ގައުމުތަކުގެ ވެރިން ހިފާ ހައްޔަރު ކުރުމަކީ އެމެރިކާ އިން ކުރި އައު ކަމެއް ނޫން، ލިސްޓަށް އެންމެ ފަހުން މި އިތުރުވީ ވެނެޒުއޭލާގެ މަދޫރޯ
ވެނެޒުއޭލާގެ ރައީސް މާދޫރޯ އެމެރިކާގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވުމާއެކު މިއީ 1989 ގައި ޕެނަމާގެ ލީޑަރު ނޮރިއޭގާ އާއި 2003 ގައި އިރާގުގެ ސައްދާމް ހުސައިން އެމެރިކާގެ ބާރުގެ ދަށަށް ގެނައި ހާދިސާތައް ހަނދާންކޮށްދޭ ކަމެއް.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސް އިން 02 ޖުލައި 2004 ގައި އާންމުކުރި ފޮޓޯއަކުން ފެންނަނީ އިރާގުގެ ކުރީގެ ރައީސް ސައްދާމް ޙުސައިން ބިޑި އަޅުވައިގެން ބަޣްދާދުގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރާ ތަން
ވެނެޒުއޭލާ އަށް ކުއްލި ގޮތަކަށް އަރައިގަނެ، އެ ގައުމުގެ ރައީސް ނިކޮލަސް މާދޫރޯ އާއި އޭނާގެ އަނބިކަނބަލުން އެމެރިކާގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާއެކު މުޅި ދުނިޔެއަށް ވަނީ ބޮޑު ހައިރާންކަމެއް ލިބިފައެވެ.
ވެނެޒުއޭލާގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް ވިދާޅުވި ގޮތުގައި، ރައީސް މާދޫރޯ އާއި އޭނާގެ އަނބިކަނބަލުން ސީލިއާ ފްލޯރެސް މިހާރު ތިއްބެވި ތަނެއް ސަރުކާރަށް އެނގިފައެއް ނުވެއެވެ.
ހޮނިހިރު ދުވަހު އެ ގައުމުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް ފޮނުވި އޯޑިއޯ މެސެޖެއްގައި ރޮޑްރިގޭޒް ވިދާޅުވީ، މާދޫރޯ އާއި ފްލޯރެސް ދޫނިޔޭގައި ތިއްބެވިކަމުގެ ހެކި ދެއްކުމަށް ސަރުކާރުން އެދެމުންދާ ކަމަށެވެ.
މި ހާދިސާ ހިނގާފައި މިވަނީ، މަސްތުވާތަކެތި އުފުލާ ބޯޓުތަކެއް ކަމަށް ބުނެ ކެރީބިއަން ކަނޑާއި އިރުމަތީ ޕެސިފިކް ކަނޑުގައި ހަރަކާތްތެރިވާ އުޅަނދުތަކަކަށް އެމެރިކާގެ ސިފައިން މަރުގެ ހަމަލާތަކެއް ދީ، ވެނެޒުއޭލާގެ މަސްތުވާތަކެތި އުފުލާ ބޯޓުތައް ކަމަށް ބުނާ އުޅަނދުތައް ބަނދަރުކުރާ ސަރަހައްދަކަށް ހަމަލާދީފައިވާ ދަނޑިވަޅެއްގައެވެ.
މާދޫރޯ ހައްޔަރުކުރި ކަމަށް ބުނާ ބުނުމަކީ، މީގެ ކުރިން ޕެނަމާގެ އަސްކަރީ ލީޑަރު މެނުއަލް ނޮރިއެގާ އާއި އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިން އެމެރިކާގެ ބާރުގެ ދަށަށް ގެނައި ހާދިސާތައް ހަނދާންކޮށްދޭ ކަމެކެވެ.
މެނުއަލް ނޮރިއޭގާ
ލެޓިން އެމެރިކާގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާ އިން ވަދެ، 1989 ވަނަ އަހަރު އެމެރިކާ އިން ވަނީ ޕެނަމާ އަށް އަރައި އެ ގައުމުގެ އަސްކަރީ ލީޑަރު މެނުއަލް ނޮރިއޭގާ މަގާމުން ދުރުކޮށްފައެވެ. އެމެރިކާ އިން އޭރު ބުނެފައި ވަނީ މިއީ ޕެނަމާގައި ތިބި އެމެރިކާގެ ރައްޔިތުން ރައްކާތެރި ކުރުމަށާއި، ޑިމޮކްރަސީ އާ ޚިލާފު ކަންކަމާއި ކޮރަޕްޝަނާއި މަސްތުވާތަކެތީގެ ވަގު ވިޔަފާރި ހުއްޓުވުމަށް ކުރި ކަމެއް ކަމަށެވެ.
ޕެނަމާ އަށް ހަމަލާދިނުމުގެ ކުރިން، 1988 ވަނަ އަހަރު މަސްތުވާތަކެތީގެ ވަގު ވިޔަފާރީގެ ތުހުމަތުގައި މިއާމީ ގައި ނޮރިއޭގާ ގެ މައްޗަށް ދައުވާ އުފުލިއެވެ. މިއީ މިހާރު މާދޫރޯއާ މެދު ވެސް އެމެރިކާ އިން އަމަލުކުރަމުންދާ ގޮތެވެ.
މި އޮޕަރޭޝަން ހިންގުމުގެ ކުރިން، 1985 ވަނަ އަހަރު ނޮރިއެގާ ވަނީ ނިކޮލަސް އާޑިޓޯ ބާލެޓާ އިސްތިއުފާ ދިނުމަށް މަޖުބޫރު ކުރުވައި، 1989 ގެ އިންތިޚާބު ބާތިލުކޮށް، އެ ގައުމުގައި އެމެރިކާ އާ ދެކޮޅު ރޫހެއް އުފައްދާފައެވެ.
ޕެނަމާ އަށް އެމެރިކާ އިން އެރި އެރުމަކީ ވިއެޓްނާމް ހަނގުރާމަ އަށް ފަހު އެމެރިކާ އިން ހިންގި އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަނެވެ. އެމެރިކާ ސަރުކާރުން މިކަމަށް ތަފާތު ބަހަނާތައް ދެއްކިއެވެ. އޭގެ ތެރޭގައި ނޮރިއޭގާ އެމެރިކާ އަށް ގެންގޮސް މަސްތުވާތަކެތީގެ ދައުވާތަކަށް ކުރިމަތިކުރުވުމަކީ ޕެނަމާގެ ރައްޔިތުންގެ ހާލަތު ރަނގަޅުކުރުމަށް ކުރި ކަމެއް ކަމަށް ބުންޏެވެ.
ނަމަވެސް، ސަރަހައްދީ ގޮތުން އެމެރިކާ ބޭނުންވާ ކަންކަމަށް ނޮރިއޭގާ އެއްބާރުލުން ނުދޭން ފެށުމުން، އޭނާ އަކީ އެމެރިކާ އަށް ބޭނުން ނެތް މީހެއް ކަމުގައި ވޮޝިންގޓަނުން ކަނޑައެޅިއެވެ.
އޭނާ އެމެރިކާ އަށް ގެންގޮސް މިއާމީ ގައި ޝަރީއަތް ހިންގުމަށްފަހު، 2010 ވަނަ އަހަރާ ހަމައަށް އެމެރިކާ ގައި ޖަލަށްލާފައި ބެހެއްޓިއެވެ. އޭގެ ފަހުން ފަރަންސޭސިވިލާތުގައި އިތުރު ޝަރީއަތަކާ ކުރިމަތިލުމަށް އެ ގައުމާ ހަވާލުކުރިއެވެ. އަދި އޭގެ އަހަރެއް ފަހުން ފަރަންސޭސިވިލާތުން އޭނާ އަނބުރާ ޕެނަމާ އަށް ފޮނުވާލިއެވެ.
ނޮރިއޭގާ މަރުވީ 2017 ވަނަ އަހަރު ޕެނަމާގެ ޖަލެއްގައި އޭނާ ކުރި ކުށްތަކުގެ އަދަބު ތަންފީޒު ކުރަމުން ދަނިކޮށެވެ.
ސައްދާމް ހުސައިން
އިރާގުގެ ރައީސް ސައްދާމް ހުސައިން އެމެރިކާގެ ސިފައިން ހައްޔަރުކުރީ 2003 ވަނަ އަހަރުގެ ޑިސެމްބަރު 13 ގައެވެ. އެއީ ބަޣުދާދު ގައި ނިއުކްލިއަރ އަދި ކެމިކަލް ހަތިޔާރު ހުރި ކަމަށް ބުނެ އެމެރިކާ އިސްވެ އިރާގަށް އަރައިގަތްތާ ނުވަ މަސް ފަހުންނެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އެއީ ދޮގު މައުލޫމާތެވެ.
ނޮރިއެގާ ފަދައިން، ސައްދާމަކީ ވެސް އެތައް އަހަރެއް ވަންދެން އެމެރިކާގެ ގާތް ބައިވެރިއެކެވެ. ޚާއްސަކޮށް 1980 ގެ އަހަރުތަކުގައި އެއް މިލިއަން މީހުން މަރުވި އިރާގު-އީރާން ހަނގުރާމައިގެ ދުވަސްވަރު އޭނާ އަކީ އެމެރިކާގެ ބައިވެރިއެކެވެ.
2003 ވަނަ އަހަރުގެ ހަނގުރާމައިގެ ކުރިން، އެއްވެސް ހެއްކެއް ނެތި އެމެރިކާ އިން ބުނަމުން ދިޔައީ ސައްދާމަކީ އަލްގައިދާ ފަދަ ހަތިޔާރު އެޅި ޖަމާއަތްތަކަށް ވާގިވެރިވާ މީހެއް ކަމަށެވެ.
ނަމަވެސް، އިރާގުން އެއްވެސް ކަހަލަ ނުރައްކާތެރި ހަތިޔާރެއް ފެނިފައެއް ނުވެއެވެ. ސައްދާމް ފެނުނީ އޭނާގެ އުފަން ރަށް ތިކްރީތް ކައިރީގައި ހުރި ވަޅެއްގެ ތެރޭގައި ފިލާ އޮއްވައެވެ.
އޭނާގެ މައްޗަށް އިރާގުގެ ކޯޓެއްގައި ޝަރީއަތް ހިންގައި، އިންސާނިއްޔަތާ ޚިލާފު ކުށްތަކެއް ސާބިތުވާ ކަމަށް ނިންމައި، 2006 ވަނަ އަހަރުގެ ޑިސެމްބަރު 30 ގައި ދަންޖައްސައި މަރުގެ އަދަބު ދިނެވެ.
ހުއާން އޯލާންޑޯ ހާނެންޑޭޒް
ހޮންޑިއުރަސްގެ ކުރީގެ ރައީސް ހާނެންޑޭޒް މައްސަލަ އަކީ އެމެރިކާގެ ދެފުށް ދެގޮތް ސިޔާސަތު ދައްކުވައިދޭ ކަމެއް ކަމަށް ބައެއް ތަޖުރިބާކާރުން ބުނެ އެވެ.
ހާނެންޑޭޒް ހައްޔަރު ކުރީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު، އޭނާ ރައީސްކަމުގެ މަގާމުން ވަކިވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، އެމެރިކާގެ އޭޖެންޓުންނާއި ހޮންޑިއުރަސްގެ ފައުޖުތަކުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.
2022 ވަނަ އަހަރުގެ އޭޕްރީލް މަހު، ކޮރަޕްޝަނާއި މަސްތުވާތަކެތީގެ ވަގުވިޔަފާރީގެ ތުހުމަތުގައި އޭނާ އެމެރިކާ އާ ހަވާލުކުރި އެވެ. އަދި އެ އަހަރުގެ ޖޫން މަހު އޭނާގެ މައްޗަށް 45 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ.
ނަމަވެސް، 2025 ވަނަ އަހަރުގެ ޑިސެމްބަރު 1 ގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހާނެންޑޭޒް އަށް މައާފު ދެއްވާފައެވެ.
އޭނާ އެމެރިކާގެ ޖަލުން މިނިވަންވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، ހޮންޑިއުރަސްގެ ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ އޭނާ ހައްޔަރުކުރުމަށް ބައިނަލްއަގުވާމީ އަމުރެއް ނެރެފައެވެ. މިއާއެކު އެ ގައުމުގެ ގާނޫނީ އަދި ސިޔާސީ މަސްރަހު ވަނީ އިތުރަށް ގޯސްވެފައެވެ.







