނިވަންކަމަށް މަސައްކަތްކުރާ އިސްލާމީ ދައުލަތެއްގެ އިސްތިގުލާލަށް އަރައިގަތުމަށް ހިންގާ ޖަރީމާއެއް ކަމަށެވެ.
މީގެ އިތުރުން، ބާރުގެ ބޭނުންކޮށްގެން އީރާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށް ކުރާ މަސައްކަތްތައް އޭނާ ކުށްވެރިކުރެއްވި އެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާއި، އިޒްރޭލުގެ އިސްތިއުމާރާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދޭތީ، އީރާނާ ދެކޮޅަށް ދެމުންދާ އިންޒާރުތަކާއި ކުރިން ދީފައިވާ ހަމަލާތަކަކީ ބަދަލުހިފުމުގެ ގޮތުން ހިންގާ "ނާއުންމީދީ" އަމަލުތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
ހަމައެއާއެކު، އީރާނަށް ދޭ ކޮންމެ ހަމަލާއެއް ނާކާމިޔާބުކޮށްލައި، ގައުމު ދިފާއުކޮށް، ހަމަލާދޭ ފަރާތްތަކަށް ވަރުގަދަ ރައްދު ހަމަލާއެއް ދިނުމުގެ ގާބިލުކަން އިސްލާމީ އިންގިލާބީ ގާޑުން (އައި.އާރް.ޖީ.ސީ) ހިމެނޭހެން އީރާނުގެ ހަތިޔާރު އެޅި ބާރުތަކަށް ލިބިގެންވާކަމުގެ ފުރިހަމަ އިތުބާރު އޮތްކަން އަބޫ އުބައިދާ ހާމަކުރެއްވި އެވެ.
މިދިޔަ އަހަރު އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހިންގި ޣައިރު ގާނޫނީ އަމަލުތަކާ ގުޅިގެން، 12 ދުވަހުގެ ހަނގުރާމައިގައި އިޒްރޭލުން ހިފާފައިވާ ސަރަހައްދުތަކުގެ މުހިންމު ތަންތަނަށް އީރާނުން ދިން ރައްދު ހަމަލާތަކަށް އިޝާރާތް ކުރައްވައި އަބޫ އުބައިދާ ވިދާޅުވީ، އީރާނުގެ އަސްކަރިއްޔާއިން ވަނީ "ޒަޔަނިސްޓު ދުޝްމަނުންނަށް" ފިލާވަޅުތަކެއް ދަސްކޮށްދީފައި ކަމަށެވެ.
ގައްސާމް ބްރިގޭޑްސްގެ ތަރުޖަމާނު އިތުރަށް ވިދާޅުވީ، 2023 އޮކްޓޫބަރު 7 ގައި ފެށި "އަލް-އަގްސާ ފްލަޑް" އޮޕަރޭޝަނުގެ ތެރެއިން ފަލަސްތީނުގެ މުޖާހިދުން ވަނީ ޒަޔަނިސްޓުންގެ ކިބުރުވެރިކަން މުގުރާލާފައި ކަމަށެވެ. މި އޮޕަރޭޝަނަކީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދިޔަ ލާއިންސާނީ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ހިންގި އޮޕަރޭޝަނެކެވެ.
ފަލަސްތީނުގެ މި ތާރީޚީ އޮޕަރޭޝަނަށްފަހު، އިޒްރޭލުން ޣައްޒާގައި ނަސްލު ނައްތާލުމުގެ ހަނގުރާމައެއް ފެށި ނަމަވެސް، އެ ގައުމުން ކަނޑައެޅި މަގްސަދުތައް ހާސިލުކުރެވިފައެއް ނުވެ އެވެ. މި ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 72,045 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 171,686 މީހުން ވަނީ ޒަޚަމްވެފަ އެވެ.
މި ޖަރީމާތައް ހިންގަމުންދާ އިޒްރޭލުގެ ސަރުކާރަށް ވަނީ މަޖުބޫރުވެގެން ހަމާސް އާ އެކު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އައިސްފަ އެވެ. މި އެއްބަސްވުމަށް 2025 އޮކްޓޫބަރު 10 ގައި އަމަލުކުރަން ފެށި ނަމަވެސް، އޭގެ ފަހުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އިޒްރޭލުން ދަނީ ޣައްޒާ އަށް ހަމަލާދީ އެއްބަސްވުމާ ޚިލާފުވަމުންނެވެ.
މީގެ އިތުރުން، ބުދަ ދުވަހު ހަމާސްގެ ވަފުދަކުން ވަނީ ގަތަރުގެ ވެރިރަށް ދޯހާގައި އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރީޖާނީއާ ބައްދަލުކުރައްވާފަ އެވެ.





