"ޗާގޯސް އަކީ ދިވެހިންގެ ތަނެކޭ. އެތަން ވިއްކާލީއްޔޭ."، "ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވި ސިޓީއަކުން ޤައުމުގެ ބޮޑުބައެއް ގެއްލިއްޖެއޭ" ބުނެ މާ ބޮޑު ޕްރެސް ކޮންފަރެންސެއް އިދިކޮޅުން ރާވަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. އޭގައި ނަގައިގަތް ބަންޑާރަ ނައިބުންނާ ފުންނާބު އުސް ޤާނޫނީ ވަކީލުން ހިމެނޭނެ ވާހަކަވެސް އައީ އިސްތިހާރު ކުރަމުންނެވެ.
ގިނަބަޔަކު ތިބީ އެބުނާ ޕްރެސް ކޮންފަރެންސެއްގައި ދައްކާނެ ވާހަކައަކަށް އިންތިޒާރު ކޮށްކޮށެވެ. ދިވެހިންނަށް ދިވެހިންގެ ޗާގޯސް ގެއްލުނު ގޮތް ކިޔައިދޭނެތީއެވެ. އެ ޗާގޯސް ހޯދާނެ މޮޅު ގޮތް ބުނެދޭނެތީވެ. އެބުނާ ރައީސުލް ޖުމްހޫރިއްޔާގެ ސިޓީން ރާއްޖޭގެ މަސްކަނޑުގެ ބޮޑު ސަރަހައްދު ގެއްލުވާލި ގޮތް ހެއްކާއި ދަލީލުތަކާއެކު ތިލަ ކުރާނެ ކަމަށެވެ.
ދެނެކާ ދެނެއް ނެތެވެ. އެބުނާ ޕްރެސް ކޮންފަރެންސެއް ފަށައިފިއެވެ. ފުރަތަމަވެސް މަންޒަރު ފެނުނު ގޮތަށް ބަލާލަމާ ހިނގާށެވެ. އަދި ދައްކާން ބޭނުންވި ގޮތަށް ބަލާލަމާ ހިނގާށެވެ.
ފެނުނީ މަޝްހޫރު "23 އިއްތިހާދު" ގެންނަން އުޅުނު ހެންނެވެ. ބޮޑު ފަޅިއަކީ މިއީއޭ ބުނާން ހުރިހާ އިދިކޮޅުން ކޮންމެވެސް މީހަކު ގެނެސް ގޮނޑިއެއްގައި ބައިންދާފައި އިނެވެ. ޕްރައިމަރީން ބޮޑު ބައްޔަކުން ބަލިވެ ހަޖަމް ނުވެގެން އުޅޭ ފިކުރެއްގެ ދިރުންވެސް ހިމެނޭ ގޮތަށެވެ. ބުނާ ކަހަލައެވެ. މިއޮތީ އިދިކޮޅު އެއްވެ ވެރިކަން ވައްޓާލަން ތައްޔާރު ވެފައެވެ. އިހުގެ މާޒީ ގެނެސް އިއާދަ ކުރާނަމޭބުނެއެވެ.
ދެން އެފެށީ ޕްރެސް ކޮންފަރެންސެވެ. ހީވީ ސިޔާސީ ޕޯޑިއަމް އެއްގައި ވާހަކަ ދައްކަން ފެށިހެނެވެ. އަތް އުއްކަވަމުން، އިންޒާރުތައް ދެއްވަމުން ކަރުން ނާރު ނަގަނަގާފައި ލެވުނުހާ ބާރެއް ލާފައެވެ. ލީޑު ކުރަން ހުންނެވީ ކުރީގެ ބަންޑާރަނައިބު ޑރ މުނައްވަރެވެ. ބަޔަކަށް ނުހައްގުން ދައުވާތަކެއް ކުރެވުނުކަމަށް އެއްބަސްވެ ރައްޔިތުންގެ ކިބައިން މައާފަށް އެދި އިސްލާހީ މަސައްކަތުގައި އުޅެން އުޅުނު މީހެކޯލައެވެ. ސިޔާސީ މައިދާނުން ބާކީވީމާ ލައްކަ ދުވަސްވަންދެން ނުފެނި ހުރެފައި ކުއްލިއަކަށް މި ޗާގޯސް މައްސަލައިގައި އުޅުއްވަން ފެއްޓެވީއެވެ.
ލީޑް ކުރެއްވި މުނައްވަރުގެ ކިބައިން ފެނުނީ އެއްކަލަ "ބޮޑު މަންޒަރެވެ" ހީނ ހީނފައި މަލާމާތް ކުރުމެވެ. ދޭތެރެއަކުން "ކަނޑާލަން" ވިދާޅުވެ ހިރުވާ ތަންތަން ކަހާވެސް ހައްދަވަނީއެވެ. ނޫސްވެރިންގެ މިނިވަންކަމުގެ ދުވަހު ބޭއްވި މި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންނަށްވެސް ކުރީ ފުރައްސާރައެވެ. ހެދޭ ޒުވާން ނޫސްވެރިން ބައެއް ވާހަކަ ދައްކަން "އަދި މާ ކުޑައޭ ބުނެ" އެވެރިން ލަދުވެސް ގަންނަވާލީއެވެ.
މިހުރިހާ ސަކަރާތަކާއެކުވެސް މި ޕްރެސްގައި ދައްކަން އުޅުނު ވާހަކައަށް ބަލާލަމާ ހިނގާށެވެ. ރައްޔިތުން ބޭނުންވީ އިދިކޮޅުން ބުނަމުން އައި ގޮތަށް "ޗާގޯސް އަކީ ދިވެހިންގެ ތަނެއްކަން" ހާމަވާ ވަރުގެ ހެކިތަކެއް ދެއްކުމެވެ. ވިއްކާލައިގެން އުޅެނީ އެތަނެވެ. އެ ބުނާ ރަސްގެފާނެއްގެ ޒަމާނުންސުރެ ދިވެހިންގެ ތަނެއްގެ ގޮތުގައި އޮތް ޗާގޯސް ރައީސް ޞާލިހު ވަޑައިގެން ގެއްލުވާލީ ކަމަށް އިދިކޮޅުން ފަތުރާ ވާހަކަތަކުގެ ފުރިހަމަ ހެކި ދައްކާނެ ކަމަށެވެ. އެކަމަކު ވަރަށް ދެރައެވެ. ޚުދު މުނައްވަރުވެސް ވިދާޅުވީ އެއީ ރާއްޖޭގެ ތަނެއް ނޫން ކަމަށެވެ. ހާދަހާވާ ދެރައެވެ. މިއޮއް ހުރިހާ ދުވަހު އިދިކޮޅުން ސަރުކާރަށް ބަވާނެގީ ޗާގޯސް އަކީ ރާއްޖޭގެ ތަނެއް ކަމަށް ބުނެއެވެ. މުނައްވަރެއް ކަމަކު ހެޔޮވާނީ ކިހިނެއް ހެއްޔެވެ. އިދިކޮޅުން ޗާގޯސްއަކީ ރާއްޖޭގެ ތަނެއްކަމަށް ހަދައި މިސަރުކާރުން އެތަން ވިއްކާލިކަމަށް ދައްކާ ވާހަކަތައް ތިޔަ ހުއްޓުވާލީއެވެ. ތިޔަ ޖެއްސެވީ އެމީހުންގެ އަނގަމަތީގައި ވަރުގަދަ ތަފާލެކެވެ.
ރައްޔިތުން ދެން އަޑުއަހަން ބޭނުންވެފައި ތިބީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ކުރިން ލިބިދީފައި އޮތް ކަނޑުގެ ބޮޑުބައެއް ގެއްލުނު ކަމަށް އިދިކޮޅުން ބުނާ ބުނުމުގެ ޙަޤީގަތެވެ. އެކަމުގައިވެސް ތިޔަ ޖެއްސެވީ ބޮޑުތަނުން ބައިކޮޅަށް ގޯލެވެ. ސަރުކާރުން ބުނަމުން ދަނީ ރާއްޖެއާ ޗާގޯސްއާ ދެމެދު އޮތީ ފުށުއަރާ ކަނޑުގެ ސަރަހައްދެއް ކަމެވެ. ކޮންމެވެސް ދުވަހަކުން ގޮތެއް ނިންމާން ޖެހޭ އެސަރަހައްދު އިހަށް ދުވަހު ބައިކުރިއިރު ކާމިޔާބު ލިބުނީ ރާއްޖެއަށް ކަމަށެވެ. ކަނޑުގެ ބޮޑުބައި ލިބުނީ ރާއްޖެއަށް ކަމަށެވެ. ކުރީގެ ބަންޑާރަ ނައިބު އަހުމަދު މުއިއްޒުވެސް ވިދާޅުވީ އެއީ ރަނގަޅު ވާހަކައެއް ކަމަށެވެ. އދ ގެ މަޤާމްތައްވެސް ފުރުއްވާފައިވާ ކުރީގެ ފޮރިންމިނިސްޓަރ ޑރ އަހުމަދު ޝަހީދުވެސް އެކަމަށް އެއްބަސްވެވަޑައިގަންނަވައެވެ.
މުޅި ޕްރެސް ކޮންފަރެންސްގެ ބޭނުމަކީ އެކަން ދޮގު ކުރުމެވެ. އެކަމަކު އެކަންވެސް ތިޔަ މުޅި ޕްރެސް ކޮންފަރެންސް ނިމުނު އިރުވެސް ހާސިލެއް ނުވިއެވެ. އެކަމަށް ތިޔަ ނެންގެވީ މާ ކުރީގެ ޤާނޫނަކާ އެޤާނޫން އުވާލާފައި ދެން ހެދި ޤާނޫނެއްގެ ބައެކެވެ. 1976 ގައި ހަދާފައި އޮތް ޤާނޫނެއްގައި ރާއްޖޭގެ ސަރަހައްދު ކަނޑައަޅާގޮތް އޮތްއިރު އޭގެ ފަހުން ރާއްޖެއިން 1982 ގައި ސޮއި ކުރި ބައިނަލްއަޤްވާމީ މުއާހަދާއަކުން 76 ގެ ޤާނޫން އުވާލައި އާޤާނޫނެއް ހަދަން ޖެހިގެން 1996 ގައި ތިޔަ ބުނާ ޤާނޫނު ހެދިކަން މުނައްވަރު ނޫނަކަސް ދެން ތިބި މީހުންނަށްވެސް އެނގެއެވެ. އަދި އެޤާނޫނުގެ އެއްބައިގާ ބުނާ 200 މޭލުގެ ވާހަކަ ބުނެފައި ނިންމާލި އިރު އެއީ ރާއްޖޭގެ އުތުރުގެ ވާހަކަ ކަން މުނައްވަރު މިއަދު ވިދާޅުނުވިއަސް ޤާނޫނީ އެހެން ވަކީލުންނަށް އެނގެއެވެ. އަދި ރާއްޖޭގެ ދެކުނުގައި ރާއްޖޭގެ އިންކަނޑައެޅިފައި ނެތީތީއާއި އިންކަނޑައަޅާއިރު އެހެން ޤައުމަކާ ދެމެދު ވަކިވާ ބައިގާ 200 މޭލު ނެތްކަން އެނގޭތީ އެ ޤާނޫނުގައި ހިމެނި މާއްދާ މުނައްވަރު ވިދާޅު ނުވިއަސް އެޤާނޫނަކުން އުންޏެއް ނުވާނެއެވެ. އޭގައި އެފަދަ ފުށުއެރުން އޮތް ސަރަހައްދެއްނަމަ ނިންމާނީ ވާހަކަ ދައްކައިގެން ކަމަށް ބުނެފައިވެސް ވެއެވެ. ދެން ފުށުއަރާ ބަޔާމެދު ގޮތެއް ނިންމީމާ ދައްކާނެ ވާހަކައެއް އެބައޮތް ހެއްޔެވެ. އަދި އެބައި ބައިކުރިއިރު ރާއްޖެއިން ހުށަހެޅި ކަންކަމަށް ބަލައި ރާއްޖެއަށް ބޮޑުބައި ލިބުނީމާ އިތުރަށް ކިޔޭނެ އެއްޗެއް އެބައޮތް ހެއްޔެވެ.
ކޮންމެއަކަސް މުޅި ޕްރެސް ނިމުނު އިރުވެސް މާ އޮއްޓަރުހުރި ވާހަކައެއް ދެއްކުމުގެ ބަދަލުގައި ދެއްކެވި ވާހަކަތަކުން އިތުރަށް އިދިކޮޅު ވީ ފަޟީޙަތެވެ. މާކުރިން ފޮނު އަރުވަ އަރުވާފައި ބޭއްވި ނޫސްކޮންފަރެންސް ގޮވީ އަތަށެވެ. ބޮޑުތަނުންނެވެ.