މިލަންދޫގައި ހުރި ރީތި މިސްކިތެއް ތަޅާލައި ވަގުތީ މިސްކިތެއް އަޅަައިދޭނެކަމަށް ބުނެ ރޯދަމަހާ ދިމާކޮށް ސަރުކާރުން މިލަންދޫ ރައްޔިތުންނަށް ކެހި ދީފި
ސަރުކާރުން އެ ރަށުގައި އިސްލާމީ މަރުކަޒެއް އަޅާނެ ކަމަށް ބުނި ނަމަވެސް، އެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތަށް ނިމޭނެ ކަމުގެ އުންމީދެއް ނެތް ކަމަށް ކައުންސިލުން ފާހަގަކުރޭ.


މިލަންދޫގައި އިސްލަމީ މަރުކަޒު އަޅަންވެގެން ތަޅާލި މިސްކިތް ހުރި ބިން | ރާއްޖެ އެމްވީ
ރައީސް މުޢިއްޒު ށ. މިލަންދޫ އަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް އެއާކޮންޑިޝަން ކޮށް ހަދާފައިވާ ރީތި މިސްކިތް އަވަސް އަރުވާލައިގެން ތަޅާލުމަށްފަހު އެ މިސްކިތުގެ ބަދަލުގައި ވަގުތީ މިސްކިތެއް އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވެ އެންމެ ފަހުވަގުތު އެކަން ނުވާނެ ކަމަށް ބުނުމުން އެ ކައުންސިލް އިން ވަގުތީ މިސްކިތެއްގެ މަސައްކަތް ފަށައިފި އެވެ.
ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން މިލަންދޫ ކައުންސިލްގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވީ، ތަޅާލި މިސްކިތުގެ ބަދަލުގައި ވަގުތީ މިސްކިތެއް އަޅައިދޭން މުޢިއްޒު ވައުދުވި ކަމަށާއި އެހެން ނަމަވެސް އެކަން ނުވާނެކަން ކައުންސިލް އަށް ޔަގީން ވުމުން މިހާރު އެރަށުގައި ހުރި ގުރުއާނާއި ބެހޭ މަރުކަޒު ވަގުތީ މިސްކިތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރަނީ ސަރުކާރުގެ އެއްވެސް އެހީތެރިކަމަކާ ނުލާ ކައުންސިލްގެ ބަޖެޓުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ސަރުކާރުން ކިޔައިގެން އުޅުނީ އެމްޓީސީސީ ލައްވާ މިކަން ކުރުވާނީއޭ. ކިޔާފަ މިހާރު އެމްޓީސީސީ އިން އެކަން ނުވާނެ ކަމުގެ ޔަގީންކަން ދީފި. އެކަން ނުވީމަ ވަރަށް އުނދަގޫވާނެ ރައްޔިތުންނަށް.މިލަންދޫ ކައުންސިލްގެ މެމްބަރު އަޙްމަދު ޝިޔާމް
މީގެ އިތުރުން ޝިޔާމް ވިދާޅުވީ، ސަރުކާރުން މިގޮތަށް ކަންތައްކުރުމުގެ ސަބަބުން މިލަންދޫ ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ. އަދި ރޯދަމަހާ ދިމާކޮށް މިހެންވުމުން ކުރު މުއްދަތެއްގެ ތެރޭގައި މިސްކިތެއް އެޅެން ނެތުމުން ގުރުއާނާއި ބެހޭ މަރުކަޒު މިސްކިތަކަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ދަތުރުފުޅާ ދިމާކޮށް އެ މިސްކިތް ތަޅާލާ އިސްލާމީ މަރުކަޒެއް އަޅުއްވާދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް މަސައްކަތް ކުރިޔަށް ދާގޮތުން އިސްލާމިކް ސެންޓަރުގެ މަސައްކަތް ސަރުކާރުން ބުނާ މުއްދަތުގެ ތެރޭ ނިންމާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށް ޝިޔާމް ވިދާޅުވި އެވެ.
މިއީ، މި ގޮތަށް މުއިއްޒު ސަރުކާރުން ތަޅާލި ހަމަ އެކަނި މިސްކިތް ނޫންކަން ފާހަގަ ކުރެވެ އެވެ. ށ. ފޯކައިދޫ ގައި ހުރި ރީތި މިސްކިތެއް ވެސް އިސްލާމީ މަރުކަޒެއް އަޅައިދޭނެ ކަމަށް ސަރުކާރުން ބުނެ އެތަން ވެސް ވަނީ ތަޅާލާފަ އެވެ. އޭގެ ސަބަބުން ރައްޔިތުންނަށް އިންތިހާ އަށް ދަތިވެ ސްކޫލް ހޯލުގައި ވެސް ނާމާދު ކުރަން ޖެހުނެވެ.







