Advertisement
ކ. މާލެ
|
22 އޯގަސްޓް 2024 | ބުރާސްފަތި 21:09
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ރާއްޖެއެމްވީ
ޝަމީމް އިސްތިއުފާ ދެއްވުން
ޕީޖީ ހުސައިން ޝަމީމް އިސްތިއުފާ ދެއްވައިފި
ޝަމީމް ވިދާޅުވެފައިވަނީ އެ ތުހުމަތުތަކަކީ ރަނގަޅު ނިޔަތެއް އޮވެގެން ކޮށްފައިވާ ތުހުމަތުތަކެއް ކަމަކަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށް
ޕީޖީގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވަނީ އޭނާގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރުމަށްފަހު
އިސްތިއުފާ ދެއްވީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި މަގާމުން ވަކި ކުރުމުގެ އިޖުރާއުތައް މަޖިލީހުގައި ކުރިއަށް ދަނިކޮށް

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އިސްތިއުފާ ދެއްވަމުން ފޮނުއްވި ސިޓީގައި ޝަމީމް ވިދާޅުވެފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމު އަދާކުރަމުން ދަނިކޮށް، ޤާނޫނުއަސާސީގެ 220 ވަނަ މާއްދާ އާ ޚިލާފަށް އޭނާ އެތައް ކަމެއް ކުރާކަމަށް ބުނެ، މި މަޤާމުން ވަކިކޮށްދެއްވުން އެދި، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށަހެޅުއްވި މައްސަލަ ދިރާސާ ކުރައްވައި، އެ ތުހުމަތުތަކާ ގުޅިގެން އޭނާއަށް ޖަވާބުދާރީވާން 22 އޮގަސްޓް 2024 ގައި ތާވަލު ކުރެއްވި، އެ ކޮމިޓީގެ 19 ވަނަ ބައްދަލުވުން ޢާންމުކޮށް ހުޅުވާލައިގެން ބާއްވައި ދެއްވުމަށް ތަކުރާރުކޮށް އެދިފައިވަނިކޮށް، އެކަމަށް ނުބައްލަވައި، މަޖިލީހުގެ ގަވައިދު ގައި ކޮމިޓީގެ ޖަލްސާތައް ސިއްރުކުރުމާބެހޭ ގޮތުން ހުރި އިޖުރާއަތުތަކާ ޚިލާފަށް، އެ ކޮމިޓީގެ ޖަލްސާތައް ގެންދަވާފައިވާ ކަމަށާއި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަން ޢާންމުކޮށް އިޢުލާނު ކުރައްވާ އެ ކަންކަމަށް އޭނާ ދޭން އޮތް ޖަވާބު، ޢާންމުންނަށް ނުއިވޭގޮތަށް ސިއްރުކުރުމަކީ، ޢަދުލް އިންޞާފުގެ ހަމަތަކާއި ނެޗުރަލް ޖަސްޓިސްގެ އުޞޫލުތަކާވެސް ޚިލާފު ކަމަކަށްވާތީ، މިކަންކަމާ އިޙްތިޖާޖުކުރުމުގެ ގޮތުން، ޤާނޫނުއަސާސީގެ 226 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުން އިސްތިއުފާ ދިނީކަމަށެވެ.

Advertisement

ޝަމީމް މަގާމުން އިސްތިއުފާ ދެއްވީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މަގާމުން ވަކި ކުރުމުގެ އިޖުރާއުތައް މަޖިލީހުގައި ކުރިއަށް ދަނިކޮށްނެވެ.

ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި ޝަމީމްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި 22 އޮގަސްޓްގައި ޖުޑިޝަރީ ކޮމިޓީއަށް ޝަމީމް ވަނީ ހާޒިރުކޮށްފައެވެ. އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.

ޝަމީމްގެ އިތުބާރު ނެތް ކަމަށް ޖުޑިޝިއަރީ ކޮމިޓީން ފާސް ކޮށް މަޖިލީހުގެ ތަޅުމުން އެ ގޮތައް ނިންމުމަށް ހުށަހެޅުމަށް ވެސް ވަނީ ފާސްކޮށްފައެވެ.

ޝަމީމް އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކި ކުރުމަށް ޖުޑިޝިއަރީ ގެ ކޮމިޓީ ރިޕޯޓް މަޖިލިހުގެ ތަޅުމަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން ތާވަލްކޮށްފައި ވަނިކޮށްނެވެ.

ޕީޖީގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވަނީ އޭނާގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރުމަށްފަހުގައެވެ.

އޭގެ ތެރޭގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކޮށްފައިވާ ޖިންސީ ކުށުގެ ދައުވާތައް ފައިލް ކުރުމާއި، ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލް ކުރުމާއި، ސަފާރީ ރޭޕް ކޭސްގެ މައްސަލާގައި އެމްޑީޕީ އާ ގުޅުން އޮންނަ ފަރާތެއް ހިމެނޭތީ އިސްތިއުނާފް ނުކުރަން ނިންމުމާއި، ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކުރި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންދިޔުމާއި، ބަނގުރަލާ ގުޅޭ 77 މައްސަލައެއް އަނބުރާ ގެންދިޔުމާއި، އެއް ޖިންސުން ގުޅުން ހިންގުމާ ގުޅޭ 13 މައްސަލައެއް އަނބުރާ ގެންދިއުމާއި، ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރަން ނިންމުމާއި، ޕީޖީ އޮފީހުގެ މުއައްޒަފުންނާ މެދުގައި ތަފާތު ކުރުންތައް ގެންގުޅުން ހިމެނެއެވެ.

ޝަމީމް ވިދާޅުވެފައިވަނީ އެ ތުހުމަތުތަކަކީ ރަނގަޅު ނިޔަތެއް އޮވެގެން ކޮށްފައިވާ ތުހުމަތުތަކެއް ކަމަކަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށާއި، އެއީ އެއްވެސް ހަގީގަތެއް އޮވެގެން ކޮށްފައިވާ ތުހުމަތު ތަކެއް ނޫން ކަމަށާއި އެއީ އޭނާ މަގާމުން ވަކި ކުރަން ބޭނުން ވެގެން ކޮށްފައިވާ ތުހުމަތު ތަކެއް ކަމުގައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް ގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް ކަން ވެސް ކުރެއްވި ޝަމީމް އައްޔަން ކުރެއްވީ 8 ޑިސެމްބަރު 2019 ގައެވެ.

ޝަމީމް މަގާމަށް އައްޔަން ކުރައްވައި މަގާމުގެ ލިޔުން ހަވާލު ކޮށްދެއްވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް