ޑީލަކަށް ނާދެވިއްޖެ ނަމަ އީރާނަށް "ވަރަށް ހިތްދަތި" ނަތީޖާ އަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރުދެއްވައިފި
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާތަކުން ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ނަތީޖާއެއް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެ ގައުމުން ހިތްދަތި ނަތީޖާތަކަކާ ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި. ނަމަވެސް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މި އެއްބަސްވުމުގައި އީރާނުގެ މިސައިލް ޕްރޮގްރާމާއި ހަތިޔާރު އެޅި ޖަމާއަތްތަކަށް ދޭ އެހީތެރިކަން ހުއްޓުވުން ހިމަނަންޖެހޭނެ ކަމަށް ބުނެ، އެއްބަސްވުމުގެ ފެންވަރާ މެދު ޝައްކު އުފައްދާފައި.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް
އީރާނާއެކު ނިއުކްލިއާ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އެ ގައުމަށް "ވަރަށް ހިތްދަތި" ނަތީޖާތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ދެއްވައިފި އެވެ.
ވައިޓް ހައުސްގައި ނަތަންޔާހޫއާ ބައްދަލުކުރެއްވިތާ އެއް ދުވަސް ފަހުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ވޮޝިންޓަނުން ތެހެރާނާއެކު ކުރަމުންދާ މަޝްވަރާތަކުން "ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި" ނަތީޖާއެއް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާ އިން އީރާނާއެކު އެއްބަސްވުމަކަށް އަންނަން ޖެހޭ ކަމަށާއި، އެހެން ނޫންނަމަ އެކަމުގެ ނަތީޖާ ވަރަށް ހިތްދަތިވާނެ ކަމަށެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވާން ބޭނުންފުޅު ނުވި ނަމަވެސް، އެއްބަސްވުމަކަށް އައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ، އީރާނުން އެއްބަސްވުމަކަށް ނައިސްފިނަމަ، އެ ގައުމަށް އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހޭނެ ކަމަށެވެ.
އީރާނަށް ފިއްތުންތައް ކުރިމަތިކުރުވުމަށްޓަކައި މެދުއިރުމައްޗަށް އެމެރިކާގެ ދެވަނަ މަތިންދާބޯޓު އުފުލާ މަނަވަރެއް ފޮނުވުމާ މެދު ވިސްނަވަމުންދާ ޓްރަމްޕް ވަނީ، މިދިޔަ އަހަރުގެ ޖުލައި މަހު އިޒްރޭލާއި އީރާނާ ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި، ތެހެރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އެމެރިކާގެ އަސްކަރިއްޔާ އިން ދިން ހަމަލާތަކުގެ ހަނދާން އައުކުރައްވާފަ އެވެ.
ޓްރަމްޕް ވިދާޅުވީ، އީރާނާއެކު އެއްބަސްވުމަކަށް އާދެވޭތޯ ބައްލަވާނެ ކަމަށާއި، އެކަން ކާމިޔާބު ނުވެއްޖެނަމަ "ދެވަނަ މަރުހަލާ" އަށް ދާންޖެހޭނެ ކަމަށެވެ. އަދި އެ މަރުހަލާއަކީ އީރާނަށް ވަރަށް އުނދަގޫ މަރުހަލާއަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަތަންޔާހޫ ވޮޝިންޓަނަށް ވަޑައިގަތީ އީރާނުގެ ނިއުކްލިއާ މަޝްވަރާތަކުގައި ޓްރަމްޕް މިއަށްވުރެ ހަރުކަށި ސިޔާސަތެއް ގެންގުޅުއްވުމަށް ބާރުއެޅުއްވުމަށެވެ. ހާއްސަކޮށް އީރާނުގެ ބެލިސްޓިކް މިސައިލްގެ ގާބިލުކަން އެއްބަސްވުމުގެ ތެރޭގައި ހިމެނުމަށް އޭނާ ބޭނުންފުޅުވެ އެވެ.
ނަމަވެސް، ބުދަ ދުވަހު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމަށްފަހު ޓްރަމްޕް ވިދާޅުވީ މަޝްވަރާތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އޭނާ ބާރުއެޅުއްވި ކަމަށެވެ. މިއާއެކު، އިޒްރޭލާއި އެމެރިކާގެ ލީޑަރުންގެ މެދުގައި މިކަމުގައި އަދިވެސް ހިޔާލުތަފާތުވުންތަކެއް ހުރިކަން ވަނީ ހާމަވެފަ އެވެ.
ނަތަންޔާހޫގެ ޝައްކުތައް
އިޒްރޭލަށް ފުރާވަޑައިގަތުމުގެ ކުރިން ބުރާސްފަތި ދުވަހު ވޮޝިންޓަނުގައި ހުންނަވައި ނަތަންޔާހޫ ވިދާޅުވީ، އެއްބަސްވުމަކަށް މަގުފަހިވަމުންދާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ ކަމަށެވެ.
ނަތަންޔާހޫގެ އޮފީހުން އާންމުކުރި ވީޑިއޯ ބަޔާނެއްގައި އޭނާ ވިދާޅުވީ، މިހާރު އުފައްދަމުންދާ ހާލަތްތަކާއި، ކުރީ ފަހަރު އެއްބަސްވުމަކަށް ނާދެވުމުން ހެދުނު ގޯސް އީރާނަށް މިހާރު ވިސްނޭނެތީ، ރަނގަޅު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ ކަމަށެވެ.
ނަމަވެސް ނަތަންޔާހޫ އިތުރަށް ވިދާޅުވީ، އީރާނާއެކު ވެވޭ އެއްބަސްވުމެއްގެ ފެންވަރާ މެދު އޭނާގެ ހިތުގައި އާންމު ޝައްކުތަކެއް ހުރިކަން ޓްރަމްޕަށް ދަންނަވާފައިވާނެ ކަމަށެވެ.
ކޮންމެ އެއްބަސްވުމެއްގައި ވެސް އިޒްރޭލުގެ ނަޒަރުގައި މުހިންމު ކަންތައްތަކެއް ހިމަނަންޖެހޭނެ ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ. އޭގެ ތެރޭގައި އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމާއި، ފަލަސްތީނުގެ ހަމާސް ޖަމާއަތާއި، ޔަމަނުގެ ހޫޘީން އަދި ލުބުނާނުގެ ހިޒްބުالله ފަދަ ހަތިޔާރު އެޅި ޖަމާއަތްތަކަށް އީރާނުން ދޭ އެހީތެރިކަން ހުއްޓުވުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއީ ހަމައެކަނި ނިއުކްލިއާ މައްސަލައެއް ނޫން،" ނަތަންޔާހޫ ވިދާޅުވި އެވެ.
އީރާނުގެ މައްސަލައިގައި ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، ކޮރަޕްޝަނުގެ ދައުވާތަކާ ގުޅިގެން ނަތަންޔާހޫއަށް މައާފު ދިނުމަށް ޓްރަމްޕް އެދިވަޑައިގަތް އެދިވަޑައިގަތުމަށް އިޒްރޭލުގެ ރައީސް އައިޒަކް ހަރްޒޮގް އިންކާރު ކުރެއްވުމުން، ޓްރަމްޕް ވަނީ އެކަމަށް ފާޑުވިދާޅުވެ ނަތަންޔާހޫ އަށް ކުރައްވާ ތާއީދު ހާމަކުރައްވާފަ އެވެ.
ބުރާސްފަތި ދުވަހު ޓްރަމްޕް ވިދާޅުވީ، ނަތަންޔާހޫއަށް މައާފު ދޭން ދެކޮޅު ހަދާ ރައީސަކު ހުރުމަކީ އެ މީހަކު ލަދުގަންނަންޖެހޭނެ ކަމެއް ކަމަށެވެ.
މިދިޔަ މަހު އީރާނުގައި ކުރި މުޒާހަރާތައް ހުއްޓުވުމަށް އެ ގައުމުގެ ސަރުކާރުން ބާރުގެ ބޭނުންކޮށްފައިވާތީ ކަމަށް ބުނެ އެމެރިކާއިން އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅާފާނެ ކަމުގެ އިޝާރާތްތަކެއް ޓްރަމްޕް ތަކުރާރުކޮށް ދެއްވަމުން ގެންދަވަ އެވެ. މިއީ އޮމާންގައި މިދިޔަ ހަފުތާގައި އެމެރިކާ އާއި އީރާނާ ދެމެދު އަލުން މަޝްވަރާތައް ފަށާފައިވަނިކޮށެވެ.
އޮމާންގެ މަޝްވަރާތަކުގެ ކުރިން މި ދެ ގައުމުގެ މެދުގައި އެންމެ ފަހުން ބޭއްވި މަޝްވަރާތައް މެދުކަނޑާލަން ޖެހުނީ އިޒްރޭލާއި އީރާނާ ދެމެދު ހިނގި ހަނގުރާމަ އާއި އެމެރިކާ އިން ދިން ހަމަލާތަކާ ގުޅިގެންނެވެ.
މިހާތަނަށް އީރާނުން ބުނަމުންދަނީ ނިއުކްލިއާ މައްސަލަ ފިޔަވައި އިތުރު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ނުކުރާނެ ކަމަށެވެ. އަދި ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތް ކުރާ ކަމަށް ކުރެވޭ ތުހުމަތުތައް ތެހެރާނުން ދޮގުކުރާ އިރު، މި މައްސަލައިގައި ކުރިމަތިކުރާ "އިންތިހާ ދަރަޖައިގެ ޑިމާންޑްތަކަށް" ދޫނުދޭނެ ކަމަށް ވެސް އެ ގައުމުން ވަނީ ބުނެފަ އެވެ.





