Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޓްރަމްޕް އާއި ނަތަންޔާހޫ ފްލޮރިޑާގައި ބައްދަލު ކުރައްވަނީ

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ވަނީ، ހޯމަ ދުވަހު އެ ބައްދަލުވުން އޮންނާނެކަން ކަށަވަރު ކޮށްދީފައި. އެގޮތުން އެ ބައްދަލުވުން އޮންނާނީ ހޯމަ ދުވަހުގެ މެންދުރު ފަހު، އެމެރިކާގެ ގަޑިން އެކެއް ޖަހާއިރު ކަމަށް ވެސް ވަނީ ހާމަ ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޑިސެމްބަރު 2025 | ހޯމަ 07:25
އެމެރިކާގެ ރައީސް ޓްރަމްޕް، އަދި އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫ

އެމެރިކާގެ ރައީސް ޓްރަމްޕް، އަދި އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބައްދަލު ކުރައްވާ ގޮތަށް ހަމަ ޖެހިއްޖެ އެވެ.

ހޯމަ ދުވަހު ޓްރަމްޕް އާއި ނަތަންޔާހޫ ބައްދަލު ކުރައްވާނީ އެމެރިކާގެ ފްލޮރިޑާގަ އެވެ. މިވަގުތު ޓްރަމްޕް ފްލޮރިޑާގައި ހުންނެވިއިރު، ޣައްޒާ ހަނގުރާމައާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވާނެ ކަމަށް ވަނީ ބުނެފަ އެވެ. 

ފްލޮރިޑާގެ ޕާމް ބީޗުގައި އޮންނަ ޓްރަމްޕް ލަގްޒަރީ ރިސޯޓި، މާ އަ ލާގޯގައި ޓްރަމްޕް އާއި ނަތަންޔާހޫ ބައްދަލު ކުރައްވާއިރު، އެމެރިކާގެ އިސްނެގުމުގެ ދަށުން އެކުލަވާލާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެ ވަނަ މަރުޙަލާ ނުފެށި ވަނީ ލަސްވެފަ އެވެ. އެއާ އެކު، މި ބައްދަލުވުމުގައި ދެ ވަނަ މަރުޙަލާ ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވިފައިވެ އެވެ. 

މިއީ ނަތަންޔާހޫގެ އެދުމުގެ މަތިން ޓްރަމްޕް ބާއްވަވާ ބައްދަލުވުމެވެ. މީގެ ކުރިން ވެސް ޓްރަމްޕް އާއި ނަތަންޔާހޫ އެކި ފަހަރު މަތިން ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައިވާއިރު، މި ދެ ބޭފުޅުންނަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ބޭފުޅުންނެވެ. ޚާއްސަކޮށް، މި ހިނގާ ޓްރަމްޕްގެ ރިޔާސީ ދެ ވަނަ ދައުރުގެ ތެރޭގައި އެ ގާތްކަން ވަރަށް ބޮޑަށް ފެނިގެންދެ އެވެ. 

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޓްރަމްޕް ބޭނުން ވަނީ ކުރިއަށް އޮތް ޖަނަވަރީ މަހުގެ ތެރޭގައި ބައިނަލްއަޤުވާމީ ސުލްޙަ ބެލެހެއްޓުމުގެ ބާރެއް ޣައްޒާގައި ޤާއިމު ކުރުމަށެވެ. އަދި އެކަން އިއުލާން ކުރައްވަން ޓްރަމްޕް ބޭނުންފުޅުވާއިރު، މީގެ ކުރިން ޓްރަމްޕް ވިދާޅުވެފައި ވަނީ އެ ބާރު ޤާއިމު ކުރުމަށް އެހީތެރިވުމަށް އެތައް ޤައުމަކުން އޮތީ ތައްޔާރަށެވެ. 

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ވަނީ، ހޯމަ ދުވަހު އެ ބައްދަލުވުން އޮންނާނެކަން ކަށަވަރު ކޮށްދީފަ އެވެ. އެގޮތުން އެ ބައްދަލުވުން އޮންނާނީ ހޯމަ ދުވަހުގެ މެންދުރު ފަހު، އެމެރިކާގެ ގަޑިން އެކެއް ޖަހާއިރު ކަމަށް ވެސް ވަނީ ހާމަ ކޮށްފަ އެވެ. 

އެ ބައްދަލުވުމާ ގުޅޭ ގޮތުން އިސްރާއީލް ސަރުކާރުގެ ތަރުޖަމާނު ޝޮޝް ބެޑްރޮޝަން ވިދާޅުވެފައި ވަނީ، އެ މަޝްވަރާ ތަކުގައި ޣައްޒާ ހަނގުރާމައިގެ ދެ ވަނަ ފިޔަވައްސާ ގުޅޭ ގޮތުން ދެ ލީޑަރުން ވާހަކަ ދައްކަވާނެ ކަމަށެވެ. އަދި ހަމާސް ޖަމާއަތުގެ ހަތިޔާރު ބެހެއްޓުމާއި، ޣައްޒާ ސާފު ކުރުމުގެ ވާހަކަ ދައްކަވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. ހަމާސް އިން ވަނީ، އެ ޖަމާއަތުގެ ހަތިޔާރު އެހެން އެއްވެސް ބަޔަކާ ހަވާލު ނުކުރާނެ ކަމަށް ބުނެފަ އެވެ. 

މިއީ މިއަހަރުގެ ތެރޭގައި ޓްރަމްޕް އާއި ނަތަންޔާހޫ ބައްދަލު ކުރައްވާ ހަ ވަނަ ފަހަރެވެ. މިއަހަރުގެ ފެބްރުވަރީ މަހާއި، އޭޕްރީލް، ޖުލައި، ސެޕްޓެމްބަރު އަދި އޮކްޓޫބަރު މަހުގެ ތެރޭގައި ވެސް ޓްރަމްޕް އާއި ނަތަންޔާހޫ ވަނީ ބައްދަލު ކުރައްވައިފަ އެވެ. އޭގެ ތެރެއިން އެއް ފަހަރު ޓްރަމްޕް އާއި ނަތަންޔާހޫ ބައްދަލު ކުރައްވާފައި ވަނީ އިސްރާއީލްގަ އެވެ. އެ ނޫން ހުރިހާ ބައްދަލުވުން ތަކެއް ކުރިއަށް ގެންދިޔައީ އެމެރިކާގަ އެވެ. 

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ހޯމަ ދުވަހުގެ ބައްދަލުވުމުގައި އީރާންއާ ގުޅޭ ގޮތުން ވެސް ނަތަންޔާހޫ ޓްރަމްޕްއާ މަޝްވަރާ ކުރައްވާނެ އެވެ. އެގޮތުން އީރާންގެ ނިއުކްލިއާ ޕްރޮގްރާމް އަށް އަމާޒުކޮށް އެމެރިކާ އިން އިތުރު ހަމަލާއެއް ދިނުމަކީ ނަތަންޔާހޫ ބޭނުންވާ ގޮތް ކަމަށްވާއިރު، މި ބައްދަލުވުމުގައި ނަތަންޔާހޫ އެކަމަށް ބާރު އަޅުއްވާނެ ކަމަށް ވެސް ރިޕޯޓު ކޮށްފަައިވެ އެވެ. 

މަސްދަރު: އޭއެފްޕީ

ރައީސް ޑޮނަލްޑް ޓްރަމްޕްބެންޖަމިން ނަތަންޔާހޫޣައްޒާ ހަނގުރާމައެމެރިކާ-އިޒްރާއީލްހަމާސް

އިތުރަށް ކިޔާލަން

29 ޑިސެމްބަރު 2025

ޓްރަމްޕް ވިދާޅުވީ ޕުޓިން އާއި ޒެެލެންސްކީ ވެސް ހުންނެވީ ސުލްޙަ އަށް ތައްޔާރަށް ކަމަށް

29 ޑިސެމްބަރު 2025
ޓްރަމްޕް ވިދާޅުވީ ޕުޓިން އާއި ޒެެލެންސްކީ ވެސް ހުންނެވީ ސުލްޙަ އަށް ތައްޔާރަށް ކަމަށް
28 ޑިސެމްބަރު 2025

އިޒްރޭލުން ސޯމާލީލޭންޑް ބަލައިގަތުމަކީ ސަރަހައްދަށް އޮތް ބޮޑު ބިރެއް: ސޯމާލިއާގެ ރައީސް

28 ޑިސެމްބަރު 2025
އިޒްރޭލުން ސޯމާލީލޭންޑް ބަލައިގަތުމަކީ ސަރަހައްދަށް އޮތް ބޮޑު ބިރެއް: ސޯމާލިއާގެ ރައީސް
28 ޑިސެމްބަރު 2025

ވިއްސާރަ އާއި ފިނީގެ ސަބަބުން ޣައްޒާގެ އެތައް ހާސް ބަޔަކަށް އުނދަގޫކަން ކުރިމަތިވެފައި

28 ޑިސެމްބަރު 2025
ވިއްސާރަ އާއި ފިނީގެ ސަބަބުން ޣައްޒާގެ އެތައް ހާސް ބަޔަކަށް އުނދަގޫކަން ކުރިމަތިވެފައި
27 ޑިސެމްބަރު 2025

އީރާނަށް ހަމަލާ ދޭން އިޒްރޭލުން ރާވަނީ - މިފަހަރުގެ ސަބަބަކީ އީރާނުގެ މިސައިލް ޕްރޮގްރާމް

27 ޑިސެމްބަރު 2025
އީރާނަށް ހަމަލާ ދޭން އިޒްރޭލުން ރާވަނީ - މިފަހަރުގެ ސަބަބަކީ އީރާނުގެ މިސައިލް ޕްރޮގްރާމް
27 ޑިސެމްބަރު 2025

ސޯމާލީލޭންޑް މިނިވަން ދައުލަތެއްގެ ގޮތުގައި ބަަލައިގަތް ފުރަތަމަ ގައުމަކަށް އިޒްރޭލް

27 ޑިސެމްބަރު 2025
ސޯމާލީލޭންޑް މިނިވަން ދައުލަތެއްގެ ގޮތުގައި ބަަލައިގަތް ފުރަތަމަ ގައުމަކަށް އިޒްރޭލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު