ޕީއެންސީގެ ސިޔާސަތަކީ ލާމަރުކަޒީ ނިޒާމަށް ބީރައްޓެހި ސިޔާސަތެއް، ލާމަރުކަޒުކޮށް ތަރައްގީ ގެނެވޭނީ އެމްޑީޕީއަށް: ރައީސް ސޯލިހު
ޕީއެންސީގެ ސިޔާސަތުތަކަކީ ލާމަރުކަޒީ ނިޒާމާ ބީރައްޓެހި ސިޔާސަތުތަކެއް ކަމަށް ތުހުމަތުކުރައްވައި، ރަށްރަށުގެ ތަރައްޤީ ދެމެހެއްޓޭނީ އެމްޑީޕީގެ ކެންޑިޑޭޓުން އިންތިޚާބުކޮށްގެން ކަމަށް ރައީސް ސޯލިހު ވިދާޅުވި. އެމަނިކުފާނު ފާހަގަކުރެއްވީ މި ސަރުކާރުން ވީ ވައުދުތައް ނުފުއްދޭ ކަމަށާއި، ރަށްރަށުގައި މިހާރު ހިނގަމުންދަނީ ހަމައެކަނި ކައުންސިލްތަކުގެ އިސްނެގުމަށް ހިންގާ މަޝްރޫއުތައް ކަމަށް. އެހެންކަމުން، ކުރިއަށް އޮތް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ ރަށްރަށުގެ ކުރިއެރުމަށް މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި.


ރައީސް ސޯލިހު ށ. ފޯކައިދޫގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި އެރަށުގެ އިސް ރަށްވެއްސަކާއި ވާހަކަ ދައްކަވަނީ | މުންޝިދް
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ ގިނަ ސަބަބުތަކެއް އެބަހުރި ކަމަށާއި، ވެރިކަން ކުރާ ޕީއެންސީގެ ސިޔާސަތަކީ ލާމަރުކަޒީ ނިޒާމަށް ބީރައްޓެހި، ހުރިހާ ކަމެއް މަރުކަޒުކުރުމުގެ ސިޔާސަތެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ށ. ފޯކައިދޫގައި ބޭއްވި އެމްޑީޕީގެ ކެމްޕޭން ހަރަކާތްތަށްފަހު ރާއްޖެޓީވީ އަށް ދެއްވި އިންޓަރވިއުގަ އެވެ.
ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީން އަބަދުވެސް ގަބޫލުކުރަނީ ރާއްޖެ ތަރައްޤީކުރެވޭނީ ރަށްތައް ތަރައްޤީކޮށް، ރަށްރަށުގައި އާއިލާތަކަށް ދިރިއުޅެވޭނެ މަގު ފަހިކޮށްދީގެން ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ކަންކަން ކުރަނީ މަތިން އަންނަ އޯޑަރަށް ކަމަށާއި، ރައްޔިތުންނާ މަޝްވަރާކޮށްގެން ކައުންސިލްތަކުން ބޭނުންވާ ގޮތަށް ކަންކަން ކުރުމުގެ ފުރުސަތު ޕީއެންސީން ނުދޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓުންގެ ތެރޭގައި ތައުލީމީ ބޭފުޅުން ތިއްބެވި ނަމަވެސް، އެ ޕާޓީގެ ސިޔާސަތުތައް ހުރީ ލާމަރުކަޒީ ނިޒާމާ ދެކޮޅަށް ކަމަށް ވިދާޅުވި އެވެ.
ފޯކައިދޫގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ރައީސް ސޯލިހު ވިދާޅުވީ، މިހާރު އެ ރަށުގައި ހިނގަމުންދާ މަޝްރޫއުތަކަކީ ހަމައެކަނި ކައުންސިލްގެ ބަޖެޓުން ކުރިއަށްގެންދާ މަސައްކަތްތައް ކަމަށެވެ. އެގޮތުން ފެރީ ޓާމިނަލާއި ރެސްޓޯރެންޓްގެ މަސައްކަތުގެ އިތުރުން، ދާދި ފަހުން ހުޅުވި ވޮލީ ކޯޓަކީވެސް ކައުންސިލްގެ އިސްނެގުމަށް ކުރި މަސައްކަތްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސަރުކާރުން ވީ ވައުދުތަކުގެ ތެރެއިން އެއްވެސް ކަމެއް އެ ރަށުގައި ނުހިނގާ ކަމަށްވެސް ވިދާޅުވި އެވެ.
އަޅުގަނޑުމެންނަށް މި ވާދަކުރާ ޕީ.އެން .ސީގެ ކެނޑެޑޭޓަށް. އަޅުގަނޑަށް ޔަޤީން އޭގެތެރޭގައި ވެސް ތިބޭނެ ހަމަ ވަރަށް ރަނގަޅު ކޮލެފައިޑެއް. ބޭފުޅުން. އެހެންވިޔަސް، އެ ސަރުކާރުގެ ސިޔާސަތުތަކަކީ ލާމަރުކަޒީ ނިޒާމަށް ބީރެޓީ ސިޔާސަތެއް. މަރުކަޒުކުރުމުގެ ސިޔާސަތުތައް މި އޮންނަނީ. މަތިން އަންނަ އޯޑަރަށް ނޫނީ ގޮތަކަށް މަސައްކަތްކުރެވޭ ތަނެއް ނެތް އެ މީހުންގެ ސިޔާސަތަކަށް. ރައްޔިތުންގެ ތެރޭގައި މަޝްވަރާކޮށްގެން، ކައުންސިލުތަކަށް ތެރޭގައި މަޝްވަރާކޮށްގެން އެ ރަށަށް ބޭނުންވާ ކަންތައްތައް ކުރުމުގެ ޖާގައެއް ޕީ.އެން .ސީ ސަރުކާރަކުން ނުދޭ. އެހެންވީމާ، ރަށްރަށް ތަރައްޤީކުރަން ބޭނުންކަމަށް ވަންޏާ، ހަމަގައިމުވެސް މިދިޔަ އަޅުގަނޑުމެންގެ ފަސް އަހަރުދުވަހުގެ ތެރޭގައި އެތާ މަސައްކަތްކުރަން ލިބުނީ ތިން އަހަރު. އޭގެތެރޭގައި ފެނިގެންގޮއްސަ އޮންނާނެ. މި ރަށްރަށަށް އައިސް މި އޮތް ބަދަލު. މި ބަދަލުތައް ދެންވެސް ގެނެވޭނެ އެމް.ޑީ.ޕީގެ ވެރިކަމަށް. އެހެންވެގެން އެމް.ޑީ.ޕީގެ ކައުންސިލަކަށް ވޯޓުދޭންޖެހޭ ސަބަބެއް.ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
މީގެ އިތުރުން، ފޯކައިދޫގައި ހުރި ދުވަސްވީ މިސްކިތެއް ތަޅާލުމަށްފަހު އިސްލާމީ މަރުކަޒެއް އެޅުމަށް ފެށި މަސައްކަތަށް ހަތަރު މަސް ވެގެންދިޔައިރުވެސް އެއްވެސް ކުރިއެރުމެއް ނުލިބޭތީ ރައްޔިތުންގެ ބޮޑު ޝަކުވާ އެއް އޮތްކަން ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ހުކުރު ކުރުމަށް ދަތިތަކާ ކުރިމަތިވެ، ސްކޫލް ހޯލުގައި ހުކުރު ކުރަން ޖެހުނު ކަމަށާއި، މިހާރު ހުކުރު ކުރަމުންދަނީ އާންމު ފަރާތަކުން ބިނާކުރި މިސްކިތެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުން ވަނީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި އޮޅުވާލައިގެން "ފޭކް" ވައުދުތަކެއް ވެފައި ކަމަށާއި، އެ ވައުދުތަކުގައި ކުލަޖެހޭ ތަން ރައްޔިތުންނަށް ނުފެންނަ ކަމަށެވެ. ނަމަވެސް ފޯކައިދޫގައި އެމްޑީޕީގެ ކެމްޕޭން ވަރަށް ފޯރިއާއެކު ކުރިއަށްދާ ކަމަށާއި، ކުރިން ޕީއެންސީގައި އުޅުނު ގިނަ ބަޔަކު މިހާރު އެމްޑީޕީއާ ގުޅެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ޔަގީންކަން ދެއްވި ގޮތުގައި، ކުރިއަށް އޮތް އިންތިޚާބުގައި ފޯކައިދޫ ކައުންސިލްގެ ފަސް ގޮނޑިއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަސް ގޮނޑިވެސް އެމްޑީޕީން ކާމިޔާބު ކުރާނެ އެވެ. ރަށްރަށަށް އަންނަ ބަދަލުތައް ދެމެހެއްޓޭނީ އެމްޑީޕީގެ ފިކުރުގެ ކައުންސިލްތަކެއް އޮވެގެން ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.






