ކިއުބާގެ ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ޓްރަމްޕް ފަށްޓަވައިފި: ރިޕޯޓް
ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި ކިއުބާގެ ވެރިކަން ވައްޓާލުމަކީ އޭނާ ގެ ޚާރިޖީ ސިޔާސަތުގެ ކާމިޔާބީއެއްގެ ގޮތުގައި ދެމިއޮންނާނެ ކަމެއް.

ވޮޝިންޓަން ޑީސީ ގައި ހުންނަ ވައިޓް ހައުސްގެ ބޭރުގައި ކިއުބާ ސަރުކާރާ ދެކޮޅު މުޒާހަރާތައް ކުރިއަށް ގެންދިއުމަށް ތާއީދުކޮށް މީހުން މުޒާހަރާ ކުރަނީ - ޖުލައި 25، 2021. | ގެޓީ އިމޭޖަސް
ވެނެޒުއޭލާގެ ރައީސް މަޖުބޫރުން މަގާމުން ދުރުކުރިތާ މަހެއްހާ ދުވަސް ނުވަނީސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ކިއުބާގެ ވެރިކަން ބަދަލުކުރުމުގެ އައު މަސައްކަތްތަކެއް ރާވަމުންދާ ކަމަށް ރިޕޯޓްތަކުން ހާމަވެއްޖެ އެވެ. މިކަމުގައި އެމެރިކާ އިން ބޭނުންކުރަން ނިންމާފައިވަނީ އިގްތިސާދީ ހަނގުރާމައާއި ގައުމުގެ ދާޚިލީ ހަމަޖެހުން ނަގާލުމުގެ އުކުޅުތަކެވެ.
ވޯލް ސްޓްރީޓް ޖާނަލް އިން ބުދަ ދުވަހު އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މީގެ ކުރިން ކިއުބާއާ ދެކޮޅަށް އެމެރިކާ އިން ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުވެފައިވީ ނަމަވެސް، އަދި އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވުމުގެ ބިރު އޮތް ނަމަވެސް، މިއަހަރު ނިމުމުގެ ކުރިން ކިއުބާގެ ވެރިކަން ބަދަލުކުރުމަށް ވޮޝިންޓަނުން ދަނީ މަސައްކަތް ކުރަމުންނެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުގައި އެމީހުންނަށް މިކަން ކުރެވޭނެ ކަމުގެ އިތުބާރު ބިނާވެފައި ވަނީ ދެ ކަމެއްގެ މައްޗަށެވެ. އެއީ ޖެނުއަރީ 3 ވަނަ ދުވަހު ދިން "ސާޖިކަލް އެޓޭކެއް" ގައި ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ވަގަށް ނަގައި މަގާމުން ދުރުކުރުމާއި، އަދި ވެނެޒުއޭލާގެ ތެލަށް ބަރޯސާވެފައި އޮތް ކިއުބާގެ އިގްތިސާދު މަދޫރޯ އާ ނުލައި އިނދަޖެހޭނެ ކަމަށް ގަބޫލުކުރެވޭތީ އެވެ.
އެމެރިކާގެ އިންޓެލިޖެންސް އެނަލިސްޓުން ބުނާ ގޮތުގައި ކިއުބާގައި ކަރަންޓުގެ ޚިދުމަތް މެދުކެނޑުމާއި، ކާބޯތަކެއްޗާއި ބޭހުގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ. އަދި ކިއުބާގެ އާބާދީގެ ގާތްގަނޑަކަށް 90 އިންސައްތަ މީހުން ދިރިއުޅެމުންދަނީ ފަގީރުކަމުގެ މިންގަނޑަށް ވުރެ ދަށުގަ އެވެ. މިފަދަ ބޮޑެތި ފިއްތުންތަކެއް ހުރި ނަމަވެސް، 1959 ވަނަ އަހަރުގެ ފިޑެލް ކާސްޓްރޯގެ އިންގިލާބަށް ފަހު ގާއިމުވެފައިވާ ކިއުބާގެ ސަރުކާރު ވައްޓާލާނެ ސީދާ ރޭވުމެއް އަދި ނެތް ކަމަށް އޮފިޝަލުން އިއުތިރާފުވެ އެވެ.
އޭގެ ބަދަލުގައި ވައިޓް ހައުސް އިން މިހާރު މަސައްކަތް ކުރަނީ ކިއުބާގެ ސަރުކާރުގެ ތެރެއިން އެމެރިކާގެ މަސްލަހަތުތަކަށް އެއްބާރުލުން ދޭނެ ފަރާތްތަކެއް ހޯދުމަށެވެ. މިއީ ވެނެޒުއޭލާގައި ވެސް ބޭނުންކުރި އުކުޅެކެވެ. ވެނެޒުއޭލާ ގައި ސަރުކާރުގެ އެތެރޭގެ އިސް ފަރާތަކުން މަދޫރޯ އަށް ބޭވަފާތެރިވި ކަމަށް ބުނެވެ އެވެ.
ވެނެޒުއޭލާ ގައި ހިންގި އެ އޮޕަރޭޝަން ނިމިގެންދިޔައީ ކަރާކަސް އަށް ދިން އަސްކަރީ ހަމަލާއަކުންނެވެ. އެ ހަމަލާގައި ކިއުބާގެ 32 ސިފައިންނާއި މަދޫރޯގެ ސެކިއުރިޓީ ފޯސްގެ ގާތްގަނޑަކަށް 24 މީހުން މަރުވި އެވެ.
ހަމައެއާއެކު، ވެނެޒުއޭލާ އިން ކިއުބާ އަށް ފޯރުކޮށްދޭ ތެޔޮ ހުއްޓުވައިގެން އެމެރިކާ އިން ދަނީ ކިއުބާ އާ ދެކޮޅަށް އިގްތިސާދީ ހަނގުރާމަ ވަރުގަދަ ކުރަމުންނެވެ. އިގްތިސާދީ މާހިރުން އިންޒާރު ދޭ ގޮތުގައި ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ކިއުބާ އިން ތެޔޮ ހުސްވެދާނެ އެވެ. ވެނެޒުއޭލާ ގެ ތެޔޮ ޓޭންކަރުތައް އެމެރިކާގެ ސިފައިން ހިފަހައްޓަމުން ދަނީ ހަމައެކަނި ތެލުގެ ސިނާއަތް އެމެރިކާގެ މިލްކިއްޔާތަކަށް ހަދައިގެން ވެނެޒުއޭލާ އަށް އަދަބު ދިނުމުގެ ގޮތަކުން ނޫނެވެ. އޭގެ ބަދަލުގައި އެއީ ކިއުބާގެ ހަކަތައިގެ މައި ނާރު ބަންދުކޮށްލުމަށް ކުރާ ކަމެއް ކަމަށްވެ އެވެ.
ވޯލް ސްޓްރީޓް ޖާނަލް އިން އިތުރަށް ބުނެފައިވާ ގޮތުގައި، މިކަމުގައި އަމަލުކުރާނެ ގޮތަކާ މެދު އެމެރިކާ ސަރުކާރުގެ ތެރޭގައި ޚިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ. ފްލޮރިޑާ ގައި ތިބި ޓްރަމްޕާ ގާތްގުޅުމެއް އޮންނަ ކިއުބާގެ ކުރީގެ ރައްޔިތުން ބޭނުން ވަނީ ހަތްދިހަ އަހަރާ ގާތްވެފައިވާ ކިއުބާގެ ކޮމިއުނިސްޓް ވެރިކަން ވަރުގަދަ ފިޔަވަޅުތަކަކުން ނިންމުމަކަށް ގެނައުމަށެވެ. ނަމަވެސް، އަނެއްބަޔަކު ބުނަނީ 1962 ވަނަ އަހަރުން ފެށިގެން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި "ބޭ އޮފް ޕިގްސް" އަށް ދިން ހަމަލާ އިން އެނގެނީ އެމެރިކާގެ މިފަދަ މަޖުބޫރުކުރުންތައް އަބަދުވެސް ނާކާމިޔާބުވާކަން ކަމަށެވެ.
އިންސާނީ ކާރިސާ އެއް ކުރިމަތިވެދާނެ ކަމަށް ގަބޫލުކުރި ނަމަވެސް، ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި ކިއުބާގެ ވެރިކަން ވައްޓާލުމަކީ އޭނާ ގެ ޚާރިޖީ ސިޔާސަތުގެ ކާމިޔާބީއެއްގެ ގޮތުގައި ދެމިއޮންނާނެ ކަމެކެވެ. އަދި އެއީ ފިޑެލް ކާސްޓްރޯ މަގާމުން ދުރުކުރަން އުޅެ ނާކާމިޔާބުވި ޖޯން އެފް ކެނެޑީ އަށް ވުރެ ކުރި ހޯދުމަށް ލިބޭ ފުރުސަތެއް ކަމަށްވެސް އޭނާ ދެކެވަޑައިގަންނަވައެވެ.
އެމެރިކާގެ އޮފިޝަލުންގެ ބަސްމަގު މިހާރު ވަނީ ވަރަށް ބޮޑަށް ހަރުކަށިވެފައެވެ. ސްޓޭޓް ޑިޕާޓްމަންޓުގެ އެކްޓިންގ އަންޑަރސެކްރެޓަރީ ޖެރެމީ ލެވިން ވިދާޅުވީ ކިއުބާ އިން "ވެރިކަމުން ދުރުވުން ނުވަތަ ރައްޔިތުންގެ ކަންކަން ރަނގަޅުކުރުމުގެ ތެރެއިން ގޮތެއް އިޚްތިޔާރު ކުރަންޖެހޭ" ކަމަށެވެ. މީގެ އިތުރުން ޖެނުއަރީ 11 ވަނަ ދުވަހު ޓްރަމްޕް ވަނީ ވެނެޒުއޭލާގެ ތެޔޮ ނުވަތަ ފައިސާ ދެން ކިއުބާ އަށް ނުލިބޭނެ ކަމުގެ އިންޒާރު ދެއްވައި، "ވަގުތު ފާއިތުވުމުގެ ކުރިން އެއްބަސްވުމަކަށް އައުމަށް ބާރުއަޅާ" ކަމަށް ލިޔުއްވާފަ އެވެ.
ނަމަވެސް ކިއުބާގެ ލީޑަރުން ވަނީ މި އިންޒާރުތަކަށް ފާޅުގައި އިންކާރު ކުރައްވާފަ އެވެ. ރައީސް މިގޭލް ޑިއާޒް-ކާނެލް ވިދާޅުވީ، "ބިރުދެއްކުމާއި މަޖުބޫރުކުރުމުގެ މައްޗަށް ބިނާވެފައިވާ އެއްވެސް ކަހަލަ އެއްބަސްވުމެއް ނުވަތަ އަމާންދިނުމަކަށް އެއްވެސް ޖާގައެއް ނެތް" ކަމަށެވެ.






