ކ. މާލެ
|
23 މާރޗް 2022 | ބުދަ 19:50
ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)
ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)
ޓްވިޓަރ
އައްމަޓީ ދޫކޮށްލި މައްސަލަ
އައްމަޓީ ދޫކޮށްލުން: ޓައިމްލައިން
 
1 މާރޗު 2022ގައި ބޭއްވި ބަންދު މުރާޖައާ އަޑުއެހުމުގައި ގާޒީ ހަސަން ސައީދު އަނެއްކާވެސް ވަނީ، ޝަރުތުތަކާއެކު އައްމަޓީ ދޫކޮށްލެއްވުމަށް ނިންމަވާފައި
 
ފެބްރުއަރީ 2021ގައި އޭނާ ހައްޔަރުކުރީ ސްރީލަންކާއިން
 
ތަހުގީގު މަރުހަލާގައިވެސް އައްމަޓީ ހައްޔަރު ކުރުމަށް 14 ފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވޭ

ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ބުކިން ފީގެ ގޮތުގައި ގިނަ ބައެއްގެ އަތުން އެޑްވާންސްކޮށް ފައިސާނެގުމަށްފަހު، ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ އަދި ޑިރެކްޓަރ އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ރާއްޖެއިން ބޭރަށް ގޮސް ފިލައިގެން އުޅެނިކޮށް އޭނާ ހައްޔަރުކުރީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އޭރު އިންޓަރޕޯލުން ރެޑް ނޯޓިސްވެސް ނެރުނެވެ. އައްމަޓީ ހޯދުމަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނީ 2019 ވަނަ އަހަރުއެވެ.

ތަހުގީގު މަރުހަލާގައި ވެސް އައްމަޓީ ހައްޔަރު ކުރުމަށް 14 ފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވެއެވެ. ހައްޔަރުކުރުމުގެ އަމުރު އެތައް ފަހަރެއްގެ މަތިން ނެރުނުކަން އެނގިހުރެ ތަހުގީގަށް ހާޒިރު ނުވުމުން, އިންޓަރޕޯލް މެދުވެރިކޮށް ރެޑްނޯޓިސް ވެސް ނެރެފައިވެއެވެ. އެއަށްފަހު އޭނާ ހައްޔަރުކޮށްފައިވަނީ، ވިސާއާ ނުލައި، ސްރީލަންކާގައި އުޅެމުންދަނިކޮށް، އެ ގައުމުން ޑީޕޯޓްކޮށްލުމުންނެވެ.

22 ފެބްރުއަރީ 2021ގައި އޭނާ ހައްޔަރުކުރީ ސްރީލަންކާއިންނެވެ.

ސީލައިފްގެ ފަރާތުން 180އަށް ވުރެ ގިނަ މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވާއިރު ސީލައިފުން ފައިސާ ނެގި އެކި ފަރާތްތަކާ އެގްރީމެންޓްވެސް ކުރެވިފައި ވަނީ އެކި ގޮތްގޮތަށެވެ. އެގޮތުން 3 ރޫމް އެޕާޓްމެންޓް 3 މިލިއަން ރުފިޔާއަށް ވިއްކުމަށް ބައެއް ފަރާތްތަކާ އެގްރީމެންޓް ކުރެވިފައިވާއިރު އަނެއްބައި ފަރާތްތަކާ 3 ރޫމް އެޕާޓްމެންޓެއް މިލިއަން ރުފިޔާއަށްވެސް ވިއްކުމަށް އެގްރީމެންޓްކުރެވިފައިވެއެވެ.

އެތައް ބަޔަކަށް އޮޅުވާލިކަމުގެ ތުހުމަތު އައްމަޓީގެ މައްޗަށް ކުރެވޭއިރު، އޭނާ ރާއްޖެ ގެނައީ އެ އަހަރުގެ މާރޗު މަހުގެ 24 ވަނަ ދުވަހުއެވެ.

މި މައްސަލަތަކާ ގުޅިގެން އައްމަޓީގެ މައްޗަށް ޚިޔާނާތުގެ 42 ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ހުށައެޅީ 30 މެއި 2021ގައެވެ. އޭރު ޕީޖީ އޮފީހުން ބުނީ، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިންގ ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަަމަށް އޭނާގެ މައްޗަށް ތުހުމަތުކުރެވޭކަމަށެވެ. 

ކޮންމެއަކަސް އައްމަޓީގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރިއަށްދަނިކޮށް އޭނާ ބަންދުން ދޫކޮށްލާފައިވަނީ 17 ޖޫން 2021ގައެވެ. އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން އެދުނީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށެވެ. ސަބަބެއް ގޮތުގައި ފާހަގަކުރެއްވީ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތުމާއި، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާވުމާއި، ފިލައިގެން ދިޔުމުގެ ފުރުސަތު އޮތުމުންނެވެ.

އޭގެ އިތުރުން، މި މައްސަލައިގެ ހެކިންގެ ގޮތުގައި ކުންފުނީގައި ކުރިން މަސައްކަތް ކުރި މުވައްޒަފުންތަކެއްވެސް ދައުލަތުން ހުށައަޅާފައިވާއިރު، އައްމަޓީއަކީ ކުންފުނީގެ އެމްޑީ ކަމަށް ވެފައި, އެމީހުންނާ ޚާއްސަ ގުޅުމެއް އޮންނަ މީހެއް ކަމަށް ވުމުން، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ދައުލަތުން ފާހަގަކުރިއެވެ. މި މައްސަލައިގައި ކުރިން ކަން ހިނގި ގޮތަށް ބަލާއިރު ވެސް މައްސަލައިގައި ޝަރީއަތަށް ހާޒިރުނުވެ ފިލައިގެން ދިއުމުގެ ފުރުސަތު އޮތް ކަމަށާއި، މައްސަލައިގައި ތުހުމަތު ކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި އެބަހުރި ކަމަށްވެސް ދައުލަތުން ބުނެއެވެ.

އެހެންނަމަވެސް އެ ދުވަހު މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ނިންމެވީ ޝަރުތުތަކާއެކު އައްމަޓީ ބަންދުން ދޫކޮށްލެއްވުމަށެވެ. އެއީ ޝަރީއަތް ނިމެންދެން މާލޭގައި ހުރުމާއި ރާއްޖެއިން ބޭރަށް ފުރައިގެން ނުދިއުމެވެ.

އެހާހިސާބުން، އެ ނިންމުން މުރާޖައާ ކުރުމަށް ދައުލަތުން ހުށައެޅިއެވެ. އެގޮތުން 2021 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ކޯޓުން ނިންމީ އެއްވެސް ޝަރުތަކާއެކު ވެސް އައްމަޓީ ބަންދުން ދޫކޮށްލެވެން ނެތްކަމަށެވެ. ދޫކޮށްލައިފިނަމަ އޭނާ ފިލާފާނެ ކަމަށް ބެލެވޭ ކަމަށާއި، އުފުލާފައިވާ 42 ދައުވާއަކީ ވެސް ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނަތްތެރިވުން ކަމަށެވެ. ކުށްކުރިކަމަށް ތުހުމަތުކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައިވާކަމަށް ޝަރީއަތަށް ފާހަގަވާކަމަށް ވެސް ބުނެފައިވެއެވެ.

އެހެންނަމަވެސް އޭގެ ފަހުން 20 އޮކްޓޯބަރު 2021ގައި ބޭއްވި އަޑުއެހުމުގައި ގާޒީ ހަސަން ސައީދު ވަނީ އަނެއްކާވެސް ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލުމަށް ނިންމާފައެވެ. އޭނާ ދޫކޮށްލީ އޭނާގެ އަންހެން ކޮއްކޮއާއި ދައްތަ ޖާމިނުކޮށްފައެވެ. އަދި ކޯޓުގެ ހުއްދަނެތި މާލެއިން ބޭރަށް ނުދިއުން ފަދަ ޝަރުތުތަކެއް ގާޒީ އެ ފަހަރުވެސް ވަނީ ކަނޑައަޅުއްވާފައެވެ.

އައްމަޓީ މީގެ ކުރިން ފިލައިގެން އުޅުނުކަން ނޭނގޭކަމަށް އޭނާގެ ދައްތަ ބުނެފައިވާއިރު، ދައުލަތުން ވަނީ އައްމަޓީގެ "ހިސްޓްރީ" ނޭނގޭއިރު، އޭނާއާމެދު ޖާމިނުވެ، އޭނާ ފިލައިގެން ނުދާނެ ކަމުގެ ޔަގީންކަމެއް ދެވޭނީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ. ނަމަވެސް ގާޒީ ވަނީ ޖާމިނުވުމުގެ ޝަރުތު އެ ދެމީހުންގެ ކިބައިގައި ހަމަވާކަމަށް ގަބޫލުކުރެއްވޭކަމަށް ވިދާޅުވެ، ކަފާލާތުގެ ދަށުން ދޫކޮށްލެއްވުމަށް ނިންމަވާފައެވެ. އަދި އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ، "ނިންމެވުމާމެދު ހިތްހަމަ ނުޖެހޭނަމަ، ދައުލަތުން އެހެން މައްސަލަތަކުގައި ވެސް އަމަލުކުރާ ގޮތަށް" ހައިކޯޓަށް ދިއުމަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ ހަސަން ސައީދެވެ. އަސްއަދު އަލީ ޖާމިނުވާގޮތަށް، ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވެސް ކްރިމިނަލް ކޯޓުން ދޫކޮށްލެއްވީ ގާޒީ ހަސަން ސައީދެވެ.

އޭރު ދައުލަތުން ބުނަމުން ދިޔައީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ފަނޑިޔާރަށް ދޫކޮށްފައިވާ އިޚްތިޔާރަކީ މުތުލަގަށް ދޫކޮށްލާފައިވާ އިޚުތިޔާރެއް ނޫންކަމަށެވެ. ކުށުގެ ބާވަތާއި، ކުޑަބޮޑު މިނަށް ވެސް ރިއާޔަތް ކުރައްވަންޖެހޭކަން ގާނޫނީ ނައްސުތަކުން އެނގެން އޮންނަކަން ވަކީލު ފާހަގަކުރެއްވިއެވެ.

ވަކީލު ވިދާޅުވީ، އައްމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ބަލާއިރު އެއްލައްކަ ރުފިޔާއަށްވުރެ އަގު މަތި އަދަދުތައް ހިމެނޭ މައްސަލަތައް އެބަހުރި ކަމަށެވެ. އެގޮތުން މިއީ ޖިނާއީ ބޮޑު މައްސަލައެއްކަން ފާހަގަ ކުރައްވައި ވަކީލު ވިދާޅުވީ، މިއީ އެތައް ބަޔަކަށް އަނިޔާ ލިބިފައިވާ މައްސަލައެއް ކަމަށެވެ. އަދި އައްމަޓީއަކީ މާލީ މުއާމަލާތްތަކާ ގުޅޭ ކުށުގެ ރެކޯޑު ވެސް އޮންނަ މީހެއްކަން ވަކީލު ފާހަގަކުރެއްވިއެވެ.

އެ ސަބަބުތަކަށް ރިއާޔަތްކޮށް އަނެއްކާވެސް ދައުލަތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލައިގެ އަޑުއެހުން 5 ނޮވެމްބަރު 2021ގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، އައްމަޓީގެ ޕާސްޕޯޓް ހިފަހައްޓާފައި އަދި ފުރުން މަނާކުރުމުގެ އަމުރެއް ނެރެފައި އޮތްކަމުގައި ވީނަމަވެސް، ވަލުދޮރޯށިން ނޫނީ އެހެން ގޮތަކުން ދައުލަތުގެ ނިޒާމަށް ނޭނގި ފިލައިގެން ދިއުމުގެ އިހްތިމާލް އެބައޮތްކަމަށް ދައުލަތުން ބުނެފައިވެއެވެ. އޭނާއަކީ މީގެ ކުރިން އިންޓަނޭޝަނަލް އެރީނާގެ ތެރޭގައި ފިލައިގެން އުޅެފައިވާ ފަރާތެއްކަމަށް ވެސް ދައުލަތުން ފާހަގަކުރިއެވެ.

އޭރު ހައިކޯޓުން ނިންމީ އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލު ކަމަށެވެ. ހައިކޯޓުން އޭރު ވަނީ އައްމަޓީ އަލުން ބަންދު ކުރުމަށް އަމުރުކޮށްފައެވެ. އެއީ 15 ނޮވެމްބަރު 2021ގައެވެ.

އެއާއެކު، އައްމަޓީ ބަންދުގައި ބަހައްޓައިގެން އަނެއްކާވެސް މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައެވެ. އަދި 21 މާރޗު 2022ގައި ބޭއްވި ބަންދު މުރާޖައާ އަޑުއެހުމުގައި ގާޒީ ހަސަން ސައީދު އަނެއްކާވެސް ވަނީ އައްމަޓީ ޝަރުތުތަކާއެކު ދޫކޮށްލެއްވުމަށް ނިންމަވާފައެވެ. އެގޮތުން އޭނާ ޝަރީއަތަށް ނުފިލާނެކަން ކަށަވަރު ކުރެވޭ އިތުރު ހަރުދަނާ ފިޔަވަޅު އެޅުމަށްފަހު އޭނާގެ ބަންދަށް ބަދަލު ގެންނަންޖެހޭ ހާލަތު އޮޮތްކަމަށް ގާޒީ ވިދާޅުވިއެވެ.

ހައިކޯޓުގެ ހުކުމުގައިވެސް އޮންނަނީ"ޕާސްޕޯޓު ހިފެހެއްޓުމުގެ އިތުރުން ކަފާލާތުގެ ދަށުން ނުވަތަ ކަނޑައެޅޭ ވަކި ތަނަކަށް ގަވާއިދުން ހާޒިރުވުމަށް އެންގުން ފަދަ ޝަރީއަތަށް ނުފިލާނެކަން ކަށަވަރު ކުރެވޭ ފަދަ އިތުރު ހަރުދަނާ ފިޔަވަޅުތައް އެޅުމަށްފަހު މެނުވީ އަހުމަދު މޫސާ މުހައްމަދު ބަންދުން ދޫކޮށްލެވިގެން ވާނެކަމަށް ނުދެކެމެވެ."މި ގޮތަށް ކަމަށްވާއިރު، އޭނާ ޝަރީއަތަށް ނުފިލާނެކަން ކަށަވަރު ކުރުމަށް ފިޔަވަޅު އެޅުމަށްފަހު ދޫކޮށްލެވިދާނެކަން ގާޒީ ފާހަގަކުރެއްވިއެވެ.

ގާޒީ ހަސަން ސައީދުގެ މި ނިންމެވުން ހަމަ އެ ހަފުތާގެ ތެރޭގައި ދައުލަތުން ވަނީ އަނެއްކާވެސް ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. މިއީ ގިނަ ބައެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާއިރު، ގިނަ ބައެއްގެ ލޯތަށް މުޅި މިމައްސަލައަށް އަމާޒުވެފައިވެއެވެ.

އެންމެންވެސް އިންތިޒާރުކުރަނީ މި މުޅި ޚިޔާނާތުގެ ސަބަބުން ލިބުނު އަނިޔާތަކަށް އަވަހަށް އިންސާފު ލިބިގެން ދިއުމަށެވެ. އަބަދު ލިބެންޖެހޭ މީހަކަށް ހައްގު އަދަބު ލިބުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް