ޓްރަމްޕްގެ ޤާނޫނާ ޚިލާފު ބިރު ދެއްކުން ކުށްވެރިކޮށް، އީރާން އިން އދ އަށް ސިޓީ ފޮނުވައިފި
އެ ސިޓީގައި ބުނެފައި ވަނީ އީރާންގެ ސަރުކާރުން އެ ޤައުމުގެ ސިޔާދަތު ދިފާއު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް. އަދި ނިންމުންތެރި އަދި އެކަށީގެންވާ ގޮތެއްގައި ހައްގުތައް ބޭނުން ކުރާނެ ކަމަށް ވެސް ސިޓީގައި ބަޔާން ކޮށްފައިވޭ. އިރަވާނީ އިތުރަށް ވިދާޅުވީ، ޤާނޫނާ ޚިލާފު ބިރު ދެއްކުން ތަކުގެ ސަބަބުން ނިކުންނަ ކޮންމެ ނަތީޖާއެއްގެ ޒިންމާ އެމެރިކާ އިން ނަގަން ޖެހޭނެ ކަމަށް.


އީރާން އިން އދ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަމީރު ސައީދު އިރަވާނީ
އީރާންގައި ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ޤާނޫނާ ޚިލާފު ބިރު ދެއްކުންތައް ކުށްވެރިކޮށް، އީރާން އިން އދ އަށް ސިޓީ ފޮނުވައިފި އެވެ.
އީރާން އިން އދ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާމިރު ސައީދު އިރަވާނީ ވަނީ އދ ގެ ސެކްރެޓަރީ ޖެނަރަލް އާއި، ސަލާމަތީ މަޖިލީހުގެ ރައީސް އަށް ސިޓީ ފޮނުއްވައިފަ އެވެ. އެ ސިޓީ ފޮނުވާފައި ވަނީ ހުކުރު ދުވަހު އެވެ.
އެ ސިޓީ އަކީ، އީރާންގައި ދިރިއުޅުމުގެ ޚަރަދު ބޮޑުވުމާ ގުޅިގެން ކުރިއަށްދާ މުޒާހަރާ ތަކުގައި އިތުރު ބަޔަކު މަރުވެއްޖެ ނަމަ، އެމެރިކާ އިން ތައްޔާރަށް ތިބި ކަމަށް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށް ފޮނުވާފައިވާ ސިޓީ އެކެވެ. އީރާންގެ ރައްޔިތުން އަންނަނީ އެ ޤައުމުގައި މުޒާހަރާތައް ކުރިއަށް ގެންދަމުންނެވެ.
އދ ގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓަރޭސް އަދި ސަލާމަތީ މަޖިލީހުގެ މެމްބަރުންގެ ކިބައިން އިރަވާނީ އެދިވަޑައިގެންފައި ވަނީ، ޓްރަމްޕްގެ ބޭއިންސާފު ކަމާއި، ބިރު ދެއްކުމުގެ ވާހަކަތައް ސާފުކޮށް އަދި ހަރުކަށިކޮށް ކުށްވެރި ކުރުުމަށެވެ. އަދި އެ ބަސްތަކަކީ އދ ގެ ޗާޓަރާއި، ބައިނަލްއަޤުބާމީ ޤާނޫނުގައި ސީރިއަސް މައްސަލަ ތަކެއްގެ ގޮތުގައި ފާހަގަ ކޮށްފައިވާ ކަންކަން ކަމަށް ސިޓީގައި ވަނީ ފާހަގަ ކޮށްފަ އެވެ.
އީރާންގެ ދައުލަތުގެ ނޫސް އެޖެންސީ އިން ވަނީ އެ ސިޓީ އާންމު ކޮށްފަ އެވެ. އެ ސިޓީގައި އިރަވާނީ ވިދާޅުވީ، ދާޚިލީ ހަމަ ނުޖެހުން ތަކަށް ހިތްވަރު ދިނުމަށް، ނުވަތަ އެކަން ކުރުމަކީ ޤާނޫނީ ގޮތުން ހުއްދަ ކުރާ ކަމަށް ހެދުމަށް ކުރާ ކޮންމެ މަސައްކަތަކީ ބޭރުގެ ޕްރެޝަރު އަދި ސިފައިން ވަދެ ހަމަލާ ދިނުމަށް ހުށަހަޅާ ސަބަބަކަށް ހަދައިގެން ކުރާ ކަމެއް ނަމަ، އެއީ ކުށެއް ކަމަށެވެ. އެގޮތުން އެއީ އީރާންގެ އިސްލާމީ ޖުމްހޫރިއްޔާގެ ސިޔާދަތަށާއި، ސިޔާސީ މިނިވަންކަން އަދި ސަރަހައްދީ ހަމަ ނުޖެހުމަށް ދެވޭ ޚީލާފު ހިތްވަރެއް ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން އެ ސިޓީގައި ބުނެފައި ވަނީ އީރާންގެ ސަރުކާރުން އެ ޤައުމުގެ ސިޔާދަތު ދިފާއު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ނިންމުންތެރި އަދި އެކަށީގެންވާ ގޮތެއްގައި ހައްގުތައް ބޭނުން ކުރާނެ ކަމަށް ވެސް ސިޓީގައި ބަޔާން ކޮށްފައިވެ އެވެ. އިރަވާނީ އިތުރަށް ވިދާޅުވީ، ޤާނޫނާ ޚިލާފު ބިރު ދެއްކުން ތަކުގެ ސަބަބުން ނިކުންނަ ކޮންމެ ނަތީޖާއެއްގެ ޒިންމާ އެމެރިކާ އިން ނަގަން ޖެހޭނެ ކަމަށެވެ.
އީރާންގެ ވެރި ރަށް ތެހެރާން އިން ފެށުނު މުޒާހަރާ ވަނީ، އެ ޤައުމުގެ އެތައް ސަރަހައްދަކަށް ފުޅާ ވެގެން ގޮސްފަ އެވެ. މިއީ ދިރިއުޅުމުގެ އަގުތައް ބޮޑުވުމާއި، ފައިސާގެ އަގު ވެއްޓުން އަދި ޤައުމުގެ އިޤްތިޞާދީ މައްސަލަތަކާ ގުޅިގެން ރައްޔިތުން ކުރަން ފެށި މުޒާހަރާ ތަކެވެ.
އެ މުޒާހަރާ ތަކުގެ ތެރެއިން ހިނގި ހަމަ ނުޖެހުންތަކުގައި މިހާތަނަށް ނުވަ މީހަކު މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. އޭގެ އިތުރުން، 44 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ވަނީ ރިޕޯޓު ކޮށްފަ އެވެ. ގޮމް ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރުނަރު ހުކުރު ދުވަހު ވިދާޅުވެފައި ވަނީ، އަތު ބޮމެއް ގޮއްވާލުމުގެ ސަބަބުން ހުކުރު ދުވަހު އެކަކު މަރުވެފައިވާ ކަަމަށެވެ. އަދި އެއީ ހަމަ ނުޖެހުމަށް ހިތްވަރު ދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް އޭނާ ވަނީ ސިފަ ކުރައްވައިފަ އެވެ.
އެ މުޒާހަރާތަކާ ގުޅިގެން ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އީރާން އިން ސުލްހަވެރި މުޒާހަރާ ކުރާ މީހުން ހައްޔަރުކޮށް، މީހުން މަރާ ނަމަ، އެއީ އެ މީހުންނަށް އެމެރިކާ އިން އެހީތެރި ވެދޭނެ ކަމަށެވެ. ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރޫ އަލީ ލަރިޖާނީ ވިދާޅުވީ، އެމެރިކާގެ މެދުވެރި ކަމަކީ ސަރަހައްދުގެ ހުރިހާ ދިމާލެއްގައި ހަމަ ނުޖެހުން އުފެދި، އެމެރިކާގެ މަންފާތައް ހަލާކުވުމާ އެއްވަރުގެ ކަމެއް ކަމަށެވެ.
އީރާންގެ އިޤްތީޞާދީ މައްސަލަ ތަކުގެ ތެރޭގައި ފައިސާގެ އަގު ވެއްޓުމާއި، އިންފްލޭޝަން މައްޗަށް ދިޔުން ފަދަ ކަންކަން ހިމެނެ އެވެ. މިއީ 10 މިލިއަން އާބާދީ އޮންނަ އީރާންގައި ދިގު މުއްދަތަކަށް ހޫނު މޫސުން ކުރިމަތި ވުމަށް ފަހު، އެ ޤައުމުން އުފުލަން ޖެހިފައިވާ ބުރައެއް ކަމަށް މާހިރުން ވަނީ ފާހަގަ ކޮށްފަ އެވެ.
އެކަމާ ގުޅޭ ގޮތުން އީރާންގެ ރައީސް މައްސޫދު ޕެޒެޝްކިއާން ވިދާޅުވެފައި ވަނީ، އެއީ ސަރުކާރުން އަންދާޒާ ކޮށްފައިވާ ޙާލަތެއް ނޫން ކަމަށެވެ. އަދި އެއީ ސަރުކާރަށް ވެސް މައްސަލަ އަކަށް ވެފައިވާ ކަމެއް ކަމަށާއި، އެކަމަށް ހައްލު ހޯދުމަށް ވައުދުވެ ވަޑައިގަންނަވާ ކަމަށް ޕެެޒެޝްކިއާން ވިދާޅުވި އެވެ.
ޓްރަމްޕް އީރާން އިން އިންޒާރު ދެއްވާފައިވާއިރު، މިދިޔަ އަހަރުގެ ތެރޭގައި އެމެރިކާ އިން ވަނީ އީރާންގެ ނިއުކްލިއާ މަރުކަޒު ތަކަށް އަމާޒުކޮށް ހަމަލާ ވެސް ދީފަ އެވެ. އެއީ ވަރަށް ކާމިޔާބު އޮޕަރޭޝަނެއްގެ ގޮތުގައި އޭރު ޓްރަމްޕް ސިފަ ކުރައްވާފައިވާއިރު، މިފަހުން ޓްރަމްޕް ވަނީ އީރާން އިން ނިއުކްލިއާ ޕްރޮގްރާމް ހިންގާ ނަމަ އަދި ވެސް ހަމަލާ ދޭނެ ކަމަށް ވިދާޅުވެފަ އެވެ.
މަސްދަރު: އަލް ޖަޒީރާ







