ރައީސް މުއިއްޒު އިދިކޮޅުގައި ހުންނެވި އިރު އިންޑިއާއަކީ ރާއްޖޭގެ މިނިވަންކަން ނަގާލަން އުޅޭކަމަށް ބުނެ ހިންގީ އިންޑިއާ އައުޓް ކެމްޕެއިން. ވެރިކަމަށް އައިސް މިހާރު ވަނީ އެމްޑީޕީން އިންޑިއާއާ ގުޅިގެން ހިންގި ތަރައްގީގެ މަޝްރޫއުތަކަށް ތައުރީފްކޮށް އިންޑިއާގެ އުނގަށް ވެއްޓިފަ. ހަނިމާދޫ އެއަރޕޯޓް ހިންގުމަށް އިންޑިއާ ކުންފުންޏެއް ހޯދަން ވެސް އެދިފައިވާއިރު މިއީ ރައީސް މުއިއްޒުގެ ހާރިޖީ ސިޔާސަތު ފެއިލްވުމުގެ ނަތީޖާ. އިންޑިއާ ގެ ޖީއެމްއާރު ކުންފުނިން ރާއްޖޭގެ މައި އެއަރޕޯޓް ތަރައްގީކޮށް ހިންގުމަކީ، އިންޑިއާ އިން ރާއްޖެ އަޅުވެތި ކުރުން ކަމުގައި އޭރު ރައީސް މުއިއްޒު ގެންދެވީ ރައްޔިތުންނަށް ވިސްނައިދެމުން.


އިދިކޮޅުގައި ހުންނެވި އިރު ރައީސް މުއިއްޒު ގެންދެވީ އިންޑިއާ އަކީ ރާއްޖޭގެ އެންމެ ބޮޑު ހަތުރު ގެ ގޮތުގައި ދިވެހި ރައްޔިތުންނަށް ދެއްކުމަށް ގިނަ މަސައްކަތް ތަކެއް ކޮށްފަ.
އަވަށްޓެރި އިންޑިއާ އަކީ މި ކުޑަ ކުޑަ ދިވެހިރާއްޖޭގެ ތަރައްގީގެ އެންމެ މުހިންމު ބައިވެރިޔާ ކަމީ، ބަޔަކު ދިވެހި ރައްޔިތުންނަށް ހަގީގަތް އޮޅުވާލަން ކިތަންމެ މަސައްކަތް ކުރިޔަސް ބަދަލު ނުވާނެ ހަގީގަތެކެވެ. ޒަމާނުއްސުރެ އިންޑިއާ އަކީ ޖުމްލަ ގޮތެއްގައި ހުރިހާ ދާއިރާ އަކުން ދިވެހީންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ގައުމެކެވެ. ރާއްޖޭގެ ސިއްހީ ދާއިރާ އަށް އިންގިލާބީ ބަދަލެއްގެނުވާ، މިއަދު ވެސް ރާއްޖޭގެ އެންމެ ގިނަ ރައްޔިތުން އެ ހޮސްޕިޓަލަކަށް ބަރޯސާވާ އިންދިރާ ގަންދީ މެމޯރިއަލް ހޮސްޕިޓަލަކީ މިކަމުގެ ކުޑަ މިސާލެކެވެ. ތައުލީމީ ދާއިރާ އަށް ބަލާލިޔަސް މިކަހަލަ ކިތަންމެ ކަމެއް ފެންނަން އެބަ ހުއްޓެވެ.
ވަކިން ހާއްސަކޮށް ރާއްޖޭގެ ތާރީހުގައި ދިމާވި ކޮންމެ ބޮޑު ކަމެއްގައި ވެސް އެންމެ ގާތުން އެންމެ ފުރިމައަށް އެހީތެރިކަން ފޯރުކޮށްދީފައި ވަނީ އިންޑިއާ އިންނެވެ. މިގޮތުން 1988 ވަނަ އަހަރު ރާއްޖޭގެ ސިޔާދަތަށް ދިމާވި ނުރައްކާތެރި ހާލަތުގައި އިންޑިއާ އިން ފޯރުކޮށްދިން އަވަސް އެހީތެރިކަމަކީ ދެ ގައުމުގެ ގުޅުމުގެ ބިންގާ އެވެ. އިންޑިއާ އިން ރާއްޖޭގެ ހަމަޖެހުން އަލުން ގާއިމްކޮށް، އެއްވެސް ޝަރުތެއް ނެތި ރާއްޖެ އިން ފޭބުމުން އުފެދުނީ، ދިގު މުއްދަތަށް ދެމިހުރި އިތުބާރު ގެ ބިންގާއެ ކެވެ. ފަހުގެ ތާރީހަށް ބާލާލާއިރު ކޮވިޑް ގެ އާލަމީ ވަބާ އިން އަރައިގަތުމަށް އިންޑިއާ އިން ރާއްޖެ އަށް ވެދިން އެހީތެރިކަމަކީ ވެސް ދެގައުމުގެ ޒަމާންވީ ގާތް ގުޅުމަށް އިތުރުވި ބޮޅެކެވެ.
ނަމަވެސް މި ހަގީގަތް ދިވެހި ރައްޔިތުންނަށް އޮޅުވާލާ ގައުމަށް ލިބޭ ގެއްލުމަކަށް ބެލުމެއް ނެތި، މިހާރު ވެރިކަމުގައި ތިއްބެވި ރައީސް މުއިއްޒުގެ ފިކުރުގެ ބޭފުޅުން އިދިކޮޅުގައި ތިއްބެވި އިރު ގެންދިޔައީ އިންޑިޔާ އަކީ ދިވެހީންނަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށް ދެއްކުމަށް މުޅި ދިވެހިރާއްޖޭގައި ބޮޑެތި ކެމްޕެއިން ތައް ހިންގަމުންނެވެ. ތަންކޮޅެއް ކުރިޔަށް ޖެހިލާއިރު 2008 ގައި އުފެދުނު އެމްޑީޕީގެ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށް އޭރު އިދުކޮޅުގައި ތިއްބެވި ބޭފުޅުން އެންމެ ގަދަޔަށް ދެއްކެވި އެއް ވާހަކަ އަކީ، އިންޑިއާ އިން ރާއްޖޭގެ މިނިވަންކަން ނަގާލަން އުޅޭ ވާހަކަ އެވެ. އިންޑިއާ ގެ ޖީއެމްއާރު ކުންފުނިން ރާއްޖޭގެ މައި އެއަރޕޯޓް ތަރައްގީކޮށް ހިންގުމަކީ، އިންޑިއާ އިން ރާއްޖެ އަޅުވެތި ކުރުން ކަމުގައި އޭރު ރައީސް މުއިއްޒު ގެންދެވީ ރައްޔިތުންނަށް ވިސްނައިދެމުންނެވެ.
އޭގެ އެތަށް އަހަރެއް ފަހުން އަނެއްކާ ވެސް 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީ ސަރުކާރު ބަދަލުކުރަން ވެސް، ރައީސް މުއިއްޒު ކިޔުއްވީ ހަމަ އެއް ލަވައެކެވެ. އެބޭފުޅުންނަށް ހަޖަމު ނުވީ އިންޑިއާ އާއި ގުޅިގެން އެމްޑީޕީ ސަރުކާރުން ރާއްޖޭގައި ހިންގަންފެށި ތަރައްގީ ގެ މަޝްރޫއުތަކެވެ. މިކަންކަމުގެ ސަބަބުން އެމްޑީޕީ ގެ ސަރުކާރަށް ދެ ވަނަ ދައުރެއް ދޭނެ ކަން ޔަގީން ވުމުން، ރައީސް މުއިއްޒު އެންމެ ކުރީ ސަފުގަ ހުރެގެން އެ ފެށި އިންޑިއާ އައުޓް ކެމްޕެއިން އަކީ އޭގެ ނޭދެވޭ އަސަރު މިއަދާ ހަމައަށް ވެސް ދިވެހިންނަށް ކުރަމުންދާ ކަމެކެވެ. ވެރިކަމަށް އަންނަން ބޭނުންކުރި އެންމެ ބޮޑު ހަތިޔާރަކީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ހީނަރުކޮށް އޭރު ވެރިކަން ކުރަމުންދިޔަ އެމްޑީޕީ ސަރުކާރަށް ޖެއްސުން ކުރުމެވެ.
ހުރިހާ ހަޑިއެއް ހޭވުމަށް ފަހު ވެރިކަމަށް އަރާވަޑައިގެން ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތި، ރައީސް މުއިއްޒު ވަނީ ފިރިހެނަކު ހިތާވެގެން އުޅޭ އަންހެން ކުއްޖާ ފަހަތުން ނުދުވާ ވަރަށް އިންޑިއާ ގެ ފަހަތުން ދުވެ، އިންޑިއާ އައުޓް ކެމްޕެއިން އަކީ ނުވާ ކަމެއް ކަމަށް ދެއްކުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އޭރު ރައީސް މުއިއްޒު އަށް ލާދީނީވި އިންޑިއާ ގެ ބޮޑުވަޒީރު މޯދީ އަކީ މިއަދު ހުދު ކާފޫރަކަށް ވެއްޖެ އެވެ.
ރައީސް މުއިއްޒުގެ ހާރިޖީ ސިޔާސަތު ތައް ފެއިލްވެ އިންޑިއާ ގެ އުނގަށް ވެއްޓެން މަޖުބޫރުވީ އެވެ. ވެރިކަމަށް 2 އަހަރު ވީއިރު މިފަދަ އެތައް މިސާލެއް ފެނިއްޖެ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެ ސަރުކާރުގައި އިންޑިއާ ގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީ ގެ ދަށުން ތަރައްގީ ކުރި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާނެ އިންޑިއާ ކުންފުންޏެއް ހޯދަން ރައީސް މުއިއްޒުގެ ސަރުކާރުން އެދުމަކީ މިކަންކަމަށް އިތުރުވި އަނެއް ބޮޅެވެ.
އިންޑިއާ ގެ ބައެއް މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މިދިޔަ ހަފްތާގެ ކުރީކޮޅު، ސިވިލް އޭވިއޭޝަން މިނިސްޓްރީން އޭ.އޭ.އައި.އަށް ފޮނުވި ސިޓީއެއް ގައި ބަޔާންކޮށްފައި ވަނީ މި ހުށަހެޅުން ހުށަހަޅާފައިވަނީ، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސް މުޢިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ މަންދޫބެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވި ސިވިލް އޭވިއޭޝަން މިނިސްޓަރ ކޭ. ރާމް މޯހަން ނައިޑޫ އަށް ކަމަށެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގުމަށް އިންޑިއާގެ ކުންފުންޏެއް ހޯދުމަށް ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރުގައި އެދިފައި މިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމަށް އިންޑިއާގެ އިންފްރާސްޓްރަކްޗަރ ކުންފުނި، ޖީ.އެމް.އާރ.އާ އެކު ވެފައިވާ އެއްބަސްވުން ކުއްލިގޮތަކަށް އުވާލައި، ކުންފުނީގެ މުވައްޒަފުން ރާއްޖެ އިން ބޭރުކޮށްލިތާ ދިހަ އަހަރަށްވުރެ ގިނަ ދުވަސް ފަހުންނެވެ.
އިންޑިއާ ގެ ނޫސް ތަކުގައި ދިވެހި ސަރުކާރުން އެދިގެން މިފަދަ ކަމެއް ކުރާކަމަށް ރިޕޯޓް ކުރުމާއި ގުޅިގެން އެކަން ދޮގުކޮށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ.
ހަނިމާދޫ އެއާޕޯޓަކީ 1986 ވަނަ އަހަރުން ފެށިގެން ހިނގަމުންދާ އެއާޕޯޓެކެވެ. މި އެއާޕޯޓް ތަރައްޤީކޮށް ފުޅާކުރުމަށް އިންޑިއާ އިން ވަނީ އެގްޒިމް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ދީފަ އެވެ. ތަރައްޤީކުރުމުގެ މަސައްކަތްތައް އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޖޭ.އެމް.ސީ. ޕްރޮޖެކްޓްސްއާ ހަވާލުކުރެވުނީ 136.6 މިލިއަން ޑޮލަރުގެ އަގަކަށެވެ. މި މަސައްކަތުގެ ތެރޭގައި 2,465 މީޓަރުގެ ރަންވޭއެއް ހެދުން ހިމެނެ އެވެ. މި ރަންވޭއަށް އެއާ ބަސް އޭ320 މަރުކާގެ ބޯޓުތައް ޖެއްސޭނެ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. އަދި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދިނުމުގެ ގާބިލްކަން ލިބިފައިވާ އާ ޕެސެންޖަރ ޓަރމިނަލް އިމާރާތެއް ވެސް ވަނީ ހަދާފަ އެވެ.
ހަނިމާދޫ އެއަރޕޯޓް ގެ މަސައްކަތް ކުރިޔަށް ދިޔަ އިރު މިހާރުގެ ރައީސް މުއިއްޒު އިސްކޮށް ހުންނަވައިގެން ވަނީ، އެ މަޝްރޫއު އާ ގުޅުވައިގެން އިންޑިއާ އަށް އަދި އެ މަސައްކަތް ކުރަން ރާއްޖެ އައިސް އުޅުނު އިންޑިއާ ރައްޔިތުންނަށް ވެސް އެތައް ފުރައްސާރަ އެއް ކޮށްފައެވެ. ނަމަވެސް ވެރިކަން ބަދަލުވެ ހަނިމާދޫ އެއާޕޯރޓް ގެ މަސައްކަތް ނިމުމުން ރައީސް މުއިއްޒަށް އެއަށްވުރެ ފުރިހަމަ އެއަރޕޯޓެއް ނުފެންނަ ކަހަލަ އެވެ. އެއަރޕޯޓް ހުޅުވީ ވެސް އޭރު އައުޓް ކުރަން އުޅުނު އިންޑިއާ ބޮޑު ވަޒީރުގެ ހާއްސަ މަންދޫބަކާ އެކު އެވެ. އެންމެ ފަހުން އެއާޕޯޓް ހިންގާނެ ފަދަވެސް ނެތިގެން، އެކަން ކުރަންވެސް އެ ވެއްޓުނީ އެއްކަލަ ރާއްޖޭގެ މިނިވަންކަމާ އިސްތިގްލާލު ނަގާލަން އުޅޭކަމަށް ރައީސް މުއިއްޒު ވިދާޅުވި އިންޑިއާ ގެ އުނގަށެވެ. ކުރާނެ ކަމެއް ނެތެވެ. އިންސާނެއްގެ މުނާފިގުކަން އަތުފަތުނުޖެހޭ ހިސާބަށް ދިޔުމުން މިކަހަލަ ކިތަންމެ ކަމެއް ވެސް ފެންނާނެ އެވެ.