ކ. މާލެ
|
18 ޖުލައި 2023 | އަންގާރަ 19:44
މަޖިލިސް
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މަޖިލީހަށް އަނެއްކާވެސް އިތުރު ގޮނޑިތަކެއް، މަޖިލީހުގައި ހިލަމެއް ނުވާ މެމްބަރުން ގިނަ!
މަޖިލީހުގެ ބަހުސްގައި ބައިވެރިވެވަޑައިނުގަންނަވާ މެމްބަރުންވެސް އެބަތިއްބެވި

"ރައްޔިތުންގެ މަޖިލިސް" މި ނަމުންވެސް އެނގޭ ފަދައިން މި މަޖިލީހުގެ މަގުސަދަކީ އަދި ބޭނުމަކީ ވެސް ރައްޔިތުން ތަމްސީލުކޮށްދިނުމެވެ. އެފަދަ މަޖިލީހެއްގައި އާއްމުންގެ އަޑު އިއްވައި، އާއްމުން އެންމެ ފުޅާ މިނުގައި ތަމްސީލްކުރުމަކީ، އެ މެމްބަރުން ހޮވައި ގޮނޑިއާ ހަމައަށް ގެންނަ މީހުންގެ މަގުސަދުވެސް މެއެވެ. މަޖިލީހަކީ ރިޔާސީ ނިޒާމެއްގެ ރައްޔިތުންގެ އަޑު އެންމެ ފުޅާކޮށް އިއްވަން އޮތް މައިދާން، އަދި ފުރުސަތުވެސް މެއެވެ. މި މަޖިލީހަށް ހޮވާ މެމްބަރުންނަކީ ރައްޔިތުންގެ ޚާދިމުންނެވެ. މިހާރުވެސް މި މަޖިލީހުގައި 87 މެމްބަރުން އެބަތިއްބެވެ.

ކަންމިހެން އޮތްއިރު، އަންނަ އަހަރުގެ މަޖިލިސް އިންތިޚާބަށް ހަ ދާއިރާއެއް އިތުރުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މި ވަނީ ނިންމާފައެވެ. އަންގާރަ ދުވަހު އެނގުނު ގޮތުގައި، އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހަ ގޮނޑި އިތުރުވާނެއެވެ. މިއާއެކު މަޖިލީހުގެ ގޮނޑީގެ އަދަދު 93ށް އަރާނެއެވެ. މިހާރު މަޖިލީހުގައި ތިއްބަވަނީ 87 މެމްބަރުންނެވެ. އިތުރުވެފައިވާ ގޮނޑިތަކަކީ މާލެ ސިޓީއަށް 2 ގޮނޑި، އައްޑޫ ސިޓީއަށް ގޮނޑިއެއް، ބ އަދި ލ އަތޮޅަށް ގޮނޑިއެއް، މާލެ އަތޮޅަށް ގޮނޑިއެއް އަދި ގއ އަތޮޅަށް ގޮނޑިއެކެވެ.

މެމްބަރުންގެ އަދަދު އިތުރުވާ އުސޫލަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައަޅަނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ވާގޮތުގެމަތީންނެވެ. އެއީ ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ 5000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުންނެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީ 5000ށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ 5000 މީހުންނަށްވުރެ އިތުރުވާ ކޮންމެ 5000 މީހަކަށް މެމްބަރެއް ކަނޑައަޅަން ޖެހެއެވެ.

ކަންމިހެން އޮތުމާއެކު މަޖިލީހުގެ ކޮންމެ ދައުރަކާއެކު މެމްބަރުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. 1980ގެ އަހަރުގެތަކުގެ ކުރީކޮޅު މަޖިލީހުގައި މެމްބަރެއްގެ މުސާރައަކީ މަހަކު އެންމެ 260 ރުފިޔާއެވެ. އެއީ އޭރު ލިބެމުންދިޔަ މުސާރަތަކާ އަޅަޢިބަލާއިރު ވެސް ގިނަ އަދަދެއް ކަމަށް ދެންނެވޭކަށް ނެތެވެ. އެ އަދަދު 1990އިން ފެށިގެން ބަދަލުވަމުން ދިޔައިރު، ރާއްޖެއަށް އައި ޑިމޮކްރަސީއާއެކު 2006 ވަނަ އަހަރުން ފެށިގެން މެމްބަރުންގެ މުސާރައަށް ބޮޑެތި ބަދަލުތަކެއް އައެވެ. އޭގެ ފަހުން 2011 ވަނަ އަހަރާއި 2008 ވަނަ އަހަރު މެމްބަރުންގެ މުސާރައާއި އިނާޔަތްތަކަށް ވަނީ ބަދަލު ގެނެސްފައެވެ. މިހާރު މެމްބަރަކަށް 82،500 ރުފިޔާގެ މުސާރައެއް ލިބިވަޑައިގަންނަވައެވެ. އެއީ ލިވިން އެލަވަންސާއި، ކޮމިޓީ އެލަވަންސް އަދި މެޑިކަލް އިންޝުއަރެންސް ފަދަ އިނާޔަތްތައް ހިމަނައިގެންނެވެ.

އިތުރުވި މެމްބަރުންގެ އަދަދާއެކު މެމްބަރުންނަށް ކުރާ ޚަރަދާއި މެމްބަރުންގެ ޚިދުމަތާ ބައްދަލުތޯ މިއީ ކޮށްލުން މުހިންމު ސުވާލެކެވެ. ނަމުގެ ކުރިއަށް އިއްޒަތްތެރި ލާފައި ކިޔާ މި މެމްބަރުންގެ މަޖިލީހުގައި ދައްކަވާ ބޭއަދަބީކަމާއި އަޚުލާގަކީ އެ މެމްބަރުން ހޮވި ގިނަ މެމްބަރުން މާޔޫސްކޮށްލާ ކަމެކެވެ. މަޖިލީހުގައި އެއްވެސް ވަރަކަށް ހިއްސާވެވަޑައިނުގަންނަވާ، ހިލަމެއް ނުވާ މެމްބަރުން ވެސް މަދެއް ނޫނެވެ. ޖަލްސާއަކަށް ހާޒިވެވަޑައިގަންނަވަނީ ހިތްޕުޅަށް އެރިއްޔާއެވެ. ބިލަކަށް ވާހަކަފުޅުދައްކަވަނީ ދަމަކުން ބަޑިއެއް ޖަހާހެން، އެހާވެސް މަދުންނެވެ. ބަހުސްގައި އެއްގޮތަކަށް ބައިވެރިވަޑައިނުގަންނަވާ މެމްބަރުން ވެސް އެބަ ތިއްބެވިއެވެ. އަދި އާއްމުންނާ ގުޅުންހުރި ކަންކަމުގައި ވަކާލާތު ނުކުރައްވާ ތަނުގައި، ވޯޓު ދެއްވުމަށްވެސް ވަޑައިނުގަންނަވާ މެމްބަރުން އެބަ ތިއްބެވިއެވެ. މަޖިލީހުގެ މެމްބަރުކަމަށް ހޮވިވަޑައިގަތްފަހުން ދާއިރާއަށް ދެތިން ފަހަރުވެސް ވަޑައިނުގަންނަވާ މެމްބަރުން އެބަތިއްބެވިއެވެ. ގައުމުގައި ހިނގާ ބޮޑެތި ކަންކަމާއި އާއްމުންނާ ގުޅުންހުރި ވާހަކަތައް މަޖިލީހުގައި ދައްކަމުންދާއިރު ބައެއް ބޭފުޅުން ކަހާތަން ހިރުވާވެސް ނުލަނީއެވެ. ސަލާން އެހާ ގިނައެވެ.

މިއީ މި މެމްބަރުން ހޮވި އާއްމު މީހާއަށް ހައްގު މިންވަރުތޯއެވެ؟ މަޖިލީހުގައި ބޮޑު މުސާރަ ދީފައި، އިއްޒަތާއި ލަގަބާއި، ހުސްނުވާ އިނާޔަތްތައް ދީފައި ބޭތިއްބީމައި، އެ މުސާރައާއި އިނާޔަތް ހަލާލުވާ މިންވަރަށް މަސައްކަތް ކުރެއްވެނީ ކިތައް މެމްބަރުންނަށްތޯއެވެ؟ އަދި މަޖިލީހުގައި ދާއިރާގެ ހައްގުގައި ދާއިރާގެ ބަސް ހޯއްދަވައިގެން ވަކާލާތުކުރައްވަނީ ކިތައް ބޭފުޅުންތޯއެވެ؟ މިއީ ހައްތަހާވެސް ކޮށްލުން މުހިންމު ސުވާލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް