ކ. މާލެ
|
25 ޑިސެންބަރ 2022 | އާދީއްތަ 18:41
ކުރީގެ ރައީސް އަބްދުﷲ ޔާމީން-
ކުރީގެ ރައީސް އަބްދުﷲ ޔާމީން-
ރާއްޖެއެމްވީ
އާރަށު ހިޔާނަތުގެ މައްސަލަ
އާރަށު ހިޔާނަތް: 11 އަހަރުގެ ޙުކުމާއެކު "ބަރު" ޖޫރިމަނާ އައި ގޮތުގެ ޓައިމްލައިން
 
މި މައްސަލައިގެ ހެކިބަސް ނަގަން ފަށާފައިވަނީ 16 ޖޫން 2022 ގައި
 
މި މައްސަލައިގެ ޝަރީއަތް ފަށައި އިފްތިތާހީ ބަޔާން އިއްވީ 9 ޖޫން 2022 ގައި
 
ޖުމުލަ 19 އަހަރަށް ޖާމީނު ޖަލަށް ލައިދޭން ދައުލަތުން އެދުނު

24 ނޮވެމްބަރު 2021: އާރަށުގެ މައްސަލައިގައި ޔާމީނުގެ މައްޗަށް ދައުވާކުރަން ހުށައެޅުން

މއ. ކާމިނީހުޅަގުގެ ޢަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމް އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 1 މިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި ޔާމީންގެ މައްޗަށް 2 ދައުވާއެއް އަދި ނައީމްގެ މައްޗަށް 1 ދައުވާއެއް ކުރުމަށް ކޯޓަށް ހުށަހަޅާފައިވެއެވެ.

ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ މަނީ ލޯންޑްރިންގެ ދަޢުވާ އަދި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލައިގައި ހިމެނޭ ޔޫސުފް ނަޢީމްގެ މައްޗަށް ކުރާ ދަޢުވާއަކީ ރިޝްވަތު ދިނުމުގެ ދަޢުވާއެވެ.

2 ޖެނުއަރީ 2022: އާރަށުގެ ޚިޔާނާތުގެ ފުރަތަމަ އަޑުއެހުން

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އިސްގާޒީ އަހުމަދު ޝަކީލެވެ. މިއީ މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ކަމަށްވުމާއެކު، ގާޒީ ވަނީ ދައުވާ ލިބޭ ފަރާތްތަކަށް ހައްގުތައް ލިބިދީފައިވޭތޯ ކަށަވަރު ކުރައްވާފައެވެ.

އޭގެ އިތުރުން، ދައުވާލިބޭ ޔޫސުފް ނައީމް ވަނީ މައްސަލައާއި ގުޅިގެން ކުރިއަށް ދިއުމަށް ވަކީލަކު ބޭނުންވާކަމަށް ބުނެފައެވެ. އެއާއެކު މައްސަލަ ބައްލަވާ ގާޒީ ޝަކީލު ވަނީ ވަކީލަކު އައްޔަން ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

27 ޖެނުއަރީ 2022: އާރަށު ހިޔާނަތުގެ ދައުވާ އިއްވުން

މި އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ އިއްވާފައެވެ. މައްސަލަ ބައްލަވާ ގާޒީ ވަނީ ދައުވާއަށް ޖަވާބުދާރީވުމަށް ތައްޔާރުވުމަށް ދިފާއަށް ދަންނަވާފައެވެ.

މި އަޑުއެހުމުގައި ދިފާއުން ފާހަގަކުރި ކަންކަމަށް ބަލާއިރު، ޝަރީއަތް ލައިވްކުރުމަށް ޔާމީނުގެ ފަރާތުން އެދިފައިވެއެވެ. އޭގެ ފަހުން ބޭއްވި ބައެއް އަޑުއެހުންތަކުގައިވެސް ދިފާއުން އެވާހަކަ ތަކުރާރު ކުރިއެވެ.  

އެކަމާ ގުޅިގެން އިސްގާޒީ މައިގަނޑު ގޮތެއްގައި ވިދާޅުވަމުން ގެންދެވީ، ހުރިހާ މައްސަލައެއްވެސް ކޯޓުން ކުރިއަށް ގެންދާނީ ވަކި ފަރާތަކަށް ނުޖެހި، ހަމަހަމަކަމާއެކު ކަމަށެވެ. އަދި ކޯޓުން މައްސަލަތައް ކުރިއަށް ގެންދިއުމުގައި އެއްވެސް ފަރާތެއްގެ ބިރަކަށް، ނުފޫޒަކަށް ނުބައްލަވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

10 ފެބްރުއަރީ 2022:  ގިނަ ސުވާލުތަކަކަށްފަހު ދައުވާ ސާފުކޮށްދީފި

ޔާމީނުގެ ވަކީލުން ވިދާޅުވާ ގޮތުގައި ކުށްކުރި ތަން، ކުށުގެ އަމަލު، އަމަލު ހިންގި ގަޑި، އަދި ކުށް ކުރި ގޮތް ޔާމީނަށް ސާފެއް ނޫނެވެ.

ގިނަ ސުވާލުތަކެއް ދިފާއުން ކޮށްފައިވާއިރު، މި މައްސަލައިގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ޝަކީލު ވަނީ ދައުވާ އެކަށީގެންވާ މިންވަރަށް ސާފު ކޮށްދެވިއްޖެކަމަށް ޤަބޫލު ކުރައްވާކަމަށް ވިދާޅުވެފައެވެ.

10 ފެބްރުއަރީ 2022: ޔޫސުފް ނައީމްއަށް ދައުވާ ސާފުކޮށްދިނުން:

 ދައުލަތުގެ ވަކީލާ ވިދާޅުވީ، ވ އާރަށް ލިބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް "ރަނގަޅު އެއްޗެއް ދީގެން" ކަމަށް ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް ވިދާޅުވެފައިވާކަމަށް ހެކިންގެ ހެކިބަސްތަކުން އެނގޭކަމަށެވެ.

ވުމާއެކު، އެ ފައިސާއަކީ ރައީސް ޔާމީނު މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ރިޝްވަތުގެ ގޮތުގައި ހޯއްދެވި ފައިސާކަން އެނގޭކަމަށްވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. 

16 ފެބްރުއަރީ 2022: ޔޫސުފް ނައީމް ދައުވާއަށް އިންކާރު ކުރުން

ދައުވާ ބިނާކޮށްފައިވަނީ ގުޅުން ނެތް މުއާމަލާތްތަކެއްގެ މައްޗަށްކަމަށް ބުނެ، ޔޫސުފް ނައީމް ވަނީ ދައުވާއަށް އިންކާރު ކުރައްވާފައެވެ.

މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލު ވަނީ ހެކި ހުށައެޅުން ކުރިއަށް ގެންދަވާނީ އެއް މަޖިލީހެއްގައިކަމަށް ވިދާޅުވެފައެވެ. އެގޮތުން ހެކި ހުށައެޅުން ދެން އޮންނަ އަޑުއެހުމެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމަވާފައެވެ.

14 މާރޗު 2022: ދައުލަތުގެ ހެކި ހާމަކޮށް، ދިފާއީ ހެކި ހާމަ ކުރަން ފުރުސަތު:

މި އަޑުއެހުމުގައި އޮތީ ދެފަރާތުން ހެކި ހާމަކުރުމެވެ. އެހެންނަމަވެސް، ރައީސް ޔާމީނުގެ ފަރާތުންނާއި، ޔޫސުފް ނައީމްގެ ފަރާތުން ވަނީ ބައެއް ލިޔެކިޔުންތައް ހޯދުމާއި ދިރާސާ ކުރުމަށް އިތުރު ވަގުތުކޮޅެއް ބޭނުންވާކަން ފާހަގަކޮށް، ލިއުމުން ހެކި ހުށައެޅުމަށް މުއްދަތެއް ދެއްވުމަށް އެދިލައްވާފައެވެ.

ވުމާއެކު މައްސަލަ ބައްލަވާ ގާޒީ ވަނީ ދައުވާ ލިބޭ ދެ ފަރާތަށްވެސް ލިޔުމުން ހެކި ހުށައެޅުމަށް 5 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

އެއަށްފަހު ޝަރީއަތުން ވަނީ ދައުލަތުން ހުށައަޅާ ހެކިތައް ހާމަކުރުމަށް ދަންނަވާފައެވެ. އެގޮތުން ދައުލަތުގެ ވަކީލާ ވަނީ ލިޔުމުން ހެކި ހުށައަޅުއްވާފައިވާނެކަން ފާހަގަކުރައްވައި ޚުލާސާ ގޮތެއްގައި އެކަން ބަޔާން ކުރައްވާފައެވެ. 

11 އޭޕްރީލް 2022: އާރަށު ޚިޔާނަތުގެ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކަނޑައެޅުން

މި މައްސަލައިގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ޝަކީލު ވަނީ މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާތަކެއްކަމަށް ކަނޑައަޅުއްވާފައެވެ. ދެން މި މައްސަލައިގައި އޮންނާނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައެޅުން ކަމަށާއި، އެ އަޑުއެހުން އޮންނާނީ މެއި މަހުގެ 25 ވަނަ ދުވަހުކަމަށް އިސްގާޒީ ވިދާޅުވިއެވެ.

25 މެއި 2022: ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ބަލައިނުގަތުމަށް ނިންމުން:

އަޑުއެހުން ފައްޓަވަމުން މައްސަލަ ބައްލަވާ ގާޒީ ވަނީ ހުށައެޅުންތައް ހުށައެޅުއްވީ ޤާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައިތޯ ސުވާލެއް އަމާޒު ކުރައްވާފައެވެ. އެ ސުވާލުގެ ޖަވާބުގައި ދައުލަތުން ބުނީ، ދައުލަތުގެ ހުށައެޅުންތައް ހުށައަޅާފައިވާނީ މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާން ކުރާ މުއްދަތަށް ކަމަށެވެ.

ނަމަވެސް ދައުލަތާއި ދައުވާލިބޭ ފަރާތްތަކުން މުއްދަތު ގުނާފައިވަނީ އެ ދެމެދަށް އައި ފިތުރު އީދުގެ ޗުއްޓީގެ މުއްދަތަށްވެސް ބަލާފައެވެ.

ޤާނޫނުގައި ބުނާ މުއްދަތުގައި ހުށައެޅުންތައް ހުށައަޅާފައިނުވާތީ އިސްގާޒީ ނިންމެވީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ބަލައިނުގަތުމަށެވެ. ވުމާއެކު ދެން އޮންނާނީ ޝަރީއަތް ފެށުންކަން އިސްގާޒީ ފާހަގަ ކުރެއްވިއެވެ.

9 ޖޫން 2022: ޝަރީއަތް ފެށުން

މި މައްސަލައިގެ ޝަރީއަތް ފަށައި އިފްތިތާހީ ބަޔާން ވަނީ އިއްވާފައެވެ.

ދައުލަތުން ބުނާ ގޮތުގައި އެ މުއާމަލާތަކީ ޑޮލަރު މާރުކުރުމުގެ ނުވަތަ ވިޔަފާރީގެ އެފަދަ މުއާމަލާތެކޭ ބުނެވެން ނެތްކަމަށެވެ. ސަބަބަކީ އެ 1 މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ ރައީސް ޔާމީނުގެ ފަރާތުން ޔޫސުފް ނައީމަށް ދެއްވާފައިވާކަން އެނގެން ނެތުމުންނެވެ.

އެއަށްފަހު ރައީސް ޔާމީނުގެ ފަރާތުން އިފްތިތާހީ ބަޔާން ހުށައަޅުއްވާފައިވާއިރު، ދައުލަތުން ފާހަގަކުރި ކަންކަމަކީ ޚިޔާލީ ވާހަކަތަކެއް ހިމަނައިގެން ދައްކާފައިވާ ވާހަކަތަކެއްކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވިއެވެ.

16 ޖޫން 2022: ހެކިބަސް ނަގަން ފެށުން

މި މައްސަލައިގެ ހެކިބަސް ނަގަން ފަށާފައިވަނީ 16 ޖޫން 2022 ގައެވެ. އެއަށްފަހު އެކި ދުވަސްމަތިން ކުރިއަށް ދިޔަ އަޑުއެހުންތަކުގައި ދައުލަތާއި ދިފާއުގެ ހެކިންގެ ހެކިބަސް ނެގުމަށްފަހު، ހެއްކާ ގުޅޭގޮތުން ވާހަަކަ ދެއްކުމަށްވެސް ދިގު އަޑުއެހުންތަކެއް ވަނީ ބާއްވާފައެވެ.

ދައުލަތުގެ ހެކިންގެ ތެރޭގައި އަދީބާއި ޒިޔަތުގެ އިތުރުން، ރައީސް ޔާމީންގެ ގާތް އެކުވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ފަދަ ފަރާތްތައް ހިމެނެއެެވެ.

ޔާމީނާއި ޔޫސުފް ނައީމްގެ ހެކިންގެ ތެރޭގައި އަހުމަދު ނަރީޝްއާއި، މުހައްމަދު އިސްމާއިލްއާއި، މުހައްމަދު ސައީދުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ފަދަ ފަރާތްތައް ހިމެނެއެވެ.

17 ނޮވެމްބަރު 2022: ދައުލަތުން ހެއްކާ ގުޅޭގޮތުން ވާހަަކަ ދެއްކުން

ދައުލަތުގެ ވަކީލު ވިދާޅުވީ، ތަހުގީގު މަރުހަލާގައި ހާމަނުކުރާ ހެކިތަކެއް ޝަރީއަތުގައި ހެކީގެ ގޮތުގައި ހާމަކޮށްފައިވާ ކަމަށާއި، އެއީ ސިޔާސީ ވަކި މޯޓިވެއް ހާޒިރުކުރުމަށް ހުށަހަޅާފައިވާ ހެކިންތަކެއްކަމަށް ބެލެވެން އެބައޮތް ކަމަށެވެ.

އެފަރާތްތަކުން ތަހުގީގު މަރުހަލާގައި ހެކި ހާމަކޮށްފައި ނުވަނީ ޔާމީނާއި ޔޫސުފް ނައީމަށް ތަފާތު ވާހަކަތަކެއް ދެއްކިދާނެތީކަންވެސް ދައުލަތުން ފާހަގަކުރެއްވިއެވެ. ނަމަވެސް ތަހުގީގު ނިމި ޝަރީއަތް ފެށުމުން ދެފަރާތުންވެސް އެއް ހެކިތަކާއި ލިއުންތަކެއް ހުށަހެޅިކަމަށް ވަކީލު ވިދާޅުވިއެވެ. ވަކީލު ވިދާޅުވީ އެ ހެކިތަކުގައި ސުވާލު އުފެދޭ ގޮތަށް ގިނަ ކަންތައްތަކެއް ހިނގާފައިވާ ކަމަށެވެ.

ޑޮލަރު ވިއްކުމުގެ މައުސޫމު މުއާމަލާތެއް ހިންގާފައިވާނަމަ ތަހުގީގު މަރުހަލާގައި އަވަސްވެގަންނާނީ އޭނާގެ މައުސޫމުކަން ދަލީލުކޮށްދޭ ހެކިތަކެއް ތަހުގީގީ އިދާރާތަކަށް ހާމަކުރުމަށްކަމަށް، ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު އެނގިގެންދާކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އޭގެ އިތުރުން، ދައުލަތުގެ ސުވާލުތަކުގެ ޖަވާބުގައި ދިފާއީ ހެކިން ގިނަ ކަންކަން ހަނދާނުގައި ނެތްކަން ފާހަގަކޮށްފައިވާއިރު، އެ ހެކިންނަކީ ވަކި ގޮތަކަށް ހެކިބަސް ދިނުމަށް ތައްޔާރުކޮށްގެން ގެނެސްފައިވާ ހެކިތަކެއްކަމަށް ބެލެވޭކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މި މައްސަލައިގައި ޔާމީނުގެ ފަރާތުން ހެއްކާ ގުޅޭގޮތުން ވާހަކަ ދައްކާފައިވަނީ 20 ނޮވެމްބަރު 2022 ގައެވެ. އެ އަޑުއެހުމުގައި ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ބައި ނިމިފައިނުވާތީ، އެއަށްފަހު އެކި ދުވަސްމަތިން އަޑުއެހުން ބާއްވާފައިވެއެވެ.

އަދި ޔޫސުފް ނައީމްވެސް ވަނީ ހެއްކާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ.

30 ނޮވެމްބަރު 2022: ޚުލާސާ ބަޔާން އިއްވުން

ދައުލަތުން ވަނީ މި މައްސަލަ ސާބިތު ކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދިފާއުން ވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުން ވ.އާރަށުގެ މައްސަލައިގައި ރިޝްވަތުގެ އަމަލެއް ހިނގާފައިވާކަން ސާބިތުކޮށްދެވޭ މިންވަރަށް ދައުލަތަށް ހެކި ހުށަހެޅިފައި ނުވާ ކަމަށް ބުނެފައެވެ. އަދި ދައުލަތުން ހުށަހެޅި ހެކިތަކާއި މެދު ސުވާލު އުފައްދާ ދިފާއުން ވަނީ ވާހަކަދައްކާފައެވެ.

25 ޑިސެމްބަރު 2022: ޔާމީނާއި ޔޫސުފް ނައީމަށް ކުށް ސާބިތުވެ، މައްސަލައިގެ ޙުކުމް

އިސްގާޒީ ވިދާޅުވީ، ރައީސް ޔާމީނުގެ މަޤާމަށް ބަލާއިރު، އެހާ ބޮޑު އަދަދެއްގެ ފައިސާއެއް ޔާމީނުގެ އެކައުންޓަށް ސައްޙަ ގޮތުގައި ޖަމަވާން ޖެހޭ ސަބަބެއް ދަލާލަތު ކޮށްދެވިފައިނުވާ ކަމަށެވެ.

ޔާމީނުގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ، ވ އާރަށު ހިޔާނާތުގެ ފައިސާކަމަށް މި މައްސަލައިގައި ހުށައެޅިފައިވާ ހެކިތަކުން އެނގޭކަމަށް އިސްގާޒީ ވިދާޅުވިއެވެ.

އޭގެ އިތުރުން ޔޫސުފް ނައީމްގެ މައްޗަށް ކުރާ ދައުވާ ވެސް ވަނީ ސާބިތުވާކަމަށް ކަނޑައަޅުއްވާފައެވެ.

މަނީ ލޯންޑަރިންގ ދައުވާގައި ދައުލަތުން އެދުނީ 11 އަހަރުގެ ޖަލު ޙުކުމެއް އިއްވައިދިނުމަށެވެ. ރިޝްވަތު ދިނުމާއި، ޤަބޫލު ކުރުމުގެ ކުށުގެ ދައުވާގައި ދައުލަތުން އެދުނީ 8 އަހަރުގެ ޖަލު ޙުކުމެއް އިއްވައިދިނުމަށެވެ. ޖުމުލަ 19 އަހަރަށް ޔާމީނު ޖަލަށް ލައިދޭން ދައުލަތުން އެދުނެވެ.

ޔާމީނުގެ ފަރާތުން އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް އިތުރު ވަގުތަށް އެދިފައިވާއިރު، ޔޫސުފް ނައީމްގެ ފަރާތުން ވަނީ ޖަލުއަދަބާއި ޖޫރިމަނާގެ "މަސްހުނި އަދަބެއް" ދިނުމަށް އެދިފައެވެ.

އަދަބާ ގުޅޭގޮތުން ދެފަރާތުން ދެއްކި ވާހަކަތަކަށް ބަލައި، ޔާމީނަށް ކުރާ މަނީ ލޯންޑަރިންގ ގެ ކުށުގެ ދައުވާގައި 7 އަހަރަށް ޖަލަށް ލުމާއެކު، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ވަނީ ޙުކުމް ކުރައްވާފައެވެ.

އަދި ޔާމީނުގެ މައްޗަށް ކުރާ ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެފައިވާކަަމަށް ކަނޑައަޅުއްވައި، 4 އަހަރުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ. ސަބަބެއްގެ ގޮތުގައި ގާޒީ ވިދާޅުވާ ގޮތުގައި ޔާމީނު މި އަމަލު ހިންގާފައިވަނީ ރައީސްކަމުގެ މަޤާމުގައި ހުންނަވައި، ރައްޔިތުންގެ މަސްލަަހަތު ނުހަނު ބޮޑަށް ގެއްލިގެންދާ ގޮތަށެވެ. ވުމާއެކު، އަދަބުގެ އެއް ދަރަޖަ މަތި ކުރެއްވީއެވެ.

ޔޫސުފް ނައީމްގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ދިނުމުގެ މައްސަލައަށް ބަލާއިރު، އިސްގާޒީ ވިދާޅުވީ މި ކުށުގެ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަސް ކަމަށެވެ. އޭނާއަށް ކުރާ ދައުވާގެ އަދަބު ދަށްވާނެ އަދި މަތިވާނެ ޙާލަތެއްވެސް ނެތްކަމަށް އިސްގާޒީ ވިދާޅުވިއެވެ.

އަދި މި ކުށް ކޮށްފައިވާ ގޮތާއި، މިއީ ދުރާލާ ރާވައިގެން ކޮށްފައިވާ ކުށަކަށްވާތީ، އޭނާގެ މައްޗަށް އިއްވާފައިވަނީ 3 އަހަރާއި، 2 މަހާއި 12 ދުވަހުގެ ޖަލު ޙުކުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
67%
0%
33%
ކޮމެންޓް
ގުޅުންހުރި