ކ. މާލެ
|
23 އޮކްޓޯބަރ 2023 | ހޯމަ 10:28
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް - ފޮޓޯ/ ފަޔާޒް މޫސާ
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް - ފޮޓޯ/ ފަޔާޒް މޫސާ
މިހާރު
އެފްއޭއެމް
އެފްއޭއެމްގެ މަނީ ލޯންޑަރިންގެ މައްސަލަ: ޒަމާންވީ މައްސަލައިގެ އަޑީގައި ތިބީ ކޮން ބައެއް؟
 
އޭރު ވެސް އެމީހުން، މިހާރު ވެސް އެމީހުން، ތުހުމަތު ކުރަނީ ހަމަ އެއް މައްސަލައެއްގައި ނަމަވެސް ތަފާތު ވަނީ ހަމައެކަނި އެ ކަންތައް ހިނގައިގެން މިއުޅޭ ދަނޑިވަޅު

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ބަަލައި ފާސް ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދިޔުމާއެކު، މުޅި މީޑިއާގައި އެ ވާހަކަ ހިއްޕާލި އެވެ. ގިނަ ދުވަސްތަކެއް ވަންދެން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި، އޭނާގެ ޓީމާ ދެކޮޅަށް އާންމުންނާއި، އެކި އެކި ފަރާތްތަކުން ދައްކަމުން ދިޔަ، ވައްކަމާއި، ޚިޔާނާތުގެ ވާހަކަތަކަށް އިތުރު ބާރެއް ވެސް ލިބުނީ އެވެ. ނަމަވެސް، މިއީ އިއްޔެއަކު ނުވަތަ މިއަދަކު ހިނގައިގެން އުޅޭ ކަމެއް ނޫނެވެ. މިއީ އޮޅުން ބޮޅުމެއްގެ ތެރޭގައި އޮތް ޒަމާންވީ ވައްކަމުގެ މައްސަލައެކެވެ.

މިއީ ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އިދާރާގެ އޮފީހަށް ފުލުހުން ވަތް ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް ފުލުހުން ވަނީ އެ އިދާރާ ބަލައި ފާސްކޮށްފަ އެވެ. އޭރު ވެސް އެއީ ފައިސާއާ ގުޅުން ހުރި މައްސަލައެއްގަ އެވެ. މަނީ ލޯންޑަރިންގެ ތުހުމަތެއްގަ އެވެ. އެއީ އޭރު ފުލުހުން ހިންގި ބިޔަ، ބޮޑު އޮޕަރޭޝަނެއްގެ ތެރެއިން ބެލި ބެލުމެކެވެ. މީގެ އަހަރުތަކެއް ކުރިން 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ދަތުރު ކުރައްވަމުން ގެންދެވި ރިޔާސީ ލޯންޗުކޮޅު، ފިނިފެންމާގައި ބޮމެއް ގޮއްވާލައިގެން ފުލުހުން ވަނީ ބޮޑު ތަހުގީގެއް ކުރިއަށް ގެންގޮސްފަ އެވެ. އެކަމުގެ ތެރެއިން އޭރުގެ ނައިބު ރައީސަކަށް ހުންނެވި، އަޙުމަދު އަދީބު ޢަބްދުލް ޣަފޫރު ހައްޔަރު ކުރުމަށް ފަހު، އަދީބާ ގުޅުން ހުރި އެންމެހައި ތަންތަނެއް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ.

2015 ވަނަ އަހަރު ފުލުހުން އެފްއޭއެމް ބޭރުގައި ފޯރިމަރަނީ - އަވަސް

ސިޔާސީ ގޮތުން ޤައުމު ހަލަބޮލިވެފައިވާ އެ ދުވަސްވަރު، ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އަދި އަދީބު އިސްވެ ހުންނަވާ، ޕީޕީއެމްގެ ސިޔާސީ ޙަރަކާތްތައް ހިންގެވީ އެފްއޭއެމްގެ އިދާރާ އެވެ. އެއީ ހަމަ ބުއްދިއެއް ހުރި ކޮންމެ މީހަކުމެ، ދަންނާނެ ބޮޑު ސިއްރެކެވެ. އެދުވަސްވަރު ފުލުހުން ވަނީ އެ މައްސަލައިގެ ތަހުގީގަށް އެފްއޭއެމް ބަލައި ފާސްކޮށްފަ އެވެ. އަދީބާ ގުޅުން ހުރި އެތައް ކަމެއް އެތަނުގެ އެތެރޭގައި ކުރަމުން ދާ ކަމަށް ބެލެވިގެންނެވެ. އޭރު އެފްއޭއެމް އޮތީ އިންޓަރިމް ކޮމެޓީއަކާ ހަވާލުކޮށްފަ އެވެ. އޭރު ވަގުތީ ގޮތުން އެފްއޭމްގެ ހިންގަމުން ދިޔައީ އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް މުހައްމަދު ޝަވީދު ވަގުތީ ރައީސަކަށް ހުންނަވައިގެންނެވެ. އޭރު އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ އަކަށް ހުންނެވީ މިހާރުގެ ރައީސް ބައްސާމް އެވެ. މިހާރުގެ ނައިބު ރައީސް އަލީ އުމަރު އަދި ޖެނަރަލް ސެކްރެޓަރީ ޙުސެއިން ޖަވާޒް (ޖަވާ) ވެސް ހުންނެވީ އެފްއޭއެމްގަ އެވެ.

ދަންނަވަން އުޅޭ ވާހަކަ އަކީ މިއީ އެވެ. އޭރު ވެސް އެމީހުންނެވެ. މިހާރު ވެސް އެމީހުންނެވެ. ތުހުމަތު ކުރަނީ ހަމަ އެއް މައްސަލައެއްގަ އެވެ. ތަފާތު ވަނީ ހަމައެކަނި އެ ކަންތައް ހިނގައިގެން މިއުޅޭ ދަނޑިވަޅެވެ. އޭރު ވެސް އެފްއޭއެމް މެދުވެެރިކޮށް އެތަކެއް މަނީ ލޯންޑަރިންގެ ކަންތައްތަކެއް ހިންގި ކަމަށް ތުހުމަތު ކޮށްފައިވާއިރު، މިހާރު ވެސް އެ ކުރެވެނީ ހަމަ އެކަހަލަ ތުހުމަތެކެވެ. އެފްއޭއެމަށް އެކި ފަރާތްތަކުން ދެމުން އަންނަ ފައިސާ، އެތަނުގެ ވެރިންނާއި، އެވެރިންގެ ގާތް ފަރާތްތަކުގެ އިތުރުން، ކުންފުނިތަކަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލަ އެކެވެ. މިއަދު، ފުލުހުން ވަދެ، އެފްއޭއެމް ބަލައި ފާސް ކުރަން ޖެހުމަކީ އަނެއްކާ ވެސް ލަދުވެތި ކަމެކެވެ.

2015 ވަނަ އަހަރު ފުލުހުން އެފްއޭއެމް ބޭރުގައި ފޯރިމަރަނީ - އަވަސް

ކުރެވޭ ތުހުތަމަތުތަކަށް ބައްސާމާއި، އެފްއޭއެމް ހިންގަން ތިބި ވެރިންނަށް ޖަވާބުދާރީ ވެވިފައެއް ނުވެ އެވެ. ދިވެހި ފުޓުބޯޅައިގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވީ، މިއީ ޒަމާންވީ ބޮޑު މައްސަލައެއްގެ ތެރެއިން ދިމާވެގެން އުޅޭ ކަމެއް ކަމަށެވެ. އެގޮތުން އޭރު ވެސް އެފަދަ މައްސަލަ އެއް އެފްއޭއެމާ ދެކޮޅަށް ތަހުގީގުކޮށްފައިވާއިރު، މިއީ އެކަންކަން ނުނިމި އޮތުމުގެ އަސްލު ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އޭނާ ދެކިލައްވާ ގޮތުގައި އެފްއޭއެމްގައި ހުރި މައްސަލަތައް ހައްލުކޮށްގެން މެނުވީ، ރާއްޖެ އަށް ފުޓުބޯޅައިގައި ކުރިއަށް ދެވޭނެ އެއްވެސް މަގެއް ނެތެވެ. މި ޙާލަތުގައި ރާއްޖެ އަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) ގެ ސަސްޕެންޝަނައެއް އައުމަކީ، ބިރު ގަންނަން ޖެހޭ ސަބަބެއް ނޫނެވެ. އޭނާ ދެކިލައްވާ ގޮތުގައި އެ ސަަސްޕެންޝަކާއެކު ވެސް ފުޓުބޯޅައިގެ ޙާލަތު ރަނގަޅުވެއްޖެ ނަމަ، އެއީ ހެޔޮ ގޮތެކެވެ.

އެހެންކަމުން، އިދާރީ ގޮތުން ބޮއްސުންލައިގެން ގޮސް، ޤައުމީ ކުޅިވަރުގެ ގޮތުގައި އެންމެން ވެސް ދެކިގެން ތިބި ފުޓުބޯޅަ މި ޙާލަތަށް ވައްޓާލުމުގެ ފުރިހަމަ ޒިންމާ ބައްސާމާއި، އެފްއޭއެމެގެ އިސްވެރިން ނަގަން ނުޖެހޭ ހަމަ އެއްވެސް ސަބަބެއް އޮތް ކަމަށް ޤަބޫލެއް ނުކުރެވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
25%
0%
0%
25%
0%
50%
ކޮމެންޓް