ދައުރު ނިމޭއިރު ފުލެޓްތަކުގެ ބޮޑުބައި ހުންނާނީ ނިމިފައި


ޕްލޭނިންގ މިނިސްޓަރ އަސްލަމް
މާލޭގެ ރައްޔިތުންނަށް ދޭނީ ހަމައެކަނި ލިޔުމެއް ނޫން ކަމަށާއި، ގޯތިވެސް ދައްކާނެ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަސްލަމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ގޯއްޗާއި ފްލެޓް ދެއްވާނެ ކަމަށެވެ. ހަމައެކަނި ލިޔުމެއް ނުދެއްވާނެ ކަމަށާއި، ގޯތި ދައްކާފައި އެކަން ކުރައްވާނެ ކަމަށެވެ. އަދި ފުލެޓްތަކުގެ ތެރޭގައި ބައެއް ފުލެޓްތައް ވަންނަ މިންވަރަށް ނުނިމި ހުރެދާނެ ކަމަށާއި، އެހެންނަމަވެސް އޭގެ ބޮޑުބައި ނިމިފައި ހުންނާނެ ކަމަށެވެ.
ބިންވެރިޔާ ޕްރޮގްރާމުގެ މިފަހަރު ޖުމްލަ 3000 ގޯތި ދޫކުރާނެއެވެ. އެއީ ހުޅުމާލެއިން 1000 ގޯއްޗާއި ގުޅީފަޅުން 2000 ގޯއްޗެވެ. މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ދޭ މި ގޯތިތައް ދިނުމަށް ހުޅުމާލެއިން ކަނޑައަޅާފައިވާ ސަރަހައްދުތައް ސާފު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ހުޅުމާލެއިން ބިން ދޫކުރުމަށް 1،250،000 (އެއްމިލިއަން ދެލައްކަ ފަންސާސްހާސް) އަކަފޫޓުގެ ބިން ވަނީ ޕްލޭނިންގ މިނިސްޓްރީއަށް ހަވާލު ކުރެވިފައެވެ. މިއީ 62 ސަރަހައްދަކުން ލިބިފައިވާ ބިންތަކެއް ކަމަށާއި، ބިން ލިބޭ ފަރާތްތަކުގެ ލިސްޓު އާންމުކުރެވެންވާއިރަށް މި ސަރަހައްދުތައް ސާފުކޮށް ނިންމައި، ކަޑަޖަހައި، ހައްގުވެރިންނާ ހަވާލުކުރެވޭނެ ކަމަށެވެ.
ޕްލޭނިންގ މިނިސްޓްރީން ބުނެފައިވަނީ ސަރުކާރުން އެކުލަވާލާފައިވާ ޓައިމްލައިނާ އެއްގޮތަށް ހުރިހާ ކަމެއްވެސް ދާ ކަމަށެވެ. ގޯތި އަދި ފްލެޓް ލިބޭ މީހުންގެ ލިސްޓް ވެސް މެއި މަހު އިއުލާން ކުރާނެ ކަމަށާއި، ޖޫން މަހު ހަވާލުކުރާނެ ކަމަށެވެ.