ނައިވާދޫން ހޯދި ތާރީޚީ މޮޅުގެ ފަހަތުގައި އެއްބައިވަންތަކަމުގެ އެތައް ސިއްރެއް
ގޯލްޑެން ފުޓްސެލް ޗެލެންޖް 2026 ގެ ތަށި ނައިވާދޫ ޓީމުން އުފުލާލިއިރު އެކާމިޔާބީ ހޯދުމުގައި މުޅި ނައިވާދޫ ރައްޔިތުންވަނީ ޝާމިލް ވެފައި.


ގޯލްޑަން ފުޓްސެލް ޗެލެންޖް 2026 - ޗެމްޕިއަން ޓީމް ހދ. ނައިވާދޫ | ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ދެމީހަކު ކޮފީއަކަށް އެރިއަސް ދައްކަނީ އެވާހަކައެވެ. ޓީމުގެ ވާހަކައެވެ. ތަށި ނަގާ ވާހަކަ އެވެ. ޕްރެކްޓިސްތަކުގެ ރޭވުންތެރިކަމުގެ ވާހަކަ އެވެ.
މިއީ ގޯލްޑެން ފުޓްސެލް ޗެލެންޖުގައި ހދ ނައިވާދޫން ބައިވެރިކުރާ ޓީމު ތައްޔާރުވާން ފެށުމުގެ ފުރަތަމަ މަރުހަލާ އެވެ. އެއަށްފަހު ދެން ފެށެނީ ޖަރޒީ ތައްޔާރު ކުރުމުގެ މަރުހަލާ އެވެ. ނައިވާދޫއަކަސް އަދި މާލޭގައި ތިބޭ ރަށު މީހަކަސް މުޅި އާއިލާއަށް ޓީމުގެ ޖަރޒީ ތައްޔާރުކުރެ އެވެ. ޓީމަށް ސަޕޯޓް ކުރުމުގެ މަރުހަލާ ފެށެނީ އެހާހިސާބުންނެވެ. ޓީމުގެ ޖަރޒީ ގަޔަށް ހެޔޮވަރުކޮށްލެވޭ ހިސާބުންނެވެ. އެހާހިސާބުން އެއްވާމެއްގައި އެއޮންނަނީ ވަރުގަދަ ހިތްވަރެކެވެ. ފެންނަނީ އާދައިގެ އެއްބައިވަންތަ ކަމެއް ނޫނެވެ. މެޗެއް ކުޅޭ ރެއަކަށް ތައްޔާރުވުމުގައި ހުޅުމާލޭގައި ދިރިއުޅޭ ނައިވާދޫ އެންމެން އެއް ޖޯޝެއްގައި ނުކުމެ އެވެ. މާލޭގައި އުޅޭ އެހެން އެންމެން އައިސް އެޓީމާ ގުޅިލާމެހެ އެވެ. ފަހު ޕްރެކްޓިސްގެ ކަންތަކުގައި އެއްބަޔަކު އުޅޭ އިރު އަނެއް ބަޔަކު އުޅެނީ ދަނޑުގައި ސަޕޯޓަރުން ތިބޭ ތަން ތައްޔާރު ކުރުމުގަ އެވެ. ފެއްސާ ހުދުގެ ފުއްޕާ ހަމުން މުޅިތަން ޖަރީ ކުރެ އެވެ. ޓީމަށް ހިތްވަރުދޭ ބެނާތައް ދަމަ އެވެ. ނައިވާދޫ ސަޕޯޓަރުންކަން އަންގައިދޭ ދިއްލޭ ބޯޑުތައް ހަރުކޮށްލަ އެވެ. އިސާހިތަކު ރޭގަނޑު އަށެއް ޖަހާއިރު ފެށޭ މެޗުގެ ކުރިން ނައިވާދޫގެ މީހުން މުޅި އެސަރަހައްދު ފުރާލަ އެވެ. ވަކި އުމުރު ފުރައަކުން ނޫނެވެ. ކުދިބޮޑު އެންމެންނެވެ. މެޗަށް ޓީމު ދަނޑުމައްޗަށް ނުކުތުމާއެކު ސަޕޯޓަރުންގެ އަޑު މުޅިތަނަށް ގުގުމާލަ އެވެ. އެއަޑު ކެނޑެނީ އެރޭގެ މެޗު ނިމި މޭން އޮފްދަ މެޗްވެސް އިއުލާން ކުރުމުންނެވެ. އެކަމަކު ގަބޫލުކުރާ ވަކި ހަމައަކުންނެވެ. އެހެން ޖަޒްބާތުތަކުގައި ނުޖެހި ޓީމަށް ސަޕޯޓް ކޮށްގެންނެވެ. ވިހުރާލާ ޕޮންޕޮންތަކުންނެވެ. ދުންމާރިތަކާއި މެގަފޯންތަކުގެ އެހީގައި ޖެއްސޭ ހިތްވަރުގެ ބަސްތަކުންނެވެ.
މެޗަށް މާލެއާއި ހުޅުމާލެއިން ތައްޔާރުވާއިރު ރަށުގައިތިބި ނައިވާދޫ ރައްޔިތުންވެސް ވަކި ސަހަލެއް ނޫނެވެ. މެޗު ބެލުމަށް އެންމެން އެއްވަނީ އެއްތާކަށެވެ. ބޮޑު ސްކްރީން ބަހައްޓަނީ ގިނަބަޔަކަށް ޖަމާވެވޭ ތަނެއްގަ އެވެ. ހަވީރުންސުރެ ކައްކަމުންދަނީ މެޗު ނިމުމުން އަތްހަމަ ކޮށްލެވޭނެ ތަފާތު ކެއުންތަކެވެ. އަންހެންވެރިން އެކަމުގައި އަވަދިނެތި އުޅޭއިރު ފިރިހެންވެރިންގެ ކަމަކީ ތަނުގައި ދިދަޖެހުމާއި ތަން ޒީނަތްތެރިކުރުމެވެ.
މިއީ ފުޓްސެލް ޗެލެންޖްގެ މުޅި މުބާރާތް ނިމެންދެން ނައިވާދޫގެ ސަޕޯޓަރުންނާއި ކުޅުންތެރިން ޚާއްޞަކޮށް މުޅި ނައިވާދޫ ރައްޔިތުންގެ ކަންހުންނަ ގޮތެވެ. އޮންނަ އެއްބައިވަންތަކަމެވެ. އެކުވެރިކަމާއެކު ގުޅިފައިވާ ބަދަހި ގުޅުމެވެ. އޭގެ ނަތީޖާވެސް ފޮންޏެވެ. މިއަހަރާއެކު ޖުމްލަ 8 ފަހަރަށް ހދ އަތޮޅު ތަށި ވަނީ ނަގާފަ އެވެ. ހަތަރު ފަހަރަށް އަތޮޅުތަށި ވަނީ ދިފާއުކޮށްފަ އެވެ. މިކާމިޔާބީގެ ނިމުން އެވަރުން ނިންމާލާކަށް ރަށުގެ ރައްޔިތުން ބޭނުމެއް ނުވި އެވެ.
މިތަށިތަކާއެކު ފައި އެނެގީ މިދިޔައަހަރު ފައިނަލްގައި ކުޅެ އުފުލާނުލެވުނު ގޯލްޑެންފުޓްސެލް ޗެލެންޖުގެ ތަށްޓަކީ ނައިވާދޫގެ އެއްޗަކަށް ހެދުމަށެވެ. ޓީމު އޮތީ ފިސާރި ވަރުގަދައަށެވެ. ގައުމީ ޓިމަށް ފޮނުވަން ޖެހުނު އެންމެ މުހިއްމު ތިން ކުޅުންތެރިންނާ ނުލައި ނެރުނު ހިތްވަރާއި ބުންވަރުން އަތޮޅު ތަށިނެގި އެވެ. ގައުމީޓީމަށް ދިން ހިއްސާއަށްފަހު އެނބުރި އައިސް ބައިވެރިވި ތިންކުޅުންތެރިންނާއެކު ޒޯންވެސް ކަށަވަރުކުރި އެވެ. އެހާހިސާބުން ސަޕޯޓަރުން ޚާއްޞަކޮށް ރައްޔިތުން ބުނީ އެންމެ ވާހަކަ އެވެ. "ސާބަހާ އައްސަރިބަހެވެ. މިތިބީ ދަނޑުބޭރުން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާށެވެ. ގޮތް ނިންމާނީ ކުޅުންތެރިންނެވެ."
ގޮތް ނިންމީ ކުޅުންތެރިންނެވެ. ފައިނަލް މެޗުގައި ދެއްކީ އާދައިގެ ކުޅުމެއް ނޫނެވެ. ދައްކާލީ ވަރުގަދަ ފެންވަރަކާއި ފަންވަރެކެވެ. ފުރަތަމަ މިނިޓްތެރޭގައި އިދިކޮޅުން ޖެހި ގޯލާއެކު ނެރުނު ގަދފަދަ ހިތްވަރާއެކު ފަހަތުން އަރާ ޖުމްލަ ނުވަ ލަނޑު ޖަހައިގެން ގޯލްޑެން ފުޓްސެލް ޗެލެންޖުގެ ތާރީޚީ މޮޅަކުން ނައިވާދޫ މޮޅުވީ އެވެ. ރާއްޖޭގެ އެންމެ ބޮޑު ފުޓްސެލް ޗެލެންޖު 2026 ގެ ތަށި ނައިވާދޫން އުފުލާލީ މުޅި މުބާރާތުގައި ކުޅުނު އެންމެ މެޗަކުން އެއްވަރުވުން ފިޔަވާ ހުރިހާ މެޗަކުން ބޮޑު ތަފާތަކުން މޮޅުވެގެންނެވެ. އެންމެމޮޅު ފަސްކުޅުންތެރިންގެ ތެރޭގައި ނައިވާދޫގެ ދެކުޅުންތެރިން ހިމެނިގެންނެވެ. މުޅި ރާއްޖޭގެ ކިންގް އެންމެ މޮޅު ކުޅުންތެރިއާއގެ ގޮތުގައި ނައިވާދޫ ޓީމުގެ ކެޕްޓަން ޔާމީން މުހައްމަދު ވެގެންނެވެ.
ކޮންމެއަކަސް ނައިވާދޫން އެދެއްކީ ތަފާތު އެއްބައިވަންތަކަމެކެވެ. ކުޅުންތެރިން ދެއްކި މޮޅު ހުނަރު އެކަންޏެއް ނޫނެވެ. ޖެހިޖެހިގެން ތިން އަހަރު ކާމިޔާބުކުރި އެންމެ ރަނގަޅު ސަޕޯޓަރުންގެ ޝީލްޑާއެކު އެސަޕޯޓަރުންކުރި ހިތްވަރުންނެވެ. މުޅި ނައިވާދޫގެ ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި އެކުވެރިކަމާ އެއްބައެއް ވަންތަކަމުގެ ބޮޑު ސިއްރުގެ ނަތީޖާއެއްގެ ގޮތުންނެވެ. ނައިވާދޫ ޓީމަށާއި ނައިވާދޫގެ ރައްޔިތުންނަށް އައްސަރިބަހުން ސާބަހެވެ.




