ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނަމަ ނިއުކްލިއާ އެއްބަސްވުމަކަށް އަންނަން އީރާން ތައްޔާރު
އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނަމަ، ނިއުކްލިއާ އެއްބަސްވުމަކަށް އައުމަށްޓަކައި ޔުރޭނިއަމް މުއްސަނދިކުރާ މިންވަރު ދަށްކުރުން ފަދަ ދޫދިނުންތަކެއް ދޭން ތައްޔާރަށް އޮތްކަމަށް އީރާނުން ވަނީ ހާމަކޮށްފައި. ނަމަވެސް އެ ގައުމުގެ މިސައިލް ޕްރޮގްރާމާއި ދިފާއީ ކަންކަމުގައި އެއްވެސް ދޫދިނުމެއް ނުދޭނެ ކަމަށާއި، މަޝްވަރާތައް ކާމިޔާބުވުން ބިނާވެފައިވަނީ އެމެރިކާގެ އިޚްލާސްތެރިކަމުގެ މައްޗަށް ކަމަށް އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ވިދާޅުވި. މި މައްސަލައިގައި ދެ ގައުމުގެ މެދުގައި ނުސީދާ މަޝްވަރާތަކެއް ކުރިއަށްދާއިރު، ސަރަހައްދީ ހަނގުރާމައަކަށް މަގުފަހިވެދާނެ އެއްވެސް ފިޔަވަޅެއް ނޭޅުމަށް އީރާނުން ވަނީ އިންޒާރުދީފައި.

އީރާނުގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފޯ ޕޮލިޓިކަލް އެފެއާޒް، މާޖިދު ތަޚުތު-ރަވަންޗީ. | ގެޓީ އިމޭޖަސް
އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ގުޅޭގޮތުން މަޝްވަރާކުރަން އެމެރިކާ ތައްޔާރުނަމަ، ނިއުކްލިއާ އެއްބަސްވުމަކަށް އައުމަށްޓަކައި ދޫދިނުންތަކެއް ދޭން އީރާން އޮތީ ތައްޔާރަށް ކަމަށް އެ ގައުމުގެ ވަޒީރަކު ބީބީސީ އަށް ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިއަށްދާ ދިގުލައިގެން ގޮސްފައިވާ މަޝްވަރާތަކުގައި ކުރިއެރުން ނުލިބި ވަނީ އެމެރިކާގެ ސަބަބުން ނޫން ކަމަށާއި، އެއީ އީރާނުގެ ސަބަބުން ކަމަށް އެމެރިކާގެ އޮފިޝަލުން ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.
ހޮނިހިރު ދުވަހު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވުމަކަށް އަންނަން ބޭނުންފުޅުވި ނަމަވެސް، އީރާނާއެކު އެފަދަ އެއްބަސްވުމަކަށް އައުމަކީ "ވަރަށް އުނދަގޫ" ކަމެއް ކަމަށެވެ.
ނަމަވެސް، ތެހެރާންގައި ހުންނަވައި ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު މަޖީދު ތަޚްތު-ރަވަންޗީ ވިދާޅުވީ، އެއްބަސްވުމަކަށް އަންނަން ބޭނުންވާކަން ސާބިތުކޮށްދިނުމުގެ ފުރުސަތު އޮތީ އެމެރިކާގެ އަތްމަތީގައި ކަމަށެވެ. އަދި އެމެރިކާއިން އެކަމުގައި އިޚްލާސްތެރިވާނަމަ، އެއްބަސްވުމަކަށް ދެވޭނެ މަގު ފަހިވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމަށް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އެ ގައުމަށް ހަމަލާދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވާފައިވާއިރު، އެމެރިކާއިން ދަނީ އެ ސަރަހައްދުގައި އަސްކަރީ ބާރު ވަރުގަދަކުރަމުންނެވެ.
މި ފެބްރުއަރީ މަހުގެ ކުރީކޮޅު އޮމާންގައި އެމެރިކާ އާއި އީރާނުން ނުސީދާ މަޝްވަރާތަކެއް ބާއްވާފައިވާއިރު، އަންގާރަ ދުވަހު ޖެނީވާގައި ދެވަނަ ބުރެއް ބޭއްވުމަށް ހަމަޖެހިފައިވާކަން ތަޚްތު-ރަވަންޗީ ކަށަވަރުކޮށްދެއްވިއެވެ. އޭނާ ވިދާޅުވީ މަޝްވަރާތައް ދަނީ "ގާތްގަނޑަކަށް ރަނގަޅު މިސްރާބަކަށް" ކަމަށާއި، ނަމަވެސް ވަކި ގޮތެއް ނިންމަން އަދި މާ އަވަސް ކަމަށެވެ. ޓްރަމްޕް ވެސް ވަނީ އެ މަޝްވަރާތަކަކީ އުންމީދީ މަޝްވަރާތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އީރާނުން ދޫދޭން ތައްޔާރަށް އޮތްކަމުގެ ހެއްކެއްގެ ގޮތުން، 60 އިންސައްތައަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ މިންވަރު ދަށްކުރުމަށް ތެހެރާނުން ހުށަހަޅާފައިވާ ހުށަހެޅުމަށް ޑެޕިއުޓީ ފޮރިން މިނިސްޓަރު އިޝާރާތް ކުރެއްވިއެވެ.
ހަތިޔާރު އުފެއްދުމަށް ބޭނުންވާ މިންވަރާ ގާތްކުރާ މިންވަރަށް ޔުރޭނިއަމް މުއްސަނދިކުރުމަކީ، އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަން އުޅޭކަމުގެ ޝައްކު ބޮޑުވި ކަމެކެވެ. ނަމަވެސް އީރާނުން އަބަދުވެސް އެކަން ދޮގުކުރެއެވެ.
"ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަދައްކަން އެމެރިކާ ތައްޔާރުނަމަ، އަޅުގަނޑުމެންގެ ޕްރޮގްރާމާ ގުޅޭ މި މައްސަލައާއި އެހެނިހެން ކަންކަމާ މަޝްވަރާކުރަން އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" ތަޚްތު-ރަވަންޗީ ބީބީސީއަށް ވިދާޅުވިއެވެ. ނަމަވެސް މިއީ ހުރިހާ ފިޔަވަޅެއް އުވާލުންތޯ ނުވަތަ ބައެއް ފިޔަވަޅުތައް އުވާލުންތޯ އޭނާ ސާފެއް ނުކޮށްދެއްވައެވެ.
2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުގައި އަމަލުކުރި ގޮތަށް، އީރާނުގައި ހުރި 400 ކިލޯއަށްވުރެ ގިނަ މުއްސަނދިކުރި ޔުރޭނިއަމް ގައުމުން ބޭރަށް ފޮނުވާލަން އެއްބަސްވާނެތޯ ސުވާލުކުރުމުން، ތަޚްތު-ރަވަންޗީ ވިދާޅުވީ މަޝްވަރާތަކުގެ ތެރެއިން ވާނެ ގޮތެއް ބުނަން އަދި މާ އަވަސް ކަމަށެވެ.
2015 ގެ އެއްބަސްވުމުގެ ދަށުން 11,000 ކިލޯގެ ޔުރޭނިއަމް ބަލައިގަތް ރަޝިޔާއިން ވަނީ އަނެއްކާވެސް އެ ތަކެތި ބަލައިގަތުމަށް ހުށަހަޅާފައެވެ. ޓްރަމްޕް ވަނީ އެ އެއްބަސްވުމުން ތިން އަހަރު ފަހުން ވަކިވެފައެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުން ވަނީ ނިއުކްލިއާ މުއްސަނދިކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށް ވެސް ހުށަހަޅާފައެވެ.
އީރާނުގެ މައިގަނޑު އެއް ޝަރުތަކީ މަޝްވަރާތައް ހަމައެކަނި ނިއުކްލިއާ މައްސަލައަށް ޚާއްސަކުރުމެވެ. ތަޚްތު-ރަވަންޗީ ވިދާޅުވީ، އެއްބަސްވުމަކަށް އަންނަން ބޭނުންނަމަ ނިއުކްލިއާ މައްސަލައަށް އެކަނި ފޯކަސް ކުރަންޖެހޭނެކަން އެމެރިކާއަށް މިހާރު ގަބޫލުކުރެވޭ ކަމަށް ބެލެވޭ ކަމަށެވެ.
މިކަން ކަށަވަރުވެއްޖެނަމަ މިއީ އީރާނަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. މީގެ ކުރިން ވޮޝިންޓަނުން ގެންގުޅުނު "ޒީރޯ އެންރިޗްމަންޓް" ނުވަތަ އެއްވެސް މިންވަރަކަށް ޔުރޭނިއަމް މުއްސަނދި ނުކުރުމުގެ ސިޔާސަތަކީ އެއްބަސްވުމަކަށް އޮތް ހުރަހެއް ކަމަށް އީރާނުން ދެކެއެވެ.
އީރާނުން ދެކޭ ގޮތުގައި އެއީ އެ ގައުމުން ހުރަސްނުކުރާނެ ރަތް ރޮނގެކެވެ. އަދި އެއީ ނިއުކްލިއާ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާގެ ދަށުން އެ ގައުމަށް ލިބިދޭ ހައްގަކަށް އަރައިގަތުމެކެވެ.
ތަޚްތު-ރަވަންޗީ ބީބީސީއަށް ވިދާޅުވީ "ޒީރޯ އެންރިޗްމަންޓް" ގެ މައްސަލައަކީ މިހާރު އޮތް މައްސަލައެއް ނޫން ކަމަށާއި، އީރާނުން އެކަމާ މަޝްވަރާ ނުކުރާނެ ކަމަށެވެ. ނަމަވެސް، މިދިޔަ ހުކުރު ދުވަހު ވެސް ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވީ އީރާނުން ޔޫރޭނިއަމް "އެއްވެސް މިންވަރަކަށް މުއްސަނދިކުރާކަށް ބޭނުމެއް ނޫން" ކަމަށެވެ.
އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާއާ މަޝްވަރާ ނުކުރާނެ ކަމަށް ވެސް އީރާނުގެ މަންދޫބު ތަކުރާރުކުރެއްވިއެވެ. މިއީ އިޒްރޭލުން ބާރުއަޅަމުންދާ މައިގަނޑު އެއް ކަމެވެ.
މާކޯ ރޫބިއޯ ހިމެނޭހެން އެމެރިކާގެ އޮފިޝަލުން ވިދާޅުވަނީ، މިސައިލް ޕްރޮގްރާމާއި ސަރަހައްދީ ހަތިޔާރު އެޅި ޖަމާއަތްތަކަށް އީރާނުންދޭ އެހީތެރިކަން ވެސް އެއްބަސްވުމުގެ ތެރޭގައި ހިމަނަންޖެހޭނެ ކަމަށެވެ.
"އިޒްރޭލާއި އެމެރިކާއިން އަޅުގަނޑުމެންނަށް ހަމަލާދިންއިރު، އަޅުގަނޑުމެން ސަލާމަތްކޮށްދިނީ އަޅުގަނޑުމެންގެ މިސައިލްތައް. އެހެންވީމާ އަޅުގަނޑުމެންގެ ދިފާއީ ގާބިލްކަން ދޫކޮށްލަން އެއްބަސްވާނީ ކިހިނެއް؟" ތަޚްތު-ރަވަންޗީ ސުވާލު އުފެއްދެވިއެވެ.
މީގެ ދިހަ އަހަރު ކުރިން ވެސް މަޝްވަރާތަކުގައި އިސް ދައުރެއް އަދާކުރެއްވި މި ޑިޕްލޮމެޓް ވަނީ، އެމެރިކާގެ ރައީސް ދައްކަވާ ވާހަކަފުޅުތަކުގައި ހުރި ފުށުއެރުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އޭނާ ވިދާޅުވީ، މަޝްވަރާކުރަން ބޭނުންވާ ކަމަށް އެމެރިކާއިން ފާޅުގައި ބުނަމުންދާ ކަމަށާއި، އޮމާން މެދުވެރިކޮށް ސިއްރުން ފޮނުވާ މެސެޖުތަކުގައި ވެސް މައްސަލަތައް ސުލްހަވެރިކަމާއެކު ހައްލުކުރަން ބޭނުންވާ ކަމަށް ބުނަމުންދާ ކަމަށެވެ.
ނަމަވެސް، ޓްރަމްޕް އެންމެ ފަހުން ދެއްކެވި ވާހަކަފުޅުގައި އަނެއްކާވެސް ވަނީ އީރާނުގެ ވެރިކަން ބަދަލުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. ޓްރަމްޕް ވިދާޅުވީ "އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ފެންނަ" ކަމަށެވެ.
"ސިއްރު މެސެޖުތަކުން އެފަދަ ވާހަކައެއް ނީވޭ،" ތަޚްތު-ރަވަންޗީ ވިދާޅުވިއެވެ. އޭނާ އިޝާރާތް ކުރެއްވީ އޮމާންގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރު ބިން ހަމަދު އަލް-ބޫސައިދީ މެދުވެރިކޮށް ބަދަލުކުރެވޭ މެސެޖުތަކަށެވެ. އޮމާންގެ އިތުރުން ގަތަރު ފަދަ ސަރަހައްދީ ބާރުތަކުން ވެސް ދަނީ މެދުވެރިއެއްގެ ދައުރު އަދާކުރަމުންނެވެ.
އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބާރު ގަދަކުރާތީ އެކަމާ ސުވާލު އުފައްދަވައި، ތަޚްތު-ރަވަންޗީ އިންޒާރު ދެއްވީ އިތުރު ހަނގުރާމައެއް ވެގެންދާނީ އެންމެންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ހިތާމައަކަށް ކަމަށެވެ. އަދި އޭގެ ގެއްލުން އެންމެ ބޮޑަށް ކުރާނީ އެ ހަނގުރާމައެއް ފެށި ބަޔަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ގައުމުގެ ދެމިއޮތުމަށް ނުރައްކަލެއް އޮތް ކަމަށް އިހުސާސް ކުރެވިއްޖެނަމަ، އެކަމަށް އެކަށީގެންވާ ރައްދު ދޭނެ ކަމަށެވެ. އެމެރިކާގެ ހަމަލާތަކަކީ ގައުމުގެ ދެމިއޮތުމަށް އޮތް ހަނގުރާމައެއްގެ ގޮތުގައި ދެކޭނެތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ، އެފަދަ ނުރައްކާތެރި ހާލަތަކާ މެދު ވިސްނުމަކީ ވެސް ބުއްދިވެރި ކަމެއް ނޫން ކަމަށާއި، އޭގެ ސަބަބުން މުޅި ސަރަހައްދު ސުންނާފަތިވާނެ ކަމަށެވެ.
އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަކީ ހަމަލާދެވިދާނެ ސައްހަ އަމާޒުތަކެއް ކަމަށެވެ.
މީގެ ކުރިން ދިން ހަމަލާތަކުގައި، މިދިޔަ ޖޫން މަހު އެމެރިކާއިން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދިނުމުން ގަތަރުގައި ހުންނަ އަލް-އުދައިދު އަސްކަރީ މަރުކަޒަށް ދިން ހަމަލާގައި، އެމެރިކާގެ ސިފައިންނަށް ގެއްލުންނުވާނެ ގޮތަށް އީރާނުން ވަނީ ބަލާފައެވެ.
މިހާރު އެ ސަރަހައްދުގައި ތިބި 40,000 އަށްވުރެ ގިނަ އެމެރިކާ ސިފައިންނާ ގުޅޭގޮތުން ސުވާލުކުރުމުން ތަޚްތު-ރަވަންޗީ ވިދާޅުވީ، "މިފަހަރު ކަންތައް ވާނީ ތަފާތު ގޮތަކަށް" ކަމަށެވެ.
އީރާނުގެ އިސް އޮފިޝަލުން ދަނީ ސަރަހައްދީ ގައުމުތަކުގެ ވެރިންނާ މަޝްވަރާ ކުރަމުންނެވެ. އަދި އެ ގައުމުތަކުގެ ވެރިން ދަނީ ރައީސް ޓްރަމްޕަށް ފޯނުން ގުޅުއްވައި، ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ހަނގުރާމައަކުން ދުރުހެލިވުމަށް ބާރުއަޅުއްވަމުންނެވެ.
"ހަނގުރާމައާ ދެކޮޅަށް މުޅި ސަރަހައްދު އޮތީ އެއްގަލަކަށް އަރާފައި،" ތަޚްތު-ރަވަންޗީ ވިދާޅުވިއެވެ.
އީރާނުން ތަކުރާރުކޮށް ތުހުމަތުކުރާ ގޮތުގައި، އިޒްރޭލުން ދަނީ މި މަޝްވަރާތައް ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ.
އޭނާ ވިދާޅުވީ ޑިޕްލޮމެސީގެ ތެރެއިން މިކަން ހައްލުވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށާއި، ނަމަވެސް ސަތޭކަ އިންސައްތަ ޔަގީންކަމެއް ނެތް ކަމަށެވެ. އެހެންކަމުން ކުއްލި ސިހުމެއް ނުލިބޭނެހެން ސަމާލުވެ ތިބެންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ އެ އިޝާރާތް ކުރެއްވީ މިދިޔަ ޖޫން މަހު އިސްރާއީލުން ކުއްލިއަކަށް ދިން ހަމަލާއަށެވެ. އެ ހަމަލާއާ ގުޅިގެން 12 ދުވަހުގެ ހަނގުރާމައެއް ހިނގިއިރު، އެއީ އީރާނުން އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފްއާ އޮމާންގައި ބައްދަލުކުރަން ތައްޔާރުވަމުން ދަނިކޮށެވެ. މީގެ ސަބަބުން މަޝްވަރާތަކަށް އޮތް އިތުބާރު ވަނީ ކުޑަވެފައެވެ.
މިދިޔަ އަހަރުގެ މަޝްވަރާތަކުގައި ކުރިއެރުން ނުލިބުމުން އީރާނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޚަބަރުތައް ބުނާ ގޮތުގައި ވިޓްކޮފް މަޝްވަރާތަކަށް ވަޑައިގަންނަވަނީ ފަންނީ މާހިރުންނާ ނުލައެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ހިމެނޭހެން އެ ގައުމުގެ އޮފިޝަލުން ވިދާޅުވަނީ، އެއް ބުރުގައި އެއްބަސްވާ ކަންކަން ޖެހިގެން އަންނަ ބައްދަލުވުމާ ހަމައަށްދާއިރު ބަދަލުވެފައި ހުންނަ ކަމަށެވެ.
ފެބްރުއަރީ މަހުގެ ކުރީކޮޅު ބޭއްވި މަޝްވަރާތަކުގައި ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާ ބައިވެރިވެވަޑައިގަތުމަކީ، އެމެރިކާއިން މިކަމަށް ދޭ ސަމާލުކަން ބޮޑުވިކަމުގެ ރަނގަޅު ނިޝާނެއް ކަމަށް އީރާނުން ދެކެއެވެ.
އަނެއްކޮޅުން، އެއްބަސްވުމަކަށް އައުމަށް ބޭނުންވާ މުހިންމު ދޫދިނުންތައް ދޭން އީރާން ތައްޔާރުތޯ ވަނީ ސުވާލު އުފެދިފައެވެ.
ގިނަ މުހައްލިލުން ގަބޫލުކުރާ ގޮތުގައި އާ އެއްބަސްވުމަކަށް އައުމަކީ ދުރު ކަމެކެވެ. ނަމަވެސް ތަޚްތު-ރަވަންޗީ ވިދާޅުވީ، ޖެނީވާގައި އޮންނަ ކުރިއަށް އޮތް ބުރަށް އީރާނުން ދަނީ އުންމީދާއެކު ކަމަށެވެ.
"އަޅުގަނޑުމެންގެ ފަރާތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. ނަމަވެސް އަނެއް ފަރާތުން ވެސް އިޚްލާސްތެރިކަން ސާބިތުކޮށްދޭން ޖެހޭނެ،" އޭނާ ވިދާޅުވިއެވެ.
މަސްދަރު: ބީބީސީ





