ގެދޮރުވެރިޔާ ފްލެޓު ސަރަހައްދު ކުނި ގޮނޑަކަށް: މުޅި ސަރަހައްދުން ދުވާ ވަހުން ނޯށްދަމާ ނުލެވޭ!
ގެދޮރުވެރިޔާ ފްލެޓުތަކަށް މީހުން ދިރިއުޅުން ބަދަލު ރަން ފަށާފައިވާއިރު، އެ ސަރަހައްދުގައި ކުނި މެނޭޖްކުރުމުގެ އިންތިޒާމްތައް ދޯދިޔާވުމުގެ ސަބަބުން އާންމުންނަށް ވަނީ ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެފައި.


"ގެދޮރުވެރިޔާ ފްލެޓް" ސަރަހައްދު ގޮނޑުވެފައި. | އަމްނާ އިމާދު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ނިންމާފައިވާ ގެދޮރުވެރިޔާގެ ފްލެޓުތަކުގެ އެއްބަސްވުމާއި ތަޅުގަނޑި ހޯދުމަށް ގިނަ ރައްޔިތުން ވަރަށް ބޮޑު ތަކުލީފެއް އުފުލި އެވެ. ސަރުކާރުން ދެމުންދާ އިންޒާރަށް ބެލުމެއް ނެތި ދެއިރު ހައުސިން މިނިސްޓްރީ ދޮށަށް އެއްވެ އަޑު އުފުލާފައިވެ އެވެ.
ނަތީޖާއެއް ގޮތުން މިއަދު 4000 ފްލެޓުގެ ތެރެއިން ގާތްގަނޑަކަށް 200 ފްލެޓު ފްލެޓު ފިޔަވައި ހުރިހާ ފްލެޓެއްގެ ތަޅުގަނޑި ހަވާލު ކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕްރޭޝަނުން ބުނެފައިވެ އެވެ. ނަމަވެސް މިއަދު ވެސް ގެދޮރުވެރިޔާގެ ފްލެޓުތަކަށް ދިރިއުޅުން ބަދަލުކުރާ އާއިލާތަކަށް ވަނީ ތަކުލީފު އުފުލަން ޖެހިފަ އެވެ.
ފަހި ރީތި ފްލެޓުތަކެއް ނަމަވެސް މުޅި ސަރަހައްދު ވަނީ ގޮނޑުވެފަ އެވެ. ދުވާ ނުބައި ވަހުން ނޯށްދަމާލަން ނުކުރެ އެވެ. މުޅި ސަރަހައްދުގައި ބޮޑެތި ކުނިފުނިތައް ހުރިއިރު މެއްސާއި، މީދާ އަދި ބުޅަލުގެ އުދަނގޫ ވަނީ ބޮޑުވެފަ އެވެ.
އަލަށް އާބާދުވާ ސަރަހައްދަކަށް ވުމާއި އެކު، މައްސަލަތައް ފެންމަތިވާނެ ކަން ކަންކަން ބަލަހައްޓަން ތިބި ވެރިންނަކަށް ވިސްނިފައި އޮތް ހެއްނެއް ހިޔެއް ނުވެ އެވެ. ޚާއްސަކޮށް ކުނީގެ މައްސަލަ ތައް ދިމާވާނެ ކަމާއި އެކަންކަން ހައްލު ކުރަން ދުރާލާ ފިޔަވަޅު އަޅަން ޖެހޭނެ ކަމެއް ވެސް އެނގިފައެއް ނެތެވެ. ސަރުކާރު ހިންގާތާ ދެ އަހަރު ފަހުން މީހުން ފްލެޓްތަކަށް ބަދަލުވާން ފެށި އިރު ގަބޫލު ކުރެވިފައި އޮތީ މިހާ ދުވަސް ކޮށްފައި މިތަންތަން ދޭ އިރު މުހިންމު އިންތިޒާމުތައް ވެސް ހުންނާނީ ކޮށް ނިންމާފައި ކަމުގަ އެވެ.
ކަން އޮތް ގޮތައް ބަލާއިރު ގެދޮރުވެރިޔާގެ ޓަރުވަރުތަކުގެ ފްލޯ ތަކުގައި އެންމެ ޑަސްބިނެއް ވެސް ބަހައްޓާފައި ނުވެ އެވެ. ބައެއް ޓަވަރުތަކުގެ ތިރީގައި ބަހައްޓާފައި ހުރީ އެންމެ ޑަސްބިނެކެވެ. އެންމެ ޓަވަރެއްގައި ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން ގެންދާ އިރު، އެންމެ ޑަސްބިނަކުން ފުއްދާނެ ގޮތަކާމެދު ސުވާލު އުފެދެ އެވެ.

ކުނީގެ މައްސަލަ ބޮޑުވެ، އާއްމު ރައްޔިތުން ޝަކުވާ ކުރަމުންދާ ތާ ހަފްތާ އަކަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު، ފްލެޓުތަކަށް ދިރިއުޅުން ބަދަލު ކުރާ މީހުން ބުނީ، އެފްޑީސީން ކުނި ނުނަގާތާ ގާތްގަނޑަކަށް ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.
ނަމަވެސް އެފްޑީސީން ވަނީ މިކަން ދޮގު ކޮށްފަ އެވެ. ކުނި ނެގުމުގެ މަސައްކަތް ކުރި ނަމަވެސް އަބަދުވެސް ކުނި އަޅަމުންދާ ކަމަށާއި، މި މައްސަލަ ހައްލު ކުރުމުގައި ފަރުދީ ޒިންމާ ނެގުމަށް އެކޯޕްރޭޝަނުން އެދިފައިވެ އެވެ.
މި މައްސަލައާ ގުޅޭގޮތުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވަނީ ފްލެޓުގެ ވެރީންނަށް ވަރަށް ބޮޑު އިންޒާރެއް ވެސް ދެއްވާފަ އެވެ. ގަވާއިދާ ހިލާފަށް ކުނި އަޅަމުންދާ މީހުން ފާހަގަކޮށް ފިޔަވަޅު އަޅަމުންދާ ކަމަށާއި، ނަސޭހަތް ދިނުމަށް ފަހު ވެސް ތަކުރާރު ކުރަމުންދާ މީހުން ޖޫރިމަނާ ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިތުރަށް ކުނި އަޅައި، އެއަމަލު ތަކުރާރު ކުރާނަމަ އެފަރާތްތަކާއެކު ހަދާފައިވާ ފުލެޓު އެއްބަސްވުން ބާތިލް ކުރާނެ ކަމުގެ އިންޒާރު ދެއްވި އެވެ.
މިއާއި އެކު ގިނަ ބައެއްގެ ނުރުހުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ. އެފްޑީސީގެ އަމާޒަކީ މައްސަލައަށް ހައްލު ހޯދައިދިނުން ނޫން ކަމަށާއި، އިންޒާރު ދިނުން ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ. އެތައް ދުވަހަކަށް ފަހު ފްލެޓްތައް ދިން އިރު ވެސް ފެނިގެން ދަނީ އިންތިޒާމްތަކުގެ ދޯދިޔާކަމެވެ. އަލަށް އާބާދުވާ ސަރަހައްދެއްގައި ކުނި މެނޭޖްކުރުމަށް ހުންނަ އިންތިޒާމްތަކާއި އެހެން ސަރަހައްދުތަކާއި ތަފާތު ވާން ޖެހޭނެއްނުންތޯ އެވެ.
އެހެންކަމުން މިކަމުގައި ވެސް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާދިނުމުގެ ބަދަލުގައި ރައްޔިތު މީހާ ކުށްވެރިވާ ގޮތަށް ކަންކަން ކުރުމަކީ، ރައްޔިތުންގެ ތަކުލީފުތައް އިތުރުވާ ގޮތަށް ސަރުކާރުންކުރާ ކަމެއް ކަމަށް އާއްމުން ބުނެ އެވެ. މިއީ ވާން ޖެހޭ މިންވަރަށް ތައްޔާރުވެފައި ނެތި، އާއްމު މީހާ އުފުލާނެހާ ތަކުލީފެއް އުފުލަން ސަރުކާރުން ވަރިހަމަކޮށްލުމުން ދިމާވާ ހިތާމަވެރި ކަންކަމެވެ. މިކަމާ ގުޅުވާވެސް ދެން ގޯސް ކުރާނީ ކުރީ ސަރުކާރު ބާވައޭ ހިތަައް އަރައެވެ.






