ރައީސް މުއިއްޒުގެ ފިޔަވަޅު މަތިން ހިނގުމަކީ، މޫސާ އަލީ ޖަލީލަށް ރަނގަޅު ފާލަކަށް ނުވާނެ!
ޕީއެންސީގެ މޭޔަރ ކެންޑިޑޭޓް މޫސާ އަލީ ޖަލީލު ރައީސް މުއިއްޒުގެ މޭޔަރުކަމުގެ ނަމޫނާ ފޮލޯކުރަން ބޭނުންވާ ކަމަށް ބުނި ނަމަވެސް މުއިއްޒުގެ މޭޔަރުކަމުގައި ބިންތައް އަގުބޮޑުކޮށް ވިއްކުމާއި މާލީ ގަވައިދާ ހިލާފު ކަންކަމުގެ ސަބަބުން އޭސީސީގައި މައްސަލަތައް ވަނީ ފައިލްކޮށްފަ.


ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާ ގައި މޫސާ އަލީ ޖަލީލުގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން | ޕީއެންސީ
ޕީއެންސީގެ މޭޔަރ ކެންޑިޑޭޓް މޫސާ އަލީ ޖަލީލު ވިދާޅުވަނީ ހިންގަވާނީ ރައީސްގެ ފިޔަވަޅު މަތިން ކަމަށެވެ. މޫސާ އަލީ ޖަލީލު ވިދާޅުވާ ގޮތުން މޭޔަރ ކެންޑިޑޭޓްގެ ދަތުރު ފަށްޓަވަނީ ވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ނަމޫނާ އަކަށް ބައްލަވައިގެންނެވެ. މުއިއްޒުގެ މޭޔަރ ކަމުގެ ދަތުރަކީ މޫސާ އަލީ ޖަލީލުގެ މަސައްކަތުގެ އިންފާރުގެ އޮނިގަނޑުކަމަށް ދެކެވަޑައިގެންނެވެ. އެހެންނަމަ ވެސް ހިތާމާއި އެކު ދަންނަވަން ޖެހެނީ، ރައީސް ގެ ފިޔަވަޅު މަތިން ހިނގުމަކީ މޫސާ އަލީ ޖަލީލަށް ރަނގަޅު ފާލަކަށް ނުވާނެ ވާހަކަ އެވެ.
އެހެން ބުނަން މި ޖެހެނީ ސަބަބެއް ނެތި އެއް ނޫނެވެ. މާލޭ ސިޓީ ކައުންސިލްގެ މޭޔަރަކަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ހުންނެވި އިރު ނުގަވާއިދުން ކޮށްފައި ހުރި ކަންކަމުގެ ފަތި ފުށް އަދި އަދަށް ދާން ދެން އާއްމުން އެ ދަނީ ގޮވަމުންނެވެ. ރިޔާސީ އިންތިޚާބަށް ކުޑަ ތަން ވެފައި ވަނިކޮށް ބިންތައް ބޮޑު އަގުގައި ވިއްކާލުމާއި، ސުވާލު އުފެދޭ ގޮތަށް މަސްމާރުކޭޓު ކުއްޔަށް ދިނުން ފަދަ ކޮތަންމެ ކަމެއް ރައީސް ޑރ.މުހައްމަދު މުއިއްޒު މޭޔަރަކަށް ހުންނެވި ދުވަސްވަރު ހިނގާފައި އެބަ އޮތެވެ.
މާލިއްޔަތު ޤަވާއިދާއި ޚިލާފަށް އަރިސް ބޭފުޅުންނަށް ފައިދާ ވާ ގޮތަށް އަމަލުކުރުމާއި ގުޅޭ އެތައް މައްސަލަ އެއް މިއަދު ވެސް އޭސީސީގައި ފައިލްކޮށްފައި އެބަ ހުއްޓެވެ. އެ ކަންކަން ކުރިއަށް ނުދިއުން އެއީ އަދި މުޅިން އެހެން ވާހަކައެކެވެ. އެ ވާހަކަ އެހެން ދުވަހަކަށް ބާއްވާނަމެވެ. އެހެންވީމަ އޭސީސީ އިން މިފަދަ މައްސަލަތައް ބަލަނިކޮށް، އެފަދަ ބޭފުޅެއްގެ ފަސްފަަހަތުން ހިނގާ ނަމަ އެއީ ސުވާލުކޮށްލުން މުހިންމު ކަމެކެވެ.
ރައީސް މުއިއްޒުގެ މޭޔަރު ކަމުގެ ފިޔަވަޅު މަތިން ހިންގަވަން ހެޔޮ ނުވާނެ އެވެ. އެހެނީ މުއިއްޒުގެ މޭޔަރު ކަމުގެ ދައުރު ބައެއް އާއްމުން ސިފަކުރަނީ މާލޭ ސިޓީ ފޮތިފޮތިކޮށް ވިއްކާލި މޭޔަރެއްގެ ގޮތުގަ އެވެ. މި ހުރިހާ ދުވަހު ގަދަރާއި އިއްޒަތާއި އެކު ޚިދުމަތް ކުރެއްވުމަށް ފަހު، ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދޭ މޭރުމަކުން މޫސާ އަލީ ޖަލީލު ވެސް އަމަލުކުރައްވަން ބޭނުންފުޅު ވާނެހެނެއް ހިއެއް ނުވެ އެވެ.
ނުވިތާކަށް ޕާކިން ސްލޮޓްތައް ބޮޑު އަގުގައި ވިއްކާފައި ހުރި އިރު އެއް ތަނެއް ތިން ހަތަރު މީހުންނަށް ވިއްކާފައި އެބަ ހުއްޓެވެ. އަދި ވެރިކަަމަށް ވަޑައިގެން އެ ތަންތަން މެނޭޖް ކުރުމުގެ ބާރު ޓްރާންސްޕޯޓް މިނިސްޓްރީ އަށް ނަންގަވާ ކުރިން ދިން ސްލޮޓްތައް ކެންސަލް ކުރެއްވި އެވެ. އެހެންވީމަ ރަނގަޅަށް ކުރެއްވި ކަމެއް ނަމަ އިއާދަކުރަން ޖެހޭ ހާލަތެއް އޮންނާނެހެން އަޅުގަނޑަކަށް ހިއެއް ނުވެ އެވެ.
ހުޝާމަތު ކުރަން މޫސާ އަލީ ޖަލީލު ނިކަން ވާހަކަ ރައީސް އާއި މެދުގައި ދެއްކެވި އެވެ. އޭގެ ތެރޭގައި މާލޭ ސިޓީ ފެހި ކުރަން 2021 ވަނަ އަހަރުން ފެށިގެން ކުރެއްވި މަސައްކަތުގެ ވާހަކަ އާއި އެ ނޫން ވެސް އެތައް ވާހަކަ އެއް ތައުރީފްގެ މޭރުމުން ދެއްކެވި އެވެ. އެހެންނަމަވެސް މާލެ ފެހިކުރަން މުއިއްޒުގެ މޭޔަރު ކަމުގައި ކުރެވުނު ކަމެއް ނެތެވެ. ދެން އޮތީ މާލޭގެ ރައްޔިތުންގެ ތަކުލީފުތަކަށް ހައްލު ގެނައި ކަމަށް ވިދާޅުވެ ކުރެއްވި ފޮނި ތައުރީފެވެ. އެކަމަކު މާލޭގެ ފެންބޮޑުވުމާއި، ޓްރެފިކް ފަދަ އެތައް މައްސަލައަކަށް ހައްލު ހޯދުމުގައި މުއިއްޒުގެ މޭޔަރުކަމުގައި އޮތީ ބޮޑުތަނުން ފެއިލްވެފަ އެވެ.
އެހެންވީމަ ހުރިހާ ގޮތަކުން ބެލިއަސް، މުއިއްޒުގެ މޭޔަރު ކަމުގެ ފިޔަވަޅު މަތިން ހިނގުން ވާނީ ކަސިޔާރު، ކަތި ފިޔަވަކަށް ނޫންތޯ އެވެ؟






