ކ. މާލެ
|
6 އޮކްޓޯބަރ 2023 | ހުކުރު 12:29
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ) އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ) އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރާއްޖެއެމްވީ
ޔާމީން މިނިވަންކުރުން
މިނިވަންކުރުމަށް ގޮވާލާ މަގުތަކަށް ނުކުންނަންޖެހޭނެ ކަމަށް ޔާމީން ވިދާޅުވުން: އެ ޒިންމާ ހަވާލުކުރައްވާފައިވަނީ އަޅުގަނޑާއި، އެކަން ކުރެވޭނެ - މުއިއްޒު
 
މުއިއްޒު ވިދާޅުވީ ‘ލެޓް މީ ޑޫ ދަ ޖޮބް’
 
ޤައުމު އިސްކުރާ ދެ މީހެއްގެ ދެމެދުގެ މައްސަލަ ޖެހޭނެކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށް މުއިއްޒު ވިދާޅުވި
 
ޕީޕީއެމް-ޕީއެންސީގެ މެންބަރުން، ކުރީގެ ރައީސް ޔާމީން މިނިވަންކުރުމުގެ ޒިންމާ ހަވާލުކުރައްވާފައިވަނީ އެމަނިކުފާނަށް ކަމުގައި ވިދާޅުވި

މަޤާމް ލިބުމުން ފިނިކޮޓަރީގައި ތިބި ފަރާތްތަކުން އެމަނިކުފާނު މިނިވަންކުރަން އާންމު މެންބަރުންނާއެކު ނުކުމެވަޑައިނުގަންނަވާ ކަމަށާއި، ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ މަގުތަކަށް ނުކުންނަންޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި ވާހަކަފުޅަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްދު ދެއްވައިފިއެވެ.

ޖަލު ހުކުމެއްގައި ހުންނަވަނިކޮށް ގެއަށް ބަދަލުކޮށްފައިވަނިކޮށް، ބުދަ ދުވަހުގެ ރޭ އެމަނިކުފާނަށް ފަރިވަޅެއް އެރުވުމަށް ދިޔަ ސަޕޯޓަރުންނާއި ވާހަކަފުޅުފައްކަވަމުން ޔާމީން ވިދާޅުވީ މިހާރުވެސް ފެނިގެން މިދަނީ އެތައް މަސައްކަތެއް ކުރުމަށްފަހުގައި، ގޭގައި ހުންނަންޖެހުނީމަ ނޫނިއްޔާ ޖަލަށްލީމަ އެމަނިކުފާނު ދެކެ ލޯބިވާ އާދައިގެ އާންމު ރައްޔިތުންތަކެއް ނުކުންނަތަން ކަމަށެވެ. ނަމަވެސް ބޮޑެތި ގޮނޑިތަކުގައި ތިއްބެވި ބޭފުޅުންނަށް އެ ފަސޭހަތަކެއް ލިބިގެންދިޔައީ ރައީސް ޔާމީނާއި ޓީމް ކުރެއްވި މަސައްކަތުން ކަމަށެވެ.

އިންސާނީ ތަބިއްޔަތުގައި ދެރަކަމަކަށް މިވަނީ މަގާމުތަކަށް އާދެވުނީމާ ކަންކަން ހަނދާން ނެތުން ކަމަށާއި، އެހެންނަމަވެސް ރައްޔިތުންގެ ލޯތްބަކީ ޖަލުގޮޅިޔަށް ލިޔަސް އަނބުރާ ގެންދެވޭނެ އެއްޗެއްނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.

މަގުތަކަށް ނުކުތުމަށް ހިތްވަރު ލިބޭގޮތަށް ޔާމީން ސަޕޯޓަރުންނަށް ވާހަކަފުޅު ދައްކަވާފައިވާއިރު، ރިޔާސީ އިންތިޚާބުގެ ކާމިޔާބީ ލިބިވަޑައިގެން އުފާފާޅުކުރުމަށް ބޭއްވި ޖަލްސާގައި އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ޕީޕީއެމް-ޕީއެންސީގެ ސަޕޯޓަރުން މަގުމައްޗަށް ނުކުމެވަޑައިނުގެންނެވުމަށާއި، ކުރީގެ ރައީސް ޔާމީން މިނިވަންކުރެއްވުމުގެ ކަންކަން ގާނޫނުގެ ތެރެއިން ކުރެއްވުމުގެ ފުރުސަތު ދެއްވުމަށެވެ. ނަމަވެސް ޔާމީންގެ ސަޕޯޓަރުން ވަނީ އެރޭ ވެސް ޔާމީން މިނިވަންކުރުމަށް ގޮވާލާ މަގުތަކަށް ނުކުމެފައެވެ.

ދައުރު ނޫހަށް ދެއްވި އިންޓަރވިއުއެއްގައި އެކަމާއި ގުޅިގެން މުއިއްޒު ވިދާޅުވީ އެ ވާހަކަފުޅު އެގޮތަށް ދެއްކެވީ ހެޔޮ ނިޔަތުގައި ކަމަށާއި، ރައްޔިތުން އޮތީ ގޮތް ނިންމާ އެމަނިކުފާނާއި ޒިންމާ ހަވާލުކުރައްވާފައި ކަމަށެވެ.

އަދި އެގޮތަށް ބަލާނަމަ ޕީޕީއެމް-ޕީއެންސީގެ މެންބަރުން، ކުރީގެ ރައީސް ޔާމީން މިނިވަންކުރުމުގެ ޒިންމާ ހަވާލުކުރައްވާފައިވަނީ އެމަނިކުފާނާއި ކަމަށާއި، އެކަން ކުރެއްވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ފުރަތަމަ މަރުހަލާފައި މިއޮތީ ކާމިޔާބުކޮށްފައޭ. ލެޓް މީ ޑޫ ދަ ޖޮބް. މަގުމައްޗަށް ނުކުތީމަ އޭގެތެރެއަށް އެހެންމީހުން ވަދެ، އޭތި ހަޑިކުރާނެ. ވަރަށް މާތް މަގުސަދެއްގައި އެކަން ކުރަނީ، އެކަމަކު ކިތައްމެ މާތް މަގުސަދެެއްގައި ނުކުތަސް އެހެންމީހުން އޭގެ ތެރެއަށް ވަދެ ހަމަނުޖެހުން ހިންގާ ހަލަބޮލިކަމަކަށް ގޮސް، އެހެންވާން ބޭނުން ނުވޭ. އެއަށްވުރެ މާ ރަނގަޅަށް މިކަން އަޅުގަނޑުމެންނަށް ވާނެ. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތްވީމަ، ހެޔޮ ނިޔަތުގައި މާލޭގައި އަދި ރާއްޖޭގައި ވެސް ހަމަޖެހުން އޮންނަން ބޭނުންވާތީ އެދުނު އެދުމެއް. އޭގެ ދެން ހިޔާލު ތަފާތުވުން. ޑިމޮކްރަސީގައި ޕާޓީތަކުގައި ވެސް އޮންނާނެ ހިޔާލު ތަފާތުވުން. އެއަށް އިހްތިރާމް ކުރަން
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު

މުއިއްޒު ވިދާޅުވީ ކޯޅުމަކަށް ހިތްވަރު ނުދެއްވާނެ ކަމަށެވެ. އަދި ބޭނުންފުޅުވަނީ ހަމަޖެހުމައިގެން ވަޑައިގަންނަވަން ކަމަށެވެ. ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމަށް ހުރަސް ނާޅުއްވާނެ ކަމަށާއި، ކާނިވަލުގައި އެކަނި އެއްވެވޭނެގޮތަށް އޮންނަ އޮތުން ބަދަލުކުރައްވާ، ގްރީން ޒޯންއާއި މިސްކިތްފަދަ ތަންތަން ފިޔަވައި ކޮންމެ ތަނަކަށް ވެސް އެއްވުމުގެ ހުއްދަ ލިބޭ ގޮތަށް ބަދަލުތައް ގެންނަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މި މައްސަލައިގައި އަޅުގަނޑަށް ގަބޫލުކުރެވޭ ހަމައަކީ އުސޫލުގެ ތެރެއިން އަޅުގަނޑުމެންނަށް މިކަން ކާމިޔާބުކުރެވޭނޭ. ފުރަތަމަ މަރުހަލާވެސް އެއޮތީ ކާމިޔާބުކޮށްފައޭ. އެކަން އެގޮތަށް ގެންދިއުން އެންމެ ރަނގަޅު ގޮތަކީ. ދެން ހިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫން. ދެން އެކަމަށް އަޅުގަނޑު ދަންނަވާނެ އެއްޗެއް ނެތް.
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މެދު އެއްވެސް މައްސަލައެއް ނެތް ކަމަށް މުއިއްޒު ވިދާޅުވިއެވެ. ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކާއެކު އެމްޑީޕީ ދެބައިވެގެންދިޔަ ގޮތަށް ޕީޕީއެމް-ޕީއެންސީގެ ތެރެއިން އެކަމެއް ފެނިގެން ނުދާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު އިސްކުރައްވަނީ ގައުމު ކަމަށާއި، ހަމަ އެފަދައިން ކުރީގެ ރައީސް ޔާމީން ވެސް އިސްކުރައްވަނީ ގައުމުކަމަށެވެ. އެހެންކަމުން ގައުމު އިސްކުރައްވާ ދެބޭފުޅެއްގެ ދެމެދުގެ މައްސަލަޖެހޭނެކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް ގިނަ ބަޔަކު މިއަދު ބުނަމުން އަންނަނީ އެމްޑީޕީއަށްވުރެ ގޯސްކޮށް ޕީޕީއެމް-ޕީއެންސީގެ ތެރޭގައި ކަންކަން ދާނެ ކަމަށެވެ. މުއިއްޒު އިންތިހާބުވުމުގެ ކުރިން ވެސް އެ ޕާޓީތަކުގެ އެތެރޭގައި އޮތީ މައްސަލަ ޖެހިފައި ކަމަށާއި، ޔާމީން މިނިވަން ނުވުމާއެކީގައި އެ މައްސަލަތައް އިތުރަށް ގޯސްވެގެންދާނެ ކަމަށް ގިނަ ބަޔަކު މިއަދު ބުނަމުންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
15%
0%
8%
31%
8%
38%
ކޮމެންޓް
6 އޮކްޓޯބަރ 2023 | ހުކުރު 18:54
އަލީ
1050ދުވަހުވެސް ގޮޅީގައި އޮވެވުނުއިރު 50ދުވަހު ގޭގަ އަނބިދަރިންކައިރީ ކެއްނުކުރެވި އިންތިހާބީރައީސްއަށް ބަހުގެހަމަލާދިނުމަކީ ކިތަންމެ ޔާމީނަށް ތާއީދުކުރިޔަސް ބައިގަނެވޭނެކަމެއްނޫން މުއިޒު ބުނިގޮތަށް ކަންކުރާތަން އަދިފެންނަނީ....