ކ. މާލެ
|
25 އޯގަސްޓް 2017 | ހުކުރު 20:19
ކޯޓު ތެރެއަށް ވެއްޓުމުން ގާސިމް އެމްބިއުލާންސަށް އަރުވަނީ
ކޯޓު ތެރެއަށް ވެއްޓުމުން ގާސިމް އެމްބިއުލާންސަށް އަރުވަނީ
ރާއްޖެ އެމްވީ
ގާސިމް އިބްރާހިމް
ގާސިިމް އިބްރާހިމްގެ މައްސަލައިގެ ޓައިމްލައިން
 
ޣައިރު ހާޒިރުގައި ހުކުމްކުރީ ހޮސްޕިޓަލުގައި އޮއްވައި
 
އެޑްމިޓް ކޮށްފައިވަނިކޮށް ވެސް އަޑުއެހުންތަކެއް
 
ދެ ފަހަރެއްގެ މަތިން އެޑްމިޓް ކުރި

26 މާޗް 2017: ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ވާހަކަ ދެއްކެވުން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުވާކޮށްފައިވަނީ މާޗް، 26، 2017 ވަނަ ދުވަހުގެ ރޭ މ. ކުނޫޒުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. ގާސިމަށް ދައުވާކުރީ "އެ ވޯޓްގައި އަޅުގަނޑުމެންނަން ތާއިދުކޮށްގެން ވޯޓް ދެއްވާ ހުރިހާ ބޭފުޅުން، އަބްދުﷲ މަސީހު ބޭރުކުރުމަށް ފެއްސަށް، ގްރީން އަށް އޮއްބަވާ ހުރިހާ ބޭފުޅުންނަކީ، މާތް ﷲ އިރާދަކުރެއްވިއްޔާ އެބޭފުޅަކު ހިމެނިވަޑައިގަންނަވާ ޕާޓީއަކުން އަޅުގަނޑުމެން ހަތަރު ލީޑަރުންވެގެން ޓިކެޓް ދޭނަން، އެ ދާއިރާއަކަށް ނުކުމެވަޑައިގަންނަވަން، އިތުރަށް އަޅުގަނޑުމެން އެހީތެރިވެދޭނަން، ހުރިހާ ގޮތަކުން" މިފަދައިން ވިދާޅުވުމުންނެވެ.

 

30 މާޗް 2017: ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުގައި ގާސިމް ފުލުސް އޮފީހަށް ހާޒިރުކުރުން

ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ތުހުމަތުކޮށް، ތަހުގީގަށް ބަޔާން ނެގުމަށް ފުލުހުން މަރުކަޒަށް ހާޒިރުކޮށްފައިވަނީ މާޗް، 30، 2017 ގައެވެ. ކުނޫޒު ޖަލްސާގައި ދެއްކެވި ވާހަކަތަކަކީ މަޖިލިސް މެންބަރުންނަށް ރިޝްވަތު ހުށަހަޅުއްވައި ނުފޫޒު ފޯރުވުމަށް ދެއްކެވި ވާހަކަތަކެއް ކަމަށް ތުހުމަތު ކުރިއެވެ.

 

2 އޭޕްރީލް 2017: ދެވަނަ ފަހަރަށް ގާސިމް ހާޒިރުކޮށް، އޯޑިއޯ ސާމްޕަލްއެއް ނެގުން 

ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހުމަތުގައި ދެވަނަ ފަހަރަށް ގާސިމް ފުލުހަށް ހާޒިރުކޮށްފައިވަނީ އޭޕްރީލް، 2، 2017 ގައެވެ. އެ ދުވަހު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ގާސިމްގެ އޯޑިއޯ ސާމްޕަލްއަކާއި ފޮޓޯ ފުލުހުން ނެގިއެވެ.

 

4 އޭޕްރީލް 2017: ގާސިމްގެ ޕާސްޕޯޓް ހިފަހެއްޓުން

ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން، ރާއްޖެ އިން ބޭރަށް ނުދެވޭ ގޮތަށް ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އޭޕްރީލް، 4، 2017 ގައެވެ.  ކޯޓު އަމުރުގައި އޮތީ އެއް މަސް ދުވަހަށް ގާސިމްގެ ޕާސްޕޯޓް ހިފަހެއްޓުމަށެވެ.

 

4 އޭޕްރީލް 2017: ގާސިމްގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ފޮނުވުން

ގާސިމްގެ ތަހުގީގު ނިންމައި، ގާސިމްގެ މައްޗަށް ރިޝްވަތު ހުށަހެޅުއްވުމުގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވާފައިވަނީ އޭޕްރީލް، 4، 2017 ގައެވެ.

 

5 އޭޕްރީލް 2017: ގާސިމްގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު އިސްތިއުނާފަށް ހުށަހެޅުން

ގާސިމްގެ ޕާސްޕޯޓް ހިފަަހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ އޭޕްރީލް، 5، 2017 ގައެވެ.

 

6 އޭޕްރީލް 2017: ގާސިމް ހައްޔަރުކޮށްގެން ދޫނިދޫގައި ބަންދުކުރުން

ރިޝްވަތު ހުށަހެޅުއްވުމުގެ ތުހުމަތުގައި ގާސިމް ހައްޔަރުކޮށްގެން ދޫނިދޫގައި ބަންދުކޮށްފައިވަނީ އޭޕްރީލް، 6، 2017 ގައެވެ. ގާސިމް ހައްޔަރުކުރީ ހަ ތުހުމަތެއްގައެވެ. މަސީހުގެ އިތުބާރުގެ މައްސަލައަށް ނުފޫޒު ފޯރުވުމާއި، މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު(ރީކޯ މޫސާ) ގެ އިތުބާރުގެ މައްސަލައަށް ނުފޫޒު ފޯރުވުމާއި، ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވުމާއި، ހެއްކަށް ނުފޫޒު ފޯރުވުމާއި ހެކި ފޮރުވުމާއި، މުޖުތަމައުގެ ސަލަމާތާއި ނުރައްކާ ވެދާނެ ކަމުގެ ތުހުމަތު ކޮށްފައިވެއެވެ.

 

6 އޭޕްރީލް 2017: ގާސިމަށް ދައުވާކުރަން ހުށަހެޅި މައްސަލަ ޕީޖީން އަނބުރާ ފޮނުވާލުން

ގާސިމްގެ މައްޗަށް ރިޝްވަތު ހުށަހެޅުއްވުމުގެ ދައުވާ ކުރުމަށް ފުލުހުން ފޮނުވި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް އަނބުރާ ފޮނުވާލީ އޭޕްރީލް، 6، 2017 ގައެވެ. ދައުވާ އަނބުރާ ފޮނުވާލީ ތަހުގީގުގައި ފުރިހަމަކުރަންޖެހޭ ބައެއް ކަންކަން ހުރި ކަމަށް ބުނެ އަނބުރާ ފޮނުވައިދިނުމަށް ފުލުހުން އެދުމުންނެވެ.

 

7 އޭޕްރީލް 2017: ގާސިމްގެ ބަންދަށް ހަ ދުވަސް ޖެހުން 

ގާސިމް ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހަ ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރީ އޭޕްރީލް، 7، 2017 ގައެވެ. 

 

9 އޭޕްރީލް 2017: ގާސިމް ހައްޔަރުކުރި މައްސަލައިގެ އިސްތިއުނާފް ބަލައިނުގަތުން

ގާސިމް ހައްޔަރުކުރީ އިމްތިޔާޒް ގާނޫނާ ޚިލާފަށް ކަމަށް ބުނެ ހައްޔަރުކުރަން ނެރުނު އަމުރު އިސްތިއުނާފް ކުރަން ހުށަހެޅުމުން އެ މައްސަލަ ބަލައިނުގަންނަން ނިންމީ އޭޕްރީލް، 9، 2017 ގައެވެ.

 

12 އޭޕްރީލް 2017: ގާސިމްގެ މައްޗަށް ތިން ދައުވާއެއް އުފުލުން

ރިޝްވަތުދޭން އުޅުނު ކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާއާއި ވޯޓުދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ ގާސިމްގެ މައްޗަށް އުފުލާފައިވަނީ އޭޕްރީލް، 12، 2017 ގައެވެ.

 

12 އޭޕްރީލް 2017: ގާސިމް މިނިވަން ކުރުމަށް ހައިކޯޓުން އަމުރުކުރުން

ގާސިމް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ވަގުތުން މިނިވަން ކުރުމަށް ހައިކޯޓުން އަމުރުކުރީ އޭޕްރީލް، 12، 2017 ގައެވެ. އެހާ ހިސާބުން ފުލުހުން ވަނީ ވަގުތުން ގާސިމް ދޫކޮށްލާފައެވެ.

 

13 އޭޕްރީލް 2017: ގާސިމްގެ ޝަރީއަތް ފެށުން، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނުފެންނަ ކަމަށް ކަނޑައެޅުން

ގާސިމްގެ މައްޗަށް ކުރި ތިން ދައުވާގެ ޝަރީއަތް ފަށާފައިވަނީ އޭޕްރީލް، 13، 2017 ގައެވެ. އެ އަޑުއެހުމުގައި ޝަރީއަތް ނިމެންދެން ގާސިމް ބަންދުކުރުމަށް ދައުލަތުން އެދުނެވެ. އެހެންނަމަވެސް، މައްސަލަ ބައްލަވާ ގާޒީ ކަނޑައެޅުއްވީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނުފެންނަ ކަމަށެވެ. އެ އަޑުއެހުން ކުރިއަށް ގެންދިޔައީ އާންމުންނާއި ނޫސްވެރިންނަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެންނެވެ.

 

16 އޭޕްރީލް 2017: ގާސިމްގެ ގެކޮޅާއި އޮފީސް ބަލައި ފާސްކުރުމާއި ފޯނު އަތުލުން

ގާސިމްގެ އަމިއްލަ ގެކޮޅު، މ. މާފަންނު ވިލާ އާއި އެމަނިކުފާނުގެ އަމިއްލަ ކުންފުނި ވިލާ ގްރޫޕުގެ މައި އޮފީސް ހިންގާ އިމާރާތް ބަލައި ފާސްކޮށްފައިވަނީ އޭޕްރީލް، 16، 2017 ގައެވެ. އެ ތަންތަން ބަލައި ފާސްކޮށްފައިވަނީ ރިޝްވަތު ދިނުމާއި ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ބުނާ މައްސަލައާ ގުޅޭ ހެކި ހޯދުމަށެވެ. މީގެ އިތުރުން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ގާސިމްގެ ފޯނު އަތުލާފައެވެ.

 

19 އޭޕްރީލް 2017: ސަރުކާރު ވައްޓާލަން އުޅޭކަމުގެ ތުހުމަތުގައި ގާސިމް ފުލުހަށް ހާޒިރުކުރުން

ސަރުކާރު ވައްޓާލަން އުޅޭކަމުގެ ތުހުމަތުގައި ގާސިމް ފުލުހަށް ހާޒިރުކޮށްފައިވަނީ އޭޕްރީލް 19، 2017 ގައެވެ. ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް އެ މައްސަލައާ ގުޅިގެން ގާސިމްގެ ބަޔާން ނެގިއެވެ.

 

21 އޭޕްރީލް 2017: ގާސިމް ދެވަނަ ފަހަރަށް ހައްޔަރުކުރުން

ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ދެވަނަ ފަހަރަށް ގާސިމް ހައްޔަރުކުރީ އޭޕްރީލް، 21، 2017 ގައެވެ. ފަހުން އެނގުނު ގޮތުގައި ގާސިމް ހައްޔަރުކުރީ، މަޖިލިސް ރައީސްގެ އިތުބާރުގެ މައްސަލަ ހުށަހެޅޭނީ 42 މެންބަރުންގެ ސޮޔާއެކު ކަމަށް ކަނޑައެޅުމުން 42 މެންބަރުން ހަމަކުރުމަށް މަސައްކަތް ކުރާ ކަމަށް ބުނެއެވެ.

 

21 އޭޕްރީލް 2017: ގާސިމްގެ ބަންދަށް 15 ދުވަސް ޖެހުން

ގާސިމް ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ވަންދެން ބަންދުކުރުމަށް މުއްދަތު ޖެހީ އޭޕްރީލް، 21، 2017 ގައެވެ.

 

23 އޭޕްރީލް 2017: ތިން ފަނޑިޔާރުންގެ ބެންޗަކުން ގާސިމްގެ ޝަރީއަތް ބަލަން ފެށުން

ގާސިމްގެ ޝަރީއަތް ތިން ފަނޑިޔާރުންގެ ބެންޗަކުން ބަލަން ފަށާފައިވަނީ އޭޕްރީލް، 23، 2017 ގައެވެ. އެ ތާރީޚުގައި ބޭއްވި އަޑުއެހުމުގައި ގާސިމް ވަނީ ދައުވާއަށް އިންކާރު ކުރައްވާފައެވެ. ގާސިމްގެ ވަކީލުންގެ ފަރާތުން އިޖުރާއީ ނުުތާތަކެއް ފާހަގަކުރެއްވި ނަމަވެސް ޝަރީއަތުން ވަނީ އެކަންތައްތައް ބަލައި ނުގަތުމަށް ނިންމާފައެވެ.

 

2 މެއި 2017: ގާސިމްގެ ބަންދަށް މުއްދަތު ޖެހީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައެޅުން

ގާސިމް ހައްޔަރުކޮށް ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައެޅީ މެއި، 2، 2017 ގައެވެ. 

 

5 މެއި 2017: ގާސިމްގެ ބަންދަށް ހަތަރު ދުވަސް އިތުރުކުރުން

ގާސިމްގެ ބަންދަށް ފުރަތަމަ ޖެހި 15 ދުވަސް ހަމަވުމުން، ބަންދާއި މެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރީ މެއި، 5، 2017 ގައެވެ. ކޯޓުން ވަނީ ގާސިމް އިތުރު ހަތަރު ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

 

8 މެއި 2017: ގާސިމްގެ ދިފާއީ ހެކި ހުށަހެޅުން

ގާސިމްގެ މައްޗަށް ހިންގި ޝަރީއަތުގައި ދިފާއީ ހެކި ހުށަހަޅާފައިވަނީ މެއި، 8، 2017 ގައި ބޭއްވި އަޑަުއެހުމުގައެވެ. އެ އަޑުއެހުމުގައި ދައުލަތުން ބުނީ "ހުރިހާ ގޮތަކުން އެހީވާނަމޭ" ގާސިމް ވިދާޅުވީ ރިޝްވަތު ދިނުމުގެ މާނާގައި ކަމަށެވެ.

 

10 މެއި 2017: ހަތް ޝަރުތަކާއެކު ގާސިމް ބަންދުން ދޫކޮށްލުން

ދެވަނަ ފަހަރަށް ފުލުހުން ގާސިމް ހައްޔަރުކޮށްފައިވަނިކޮށް އެމަނިކުފާނު ދޫކޮށްލާފައިވަނީ މެއި، 10، 2017 ގައެވެ. ބަންދުގައި 20 ދުވަސް ވަންދެން ބެހެއްޓުމަށްފަހު ގާސިމް ދޫކޮށްލީ ހަތް ޝަރުތަކަކާއެކުއެވެ. 

 

10 ޖުލައި 2017: ގާސިމްގެ މައްޗަށް ކުރި ދައުވާތައް ބާތިލްކޮށް މައްސަލަ ކޯޓުން ބޭރުކޮށްލުން

ގާސިމްގެ މައްޗަށް ތިން ދައުވާއެއް ކޮށް ހިންގަމުންދިޔަ ޝަރީއަތަށް ދައުލަތުގެ ވަކީލުން ހާޒިރުނުވުމުން މައްސަލަ ކޯޓުން ބޭރުކޮށްލީ ޖުލައި، 10، 2017 ގައެވެ. ޕީޖީން ބުނީ މައްސަލަ ބޭރުކޮށްލީ އަޑުއެހުން ފަސްކޮށްދިނުމަށް އެދިފައިވަނިކޮށް ކަމަށެވެ.

 

12 ޖުލައި 2017: ގާސިމްގެ މައްސަލަ އަލުން ކޯޓަށް ހުށަހެޅުން 

ގާސިމްގެ މައްޗަށް ހިންގަމުންދިޔަ މައްސަލަ ކޯޓުން ބޭރުކޮށްލުމުން، އެ މައްސަލައިގައި އަލުން ދައުވާކޮށްފައިވަނީ ޖުލައި، 12، 2017 ގައެވެ. އެފަހަރުވެސް ކޮށްފައިވަނީ ކުރިން ކުރި ތިން ދައުވާއެވެ.

 

13 ޖުލައި 2017: މައްސަލައިގެ ލިޔުންތައް ގާސިމާ ހަވާލުކުރުން

ގާސިމްގެ މައްޗަށް ދެވަނަ ފަހަރަށް ދައުވާކުރިއިރު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފަށާފައިވާތީ މައްސަލައިގެ ލިޔެކިޔުންތައް ހަވާލުކުރީ ޖުލައި، 13، 2017 ގައެވެ. އެ ގާނޫނު ބުނާ ގޮތުން އިބްތިދާއީ އަޑުއެހުން ބޭއްވުމުގެ ކުރިން ލިޔުންތައް ހަވާލުކުރަން ޖެހެއެވެ.

 

16 ޖުލައި 2017: ގާސިމް އެޑްމިޓް ކުރުމުން އަޑުއެހުން ކެންސަލް ކުރުމާއި އަނެއްކާ ވެސް ޕާސްޕޯޓް ހިފަހެއްޓުން

ގާސިމްގެ ޝަރީއަތުގެ އަޑުއެހުމެއް ޖުލައި، 16، 2017 ގެ މެންދުރު 2:00 އަށް ތާވަލުކޮށްފައިވަނިކޮށް، ގާސިމްގެ ހާލުކޮޅު ގޯސްވެ އެޑްމިޓް ކުރުމާއެކު އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ. އާލާސްކަންފުޅަށް ރާއްޖެއިން ބޭރުން ފަރުވާ ހޯއްދެވުމަށް އެއާޕޯޓަށް ވަޑައިގަތުމުން އެނގުނީ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމެވެ. އެހާ ހިސާބުން ގާސިމް އެޑްމިޓް ކުރީ އޭޑީކޭގައެވެ.

 

24 ޖުލައި 2017: ގާސިމް ހޮސްޕިޓަލުން ދޫކޮށްލުން

އާލާސްކަންފުޅާ އޭޑީކޭގައި އެޑްމިޓްކޮށް ފަރުވާ ދިނުމަށްފަހު ގާސިމް ދޫކޮށްލާފައިވަނީ ޖުލައި، 24، 2017 ގައެވެ. 

 

25 ޖުލައި 2017 ގަޑި 11:00 - ޝަރީއަތުގެ ފުރަތަމަ އަޑުއެހުން

ގާސިމްގެ މައްޗަށް ފަހުން އުފުލި ދައުވާތަކުގެ ފުރަތަމަ އަޑުއެހުން ބޭއްވީ ޖުލައި، 25، 2017 ވަނަ ދުވަހުގެ ހެނދުނު 11:00 ގައެވެ. އެ އަޑުއެހުމުގައި ގާޒީ އާދަމް އާރިފް ވަނީ، ބާތިލް ކުރި މައްސަލަ ކުރިއަށް ގެންގޮސްފައި އޮތް ހިސާބުން ގުޅުވާލައިގެން މި މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ. 

 

25 ޖުލައި 2017: ގަޑި 20:00 - ޝަރީއަތް ސިއްރުކުރުން

ހެނދުނު ބޭއްވި އަޑުއެހުމަށް ވަކީލުންނާ ނުލައި ގާސިމް ވަޑައިގަތުމުން ވަކީލުންނާއެކު އަޑުއެހުމެއް ރޭގަނޑު 8:00 އަށް ތާވަލުކުރިއެވެ. އެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ނޫސްވެރިންނާއި އާންމުންނަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެންނެވެ.

 

1 އޯގަސްޓް 2017: ސިއްރުކުރި ކުރުން މުރާޖައާކޮށް ދިނުމަށް އެދުން

ގާސިމްގެ ޝަރީއަތް ސިއްރުކުރުމަށް ކޯޓުން ނިންމި ނިންމުން މުރާޖައާ ކޮށްދިނުމަށް ވަކީލުން އެދިވަޑައިގަތީ އޯގަސްޓް، 1، 2017 ގައި ބޭއްވި އަޑުއެހުމުގައެވެ.

 

3 އޯގަސްޓް 2017: އަލުން ދައުވާ ކުރެވޭނެ ކަމަށާއި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައެޅުން

ގާސިމްގެ މައްޗަށް ކުރި ދައުވާ ބޭރުކޮށްލުމުން، ހަމަ އެ މައްސަލައިގައި އެ ދައުވާތައް ކުރެވޭނެ ކަމަށާއި އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައެޅީ އޯގަސްޓް، 3، 2017 ގައި ބޭއްވި އަޑުއެހުމުގައެވެ.

 

6 އޯގަސްޓް 2017: ގާސިމް އަނެއްކާ ވެސް އެޑްމިޓް ކުރުން އަދި ތިން ފަހަރަށް އަޑުއެހުން ތާވަލުކުރުން

ގާސިމްގެ އަޑުއެހުމެއް އޯގަސްޓް، 6، 2017 ގެ  ހެނދުނު 10:30 އަށް ތާވަލުކޮށްފައިވަނިކޮށް ގާސިމްގެ ހާލު ދެރަވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުން އެ އަޑުއެހުން ކެންސަލް ކުރިއެވެ. ނަމަވެސް، އެޑްމިޓް ކޮށްފައިވަނިކޮށް ހަވީރު 6:00 އަށް އަދި، ރޭގަނޑު 8:00 އަށް އަޑުއެހުން ތާވަލުކުރިއެވެ. ރެއަށް ތާވަލުކުރި އަޑުއެހުމަށް ހާޒިރުނުވެއްޖެނަމަ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދާނެ ކަމަށް ކޯޓުން ބުނެފައިވެއެވެ. އެ އަޑުއެހުންތަކަށް ގާސިމަށް ހާޒިރުނުވެވުނުއިރު ކޯޓުން ވަނީ އަޑުއެހުން ކެންސަލް ކޮށްފައެވެ.

 

15 އޯގަސްޓް 2017: ގާސިމް ހޮސްޕިޓަލުން ދޫކޮށްލުން

ގާސިމަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ އޯގަސްޓް، 15، 2017 ގައެވެ.

 

23 އޯގަސްޓް 2017: އަޑުއެހުމެއް ބާއްވައި ފޮރެންސިކް ދެ ފުލުހެއްގެ ހެކި ބަސް ނެގުން

ގާސިމްގެ ޝަރީއަތުގެ އަޑުއެހުމެއް އޯގަސްޓް، 23، 2017 ގައި ބާއްވައި ފޮރެންސިކް ދެ ފުލުހެއްގެ ހެކި ބަސް ނެގިއެވެ. އަދި ދެން އަޑުއެހުމެއް ބާއްވާނީ ހަފްތާއެއް ފަހުން ކަމަށް އިއުލާނު ކުރިއެވެ.

 

24 އޯގަސްޓް 2017 ގަޑި: 10:30 - ޝަރީއަތުގެ އަޑުއެހުންތައް ނިންމާލުން 

ގާސިމްގެ ޝަރީއަތުގެ އަޑުއެހުމެއް އޯގަސްޓް 24، 2017 ގެ ހެނދުނު 10:30 ގައި ބާއްވައި ޝަރީއަތުގެ އަޑުއެހުންތައް ނިންމާލިއެވެ. އަދި މެންދުރު 2:30 އަށް ޚުލާސާ ބަޔާން ހުށަހެޅުން ތާވަލުކުރިއެވެ.

 

24 އޯގަސްޓް 2017 ގަޑި: 2:30 - ގާސިމް ކޯޓް ތެރެއަށް ވެއްޓުން އަދި ވަކީލުން ކޯޓުގައި ހިފަހެއްޓުން

ޚުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުމަށް ވަޑައިގެން ކޯޓުގައި ހުންނަވަނިކޮށް ގާސިމް އަނބުރައިގަނެގެން ކޯޓު ތެރެއަށް ވެއްޓުމުން އައިޖީއެމްއެޗް ގައި އެޑްމިޓް ކުރިއެވެ. އެމްބިއުލާންސެއްގައި ގާސިމް ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް ކޯޓުން ނުނިކުމެވޭ ގޮތަށް ވަކީލުން އެތެރޭގައި ބޭތިއްބިއެވެ. އަދި ޣައިރު ހާޒިރުގައި މައްސަލަ ކުރިއަަށް ގެންދަން ގާޒީ ބޭނުންފުޅުވާކަން އެންގިއެވެ. ނަމަވެސް، ގާސިމް އެގޮތަށް ބޭނުންފުޅުވެ ނުލައްވާ ކަމަށް ވަކީލުން ޖަވާބު ދެއްވިއެވެ.

 

24 އޯގަސްޓް 2017 ގަޑި 23:00 - ގާސިމަށް ހުކުމް ކުރުމަށް ޝަރީއަތް ތާވަލުކުރުން

ގާސިމްގެ ޝަރީއަތުގައި ހުކުމް ކުރުމަށް ރޭގަނޑު 11:00 އަށް ޝަރީއަތް ތާވަލުކުރިއެވެ. އެ ޝަރީއަތަށް ގާސިމާއި ވަކީލުން ވަޑައެއް ނުގަންނަވައެވެ. ގާސިމްގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވަކީލުން ވިދާޅުވިއެވެ.

 

25 އޯގަސްޓް 2017 ގަޑި: 1:13 - ޣައިރު ހާޒިރުގައި ގާސިމް ޖަލަށް ލުމަށް ހުކުމް ކުރުން

ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އެމަނިކުފާނުގެ ޣައިރު ހާޒިރުގައި ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ އޯގަސްޓް، 25، 2017 ގެ ދަންވަރު 1:13 ގައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
25%
0%
75%
0%
0%
0%
ކޮމެންޓް