ކ. މާލެ
|
1 ޖެނުއަރީ 2023 | އާދީއްތަ 16:47
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް
ދެހާސް ތޭވީސް
ދެހާސް ތޭވީސް: ވެރިކަންކުރާ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމަށްވެސް ބޮޑު އަހަރެއް
 
އެމްޑީޕީން ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީ ބާއްވާއިރު، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ވަނީ ބަނދެވިފައި

ރާއްޖޭގެ ސިޔާސީ މަސްރަޙު އައު އަހަރާ ބައްދަލުކުރީ ތަފާތު ކަންކަމައިގެންނެވެ. ސިޔާސީ މައިދާނުގައި އޮތް ޕާޓީތަކަށްވެސް ބޮޑެތި އިމްތިޙާންތަކާ ކުރިމަތިލާން ޖެހުނެވެ.

ދެހާސް ތޭވީސް ވަނަ އަހަރަކީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ވަރުގަދަ އަހަރަކަށް ވާނެއެވެ. ރިޔާސީ އިންތިޚާބަށް ޕާޓީތަކުން ތައްޔާރުވަމުން އަންނައިރު، މިއަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ހޮވުމަށް ރިޔާސީ އިންތިޚާބު ބާއްވާނެއެވެ. މި އިންތިޚާބުގައި ވާދަކުރުމަށް ރާއްޖޭގެ ސިޔާސީ ޕާޓީތަކުން އަންނަނީ ފުރިހަމައަށް ތައްޔާރުވަމުންނެވެ. ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީން އަންނަނީ ރިޔާސީ ޕްރައިމަރީއަށް ތައްޔާރުވަމުންނެވެ. އިދިކޮޅު ޕީޕީއެމް އޮތީ "ވާނުވާ"ގައެވެ. ޕީޕީއެމުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ހަޖައްސާފައި ވަނިކޮށް، މިހާރު އެމަނިކުފާނު ވަނީ ޖަލަށް ލެވިފައެވެ. ކްރިމިނަލް ކޯޓުގައި ރައީސް ޔާމީނާ ދެކޮޅަށް ކުރިއަށް ގެންދިޔަ ދަޢުވާތައް ސާބިތުވެ، އެމަނިކުފާނަށް ވަނީ 11 އަހަރު ދުވަހުގެ ޖަލު ޙުކުމަކާ ކުރިމަތިލާން ޖެހިފައެވެ. މި ޙުކުމުގެ ސަބަބުން ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ރައީސް ޔާމީނަށް ވަނީ ގެއްލިވަޑައިގެންފައެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭނެ ހަމައެކަނި ގޮތަކީ މަތީ ކޯޓަކުން އެމަނިކުފާނަށް ކޮށްފައިވާ ޙުކުމް ބާޠިލްކުރުމެވެ. އެހެން ނޫންނަމަ، ރައީސް ޔާމީންގެ ވެރިކަމުގެ ހުވަފެން ވާނީ ބިލާހަކަށެވެ.

ސަބަބަކީ ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގެ ޅ ގައި ބުނެފައިވަނީ; ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކޮށްފައިވާ މީހަކުނަމަ، އެ ޙުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކުރެވުނުތާ ތިން އަހަރު ވާން ޖެހޭނެ ކަމަށެވެ. ރައީސް ޔާމީނުގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވުމާއެކު، އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ އޮތީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ.

އިދިކޮޅު ބުނަމުން އަންނަ ވާހަކައަކީ އެމީހުންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ. އެނޫން މީހަކަށް ރިޔާސީ ޓިކެޓު ނުލިބޭނެ ކަމަށާއި، އެހެން މީހަކު ރިޔާސީ ޓިކެޓު ބޭނުންވެސް ނުވާ ކަމަށެވެ. ނަމަވެސް މިއީ މުޅިން އަދި ހަމަޖެހޭ ވާހަކައެއް ނޫންކަމަށް ސިޔާސީ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ. އެހެނީ ސިޔާސީ މީހުންނަކީ އަބަދުވެސް ދެވެން އޮތް އެންމެ ދުރަކަށް ދާން ބޭނުންވާ މީހުންނަށް ވުމެވެ. ރައީސް ޔާމީން ޖަލުގައި އޮންނަވާއިރު އިދިކޮޅުން ރިޔާސީ ރޭހަށް ނުކުންނަން މީހަކު ދައްކަން ޖެހޭނެއެވެ. އެއީ ސިޔާސީ ގޮތުން ޕީޕީއެމް ބައިބައިވެގެން ހިނގައިދާނެ ޙާލަތެއް ކަމަށްވެސް ދެކޭ މީހުން މަދެއް ނޫނެވެ. އެހެނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ބޭނުންވެފައި ތިބި މީހުން ގިނަ ވުމުންނެވެ. އިދިކޮޅު ޖަލްސާތަކުގެ ޕޯޑިއަމްތަކުން އަޑުގަދަކޮށް ފާހަގަވާ ގިނަ ބޭފުޅުންނަކީ ރިޔާސީ ޓިކެޓުގެ ދަހިވެރިކަން ބޮޑު ބައެއް ކަމަށް ދެކޭ މީހުން ގިނައެވެ. މިކަމުގެ ހެތްކަކީ ރައީސް ޔާމީން ޖަލަށް ލީ ދުވަހު ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސެވެ. އެ ޕްރެސްގައި އަދުރޭ ވިދާޅުވީ ޕްރެސްގައި ތިއްބެވި އެއްވެސް ބޭފުޅަކު ރިޔާސީ ޓިކެޓު ބޭނުންނުވާނެ ކަމަށެވެ.

އަދުރޭ ވިދާޅުވީ އެ ޕްރެސްގައި ވަކިވަކި ބޭފުޅުންނާ ސުވާލުވެސް ނުކުރެއްވޭނެ ކަމަށެެވެ. ޖަވާބު ދެއްވާނީ އެ ބޭފުޅާ އެކަނި ކަމަށެވެ. އެ ޕްރެސްގައި ނޫސްވެރިޔަކު ވަނީ މާލެ ސިޓީގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ސުވާލެއް އަމާޒުކޮށްފައެވެ. އެއީ ރައީސް ޔާމީނަށް ވާދަ ނުކުރެވޭނެ ޙާލަތެއްގައި، ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވަފާނެތޯއެވެ. ނަމަވެސް އަދުރޭ ވަނީ ޖަވާބު ދިނުމަށް މުޢިއްޒުއަށް ފުރުޞަތު ދިނުމަށް ދެކޮޅުހައްދަވާފައެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުޤުވެރިކަން މުޢިއްޒުގެ ހުންނަކަމުގެ އަޑުތައްވެސް ދަނީ ދޭތެރެއަކުން ފެތުރެމުންނެވެ.

ދެން އޮތީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ވާހަކައެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމަށްޓަކައި މި މަހު ޕްރައިމަރީ ބާއްވާނެއެވެ. އެ ޕްރައިމަރީގައި ވާދަކުރައްވަނީ ޒަމާންވީ ދެ ރަޙުމަތްތެރިންނެވެ. މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުއާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދުއެވެ. މިއީ ރިޔާސީ އިންތިޚާބުގެ ކުރިން އެމްޑީޕީއަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް އިމްތިޙާނެވެ. ދެ ރައީސުންވެސް ތިއްބެވީ ވެރިކަމަށް ނުކުންނަވަން ބޭނުންފުޅުވެފައެވެ. އެހެންކަމުން ޕްރައިމަރީން މޮޅުވާން ދެ ރައީސުންވެސް އަންނަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުންނެވެ. ޕްރައިމަރީއާ ގުޅިގެން ރައީސް ނަޝީދު ދާދި ފަހުން ވަނީ އެމްޑީޕީ ވަންތަ ޖަލްސާއަކުން ކެމްޕެއިން ފައްޓަވާފައެވެ. މިހާރު އެމަނިކުފާނު އަންނަނީ އަތޮޅުތެރޭގެ ރަށްތަކަށް ކެމްޕެއިން ދަތުރުތައް ކުރައްވަމުންނެވެ. ޕްރައިމަރީގައި ވާދަކުރައްވަން ރަސްމީކޮށް ފޯމު ހުށަހެޅުއްވުމަށްފަހު، ރައީސް ޞާލިޙު ވަނީ މިދިޔަ ބުދަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙު ދެއްވީ ޕްރައިމަރީ އެމަނިކުފާނަށް ބޮޑުތަނުން ކާމިޔާބުވާނެކަމުގެ ޔަޤީންކަމެވެ. ވިދާޅުވީ އެމަނިކުފާނު "ބަލިވާ މަންޒަރު" ފެނިވަޑައިނުގަންނަވާ ކަމަށެވެ. ރައީސް ޞާލިޙު ވިދާޅުވަނީ އެމްޑީޕީއަށް ވެރިކަން ދެމެހެއްޓޭނީ އެމަނިކުފާނާއެކު ކަމަށެވެ. ރައީސް ޞާލިޙަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ދޮރުން ދޮރަށް ހިނގައި، ޖަގަހަ ޖަލްސާތައްވެސް ބާއްވަމުންނެވެ. ނަމަވެސް ޕްރައިމަރީ ކެމްޕެއިންގައި ރައީސް ޞާލިޙު ޢަމަލީގޮތުން އަދި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

އަނެއްކޮޅު ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވަނީ ރައީސް ޞާލިޙާއެކު އެމްޑީޕީއަށް ވެރިކަން ހޯދަން ދަތި ވާހަކައެވެ. ވިދާޅުވަމުން ގެންދަވަނީ ޕްރައިމަރީއަށް ނުކުންނެވީ އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ގެއްލެން ބޭނުންފުޅުނުވާތީ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވަނީ އެމްޑީޕީ ޕްރައިމަރީ އެމަނިކުފާނު ކާމިޔާބު ކުރައްވާނެ ކަމަށެވެ. އިންތިޚާބުގެ ފޯރީގައި ދެ ރައީސުންވެސް އެއްބަސްވެވަޑައިގަންނަވާ ކަމަކީ، ކުރިއަށް އޮތް ރިޔާސީ ދައުރު އެމްޑީޕީއަށް ބޭނުންވާ ކަމެވެ. އެވާހަކަ ދެ ރައީސުންވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.

ސިޔާސީ މަސްރަޙު ދިރާސާކުރައްވާ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީގެ ކޮންމެ ބޭފުޅަކު ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ނަމަވެސް، ބަލިވާ ބޭފުޅެއް މޮޅުވި ބޭފުޅެއްގެ ފަހަތްޕުޅަށް އަރާވަޑައިގަންނަވަން ޖެހޭނެއެވެ. ނޫންނަމަ، އެބޭފުޅެއްގެ ސިޔާސީ ޞަފްޙާ އެހާހިސާބުން ނިންމަވާލައްވަން ޖެހިދާނެތީއެވެ. ކޮންމެ ގޮތެއް ވިޔަސް، މިވަގުތު އެންމެ ގިނަ ބައެއްގެ ލޯ ހުއްޓިފައި އޮތީ އެމްޑީޕީގެ ޕްރައިމަރީއަށެވެ. ދެ ރައީސުންވެސް އަންނަނީ އެކިއެކި ހިސާބު ޖައްސަވަމުންނެވެ. އެހެންކަމުން މި އަހަރަކީ އެމްޑީޕީއާއި ޕީޕީއެމަށްވެސް ވަރަށް މުހިންމު އަހަރަކަށް ވާނެއެވެ.

ކޮމެންޓް
ގުޅުންހުރި