އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވަނީ ޑޮކްޓަރު ބުނާ ވަރަށް ވުރެ އިތުރަށް އެސްޕްރިން ބޭނުން ކުރައްވާ ކަމަށާއި، ފޫހި ކަމަކަށް ވާތީ ކަސްރަތު ނުކުރައްވާ ކަމަށް!
ރައީސް ޓްރަމްޕް ވޯލް ސްޓްރީޓް ޖާނަލް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމަނިކުފާނުގެ ސިއްޙަތު ފުރިހަމަ ނަމަވެސް ޑޮކްޓަރުންގެ އިރުޝާދަށްވުރެ މަތީ މިންވަރަކަށް އެސްޕިރިން ބޭނުންކުރައްވާ ކަމަށާއި ކަސްރަތު ފޫހިކަމަކަށްވާތީ ނުކުރައްވާ ކަމަށް. ނިދިކުރެއްވޭ ކަމަށާއި އަޑުއެހުމުގެ މައްސަލަތައް ހުރި ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ދޮގުކުރައްވައި އަތުގެ ހަންގަނޑު ނޫފައިގަނެފައި ހުންނަތަން ފޮރުވުމަށް މޭކަޕް ބޭނުންކުރައްވާ ކަމަށް އެއްބަސްވެވަޑައިގެންނެވި.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިއްޙީ ހާލަތާ ގުޅޭގޮތުން "ވޯލް ސްޓްރީޓް ޖާނަލް" އަށް ދެއްވި އިންޓަވިއުއެއްގައި، އެމަނިކުފާނުގެ ސިއްހަތު "ފުރިހަމަ" ކަމަށް ވިދާޅުވެއްޖެއެވެ. ނަމަވެސް، ޑޮކްޓަރުން އިރުޝާދުދޭ މިންވަރަށްވުރެ އިތުރަށް އެސްޕިރިން ބޭނުންކުރައްވާ ކަމަށާއި، ކަސްރަތު ކުރުމަކީ ފޫހިކަމަކަށްވާތީ ގަވާއިދުން ކަސްރަތު ނުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
މިދިޔަ އޮކްޓޯބަރު މަހު ހެއްދެވި ސިއްޙީ ޓެސްޓުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، އެއީ އެމް.އާރް.އައި އެއް ކަމަށް ކުރިން ނޫސްވެރިން ގާތު ވިދާޅުވެވުނީ އޮޅުމަކުން ކަމަށާއި، ހަގީގަތުގައި ހެއްދެވީ ސީ.ޓީ ސްކޭނެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އުމުރުފުޅުން 79 އަހަރުގެ ޓްރަމްޕަކީ އެމެރިކާގެ ތާރީޚުގައި މަގާމާ ހަވާލުވެވަޑައިގެންނެވި އެންމެ ދުވަސްވީ ރައީސް ކަމަށްވާއިރު، އެމަނިކުފާނުގެ ސިއްހަތާ ގުޅޭގޮތުން އާންމުންގެ މެދުގައި ވަނީ ސުވާލުތައް އުފެދިފައެވެ. ނަމަވެސް، އަޑުއެއްސެވުމުގައި ދަތިތަކެއް ހުންނަ ކަމަށާއި ވައިޓް ހައުސްގެ ބައްދަލުވުންތަކުގައި ނިދިކުރެއްވޭ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ދޮގުކުރެއްވިއެވެ.
އެމަނިކުފާނުގެ ސިއްޙީ ހާލަތާ ގުޅޭގޮތުން އާންމުން ބަހުސްކުރާތީ އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާކަން ހާމަކުރައްވަމުން، "25 ވަނަ ފަހަރަށް ސިއްޙީ ހާލަތާ ބެހޭގޮތުން ވާހަކަ ދައްކަމާ ހިނގާ" ކަމަށް ވިދާޅުވެ ޓްރަމްޕް ޖޯކު ޖެއްސެވިއެވެ.
ވޭތުވެދިޔަ 25 އަހަރު ދުވަހު ވެސް ޑޮކްޓަރުންގެ އިރުޝާދަށްވުރެ މަތީ މިންވަރަކަށް އެސްޕިރިން ބޭނުންކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އޭގެ ސަބަބުން ހަންގަނޑު ނޫފައިގަތުން ފަދަ ކަންކަން ދިމާވި ނަމަވެސް، ލޭ ދިޔާ ކޮށް ބެހެއްޓުމަށްޓަކައި ދުވާލަކު 325 މިލިގްރާމްގެ އެސްޕިރިން ބޭނުންކުރައްވާ ކަމަށް ވިދާޅުވިއެވެ. މިއީ ޑޮކްޓަރުން އާންމުކޮށް އިރުޝާދުދޭ 81 މިލިގްރާމަށްވުރެ މަތީ މިންވަރެކެވެ. މިކަމާ ގުޅޭގޮތުން ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަންދެން އަމަލުކުރަމުން އައި ގޮތް ބަދަލުކުރަން ބޭނުންފުޅު ނުވަނީ ކުޑަކޮށް "ކަންތައްތަކާ މެދު ޖެހިލުންވާތީ" ކަމަށެވެ.
މެޔޯ ކްލިނިކްގެ އިރުޝާދުތަކުގައިވާ ގޮތުން، އުމުރުން ދުވަސްވުމުން ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވާތީ ލޭ ދިޔާ ކުރުމަށް އެސްޕިރިން ބޭނުންކުރުން އެހީތެރިވެދެއެވެ. ނަމަވެސް، އުމުރުން ދުވަސްވުމުން އެސްޕިރިންގެ ސަބަބުން ހަށިގަނޑުގެ އެތެރެއަށް ލޭ ފޭބުމުގެ ނުރައްކާ ވެސް ބޮޑުވެއެވެ.
ޓްރަމްޕްގެ ޑޮކްޓަރު، ނޭވީ ކެޕްޓަން ޝޯން ބާބަބެލާ ވިދާޅުވީ، ހިތުގެ އެއްވެސް މައްސަލައެއް ހުރިތޯ ބެލުމަށް ހެދި ސީ.ޓީ ސްކޭނުން އެއްވެސް މައްސަލަ އެއް ފެނިފައިނުވާ ކަމަށެވެ. މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ "ކްރޯނިކް ވީނަސް އިންސަފިޝަންސީ" (ލޭހޮޅިތަކުގެ މައްސަލައެއް) ހުރުމުން، ފައި ދުޅަވުން ކުޑަކުރުމަށްޓަކައި ޚާއްޞަ އިސްޓާކީނެއް ބޭނުންކުރުމަށް އިރުޝާދު ދެވުނު ނަމަވެސް، ޓްރަމްޕް ވަނީ އެކަމަށް އިންކާރު ކުރައްވާފައެވެ. އޭގެ ބަދަލުގައި މިހާރު ގޮނޑިން ތެދުވެވަޑައިގެން އުޅުއްވާ މިންވަރު އިތުރުކުރެއްވުމުން ފައިގެ ދުޅަވުމަށް ލުޔެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކަސްރަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ގޮލްފް ކުޅުން ފިޔަވައި އެހެން ކަސްރަތެއް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ. "ޓްރެޑްމިލްމަތީގައި ގަޑިއިރުތަކެއް ވަންދެން ހިނގުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން، އެއީ ވަރަށް ފޫހި ކަމެއް،" ޓްރަމްޕް ވިދާޅުވިއެވެ.
އާންމު ބައްދަލުވުންތަކުގައި ނިދި ޖެހޭ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ވިދާޅުވީ، ބައެއް ފަހަރު ލޯ މަރާލައްވަނީ ހިތްހަމަޖައްސާލުމަށް ކަމަށެވެ. އަދި އަތުގެ ހަންގަނޑު ނޫފައިގަނެފައި ހުންނަތަން ފޮޓޯތަކުން ފެންނާތީ، އެކަން ފޮރުވުމަށްޓަކައި މޭކަޕް ބޭނުންކުރައްވާ ކަމަށް ވެސް އެމަނިކުފާނު އެއްބަސްވެވަޑައިގަތެވެ.
ޓްރަމްޕްގެ ޕާސަނަލް ޑޮކްޓަރު ހާމަކުރެއްވި ގޮތުގައި، ޓްރަމްޕްގެ ސިއްޙީ ހާލަތު ވަރަށް ރަނގަޅެވެ. އަދި ގައުމުގެ އެންމެ މަތީވެރިޔާގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް އެމަނިކުފާނަކީ ފުރިހަމަ ސިއްޙަތެއްގައި ހުންނެވި ބޭފުޅެކެވެ.
ޓްރަމްޕްގެ ސިއްޙީ ހާލަތާ ބެހޭގޮތުން މި ވާހަކަތައް ތިލަވެފައި މިވަނީ، ކުރީގެ ރައީސް ޖޯ ބައިޑަންގެ އުމުރާއި ސިއްޙީ ހާލަތާ މެދު ސުވާލު އުފެދި، 2024 ގެ ރިޔާސީ އިންތިޚާބުން އެމަނިކުފާނު ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.







