ގެދޮރުވެރިޔާ ފްލެޓުތައް ގޮނޑުވެ، ޓަވަރުތަކުގެ ތިރީގައި ''ފުޅަ'' ފެތުރެނީ
"ގެދޮރުވެރިޔާ" ފްލެޓުތަކަށް މީހުން ބަދަލުވާން ފަށާފައިވާއިރު، އެ ސަރަހައްދުގައި ކުނި ގިނަވެ އާންމުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ވަނީ ޖެހިފައި. މި މައްސަލައާ ގުޅިގެން އެފްޑީސީއިން ބުނީ ބޮޑެތި ކުނި އުކާލުމަކީ ފްލެޓުވެރިންގެ ޒިންމާއެއް ކަމަށާއި، ގަވާއިދާ ހިލާފަށް ކުނި އަޅާ ފަރާތްތަކުގެ އެއްބަސްވުން ބާތިލުކުރާނެ ކަމަށް. ނަމަވެސް، ކުނި ނެގުމުގެ އެކަށީގެންވާ އިންތިޒާމެއް ހަމަޖެހިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.


"ގެދޮރުވެރިޔާ ފްލެޓް" ސަރަހައްދު ގޮނޑުވެފައި | އަމްނާ އިމާދު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިމާރާތް ކުރި ގެދޮރުވެރިޔާ ފްލެޓުތައް ގޮނޑުކޮށްފި އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނީ 4000 ފްލެޓުތަކުގެ ތެރެއިން ގާތްގަނޑަކަށް 200 ވަރަކަށް ފްލެޓު ފިޔަވައި ހުރިހާ ފްލެޓެއްގެ ތަޅުގަނޑު މިހާރު ހަވާލު ކޮށް ނިމިފައިވާ ކަމަށެވެ. އެހެންކަމުން ގިނަ އަދަދެއްގެ އާއިލާތަކުން ދަނީ އެސަރަހައްދަށް ދިރިއުޅުން ބަދަލު ކުރަމުންނެވެ.
އެސަރަހައްދުގައި ދިރިއުޅޭ އާއްމު ރައްޔިތުން ބުނީ، ވަރަށް ގިނަ ދަތިތައް ކުރިމަތިވާ ކަމަށާއި، އެންމެ ބޮޑު މައްސަލައަކީ ކުނީގެ މައްސަލަ ކަމަށެވެ. މުޅި ސަރަހައްދުން ކުނި ވަސް ދުވާއިރު، ސިއްހީ ގޮތުން ނުރައްކާ ތަނަކަށް ބަދަލުވެފައިވާ ކަމަށް އެމީހުން ބުންޏެވެ.
ރާއްޖެއެމްވީން އެސަހައްދަށް ގޮސް ބެލިއިރު، ކުނި ނެގުމުގެ ރަނގަޅު އިންތިޒާމެއް ހަމަޖައްސާފައިނުވެ އެވެ. ފްލޯރތަކުގައި ޑަސްބިން ބަހައްޓާފައިނުވެ އެވެ. އަދި ޓަވަރުތަކުގެ ތިރީގައި ބަހައްޓާފައި ހުރީ އެންމެ ޑަސްޓްބިން އެކެވެ. އެ ޑަސްޓްބިން ފުރި މުޅި ސަރަހައްދަށް ވަނީ ކުނިތައް ފެތުރިފަ އެވެ.
މީގެ އިތުރުން ވެސް ބޮޑެތި ކުނި ފުނިތައް ޓަވަރުތަކަށް ވަންނަ ދޮރާއި، ލިފްޓް ކައިރިއަށް ވަނީ ޖަމާކޮށްފަ އެވެ. އޭގެތެރޭގައި ކުނިވާ ޒާތުގެ ކުންޏާއި، ބޮޑެތި ކުނިތައް ހުއްޓެވެ. ބައެއް ކުނިފުނިތައް ކަރީގައި ވަނީ ފުޅަ ވެސް އަޅާފަ އެވެ. ބޮޑެތި ކުނިފުނިތަކުގެ ސަބަބުން ބައެއް ޓަވަރުތައް ކައިރިން ވަދެ ނުކުމެ ހެދުމަށް ވަނީ ދަތިތައް ކުރިމަތިވެފަ އެވެ. ވާރޭ ވެހޭނަމަ އިތުރަށް އެތަން ނަޖިސްވެގެންދެ އެވެ. މެއްސާއި، މީދަލުގެ އުދަނގޫ ވެސް ވަނީ ބޮޑުވެފަ އެވެ.

މިމައްސަލައާ ގުޅިގެން އެފްޑީސީން ބުނީ، ކުނި ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ ކޯޕްރޭޝަނުން ނަގަމުން ދަނީ ގޭތެރޭގައި އާންމުކޮށް އުފެދޭ ކުންޏާއި ކުނިވާ ޒާތުގެ ތަކެތި ކަމަށެވެ. އަދި ބޮޑެތި ކުނިތަކާއި ފްލެޓަށް ބަދަލުވާއިރު އުފެދޭ ކުނި އުކާލުމުގެ ޒިންމާ ނަގަންވާނީ އެބަޔަކު ކަމަށް އެފްޑީސީން ބުނެ އެވެ.
މި މައްސަލައާ ގުޅޭގޮތުން ރާއްޖެއެމްވީއަށް އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ބައެއް މީޑިއާތަކަށް ހަމްދާން ވިދާޅުވީ، ކުނީގެ މައްސަލަ ބޮޑުވެ، އެކަން ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. މި މައްސަލަ ހައްލު ކުރުމަށް ކޮންމެ މީހެއްގެ ފަރުދީ ޒިންމާ ނަގަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ފްލެޓުގެ އެއްބަސްވުމުގައިވާ ގޮތުން ބަލްކް ވޭސްޓް އުކާލުމަކީ ފުލެޓުވެރިންގެ ޒިންމާ އެއް ނަމަވެސް ސަރަހައްދު ގޮނޑުވިޔަ ނުދިނުމަށް އެފްޑީސީން އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން ހަމްދާން ވިދާޅުވީ ގަވާއިދާ ހިލާފަށް ކުނި އަޅަމުންދާ މީހުންގެ ފާހަގަކޮށް ފިޔަވަޅު އަޅަމުންދާ ކަމަށާއި، ނަސޭހަތް ދިނުމަށްފަހު ވެސް ތަކުރާރު ކުރަމުންދާ މީހުން ޖޫރިމަނާ ކުރާ ކަމަށެވެ. އަދި އިތުރަށް ކުނި އަޅައި، އެއަމަލު ތަކުރާރު ކުރާނަމަ އެފަރާތްތަކާއެކު ހަދާފައިވާ ފުލެޓު އެއްބަސްވުން ބާތިލް ކުރާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.
އެފްޑީސީން ކުނި ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނި ނަމަވެސް އެސަރަހައްދުގައި ދިރިއުޅޭ އާއްމު ރައްޔިތުން ވަނީ އެކަން ދޮގު ކޮށްފަ އެވެ.










