ކ. މާލެ
|
17 ޖޫން 2024 | ހޯމަ 09:45
ބެލްޖިއަމްގެ ޑި ބްރޭނާ އާއި ލުކާކޫ
ބެލްޖިއަމްގެ ޑި ބްރޭނާ އާއި ލުކާކޫ
ޓްވިޓަރ
ޔޫރޯ 2024
ބެލްޖިއަމްގެ އައު ޖީލުގައި އޮތީ ޑި ބްރޭނާ އާއި ލުކާކޫގެ ނަން!
ކުރިއަރަމުން އަންނަ ހުނަރުވެރި ކުޅުންތެރިން ބުނަނީ ބެލްޖިއަމްގެ އެއްވަނައި ގައި ނުވަތަ "ރަން ޒަމާނުގައި" އޮތް ވަގުތު އަދި ނިމުމަކަށް ނާންނަ ކަމަށް

މިއަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ބެލްޖިއަމް އިން ފަށާއިރު، އެ ޓީމުގެ ސްކޮޑުގައި ތަފާތުތަކެއް ހުންނާނެ އެވެ. އެޑެން ހަޒާޑް، ޓޯބީ އެލްޑަވެއިރެލްޑް އަދި ޑްރައިސް މާޓެންސް އެއް ނެތެވެ. މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، 2022 ވަނަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕް ބެލްޖިއަމް އިން ނިންމާލަން ޖެހުނީ ގްރޫޕް ސްޓޭޖުންނެވެ. އެހެން ނަމަވެސް، އެއީ ބެލްޖިއަމްގެ "ރަން ޒަމާން" ކަމަށާއި، އެންމެ ދަށްވެގެން ރިހި މެޑަލް ލިބޭނެ ކަމަށް ގިނަ ބަޔަކަށް އޮތީ ޤަބޫލު ކުރެވިފައެވެ.

އޭގެ އަށާރަ މަސް ދުވަސް ފަހުން އައު ކޯޗު ޑޮމެނިކޯ ޓަޑެސްކޯ އުއްމީދު ކުރަނީ ތަޖުރިބާ އާއި ޒުވާން ކުޅުންތެރިންނާއެކު، ބެލްޖިއަމް އަށް ޖަރުމަނުގައި ތަފާތެއް ދެއްކިދާނެ ކަމަށެވެ. ގިނަ ކުޅުންތެރިންތަކެއް ޓީމާ ދުރަށް ދިޔައިރު، ކެވިން ޑި ބްރޭނާ، ރޮމެލޫ ލުކާކޫ އަދި ޖަން ވާޓޮންގެން މުހިއްމު ކުޅުންތެރިންގެ ގޮތުގައި ތިބި ކުޅުންތެރިންނެވެ. ޖެރެމީ ޑޮކޫ އާއި ޔޯހަން ބަކަޔޯކޯ ފަދަ ކުރިއަރަމުން އަންނަ ހުނަރުވެރި ކުޅުންތެރިން ބުނަނީ ބެލްޖިއަމްގެ އެއް ވަނައިގައި ނުވަތަ "ރަން ޒަމާނުގައި" އޮތް ވަގުތު އަދި ނިމުމަކަށް ނާންނަ ކަމަށެވެ.

ބެލްޖިއަމްގެ "ރަން ޒަމާނުގެ" ކުޅުންތެރިން ޓީމާ ދުރަށް ދިޔައިރު، މިއީ އައު ކުޅުންތެރިންތަކެއް ހިމަނައިގެން ބެލްޖިއަމް ނިކުންނާނެ ފަހަރެކެވެ. މުބާރާތަށް ބެލްޖިއަމް ކުރިމަތިލާއިރު، އެ މީހުންގެ ވާހަކަ ދައްކަނީ މަދު ބަޔެކެވެ. މުބާރާތުގެ ފޭވަރިޓުންގެ ލިސްޓުގައި ބެލްޖިއަމެއް ނެތެވެ. އެހެން ނަމަވެސް، ތަޖުރިބާކާރުން ބުނާ ގޮތުގައި، ބެލްޖިއަމްގެ ވާހަކަ ދެއްކުން މުޅިން ހުއްޓާލާކަށް ނުވެ އެވެ.

ރަން ޒަމާނުގެ ބައިތަކެއް.

އައު ކޯޗު ޓަޑެސްކޯގެ ޓީމަކަށް ވެސް މާ ބޮޑު ބަދަލެއް ނާދެ އެވެ. ފާހަގަކޮށްލެވޭ މަދު ކުޅުންތެރިން ފިޔަވައި، ޓީމުގައި ނަން ކިޔާލެވޭ ކުޅުންތެރިން ކޮންމެ ވެސް ވަރަކަށް ހިމެނެ އެވެ. ޓީމުގައި އޮތީ އެކި ކަންކަމުގެ މައްޗަށް ބިނާވެފައިވާ ސްކޮޑެކެވެ. ކުޅުންތެރިންނަކީ އެއް ފެންވަރެއްގައި ތިބެވޭނެކަން ދައްކައިދީފައިވާ ކުޅުންތެރިންތޯ ނުވަތަ ނޫންތޯ ބުނަން ވެސް ދައްޗެވެ.

ބެލްޖިއަމްގެ ޤައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ އުމުރުން 37 އަހަރުގެ ވާޓޮންގެން އަދިވެސް ފަހަތަކަށް ނުޖެހެ އެވެ. އޭނާގެ އެންމެ އެކުވެރި އެކްސެލް ވިޓްސެލް ކުޅުމުން ރިޓަޔާވާނެކަން އިއުލާން ކުރި ނަމަވެސް، ފަހުން ނިންމުން ބަދަލުކޮށް ޔޫރޯގައި ކުޅޭނެ އެވެ. މެދު ތެރޭގައި ކެޕްޓަން ޑި ބްރޭނާ އާއި ލުކާކޫ އާއެކު ހިމެނިގެން ކުޅޭނެ އެވެ.

އަނެއްކޮޅުން ޓިމޮތީ ކަސްޓަގްނޭ، ޔޫރީ ޓިއެލެމަންސް އަދި ލިއަންޑްރޯ ޓްރޮސާޑް ފަދަ ކުޅުންތެރިންނަކީ ވެސް އެތައް އަހަރެއް ވަންދެން ސްކޮޑުގެ ވަށައިގެން ތިބި ކުޅުންތެރިންނެވެ. އެހުރިހާ ކުޅުންތެރިން ވެސް އަންނަނީ އިނގިރޭސި ޕްރިމިއާ ލީގުގެ މަތީ ފަންތީގައި ވިދަމުންނެވެ. އެ ކުޅުންތެރިންނަކީ ވެސް ނަން ހިނގާ ކުޅުންތެރިންނެވެ.

ޓަޑެސްކޯ އައު ޒަމާނެއް ފަށަން މަސައްކަތް ކުރަމުން އަންނައިރު، ފިޓްކޮށް ހުރި ނަމަވެސް، އެ ޓީމުން ފާހަގަކޮށްލެވޭ ބައެއް ނަންތައް ވަނީ މުޅިން ބާކީ ކޮށްފަ އެވެ. ތަޖުރިބާކާރު ފޯވާޑް މާޓެންސް އަށް މިހާރު އޭނާ ހޮވުމުގައި ނުވިސްނާނެ ކަމަށް އަންގާފައިވާއިރު، ފެނަބާޗޭއާ އެކު ރަނގަޅު ކްލަބް ސީޒަނެއް ހޭދަކުރި ނަމަވެސް ނުވަ އަހަރު ވަންދެން ސްކޮޑުގައި ހިމެނުނު މިޗީ ބަޓްޝުއާއީ އަށް ވެސް ވަނީ ޓީމުން އުނިކޮށްފަ އެވެ.

އެމީހުންގެ ވާހަކަ ދެއްކުން ހުއްޓާ ނުލާ!

ޔޫރޯ މުބާރާތަށް ކުރިމަތިލާއިރު، އެންމެންގެ ރާޑަރުން ބޭރުގައި ޓީމު އޮތުމަކީ، އަދި އޭނާ އަށް ހުރެވުމަކީ ޓަޑެސްކޯ އަށް ކަމުދާ ކަމެކެވެ. ފާހަގަކޮށްލެވޭހާ ރަނގަޅު ފޯމެއްގައި ނުވަތަ ފެންވަރެއްގައި އޮތީ ވެސް މަދު ޤައުމެކެވެ. އިޓަލީ އަށް ނިސްބަތްވާ ކޯޗަށް އައު އެއްބަސްވުމެއް ދިނުމުގެ ވިސްނުން ބެލްޖިއަމުން ގެންގުޅެނީ ވެސް، އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމުގެ ނަތީޖާ ރަނގަޅުވަމުން އައިސްފައިވާތީ އެވެ. މިހާތަނަށް އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު އެއްވެސް މެޗަކުން ބެލްޖިއަމް ބަލިނުވެ އެވެ. އެންމެ ފަހުން ބެލްޖިއަމް ބަލިވި މެޗަކީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މޮރޮކޯ އަތުން ބަލިވި މެޗެވެ.

އޭގެ ފަހުން ހަފުތާތަކާއި، މަސްތަކުގެ ތެރޭގައި ބެލްޖިއަމްގެ ފަރާތުން ޖަރުމަނާއި އޮސްޓްރިއާގެ މޮޅު ޓީމު ބަލިކޮށް، މާޗު މަހު ވެމްބްލީގައި އިންގްލެންޑާ އެއްވަރު ކުރި އެވެ. ދާދި ފަހުން އަޔަލޭންޑާ ދެކޮޅަށް ކުޅުނު މެޗުން ވެސް އެއްވަރުވި އެވެ. ޔޫރޯ މުބާރާތަށް ތައްޔާރުވަމުން އަންނައިރު ބެލްޖިއަމް އަށް މިއަށްވުރެ ރަނގަޅު ފޯމެއް އުފެއްދެން ވާނެ ކަމަށް ވެސް ގިނަ މީހުން ޤަބޫލު ކުރި އެވެ.

ޓަޑެސްކޯ ދިން އިންޓަވިޔުއެއްގައި އޭނާ ބުނީ، ބެލްޖިއަމް އޮތީ ކާމިޔާބު ހޯދުމަށް ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށެވެ. އެހެންކަމުން ޓީމުގެ މާހައުލު ވީހާ ވެސް ބޮޑަށް ޕޮޒިޓިވް ކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ. ސަބަބަކީ ގިނަ ދުވަސްތަކެއް އެކުގައި ހޭދަކުރަން ޖެހުން ފަސޭހަ ނުވުމެވެ. އެހެންކަމުން އެތައް ވަގުތެއްގެ ސަމާލުކަން ބޭނުންވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އިތުރަށް އޭނާ ފާހަގަކޮށްފައިވާ ގޮތުގައި، ބެލްޖިއަމްގެ ޒުވާން ކުޅުންތެރިން ވަނީ މިދިޔަ ދުވަސް ތަކުގައި ފިޔަވަޅެއް ކުރިއަށް އަޅައިފަ އެވެ. ހާއްސަކޮށް އެ ކުޅުންތެރިން ބޮޑެތި ކުލަބުތަކަށް ބަދަލުވުން ވެގެން ދިޔައީ، އެކަމުގެ ފައިދާ ބެލްޖިއަމަށް ވެސް ކުރާނެ ކަމެއްގެ ގޮތުގައި ޓަޑެސްކޯ ދެކެ އެވެ. ޓީމުގައި ހުނަރުވެރި ކުޅުންތެރިން ތިބިއިރު، އިތުރަށް ޓީމަށް ބަދަލުތަކެއް ގެނެވިދާނެކަން ވެސް އޭނާ ފާހަގަ ކުރި އެވެ.

ސްލޮވާކިއާ، ރޮމޭނިއާ އަދި ޔޫކްރެއިން ހިމެނޭ ރަނގަޅު ގްރޫޕު ބެލްޖިއަމް ކާމިޔާބުކޮށްފި ނަމަ، އެ ޓީމުގެ މަގުން އެނގެނީ ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހިސާބުން ކޮންމެ ކަމެއް ވެސް ކުރެވޭނެ ކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
ކޮމެންޓް