ކައްޗަށް އެޅި ބިންގަލެއްގެ މައްޗަށް ބިނާކުރި ވެރިކަން އޮތީ "ގަދަކޮށް": ކިހާ ދުވަހަކަށް؟
ސަރުކާރުގެ ބާރުވެރިކަން ގަދަކޮށް އޮތް ނަމަވެސް، މިއީ ވަޒީފާގެ ބިރުދެއްކުމާއި ސިޔާސީ ނުފޫޒުން ހިފަހައްޓާފައިވާ ވަގުތީ "ގަދަކަމެއް" ކަމަށް ގިނަ ބަޔަކު ގަބޫލުކުރޭ. ސަރުކާރުގެ ހިންގުން ދޯހަޅިވެ ވައުދުތައް ނުފުއްދޭތީ އާންމުންގެ މާޔޫސްކަން އިތުރުވަމުންދާއިރު، މިހާރު ފެންނަ ތާއީދަކީ ދައުރު ނިމެންދެން ދެމިއޮންނާނެ އެއްޗެއް ނޫން. އެހެންކަމުން، ރައްޔިތުންގެ ހަގީގީ ޝުއޫރުތައް ފާޅުވާން ފެށުމުން ސަރުކާރުގެ މި ބާރުވެރިކަން ނެތިގެންދާނެ.


'ގަދަކޮށް" ކިހާދުވަހަކަށް؟ | ރާއްޖެ އެމްވީ
ސަރުކާރު އޮތީ ގަދަކޮށެވެ. އެ ވާހަކަ ދައްކަނީ ސަރުކާރާއި، ސަރުކާރު ޕްރޮމޯޓް ކުރާ ފަރާތްތަކުންނެވެ. އޭގެ ތެރޭގައި މިހާރު ވައި ކަޓައި، ކިރިޔާ މަގާމު ނުގެއްލި ހުރި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ހިމެނެ އެވެ. އަބްދުއްރަހީމަކީ ރައީސް މުއިއްޒުގެ ސަރުކާރުން އެންމެ ބޮޑު ބޮނޑިއެއް ދީ، އަނގަ ބަންދު ކުރުވާފައި ހުރި ޚާއްސަ މީހެކެވެ.
ހަގީގަތުގައި ސަރުކާރު ގަދަކޮށް އޮތް ވާހަކަ ކޮންމެ ބަޔަކު ދެއްކިޔަސް، ނުވަތަ ބަޔަކު އެ ވާހަކަ ނުދެއްކި ކަމަށް ވިޔަސް ސަރުކާރު ގަދަކޮށް އޮތް ކަމީ، ފެންނަން އޮތް ހަގީގަތެކެވެ. ސަރުކާރުން ކުރަން ބޭނުންވި ކޮންމެ ކަމެއް ކުރެވެ އެވެ. މަޖިލީހުން ބިލެއް ފާސްކުރުން ކަމަށް ވިޔަސް ޖަލްސާއަކަށް މީހުން އެއްތަނަކަށް ޖަމާކުރުން ކަމަށް ވިޔަސް އެކަން ކުރުމަކީ ސަރުކާރަށް ދަތި ކަމެއް ނޫނެވެ. އެހެންކަމުން ސަރުކާރު އޮތީ ގަދަކޮށް ކަމަށް ބުނާ މީހުން އެހެން ބުނުމުގެ ހައްގު އެބަ އޮތެވެ. އެހެން ނަމަވެސް ސުވާލަކީ އެގޮތަށް ގަދަކޮށް އޮވެވޭނީ ކިހާ ދުވަހަކަށް ހެއްޔެވެ؟ ސަރުކާރުގެ ދުވެލި ހުރި ބާރުމިނާއި ވެފައިވާ ވައުދުތަކާ މެދު ވަމުންދާ އިހުމާލުތަކާ އެކު ވެސް ސަރުކާރު ގަދަކޮށް އޮތުމުން އެ ސުވާލު އުފެދެނީ އެވެ.
މުއިއްޒުގެ ސަރުކާރު ގެނައުމަށް ގަދައަށް މަސައްކަތް ކޮށް މިހާރު ވެސް އެ ގޮތުގައި ދެމިހުރި ރައްޓެއްސަކު ބުނިގޮތުގައި ސަރުކާރަށް މާބޮޑު ކަމެއް ނުކުރެވެ އެވެ. އެހެން ނަމަވެސް އަދި ވަރަށް ގިނަ ދުވަސް ބާކީ އޮތުމާއެކު ސަރުކާރަށް ތާއީދުކުރުން މަތީ ދެމިހުރުން ނޫން ގޮތެއް ނެތެވެ.
ކޮންމެ ރަށެއްގައިވެސް ސިޔާސީ މަގާމުތަކަށް މީހުން ލާފަ ތިބެނީ ވެސް ސަބަބެއް ނެތިއެއް ނޫނެވެ. މިއީވެސް ރައްޓެއްސަކު ކޮފީ މޭޒެއްގައި އިނދެ އިސްއުފުލައިނުލާ ދެއްކި ވާހަކައެކެވެ. ބުނީ މިފަހަރު ވަޒީފާ ގެއްލިދާނެ ކަމަށެވެ. އޭނާ ނިސްބަތްވާ ރަށުގެ ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން މަޖުބޫރުވެފައިވާ ކަމަށް އޭނާ ބުންޏެވެ. މިއީ ސަރުކާރުން ވަޒީފާ ދީފައިތިބި މީހުންނަށް ޕްރެޝަރކުރާ ކަމުގެ ހެއްކެކެވެ.
ބަދަލުކޮށްލަންވީނޫންހޭ ކުރެވުނު ސުވާލަށް އޭނާގެ ޖަވާބަކީ މިވަގުތު އެނޫން އެހެން ގޮތަކަށް އެކަން ކުރެވެން ނެތް ކަމަށެވެ. އޭނާގެ އުޒުރު އޮތީ ސާފުކޮށް ފެންނާށެވެ. ކެމްޕޭންގައި ކޮށްދިން މަސައްކަތުގެ ބަދަލުގައި އޭނާގެ އެތައް ގާތް ބަޔަކަށް ވަނީ ވަޒީފާ ލިބިފަ އެވެ. އެހެން ކަމުން މިވަގުތު އަޅާ ފިޔަވަޅަކުން އެ އެންމެންގެ ވަޒީފާ ގެއްލިދާކަށް އޭނާ ބޭނުމެއް ނުވެ އެވެ. އެހެން ކަމުން އޭނާގެ ޖަވާބަކީ އަދި ވަރަށް ދުވަސް އެބަ އޮތެވެ. ދައުރު ނިމެން ގާތްވުމުން އެހެން ގޮތަކަށް ވިސްނަން ޖެހޭނެކަން އޭނާ ޔަގީންކޮށް ދިނެވެ.
ވަޒީފާގެ ބިރުގެ ވާހަކައިގެ ތެރެއިން އުފަންވި ދެވަނަ ވާހައަކީ ވެސް ހަމަ ވަޒީފާއާ ގުޅޭ ވާހަކައެކެވެ. ގާތް ގުޅުމެއް އޮންނަ އެހެން ރަހުމަތްތެރިޔަކު ބުނިގޮތުގައި އޭނާގެ ބެންކަށް ބަރާބަރަށް މުސާރަ ޖަމާވާތާ އަހަރު ވާން ގާތް ވަނީ އެވެ. ނުކުންނަން ވީ އޮފީހެއް ނުވަތަ ހާޒިރު ވާންވީ ދުވަހެއް ވެސް ނޭނގެ އެވެ. އޭނާ ހުރީ އަންގާލީމަ ނުކުންނަން ތައްޔާރަށެވެ.
ކުރިން ވާހަކަ ދެއްކި ރަހުމަތްތެރިޔާ ފަދައިން އޭނާ ވެސް ހުރީ ސަރުކާރާ އެކުގައި ގަދަކޮށެވެ. މަސައްކަތެއް ނުކޮށް މުސާރަ ލިބޭހާ ދުވަހަކު އެކަން އެގޮތަށް އޮންނާނެ އެވެ. އެހެން ނަމަވެސް މި ސަރުކާރަށް ރައްޔިތުންނަށް ކޮށްދެވޭ ކަމެއް ނެތްކަމާއި އެކަށީގެންވާ ޚިދުމަތެއް ގައުމަށް ކޮށްދެވޭ ފަދަ ކުޅަދާނަ ކަން ވެސް ނެތް ކަމަށް ވެސް އޭނާ ވެސް ގަބޫލުކުރެ އެވެ. އެހެން ކަމުން ވަގުތު ޖެހުމުން ސަރުކާރާ ދެކޮޅަށް ނިކުންނަން ޖެހޭނެ ކަމަށް ބުންޏެވެ.
ސަރުކާރުން މަޖިލީހަށް ފޮނުވާ ބިލުތައް، ފާސްކުރުމާއި ސަރުކާރާ ދެކޮޅަށް އަމާޒުވާ ފާޑުކިއުންތަކަށް ފާޅުގައި ރައްދު ދީ ގަދަ އަޑުން ވާހަކަ ދައްކަވާ މެންބަރަކު ވިދާޅުވި ގޮތުގައި ސަރުކާރުން އެ މީހުންނަށް ވެސް އިތުބާރެއް ނުކުރެ އެވެ. އެހެން ނަމަވެސް ސަޕޯޓަރުންގެ ވަޒީފާ އާއި އަމިއްލަ ވިޔަފާރިއަށް ލިބިދާނެ ގެއްލުމަކަށް ބަލައި މިވަގުތަށް ސަރުކާރާއެކު ގަދަކޮށް ހުރުން ނޫން ގޮތެއް އެ މެންބަރަކަށް ވެސް ނެތެވެ.
ފާޑު ކިޔާ މީހުން ދެކޭ ގޮތުގައި މިހާތަނަށް ސަރުކާރު ހިނގި ގޮތަށް ބަލާއިރު ކުރިޔަށް އޮތް ތަނުގައި މާބޮޑު އެކަށޭނަ ބަދަލެއް ސަރުކާރުގެ ހިންގުމަށް ގެނެވޭނެ ކަމަށް ނުފެނެ އެވެ. އެ އަންދާޒާ ހަގީގަތަކަށް ވެގެން ދައުރު ނިމިއްޖެ ނަމަ ރައީސް މުއިއްޒުގެ ސަރުކާރު ވެގެން ދާނީ ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރަސީ ތައާރަފުވުމުގެ ފަހުން އުފަންވި އެންމެ ނާގާބިލު ސަރުކާރަށެވެ. މެންބަރުންނާ ވަޒީރުންނަށް އޮތީ އަތުން ހަންދަންދެން އަތްތިލަބަޑި ޖެއްސެވުމެވެ.
ރައްޔިތުންގެ ބޮޑު ތާއީދަކާ އެކު ވެރިކަމަށް އައި ކަމަށް ވިޔަސް ހިންގުމުގެ ދޯހަޅިކަމުގެ ސަބަބުން ރައްޔިތުންގެ މާޔޫސްކަން ވަނީ އިންތިހާއަށް ގޮސްފަ އެވެ. އެހެން ނަމަވެސް ސަރުކާރުން އަޅާފައިވާ ހިސާރުކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އަނގައިން ބުނެލުމުގެ ކުޅަދާނަކަން އޮތީ މަދު ބަޔަކަށެވެ. އެހެންކަމުން ސަރުކާރު އޮތީ "ގަދަކޮށެވެ". ރައްޔިތުންގެ އުދާސްތައް ހުރި ގޮތަށް ބަލާއިރު އެގަދަ ކަމަކީ ޓައިމް ބޮމެއް ފަދަ އެއްޗެކެވެ. ވަގުތު ޖެހުމުން ގޮވާއިރު ސަރުކާރަށް ގަދަކޮށެއް ނޯވެވޭނެ އެވެ.




