ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަށް ދޮޅު އަހަރު ފުރި ދެއަހަރަށް ދާން ގާތްވަނީއެވެ. އެނބުރެމުން މިސްރާބު ގެއްލެމުން، ބުރަކިޖެހެމުން، ސަރުކާރު ހިނގާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް ރައީސް މުއިއްޒުގެ ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރެއްވުމަށް ބާކީ އަދި ތިންވަރަކަށް އަހަރު އެބައޮތެވެ.
ސަރުކާރެއް އެކުލަވައިލުމަށް ރައީސް މުއިއްޒަށް ދިވެހިރައްޔިތުން ފުރުސަތު އެރުވީ 2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި އޮތް ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ގެންގުޅުނު މެނިފެސްޓޯއާ ދެއްކި ވާހަކަތަކަށް ބެލުމަށް ފަހުގައެވެ. އިންތިހާބުގެ ކަންކަން އެންމެ ރަގަޅަށް ހިނގައި ގޮސްފައި ނެތް ކަމަށް އިދިކޮޅުފަރާތްތަކުން ބުނާ ބުނުމަކީ އަދި އެހެން މައްސަލައެކެވެ.
ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ވެރިކަމެއްގައި ޑޮލަރުގެ އަގު މަތި ނުވާނެ ކަމަށާއި އެއްވަރެއްގައި ހިފެހެއްޓިފައި ހުންނާނެ ކަމަށް ވެފައިވާ ވައުދެއްގެ ވާހަކަ ހުއްޓުމެއް ނެތި އިދިކޮޅުފަރާތްތަކުން ފާހަގަ ކޮށްފައި ވެއެވެ. އަދި މީޑިއާތަކުން އެކަން ރިޕޯޓް ކޮށްފައި އެބަހުއްޓެވެ.
އަދި 2024 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ފަރާތުން މަޖިލީހަށް ކުރިމަތި ލެއްވި ކެނޑިޑޭޓުން ވެސް އެވާހަކަ ރައްޔިތުންނަށް ހަނދާން ކޮށްދީފައި އެބަހުއްޓެވެ. ނަމަވެސް އޭރު ވިދާޅުވަމުން އައި ވާހަކަތަކާއި އަމަލާއި ބަހާއި ދިމާނުވާކަން މިއަދު ގައުމުގެ ރައްޔިތުން ހެކިވެއެވެ.
ސަރުކާރުން އެކަމާ ކޮންމެހެން ހަވާލުވެގެން އެއީ ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީ އިން ވެފައިވާ ވައުދެއް ކަމަށް ދެކިގެން ރައީސް އޮފީސް ވެބްސައިޓުގައިވާ " ޔަގީން" މެނިފެސްޓޯގައި އެވާހަކަ ހިމަނާފައި އޮތް ތަނެއް ވެސް މިއަދު ފެންނާކަށް ނެތެވެ. އެވާހަތައް ދެއްކި މަޖިލިސް މެމްބަރަކުވެސް، ވަޒީރަކުވެސް މިއަދު ނެތެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ބުނާ ގޮތުގައި މިސަރުކާރުގެ އަމާޒަކީ ޑޮލަރުގެ އަގު މަތިނުވެ، އެއް ހަމައެއްގައި ހިފެހެއްޓުމެވެ. އެހެން ނަމަވެސް ކަން ވެގެން މިދަނީ ދިމާ އިދިކޮޅަށެވެ. ޑޮލަރުގެ އަދު ދިއައީ މައްޗަށެވެ.
ރާއްޖޭގައި ޑޮލަރު ވިއްކާ ރަސްމީ ބޭންކް ރޭޓަކީ 15.42 ރުފިޔާއެވެ. އެކަމަކު، ބޭންކުން އެކަށިގެންވާ މިންވަރަށް ޑޮލަރު ނުލިބޭ މައްސަލަ ބޮޑުވެ، އާންމުން ޒަރޫރީ ކަންކަމަށް ވެސް ޑޮލަރު ހޯދަން ޖެހެނީ ކަޅު ބާޒާރުންނެވެ.
ކަޅު ބާޒާރުގައި މިއަދު ޑޮލަރެއްގެ އަގު ހުރީ 20 ރުފިޔާއިން މަތީގައެވެ. ޑޮލަރުގެ އަގު މިއަދު 20 އިން މައްޗަށް ގޮސްފައި މިވަނީ ޑޮލަރެއްގެ އަގު 19 ރުފިޔާއަށް ވުރެ މަތީގައި ހުންނަތާ ގިނަ ދުވަސްތަކެއް ވުމަށް ފަހުގައެވެ. އެ ގޮތުން، މިދިޔަ މަހު ފަހުކޮޅު ވެސް ޑޮލަރެއްގެ އަގު ހުރީ 19.50 ރުފިޔާއާއި 19 ރުފިޔާއާ ދެމެދުގައެވެ. އަދި، އޭގެ ފަހުން މި މަހު ޑޮލަރެއްގެ އަގު ވަނީ 19.50 ރުފިޔާއާއި 19.80 ރުފިޔާއާ ހަމައަށް އުފުލިފައެވެ.
ޑޮލަރެއްގެ އަގު ބޮޑުވުމުން މިކަމުން އާންމުންގެ ދިރިއުޅުމަށް އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރެއެވެ. ސަބަބަކީ، ރާއްޖެއަކީ އުފެއްދުންތެރިކަށް ދަށްވުމުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ އެންމެ ޒަރޫރީ ތަކެތި ވެސް ބޭރުން އެތެރެކުރާ ގައުމަކަށް ވުމެވެ. އެ ތަކެތި ގަންނަން ވިޔަފާރިތަކުން ވެސް ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހުމުން ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލެއެވެ.
ދިވެހިންނަށް ލިބޭ މުސާރައާއި އާމްދަނީ އިތުރު ނުވަނީސް ތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުން މީހުން ހަރަދު ކުރާ ވަރުތައް ދަށްވެ, ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު އިންތިހާއަށް ކުރެއެވެ.
އެ ގޮތުން، ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް ނުވަތަ ވިޔަފާރީގެ އާމްދަނީއާއި މުދަލުން ނަގައި ޓެކުހުން ދައުލަތަށް ލިބޭ އާމްދަނީން 680 މިލިއަން ރުފިޔާ މި އަހަރުގެ މިހާތަނަށް ދަށަށް ގޮސްފައިވާކަން ފިނޭންސް މިނިސްޓްރީން މި ފަހުން ހާމަކުރި ތަފާސްހިސާބުތަކުން އެނގިހާމަވެއެވެ.
ޑޮލަރު އަގު ބޮޑުވުމަކީ އެކަށީގެންވާ ބޭސް ފަރުވާ ނުލިބޭތީ ރާއްޖޭން ބޭރަށް ދަތުރު ކުރަން ޖެހޭ ގިނަ އަދަދެއްގެ ބަޔަކަށް ވެސް އޮތް ބޮޑު ގޮންޖެހުމެކެވެ. އަދި، ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ވެސް މިއީ ބޮޑު ގޮންޖެހުމެކެވެ.
ރައީސް މުއިއްޒުގެ މި ސަރުކާރު އައިފަހުން ޑޮލަރުގެ އަގު އެންމެ ރަނގަޅަށް ހުރީ މިދިޔަ އަހަރުގެ ފެބްރުއަރީ ހިސާބުގައެވެ. އެ ދުވަސްވަރު ދުބާއީގައި ހުންނަވައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ, ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ހަތަރު މަހެއްހައި ދުވަހުން ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރުން ކަމަށެވެ.
އޭގެ ފަހުން އަނެއްކާ ވެސް ތަކުރާރުކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ޑޮލަރުގެ އަގު މަތި ނުވާނެ ކަމަށާއި ދެން ދާނީ ތިރިއަށް ކަމަށްތަކުރާރުކޮށް ވިދާޅުވެފައެވެ. ނަމަވެސް އަދިއަދަށް ވެސް އެކަން ކާމިޔާބު ވާގޮތެއް ނުވެއެވެ.
މިދިޔަ އޭޕްރީލް މަހު ރައީސް މުއިއްޒު ވަނީ ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރެވި، ޑޮލަރެއްގެ އަގު ބޭންކް ރޭޓަށް 2027 ނިމުމުގެ ކުރިން ދަށްކުރެވޭނެ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. ކަމަކު، ޑޮލަރެއްގެ އަގު އަންނަނީ ދުވަހުން ދުވަހަށް ބޮޑުވަމުންނެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވަނީ ރާއްޖޭގެ ރިސޯޓުތަކަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ ގެސްޓްހައުސްތަކުން 25 ޑޮލަރު ދިވެހި ބޭންކްތަކަށް މާރުކުރަން ޖެހޭ ގޮތް ހަދައިފައެވެ. އެ ގަވާއިދުގެ ދަށުން, ބޭންކުތަކަށް ކޮންމެ ހަފުތާއަކު ލިބޭ ބޭރު ފައިސާގެ 60 އިންސައްތަ, ޖެހިގެން އަންނަ ހަފުތާގެ ބުދަ ދުވަހުގެ ކުރިން, އެ ބޭންކަކުން އެމްއެމްއޭގައި މާރުކުރަން ޖެހޭނެއެވެ. އަދި، ޖޫން މަހުން ފެށިގެން އެ 60 އިންސައްތަ 90 އިންސައްތައަށް އެމްއެމްއޭއިން ވަނީ އިތުރުކޮށްފައެވެ.
އެމްއެމްއޭއަށް 90 އިންސައްތަ ޑޮލަރު މާރުކުރަން ޖެހޭ ގޮތް ހެދިއިރު ރާއްޖެއިން މި އަހަރު 668 މިލިއަން ޑޮލަރު އަދި އަންނަ އަހަރު 1.1 ބިލިއަން ޑޮލަރު ދަރަންޏަށް ދައްކަން ޖެހެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހުކޮޅު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުޅުނީ 17ރ. އާއި 18ރ. އާ ދެމެދުގަ އެވެ.
ދެންވާނެ ގޮތަށް ބަލާއިރު، އަންނަ ސެޕްޓެމްބަރުގައި ޓޫރިސްޓް ސީޒަން ފެށުމާ އެކު ކޮންމެވެސް ވަރެއްގެ ލުޔެއް ޑޮލަރުގެ އަގަށް ލިބިދާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާކުރެއެވެ. އެހެން ނަމަވެސް ޑޮލަރު މާރުކުރުމުގެ ބާޒާރާ ގުޅުން ބަދަހި ރިސޯޓް ވެރިންގެ ޖަމިއްޔާ، މަޓީން ހިސާބުކޮށްފައިވާ ގޮތުގައި ޑޮލަރުގެ ރޭޓް 21ރ. މައްޗަށް ދިއުން އެކަށީގެންވެ އެވެ.
މިއީ ސަމާސާކޮށް ނެގޭނޭ އަދަދެއް ނޫނެވެ. އެހެންވެ ކަޅު ބާޒާރުގައި މިވަގުތު 20ރ. ގައި ހުރި ރޭޓް 21ރ.އާ ހަމައަށް އެރުން ވެސް އެކަށީގެންވެ އެވެ.
ޑޮލަރުގެ އަގު މިހާރު ނާރާނެ މައްޗަކަށް. ނާރާނެ މައްޗަކަށް. ހިފެހެއްޓިފަ، ތިރިއަށް އެ ދަނީ. ކުރިއަށްވުރެ ދަށަށް އެ ދަނީ. ފައިސާގެ އަގު އެ ދަނީ މައްޗަށް
ރައީސް ޑރ. މުޙައްމަދު މުއިއްޒު![]()
އަޑަށް ބާރުލައްވާފައި ރައީސް މުއިއްޒު މިފަދައިން ވިދާޅުވި ނަމަވެސް މިއަދުގެ ހާލަތަށް ބަލައިފި ނަމަ ޑޮލަރުގެ މައްސަލަ މި އޮތީ ބޮއްސުންލައިފަ އެވެ.
ކޮންމެއަކަސް ޑޮލަރުގެ އަގުތައް އަތްނުފޯރާފަށަށް އެރުމާއި އެކު، ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ވެސް ދަށްވަމުންދާކަމީ މިއަދު ފެންނަން އޮތް ހަގީގަތެވެ. ތަކެތި އަގުބޮޑުވެ، އިންފްލޭޝަން އުފުލިއްޖެ އެވެ. އިގްތިސާދީ ތަދު ހާލަތެއް ކުރިމަތިވެއްޖެ ކަމުގެ އިހުސާސް ރައްޔިތުންނަށް ކުރަން ފަށައިފި އެވެ. އެކަމަކު، އިގްތިސާދީ ހަގީގަތެއް އަދިވެސް ރައްޔިތުންނަކަށް ނޭނގެ އެވެ.
އިގްތިސާދީ ހާލަތާއި ހަގީގަތް ކިޔައިދިނުމުގެ ބަދަލުގައި ސަރުކާރުން ބުނަނީ ހުރިހާ ކަމެއް ވެސް "ރަނގަޅު" ކަމަށެވެ. އިގްތިސާދީ ހަގީގަތް ކިރިޔާ ވެސް ސާފުވަނީ ރައީސް މުއިއްޒުގެ އެޑްވައިޒަރު އަލީ އާރިފް ވިދާޅުވީ "ގަރުދިޔަ އާއި ބަތުގެ" ވާހަކައިންނެވެ.