އެމްޑީޕީ އިން 144 ދާއިރާގައި ވޯޓު ފޮށި ބަހައްޓައިގެން 4000 މީހުން ވޯޓު ނުލާ ކަމަށް ބުނެ ޕީޖީ ލީޑަރ ފަލާހު އިތުރުފުޅު ހައްދަވައިފި
ޕީއެންސީގެ މޭޔަރ ކެންޑިޑޭޓް މޫސާ އަލީ ޖަލީލުގެ ކެމްޕެއިން ރަސްމިއްޔާތުގައި ޕީޖީ ލީޑަރ ފަލާހު ވިދާޅުވީ އެމްޑީޕީން 144 ދާއިރާގައި ވޯޓު ފޮށި ބަހައްޓައިގެން 4000 މީހުން ވޯޓު ނުލި ކަމަށް. އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަން ޣަފޫރު މޫސާ ވިދާޅުވީ 65 ވޯޓު ފޮށި ބެހެއްޓި ކަމަށާއި ފަލާހުގެ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް.


އިނގުރައިދޫ ދައިރާގެ މެމްބަރު އިބްރާހިމް ފަލާހު ޕީއެންސީގެ ޖަލްސާގައި ވާހަކަދައްކަވަނީ | ޕީއެންސީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން 144 ދާއިރާގައި ވޯޓު ފޮށި ބަހައްޓައިގެން 4000 މީހުން ވޯޓު ނުލާ ކަމަށް ބުނެ ޕީއެންސީ ޕީޖީ ލީޑަރ އިބްރާހިމް ފަލާހު އިތުރުފުޅު ހައްދަވައިފި އެވެ.
އޭނާ އެފަދައިން ވިދާޅުވި އާދިއްތަ ދުވަހުގެ ރޭ ޕީއެންސީގެ މޭޔަރ ކެނޑިޑޭޓް މޫސާ އަލީ ޖަލީލުގެ ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެ ޖަލްސާގައި ފަލާހު ވަނީ ޕީއެންސީ އިން ރެކޯޑްތަކެއް ޤާއިމް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން މިހާތަަނަށް ޕްރައިމަރީ އެއް ގައި އެންމެ ގިނައިން ވޯޓުލީ ލޯކަލް ކައުންސިލް އިންތިޚާބުގެ ޕީއެންސީގެ މި ފަހަރުގެ ޕްރައިމަރީގައި ކަމަށް ފަލާހު ވިދާޅުވި އެވެ. 2008 އިން ފެށިގެން މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ލޯކަލް ކައުންސިލް އިންތިޚާބެއްގައި ވާދަކުރަނީ މި ފަހަރު ޕީއެންސީ އިން ކަމަށާއި މި ވެސް ރެކޯޑެއް ކަމަށް ފަލާހު ވިދާޅުވި އެވެ. ޕީއެންސީ އިން ކައުންސިލް އިންތިޚާބުގައި 1320 ކެންޑިޑޭޓުން ވާދަކުރާ ކަމަށް ފާހަގަކުރައްވާ ފަލާހު ވަނީ އެއީ ޕީއެންސީ އަށް އިތުބާރު އޮތްކަން އެނގޭ ކަމެއް ކަމަށް ދެއްކެވުމަށް މަސައްކަތް ކުރައްވާފަ އެވެ.
"ދެ ދުވަހެއް ކުރިން ބޭއްވި ޕްރައިމަރީ ފެނިގެން ދިޔަ ތާއީދު ނެތްކަން. 144 ދާއިރާ އެއްގައި ޕްރައިމަރީ ބޭއްވި ކަމަށް އިއުލާން ކުރި. މުޅި ރާއްޖޭގެ އެކި އެކި ތަންތަނުގައި ފޮށި ބެހެއްޓި ކަމަށް އިއުލާން ކުރި. އެހެންނަމަ ވެސް 4000 މީހުން ވޯޓެއް ނުލާ. އަޅުގަނޑުމެން 122 ފޮށްޓަށް 11400 ބޭފުޅުން ވޯޓުލާން ނުކުންނެވި އޭ." އޭނާ ވިދާޅުވި އެވެ.
ފަލާހު މިފަދައިން ވިދާޅުވެފައި ވާއިރު، އިންތިޚާބުގައި ޕާޓީގެ ވޯޓުލުމުގެ ޙައްގު ލިބިފައިވާ 14000 އެއްހާ މީހުން ވޯޓުލާފައިވާކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.
ފަލާހު މިފަދައިން ވިދާޅުވެފައި ވާއިރު އެމްޑީޕީ އިން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު އަދި ޑަބްލިއުޑީސީގެ ޕްރައިމަރީގައި 123 ކެންޑިޑޭޓުން އެކި ދާއިރާތަކަށް ވާދަކުރި އިރު، ޖުމްލަ 65 ވޯޓު ފޮށި ބެހެއްޓި އެވެ. އޭގެ ތެރެއިން 31 ވޯޓު ފޮށި މާލޭގައި ބެހެއްޓިއިރު، 34 ވޯޓު ފޮށި ބެހެއްޓީ އަތޮޅު ތެރޭގެ ރަށްރަށުގަ އެވެ.
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަން އަދި މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ ފަލާހުގެ އެ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. 144 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އެއްވެސް އިރެއްގައި އެމްޑީޕީ އިން އިއުލާން ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޕްރައިމަރީ ބާއްވާފައި ވަނީ ހަމައެކަނި އެކަކަށް ވުރެ ގިނަ ކެނޑިޑޭޓުން ތިބި ދާއިރާތަކުގައި ކަމަށް ވާ އިރު ފަލާހު ވާހަކަދެއްކެވީ ވަރަށް ބޮޑަށް އާއްމުންނަށް އޮޅޭ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
" ވޯޓުލި ގިނަ މީހުން. 65 ފޮށި ބެހެއްޓީ. އެވްރެޖްކޮށް ހުރީ 50% އިން މަތީގަ ވޯޓު ފޮށިތަކަށް ވޯޓުލާފައި ހުރި. ހަމައެކަނި އެ ދާއިރާ އެއްގައި އާއި މާލޭގައި ބެހެއްޓީ ވޯޓު ފޮށި. ޕީއެންސީ މީހުން ވޯޓު ލީ ކަން ވެސް އެނގޭ މީހެއް ނެތް. އަޅުގަނޑުމެން ކަންކަން ކުރީ ވަރަށް ޓްރާންސްޕޭރެންޓްކޮށް." ޣަފޫރު ވިދާޅުވި އެވެ.
އޭނާ ވަނީ މި ވާހަކަތަކަކީ ސަރުކާރުން ބިރުން ދައްކާ ވާހަކަތައް ކަމަށް ސިފަކުރައްވާފަ އެވެ. ފަހަކަށް އައިސް ޕީއެންސީ އިން އިދިކޮޅު ޕާޓީ އާއި މެދު ދައްކާ މިފަދަ ވާހަކަތަކުގައި ހަގީގަތާއި ޚިލާފު ވާހަކަތައް ހިމެނޭކަން އާއްމުން ދަނީ ފާހަގަކުރަމުންނެވެ. ފާޑުކިޔާ ފަރާތްތަކުން ސިފަ ކުރާ ގޮތުގައި މިއީ ކައުންސިލް އިންތިޚާބު ސަރުކާރަށް ކާމިޔާބު ނުކުރެވިދާނެތީ ޕީއެންސީ އަށް ނިސްބަތްވާ މީހުން ހިންގާ ޑިމޮކްރަސީ އާއި ބީރައްޓެހި ކަންކަމެވެ.








