ކ. މާލެ
|
25 އޭޕްރިލް 2017 | އަންގާރަ 20:19
ޔާމިން ރަޝީދު ދިރިއުޅުނު ގެ ހުންނަ މަގުގައި ހުރި ސީސީޓީވީ ކެމެރާ ފުޓޭޖެއްގެ އިމޭޖް
ޔާމިން ރަޝީދު ދިރިއުޅުނު ގެ ހުންނަ މަގުގައި ހުރި ސީސީޓީވީ ކެމެރާ ފުޓޭޖެއްގެ އިމޭޖް
ރާއްޖެ އެމްވީ
ޔާމީންގެ މަރު
ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލުން - ޓައިމްލައިން
 
ޔާމީންގެ ކުރިން ގެއަށް ވަތް މީހުން ޔާމީން ގެއަށް ވަތްތާ 3 މިނެޓް ފަހުން ގެއިން ނުކުމެގެންދޭ
 
ޔާމީން ވަނުމުގެ މިނެޓެއް ކުރިން ދެ މީހަކު ގެއަށް ވަދޭ
 
ޔާމީން ގެއަށް ވަތްކަމަށް ބެލެވެނީ ދަންވަރު 2:28 ގައި

 

ހޮނިހިރު ދުވަހަށް ރާއްޖެ އަލިވިލުނީ މުޅި ގައުމަށް ސިހުން ގެނުވާފަދަ ބިރުވެރި ޚަބަރަކާއެކުގައެވެ. އުމުރުން 29 އަހަރުގެ ޒުވާނަކު އެތައް ޒަހަމު ތަކަކާއެކު އޭނާގެ ދިރިއުޅޭ ގޭގެ ސިޑިގޮޅީގައި އޮއްވާ ފެނުނު ޚަބަރާއެކުގައެވެ. އެޒުވާނަކީ، ސ. ފޭދޫ ޗަނބޭލީގޭ ޔާމީން ރަޝީދެވެ.

ފުލުފުލުގައި ލިބެމުން ދިޔަ މަރުގެ އެތައް އިންޒާރު ތަކަކާއެކު އެންމެ ފަހުން ރަހުމު ކުޑަ ގޮތަކަށް ޔާމީން ރަޝީދު މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ މ. ސްޕެޓިއުލާގޭގެ ލިފްޓް ގޮޅިން އޭޕްރީލް މަހުގެ 23 ވަނަ އަށް ވީ ހޮނިހިރު ވިލޭރޭ ދަންވަރުގެ ވަގުތެއްގައެވެ.

އައިޓީ ރޮނގުން ހުނަރުވެރި ޒުވާނެއްގެ ގޮތުގައި ފާހަގަ ކުރެވުނު ޔާމީން ރަޝީދަކީ ކެރޭ ހިތްވަރުގަދަ ގިނަ ބައެއްގެ އެކުވެރިއެކެވެ.  ގިނަ ބަޔަކު ދަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި، އިންސާފާއި އިސްލާހަށް މަސައްކަތް ކުރި ފަހުލަވާނެކެވެ.

މި ރަހުމު ކުޑަ އަމަލު ހިންގި މީހުންނާއި އެކަން އެމީހުން ކުރީ ކީއްވެތޯ އާއި އެއީ ކިހިނެއް ކޮން ގޮތަކަށް ހިންގި ޖަރީމާއެއްކަން އެނގުމުގެ ބޭނުމުގައި ކެތްމަދު ވެފައި ތިބީ ހަމައެކަނި ދިވެހި ރައްޔިތުންނެއް ނޫނެވެ. މުޅި ދުނިޔެ އޮތީ އެކަމުގެ އިންތިޒާރުގައެވެ.

ޔާމީންގެ މަރާ ގުޅިގެން ރަސްމީ ފަރާތްތަކާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ބޮޑެތި ޒަޚަމު ތަކަކާއެކު ގޭގެ ސިޑިގޮޅި ކައިރިއަށް ވެއްޓިފައި އޮއްވާ ފެނުނީ އޭޕްރީލް 22 ވަނަ ދުވަހުގެ ރޭ ދަންވަރު އެގޭގައި ދިރިއުޅޭ މީހަކަށެވެ. އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދޭން ފަށާފައިވަނީ، 3:15 ހާއިރު ކަމަށް ހޮސްޕިޓަލުގެ އޮފިޝަލުން ވިދާޅުވެފައިވެއެވެ. ޔާމީންގެ ފުރާނަ ދިޔައީ 3:48 ހާއިރު ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

ޔާމީންގެ ހަށިގަނޑު ފެނުނީ ގޭގެ ބޭރު ދޮރުން އެތެރެއަށް ވަދެ ގޭތެރެ އަނދިރިކޮށް އޮތުމުން ފޯނުން އަލިކޮށްލުމުން ކަމަށް ޔާމީންގެ ހަށިގަނޑު ފެނުނު މީހާއާ ހަވާލާދީ ޚަބަރުތަކުގައިވެއެވެ. އެވަގުތު އޭނާއަށް ފެނުނީ ޒަޚަމްތަކަކާއެކު ވެއްޓިފައި އޮތް މީހެއް ކަމަށް އޭނާއާ ހަވާލާދީ އާއިލާއިން ބުނެފައިވެއެވެ.

މިއީ މިހާތަނަށް މިހާދިސާ މުހިންމު ވަގުތަކުގެ ގޮތުގައި މީޑިއާގައި އޮފިޝަލުންނާ ހަވާލާދީ ފާހަގަ ކޮށްފައިވާ ވަގުތުތަކެވެ. މި މައުލޫމާތުގެ އަލީގައި ޔަމީން ރަޝީދު ދިރިއުޅުނު މ.ސްޕެޓުލާ ގެ ހުންނަ މަގު ކަމުގައިވާ އިސްކަންދަރު މަގުގައި އެ ވަގުތު ކަންކަން ހިނގަމުން ދިޔަ ގޮތް އެރޭ ދަންވަރު 2:00 ން ފެށިގެން ފުލުހުން އެ ސަރަހައްދަށް އައުމާ ހަމައަށް ކަން ހިނގަމުން ދިޔަ ގޮތް ރެކޯޑު ކުރެވިފައިވާ މަންޒަރުތަކުގެ އަލީގައި ބަލާއިރު ފާހަގަ ކުރެވޭ ކަންތައްތަކެއް އެބަހުއްޓެވެ.

ޔާމީން ދިރިއުޅުނު މ. ސްޕެޓިއުލާގެ ހުންނަނީ އިސްކަންދަރު މަގާ، ރިޔާސީ ހިނގުން ގުޅޭ ކަންމައްޗަށް ވާ ގޮތަށެވެ. ގެއަށް ވަދެ ނުކުމެ ހަދާ މައި ދޮރު ހުންނަނީ ރިޔާސީ ހިނގުމަށެވެ. މި ދިރާސާގައި ބަލާފައިވާނީ ރިޔާސީ ހިނގުމުގެ މަންޒަރުތައް ރެކޯޑް ކުރެވޭ ގޮތަށް ބަހައްޓާފައިވާ ސެކިއުރިޓީ ކެމެރާތަކަކުން ރެކޯޑް ކުރެވިފައިވާ މަންޒަރުތަކަށެވެ.

މާލެ، އިސްކަންދަރު މަގު، 23 އޭޕްރީލް 2017، ދަންވަރު

 

02:01 ދެމީހަކު މ. ސްޕެޓޫލާގެއަށް ވަންނަތަން ފެނޭ

02:07 މީހަކު ސްޕެޗޫލާ ގެއިން ނުކުމެގެންދާތަން ފެނޭ – އެއީ ކުރިން ވަތް ދެމީހުންގެ ތެރެއިން އެކަކު ކަމަށް ތުހުމަތު ކުރެވޭ. އެމީހާ ސައިކަލަކަށް އަރައިގެން ދޭ.

02:27 ދެ މީހަކު އައިސް އެ ގެއަށް ވަދޭ އެމީހުން މަގަށް ވަންނަނީ ރިޔާސީ ހިނގުމުން އައިސް އިސްކަންދަރު މަގަށް. އެވަގުތު ބުރުގާ އަޅައިގެން ހުރި މެދު އުމުރުގެ އަންހެނަކު އެމީހުންނާ ކުރިމައްޗަށް ވާގޮތައް އިސްކަންދަރު މަގުން ގޮސް ރިޔާސީ ހިނގުމަށް ލަނބާލާތަން ފެނޭ. އެ ދެމީހުން ގެއަށް ވަތް ވަގުތު އިސްކަންދަރު މަގުން ދުއްވާފައިދާ ކާރަކާ އޭގެ ފަހަތުންދާ ސައިކަލެއް ގޭ ދޮރުމަތި ހުރަސްކޮށް ދުއްވާފައިދޭ. 2:27 ގައި ސްޕެޓޫލާގެއަށް ވަތް ދެމީހުންނަކީ ޒުވާން އުމުރު ފުރައިގެ ދެ މީހުން ކަމަށް ބެލެވޭ.

02:28 މީހަކު އައިސް ގެއަށް ވަދޭ. އަންނަނީ ރިޔާސީ ހިނގުމުން އައިސް އިސްކަންދަރު މަގަށް ވަންނަ ގޮތައް، ލިބިފައިވާ ޓައިމްލައިންއަށް ބަލާއިރު މިއީ ޔާމީން ކަމަށާއި މިއީ ޔާމީން ގެއަށް ވަތް ގަޑި ކަމަށް ބެލެވޭ. އެއީ ޔާމީން މަސައްކަތް ކުރާ އޮފީހުން ނުކުތީ ދަންވަރު 2:00 ގެ ފަހުން ކަމަށް އޭނާއާ އެއް އޮފީހެއްގައި މަސައްކަތް ކުރާ މުވައްޒަފަކަށް ފޮނުވި ޓެކްސްޓް މެސެޖަކުން އެނގޭތީ. އެހެން ކަމުން އޭގެ ކުރިން އެގެއަށް ވަތް މީހުންގެ ތެރޭގައި ޔާމީން ހިފެނިފައި ނުވާނެ ކަމަށް ބެލެވޭ.

02:29 ގައި އިސްކަންދަރު މަގު ހުރަސްވާ ގޮތައް ރިޔާސީ ހިނގުމުގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުންނަ މީހަކު ފެނޭ. އޭނާގެ އަތުގައި އަލި އަންނަ އެއްޗެއް އޮވޭ. އެއީ ފަހަރުގައި ފޯނު ކަމަށް ވުން ވެސް އެކަށީގެންވޭ. އޭނާ އެހުރި ހިސާބަށް ބަލާއިރު، އެއީ ސްޕެޓޫލާގޭގެ ތެރޭން ގަދަ އަޑެއް އިވޭ ނަމަ ރަނގަޅަށް ސާފުކޮށް އެނގޭނެހާ ކައިރި ހިސާބެއް ކަމަށް ބެލެވޭ.

02:30 ކުނި އުފުލާ ޕިކަޕެއް އައިސް އިސްކަންދަރު މަގަށް ވަދެ އެއިން ދެމީހުން ފައިބާ ޕިކަޕަށް އެ މަގުގައި ހުންނަ ކެފޭއިން ކުނިތަކެއް އަރުވާ މަންޒަރު ފެނޭ.

02:31 ކުނިތައް އަރުވަމުން ދަނިކޮށް ސްޕެޗޫލާގެއިން ދެ މީހުން ނުކުންނަތައް ފެނޭ އަދި އެމީހުން ސައިކަލެއްގައި ނައްޓާލާ. މި ދެމީހުން ދިޔައީ ދެ ސައިކަލެއްގެ ފަހަތުގައި ކަމަށް ބެލެވޭ އަދި އޭރުވެސް ލޮރީ އެމަގުގައި މަޑު ކޮށްގެން އޮވޭ. ލޮރީއަށް ކުނި އަޅަމުން ގެންދޭ. ލޮރީގެ ހެޑްލައިޓް އޮތީ ނިއްވާލާފައި. ސައިކަލަށް އަރައިގެން ދިޔަ މީހުން ދިޔައީ، އިސްކަންދަރު މަގުން ހުރި ގޮތައް ކުރިއަށް. އެމީހުން ނައްޓާލިތާ ހިނދުކޮޅެއްގެ ތެރޭ އެ ކުނި ލޮރީ ލައިޓު ޖައްސާ ދުއްވާލާ. ދިޔައީ ހުރިގޮތައް އިސްކަންދަރު މަގުން ކުރިއަށް. އޭގެ އިރުކޮޅެއް ފަހުން އިސްކަންދަރު މަގުގައި ހުރި ކެފޭގެ މީހަކު ފިހިނގަޑެއް ހިފައިގެން ނުމުގެ ހޮޓަލުގެ ދޮރުމަތި ސާފު ކުރާތަން ފެނޭ.

02:38 މީހަކު ބޭރުން އައިސް ސްޕެޓޫލާގެއަށް ވަދޭ، ހަމަ ހިނދުކޮޅެއްގެ ތެރޭގައި މީހަކު ނުކުމެގެން ގޮސް އިސްކަންދަރު މަގާއި، ރިޔާސީ ހިނގުން ގުޅޭ ކަންމަތީގައި މަޑު ކޮށްގެން ސައިކަލެއްގެ މަތީގައި އިން މީހެއްގެ ފަހަތައް އަރާ ދުއްވާލާ.

02:43 މީހަކު ސްޕެޓޫލާ ގެއަށް ވަދެފައި ކުއްލިއަކަށް ބޭރަށް ނުކުމެ ފޯނުން ގުޅާތަން ފެނޭ. މިއީ ފުލުހުންނަށް މައްސަލަ ރިޕޯޓު ކުރި މީހާ ކަމަށް ބެލެވޭ. އެއީ އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖަށް ބަލާއިރު، ފުލުހުންނާ ބައްދަލުވަންދެން މަގުމަތީގައި ހިނގާލަ ހިނގާލާ ހުންނަތަން ފެންނާތީ.

02:49 ޕޮލިސް ދެ ސައިކަލެއްގައި ދެ އޮފިސަރުން އިސްކަންދަރު މަގަށް ވަދެ ފޯނުން ގުޅި މީހާއާ ބައްދަލުވޭ.

02:50 ޕޮލިސް އޮފިޝަލަކު ސްޕެޓޫލާގެއަށް ވަދެފައި ނުކުމޭ.

02:51 ޕޮލިސް ކާރެއް އިސްކަންދަރު މަގުން ވަދެގެން އައިސް ގޭގެ ކުރިމައްޗަށް މަޑު ކުރޭ.

02:52 ކާރުގެ ސައިރަން ޖެއްސި.

02:53 އިތުރު ދެ ފުލުހަކު އިސްކަންދަރު މަގުން ގެއާ ދިމާލަށް ދުވެފައިދޭ.

02:58 އިތުރު ފުލުސް ވޭން އެއް އައިސް އިސްކަންދަރު މަގުން ވަދެގެން އައިސް ޓޫފޯފޯ ކެފޭ ކުރިމައްޗަށް ވާހަކަލަ ގޮތަކަށް މަޑު ކުރޭ

03:01 ފުރަތަމަ އައި ފޮލިސް ކާރު ޔާމީނުގެ ހަށިގަނޑު އަރުވައިގެން ނައްޓާލާ.

މި ޓައިމްލައިންއަށް ބަލާއިރު ޔާމީން ގެއަށް ވަނުމުގެ މިނެޓެއް ހާއިރު ކުރިން ދެ ޒުވާނަކު އެ ގެއަށް ވަންނަ ކަމާއި، އަދި ޔާމީން ގެއަށް ވަތްތާ ތިން މިނެޓު ފަހުން ދެ މީހަކު ގެއިން ނުކުމެގެން ދާކަން ފާހަގަ ކުރެވެއެވެ. އަދި އެ ވަގުތު ކޮޅުގެ ތެރޭގައި އިތުރު މީހަކު އެ ގެޔާ ވަރަށް ކައިރީގައި ޔާމީން ދިރިއުޅުނު ސްޕެޓޫލާ ގޭ ތެރޭގައި ހިނގާ ކަންކަން ފަހުމުވާ ހިސާބު ކައިރީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުންނަކަން ފާހަގަވެފައިވެއެވެ. މި ދެމީހުން ސްޕެޓޫލާ ގެއިން ނުކުމެގެން ދިޔަ ފަހުން ރިޕޯޓު ކުރި މީހާގެ ކުރިން އެކަކު އެ ގެއަށް ވަދެ، ނިކުމެގެން ދިޔައެވެ. ޔާމީން ގެއަށް ވަތް ވަގުތަކީ އޭނާއަށް ހަމަލާދިން ވަގުތު ކަމުގައިވާނަމަ، 2:31 ގައި އެގެއިން ނުކުމެގެން ދިޔަ ދެމީހުންނަށް އެކަން ނޭނގި ނުދާނެ ކަމަށް ބެލެވެއެވެ. މައްސަލަ ރިޕޯޓު ކުރީ އެމީހުންގެ ފަހުން އައި މީހަކު ކަމަށް ވުމާއެކު އެމީހުންނަކީ މައްސަލަ ރިޕޯޓު ކުރި މީހުންނެއް ނޫނެވެ. ފުލުހުންނަށް ޔާމީންގެ މަރުގެ ހާދިސާގެ ރިޕޯޓު ލިބުމާއި ޔާމީން ގެއަށް ވަނުމާ ދޭތެރޭގައި ހިނގާފައިވަނީ، 15 ވަރަކަށް މިނެޓެވެ. އަދި ފުލުހުން އެ ސަހަރައްދަށް އައުމާއި ޔާމީން ގެއިން ނެރެގެން ހޮސްޕިޓަލަށް ގެންދިއުމަށް ނައްޓާލުމާ ދޭތެރޭގައި ހިނގާފައިވަނީ 12 ވަރަކަށް މިނެޓެވެ.

ދިވެހި ރައްޔިތުން ކެތެތެރި ކަމެއް ނެތި އިންތިޒާރު ކުރަމުންދަނީ މި އަނިޔާވެރި މަރުގެ އަމަލު ހިންގި މީހުންނާއި، އެކަމުގެ ފަހަތުގައި ތިބި ބަޔަކު އަވަހަށް ހޯދާ އިންސާފުގެ ކުރިމައްޗަށް ގެންނާނެ ވަގުތަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް
26 އޭޕްރިލް 2017 | ބުދަ 10:20
އަޖައިބު
އަސުްލުވެސް މީތި ހަމަ ކިޔާލާފަ ވަގުތުން ހިތަން އެރީ ކޮބާހޭ އެ ޝީޒާ، އޭނާ ހެދި ހުސް ދޮގުތާއޭ. މަގުމަތީ މީހެއް ދެކޮޅަށް ހިނގާއަދި ނުވިތާކަށް ބޮޑު ޕިކަޕެއް އެތަނަށް އައިރު އެ ޝީޒާ އަށް ހަމަ ނުފެނުނު ނުވިތާކަށް ޕިކަޕްގެ އަޑުވެސް ނީވުނު. އަނެއް ކަމަކީ އެ ހޮޓަލުން އެހާ ދަންވަގުތެއްގައި ކުނި އުކަނީ ކީއްވެތޯ؟ ހަމަ ހިތުގަ އުފެދޭ ސުވާލެއްވީމާ އަހާ އެލުވުނީ.
26 އޭޕްރިލް 2017 | ބުދަ 00:07
އިންޑިއާ މީހާ
މަސައްކަތް ވަރަށް މޮޅު. އެކަމަކު މިމިންވަރަށް މިކަން ކުރީމާ ލިބެންހުރި ހެއްކާއި ހެކިބަސްދޭން ހުރި މީހުން ދަނެގަނެ އެމީހުން ހުއްޓުވާލާނެ.
25 އޭޕްރިލް 2017 | އަންގާރަ 20:23
ލާމީ
ކޮބާތަ އެއްކަލަ ޝީޒާ ؟؟؟ އެކަމަނާގެ ވާހަކަތަކުން އެގެއިން މީހަކު ނިކުތްތަނެއް ނުފެނޭ.. ހިނދުކޮޅުގަކަންނޭންގެ