އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފެއްދެވި "ބޯޑް އޮފް ޕީސް" ރަސްމީކޮށް އިފްތިތާހް ކޮށްފި
މެންބަރުކަން ހޯދުމަށް 1 ބިލިއަން ޑޮލަރުގެ ފީއެއް ކަނޑައަޅާފައިވާ މި އިދާރާގެ ޗާޓަރުގައި 19 ޤައުމަކުން ސޮއިކޮށްފައިވާއިރު، އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ބޯޑުގައި ބައިވެރިވެފައެއް ނުވޭ.

ސްވިޒަލޭންޑްގެ ޑާވޯސްގައި ޖެނުއަރީ 22، 2026 ގައި ބޭއްވި ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިޔުއީއެފް) ގައި "ބޯޑް އޮފް ޕީސް" ގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. | ގެޓީ އިމޭޖަސް
ޑާވޯސް ގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، "ބޯޑް އޮފް ޕީސް" ރަސްމީކޮށް އިފްތިތާހް ކުރައްވައިފި އެވެ.
މި އިދާރާގެ މެންބަރަކަށް ވުމަށް 1 ބިލިއަން ޑޮލަރުގެ ފީއެއް ކަނޑައަޅާފައިވާއިރު، މީގެ މެންބަރުންގެ ގޮތުގައި ދައުވަތު ދެވިފައިވާ ފަރާތްތަކާ ގުޅޭގޮތުން ދުނިޔޭގެ މަސްރަޙުގައި ވަނީ ބޮޑެތި ބަހުސްތަކެއް އުފެދިފަ އެވެ.
މި އިދާރާ ފެށުމުގެ ޗާޓަރުގައި ސޮއިކުރުމަށް، ޓްރަމްޕްގެ އަރިސް ޤައުމުތައް ކަމަށްވާ އާޖެންޓީނާ އާއި ހަންގޭރީ ހިމެނޭހެން ޖުމްލަ 19 ޤައުމެއްގެ އިސްވެރިންނާއި އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
"ބޯޑް އޮފް ޕީސް" ގެ ޗެއާމަންގެ މަޤާމު ފުރުއްވާ ޓްރަމްޕް ވިދާޅުވި ގޮތުގައި، މި އިދާރާގައި ހިމެނެނީ ގިނަ ބައެއްގެ ތާއީދު އޮތް ވެރިންނެވެ. ނަމަވެސް ބައެއް ބޭފުޅުންނަކީ އެހާ މަޤްބޫލު ބޭފުޅުންނަށް ނުވެދާނެ ކަމަށާއި، އެއީ ދުނިޔޭގެ އާދަ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
މި ބޯޑު އުފެއްދުމުގެ އެންމެ ފުރަތަމަ މަޤްޞަދަކީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ އަށް ފަހު އެ ސަރަޙައްދުގެ ސުލްޙަ ބެލެހެއްޓުން ކަމުގައިވީ ނަމަވެސް، މިހާރު މި އިދާރާގެ ދައުރު ވަނީ ބައިނަލްއަޤްވާމީ އެކި މައްސަލަތައް ޙައްލުކުރުމާ ހަމައަށް ފުޅާކޮށްފަ އެވެ. މިއާއެކު، މިއީ އދ. އާ ވާދަކުރުމަށް ޓްރަމްޕް އުފެއްދެވި އިދާރާއެއް ކަމުގެ ކަންބޮޑުވުންތައް ވަނީ އުފެދިފަ އެވެ. ނަމަވެސް ޓްރަމްޕް ވިދާޅުވީ މި އިދާރާ މަސައްކަތް ކުރާނީ އދ. އާ ގުޅިގެން ކަމަށެވެ.
މި އިދާރާގެ މެންބަރުންގެ ގޮތުގައި ދައުވަތު ދީފައިވާ ފަރާތްތަކުގެ ތެރޭގައި، ޔޫކްރެއިނަށް އަރައިގަތް ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިން ހިމެނުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ޓްރަމްޕް ވިދާޅުވާ ގޮތުގައި ޕުޓިން މިކަމަށް އެއްބަސްވެވަޑައިގެންފައިވީ ނަމަވެސް، ރަޝިޔާ އިން ބުނަނީ އަދި އެ ދައުވަތު ދިރާސާކުރަމުންދާ ކަމަށެވެ. މީގެ އިތުރުން، ދާއިމީ މެންބަރުކަން ހޯދުމަށް 1 ބިލިއަން ޑޮލަރު ދައްކަން ޖެހުމަކީ "ފައިސާ ދީގެން ބާރު ހޯދާ" ނުވަތަ "ޕޭ ޓު ޕްލޭ" މޮޑެލްއެއް ކަމަށް ބުނެ ފާޑުކިޔުންތެރިން ގެންދަނީ ބުނަމުންނެވެ.
އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން މިކަމާ ދެކޮޅު ހަދައި، މި ރަސްމިއްޔާތުގައި ބައިވެރިވެފައެއް ނުވެ އެވެ. މި ރަސްމިއްޔާތުގައި ބައިވެރިވި ޤައުމުތަކަކީ ގިނައިން ޓްރަމްޕާ ގާތް ގުޅުމެއް އޮންނަ ނުވަތަ އެމެރިކާގެ ރައީސަށް ވަފާތެރިކަން ހާމަކުރަން ބޭނުންވާ ޤައުމުތަކެވެ. އޭގެ ތެރޭގައި ބަޙްރައިން، މަޣްރިބު، އަރްމީނިއާ، އަޒަރުބައިޖާން، ބަލްގޭރިއާ، އިންޑޮނޭޝިއާ، އުރުދުން، ކަޒަކިސްތާން، ކޮސޯވޯ، ޕާކިސްތާން، ޕެރަގުއޭ، ގަތަރު، ސައުދީ އަރަބިއްޔާ، ތުރުކީ، ޔޫއޭއީ، އުޒްބެކިސްތާން އަދި މޮންގޯލިއާ ހިމެނެއެވެ.
ޣައްޒާ ހަނގުރާމައާ ގުޅިގެން ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވާ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް މި އިދާރާއާ ގުޅޭނެ ކަމަށް ބުނެފައިވީ ނަމަވެސް، އޭނާ މި ރަސްމިއްޔާތުގައި ބައިވެރިވެފައެއް ނުވެ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވި ގޮތުގައި، މި ބޯޑުގެ އެންމެ އިސް އަމާޒަކީ ޣައްޒާގެ ސުލްޙައިގެ އެއްބަސްވުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމެވެ. އަދި ހަމާސް އިން ހަތިޔާރު ނުބަހައްޓައިފި ނަމަ، އެއީ އެ ޖަމާޢަތުގެ "ނިމުން" ކަމަށް ޓްރަމްޕް ވަނީ އިންޒާރު ދެއްވާފަ އެވެ.
ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނަރ ވިދާޅުވީ، ޣައްޒާގެ ސުލްޙައިގެ އެއްބަސްވުމުގެ ދެވަނަ މަރުޙަލާގައި، ސުންނާފަތިވެފައިވާ ޣައްޒާ އަލުން އާބާދުކުރުމުގެ ފަންޑިންގް އާއި ހަމާސް އިން ހަތިޔާރު ބެހެއްޓުމުގެ މައްސަލަ އަށް އަލިއަޅުވާލެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް 100 ދުވަހު އިންސާނީ އެހީތެރިކަމާއި ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށް އިސްކަންދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ޓެކްނޯކްރެޓިކް ކޮމިޓީގެ ލީޑަރު އަލީ ޝާތު ވިދާޅުވީ، ޣައްޒާ އާއި މިޞްރު ގުޅުވައިދޭ މައި ދޮރާށި ކަމަށްވާ ރަފަޙް ބޯޑަރު އަންނަ ހަފްތާގައި އަލުން ހުޅުވާލެވޭނެ ކަމަށެވެ.
މި އިދާރާ އިފްތިތާޙް ކުރެވިގެން މިދިޔައީ، އަށް ހަނގުރާމައެއް ހުއްޓުވި ކަމަށް ޓްރަމްޕް ކުރައްވާ ދައުވާ އާ އެކުވެސް، އޭނާއަށް ނޮބެލް ސުލްޙައިގެ އިނާމު ނުލިބުމުގެ މާޔޫސްކަން އޭނާ ހާމަކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ.






