ނަސޭހަތް ދީ ދޫކޮށްލުމަށްފަހު ހައްޔަރު ކުރި ދެ މީހުން އަބުރުވެރި ވަޒީފާއެއްގައި އުޅޭތީ އަނެއްކާ ވެސް ދޫކޮށްލައިފި!
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓެކްސީ ކިއު ސަރަހައްދުގައި މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި ލަންކާގެ ދެ މީހުން، ބަންދުގެ މުއްދަތު ހަމަވުމުން ކޯޓުން މިހާރު ވަނީ ދޫކޮށްލާފަ. ކްރިމިނަލް ކޯޓުން މި ދެ މީހުން ދޫކޮށްލީ ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް އެދިފައިވާތީއާއި، އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބުނުކަމުގެ ލިޔުމެއް ހުށަހަޅާފައި ނުވާތީ. މީގެ އިތުރުން އެ މީހުންނަކީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބައެއްކަން ވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވޭ.


އެއަރޕޯޓުގައި ބިދޭސީންތަކެއް ހިންގި މާރާމާރި | ސޯޝަލް މީޑިއާ
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓެކްސީ ކިއު ސަރަހައްދުގައި މާރާމާރި ހިންގި ބިދޭސީންތަކަކަށް ނަސޭހަތް ދީ ދޫކޮށްލުމަށްފަހު އޭގެ 10 ދުވަސް ފަހުން ހައްޔަރު ކުރި މީހުން އަނެއްކާ ވެސް ދޫކޮށްލައިފި އެވެ.
ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު ބިދޭސީން ތަކެއް މާރާމާރީ ހިންގާ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ އެކަމާއި ގުޅިގެން ރާއްޖެ އެމްވީ އިން ފުލުހުންގެ މީޑިއާއަށް ގުޅުމުން ބުނީ، އެފަދަ މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އެމީހުންގެ މައުލޫމާތު ސާފުކޮށް ނަސޭހަތް ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ގެ މީޑިއާ އިން ބުންޏެވެ. އޭގެ 10 ދުވަސް ފަހުން ފުލުހުން ވަނީ އެ މީހުން ހައްޔަރު ކޮށްފަ އެވެ. ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ލަންކާ އަށް ނިސްބަތް ވާ ދެ މީހުން ކަމަށެވެ.
އެއީ އުމުރުން 43 އަހަރުގެ ތިލަކް ސޯމަޗަންދްރަ މަޑެތަލަވޭ ކަންކަނަމަލަގޭ އަދި އުމުރުން 46 އަހަރުގެ ޕްރިޔަންތަ ސިލްވާ ދެވަނިއްތިގެ ނަމަކަށް ކިޔާ ދެމީހުންނެވެ.
ކްރިމިނަލް ކޯޓުން އެ ދެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައި ވާއިރު ކޯޓު އަމުރުގައި ބުނީ އެ ދެމީހުންގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކުށް ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން އާންމު މީހެއްގެ އިތުރުން 2 ފުލުހުން ތަހުގީގަށް ދީފައިވާ ބަޔާނާއި ސީސީޓީވީ ފުޓޭޖް އިން ނެގިފައިވާ ސްނެޕް ޝޮޓް ހުށަހަޅާފައިވާ ކަމަށެވެ.
އެހެން ކަމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.
ދެ މީހުންގެ ވެސް ބަންދުގެ މުއްދަތު ހަމަވުމާއެކު އެ ދެމީހުން އަނެއްކާ ވެސް މި ވަނީ ދޫކޮށްލާފަ އެވެ. ބަންދުން ދޫކޮށްލަން ކުރި އަމުރުގައި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް އެދިފައިވާތީއާއި އެއްވެސް ފަރާތަކަށް ޖިސްމާނީ އަނިޔާއެއް ލިބުނުކަން އެނގޭނެ ލިޔުމެއް ހުށަހަޅާފައިނުވާތީއާއި އެ ދެ މީހުންނަކީ ވެސް ރާއްޖޭގައި އަބުރުވެރި ވަޒީފާއެއް އަދާކުރަމުންދާ ދެ މީހުން ކަމަށް ވާތީ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ބިދޭސީއަކު އެތަނުގައި ހުރި އެހެން މީހެއްގެ ގައިގަ ފައިން ޖަހާ މަންޒަރު ފެނެ އެވެ. އަދި އެވަގުތު އެއަރޕޯޓު ސެކިއުރިޓި އިން އެމީހުން ހުއްޓުވަން މަސައްކަތް ކުރާ މަންޒަރުވެސް ފެނެ އެވެ. ފުލުހުން މިކަމާގުޅިގެން އޭރު ބުނީ ބިދޭސީންތަކެއްގެ މެދުގައި އެފަދަ ކަމެއް ކޮށްފައިވާކަން އެނގިފައި ނުވާކަމަށާއި އެހެން ނަމަވެސް އެމީހުން ޒުވާބުކޮށް މާރާމާރީ ހިންގަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ބިދޭސީންގެ މެދުގައި ހަމަނުޖެހުން ހިންގުމާއި މާރާމާރި މި ދުވަސްވަރު އަންނަނީ އިތުރުވަމުންނެވެ.







