ފައިސާ ޗާފު ކުރަނީ އެއް ނޫން. ރޯދަ އަށް 20ރ. ގެ ނޫޓުގެ ޑިމާންޑް މާ ބޮޑަށް މައްޗަށް ދިޔައީ އެވެ!
ބާވެފައިވާ ނޫޓުތައް ބަދަލުކުރުމަށާއި ބާޒާރުގައި ފައިސާގެ ޑިމާންޑް ހިފެހެއްޓުމަށް ކަމަށް ބުނެ، އެމްއެމްއޭ އިން ވަނީ ރާއްޖެ އަށް ގިނަ އަދަދެއްގެ އައު ފައިސާ ގެނެސްފައި. މިގޮތުން 100 ރުފިޔާ އާއި 20 ރުފިޔާގެ ނޫޓުތަކަށް އޮތް ބޮޑު ޑިމާންޑާ ގުޅިގެން ކަމަށް ބުނެ އައު ސްޓޮކެއް ނެރުނު ނަމަވެސް، މިއީ ފައިސާ ޗާޕުކުރުން ނޫން ކަމަށް ދައްކަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުން. އެހެންނަމަވެސް އިންތިޚާބަކާ ދިމާކޮށް އައު ފައިސާ ދައުރުކުރަން ފެށުމުން، މިއީ ހަގީގަތުގައި ފައިސާ ޗާޕުކުރުން ނޫން ދެން ކޮން ކަމެއްތޯ އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައި.

ވިހި ރުފިޔާގެ އާ ނޫޓުތަކެއް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާޒާރަށް ނެރެފި. | އެމްއެމްއޭ
ފައިސާ ޗާފު ނުކުރުން އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ މާ ބޮޑު ވައުދެކެވެ. އެހެން ކަމުން މި ސަރުކާރަކުން ފައިސާ ޗާޕެއް ނުކުރާނެ އެވެ. އެކަމަކު އަނެއްކޮޅުން ގިނަ އަދަދެއްގެ ފައިސާ ކޮންޓޭނަރުތަކުގައި އެއަރޕޯޓުން ނެރެގެން ގެނެސް އެމްއެމްއޭގެ ވަލު ދޮރާށިން ވައްދާ މަންޒަރު އެބަ ފެނެ އެވެ. އެހެން ކަމުން އައު ފައިސާ ގެނެސް އެމްއެމްއޭ އަށް ނުވައްދަމެކޭ ވެސް ބުނެވޭކަށް ނެތެވެ. ދެން އޮތް ގޮތަކީ، ރޯމާ ދުވާލު އެންމެންގެ ލޯކުރިމަތީގައި މިކަންކަން ހިނގާން ފެށުމުން މިއީ ފައިސާ ޗާޕު ކުރުން ނޫންކަން ރައްޔިތުންނަށް ދެއްކުމަށް މޮޅު ބުއްދިއެއް ގެނައުމެވެ. އެހެން ނޫންނަމަ ވައުދާ ޚިލާފުވީ ކަމަށް ވެ ކަންތައް ވަރަށް ގޯސްވާނެތާ އެވެ.
އެމްއެމްއޭ އިން އެއީ ފައިސާ ޗާފު ކުރަނީ ކަމަށް ހަމަ ހިލާ އެއް ބަހެއް ވެސް ނުވެ އެވެ. އެއަށް ކިޔަނީ މާ މޮޅު އެހެން ނަމެކެވެ. އެއީ ބޭނުން ކުރާ ފައިސާގެ ނޫޓުތައް އައު ކުރުމެވެ. ފައިސާގެ ޑިމާންޑް ބޮޑުވާތީ ފައިސާ ސަޕްލައި ކުރުމުގެ މިންވަރު ހިފެއްޓުމެވެ. އެހެން ކަމުން ޑިމާންޑް ހިފެހެއްޓުމަށް އިތުރު ފައިސާ ދައުރު ކުރަން ޖެހޭތީ އައު ފައިސާ ގެންނަނީ އެވެ. ފައިސާ ޗާޕު ކުރަނީ އެއް ނޫނެވެ. ކުރިން ހުރި ފައިސާ ގެ ސެކިއުރިޓީ ފީޗާޒް ޒަމާނީ ފީޗާޒް ތަކަށް ބަދަލު ކުރަން އައު ފައިސާ އުފައްދަނީ އެވެ. އެއީ ހަމަ އެއް ގޮތަކަށް ވެސް ފައިސާ ޗާޕު ކުރަނީ އެއް ނޫނެވެ. ބައު ނޫޓުތަކުގެ ކުލަ ފަނޑުވެ ސިފަ ގެއްލޭތީ އައު ނޫޓު ގެންނަން ޖެހެނީ އެވެ. ކުރިން ފައިސާ ޗާފު ކުރި މެޓީރިއަލް ބަދަލުވެ މިހާރު މާ ކުރިއަރާފައިވާ މޮޅު މެޓީރިއަލް ދުނިޔޭގައި އުފައްދާފައިވާތީ އެ މެޓީރިއަލް އަށް ނޫޓުތައް ބަދަލު ކުރަނީ އެވެ. ކުރިން ހުރީ ކަރުދާސް ނޫޓެވެ. މިހާރު ކަރުދާސް ނޫން ޕޮލިމަރ ނޫޓަށް ބަދަލު ކުރަން ޖެހެ އެވެ. މިއީ ފައިސާ ޗާޕު ކުރަނީ އެއް ނޫނެވެ.
މިހާރު ހުރި މުސްކުޅި ނޫޓު ކަމަކު ނުދެއެވެ. މާ ގިނައިން އެ ނޫޓުތައް އެކަކު އަތުން އަނެކަކު އަތުގައި ކޭއްތި ލޫދިފައިވާތީ އޭގެ ސިފަ ގެއްލިގެން ބަދަލު ކުރަނީ އެވެ. އެމްއެމްއޭ އިން ބުނާ ކަމަށް ވަނީ 100ރ ގެ ނޫޓުތަކުގެ ތެރެއިން 39 އިން ސައްތަ ބާވެފައިވާތީ ބަދަލު ކުރަން ޖެހެނީ ކަމަށެވެ. އަނެއްކޮޅުން މިހާރު ކަރުދާހު ފައިސާ ބޭނުން ކުރުން އިންތިހާ އަށް މަދޭ، މިއީ ކޭޝް ލެސް ޒަމާނޭ ވެސް ހަމަ މިވެރިން ކިޔަންވީމާ ކިޔަ އެވެ.
ޗާޕު ކޮށްގެން ނޫނަސް ގެނައި އައު ފައިސާތައް އެއީ ކޮން އެއްޗެއްކަން ބުނެދޭން ހެދި އަނެއް އުކުޅަކީ، އެމްއެމްއޭ އިން މިއީ ކިހިނެއްވާ ކަމެއްކަން ކިޔައިދޭން ފެށުމުގެ ކުރިން ސަރުކާރުގެ މަދަދުގައި ހިންގާ މީޑިއާ ތައް ބޭނުން ކޮށްގެން ކުއްލި އަކަށް ރޯދައާ ދިމާކޮށް 20ރ. ގެ ނޫޓްތައް މަދުވި ވާހަކަ ދައްކަން ފެށުމެވެ. ރޯދަ މަހާ ދިމާކޮށް ބައެއް ބާވަތުގެ ކާބޯތަކެތީގެ ޑިމާންޑް މައްޗަށްދާ ވާހަކަ މީގެ ކުރިން އިވެ އެވެ. މިފަހަރު މިވީ އެހެން ގޮތެކެވެ. މި ފަހަރު ޑިމާންޑް ބޮޑުވީ 20ރ. އަށެވެ. ބައެއް މީހުންނަށް ހަގީގަތުގައި ވެސް އޮޅުން އެރި އެވެ. އެއީ ކާ އެއްޗެއްތޯ ވެސް ބައެއް މީހުން ހިތައް އެރި އެވެ. އެހެންޏާ ފަހެ، ހަމަ ރޯދަ އަށް ހަނދުބަލަން ކައިރިވި އިރު 20ރ. ގެ ނޫޓަށް އެވަރެއް ވާނީ އެފަދަ ކޮންމެވެސް ކަމެއް ދިމާވެގެން ނޫންބާވަ އެވެ.
ކޮންމެ އަކަސް ދެ ބާވަތެއްގެ ނޫޓު އަލަށް ރާއްޖެ ގެނެސްފި އެވެ. އިންތިޚާބެއް ބޯމަތިވެފައި އޮއްވާ، ކޮންޓޭނަރުގައި ފައިސާ ޗާޕު ނުކުރާ ބަޔަކު އެހާ ގިނަ ފައިސާ ތަކެއް ގެނައިމާ ރައްޔިތުންގެ ހިތުގައި ސުވާލުތައް އުފެދޭނެ އެވެ. މިކަންކަން ހައްލު ކުރަން އޮންނާނީ ހިސާބު ކިތާބު ބޭނުން ކޮށްގެން ވާހަކަ ދެއްކީމާތާ އެވެ. އޭގެ ދޮގުތެދެއް ބަލަން ދާނެ ތަނެއް މިރާއްޖެ އަކު ނުހުންނާނެ އެވެ. ކޮންމެ އަކަސް ސަރުކާރުގެ މީޑިއާ އިން އައި ރިޕޯޓެއް ގައި ބުނީ ރާއްޖޭގައި 100ރ. އަށް ފަހު އެންމެ ގިނައިން ޑިމާންޑް އޮންނަނީ 20ރ. އަށް ކަމަށާއި އެހެންވެ 20ރ. ރޯދަ އާއި ދިމާކޮށް މަދުވީ އެވެ.
ދެން ބުނެދިނީ އައު ނޫޓުތައް މި ނެރުނީ އިގްތިސާދަށް ދިރުން ގެންނަން ކަމަށާއި، ފައިސާގެ މުއާމަލާތްތަކުގެ އިތުބާރު ދެމެހެއްޓުމަށް ކަމުގަ އެވެ.
މަރުކަޒީ ބޭންކުން އައު ނޫޓު ބާޒާރަށް ނެރުނު ނަމަވެސް ބާވެފައިވާ ކަމަށް ބުނާ ކުރީގެ ނޫޓު ވެސް ދައުރުވަމުންދާނެ ކަމަށް ބުނެފައިވެ އެވެ. އެކަމަކު އަލަށް ގެނެސް ސާރކިއުލޭޝަންގެ ތެރެއަށް ވެއްދީ ކިހާ ފައިސާ އެއް ކަމެއް ހާމަ އެއް ނުކުރެ އެވެ.
އެކި ޒާތްޒާތުގެ ސަބަބުތައް ދައްކައިގެން ހަމަ އެ ވިދާޅުވި ގޮތަށް ފައިސާ ޗާޕު ނުކުރާކަން ދެއްކޭތޯ މަސައްކަތް ކުރަނީ އެވެ. އެކަމަކު ކިތަންނެ ބަހަނާ އެއް ދެއްކިޔަސް ފައިސާ ޗާފު ކުރުމަށް ފައިސާ ޗާޕުކުރުން ނޫން ދެން ކިޔާނީ ކޮން އެއްޗެއް ބާވައެވެ؟





