އޯޓިސްޓިކް ކުދިންގެ މެދުގައިވެސް މަޤުބޫލު ކާޓޫނަކަށް ފުރަތަމަ ފަހަރަށް އޯޓިސްޓިކް ކެރެކްޓަރެއް!
ބްރޫނޯގެ އެންމެ ފުރަތަމަ ފެނިލުން ފެނިގެންދާނީ "ޓޮމަސް އެންޑް ފްރެންޑްސް"ގެ 26 ވަނަ ސީޒަންގެ "ޓޮމަސް އެންޑް ފްރެންޑްސް: އޯލް އިންޖިންސް ގޯ"އިން

"ޓޮމަސް އެންޑް ފްރެންޑްސް" ކާޓޫނަށް ތަޢާރަފު ކުރި އޯޓިސްޓިކް ކެރެކްޓަރަކީ ރޭލުތަކާ ގުޅުނު، "ބްރޫނޯ" ނަމަކަށް ކިއާ ރޭލެއް
ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ކުޑަކުދިންގެ މެދުގައި ބޮޑު މަޤުބޫލު ކަމެއް ހޯދާފައިވާ މަޝްހޫރު ކާޓުން ފްރެންޗައިޒް "ޓޮމަސް އެންޑް ފްރެންޑްސް"އަށް، އޯޓިސްޓިކް ކެރެކްޓަރެއް ތަޢާރަފު ކޮށްފިއެވެ.
ޓޮމަސްއާއި ޕަރސީ ފަދަ މަޝްހޫރު ކެރެކްޓަރުތަކެއް ފެނިގެންދާ "ޓޮމަސް އެންޑް ފްރެންޑްސް" ކާޓޫނަށް ތަޢާރަފު ކުރި އޯޓިސްޓިކް ކެރެކްޓަރަކީވެސް އެ ރޭލުތަކާ ގުޅުނު، "ބްރޫނޯ" ނަމަކަށް ކިއާ ރޭލެކެވެ.
"ޓޮމަސް އެންޑް ފްރެންޑްސް"ގެ ޔޫކޭ ވާޜަންގައި ފެނިގެންދާ "ބްރޫނޯ"ގެ ކެރެކްޓަރަށް އަޑު އަޅާ ދީފައި ވަނީ އުމުރުން އެންމެ 9 އަހަރުގެ އެލިއަޓް ގަރސިއާއެވެ. ޚުދު އެލިއަޓްއަކީވެސް އޯޓިސްޓިކް ކުއްޖެކެވެ.
އެލިއަޓްއަކީވެސް އޯޓިސްޓިކް ކުއްޖެއްކަމުން، ގަދަ އަޑުތަކަކީ އޭނާއަށް މާ އަހަން މާ ފަސޭހަ އަޑުތަކަށް ނުވާއިރު، ބްރޫނޯ ކެރެކްޓަރއަކީވެސް ހަމަ އެފަދަ ކެރެކްޓަރެއް ކަން އެލިއަޓް ފާހަގަ ކުރެއެވެ.
އަދި އޭނާގެ އަމިއްލަ ދިރިއުޅުމާއި، ބްރޫނޯގެ ދިރިއުޅުމާ އެއްގޮތް ކަންތައްތަކެއް ހުރި ކަންވެސް އެލިއަޓް ފާހަގަ ކުރެއެވެ.
"ޓޮމަސް އެންޑް ފްރެންޑްސް"އަށް ތަޢާރަފުވި އާ ކެރެކްޓަރާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އިނގިރޭސިވިލާތުގެ ނޭޝަނަލް އޯޓިސްޓިކް ސޮސައިޓީގެ ޓޮމް ޕަރސަރ ވިދާޅުވީ، މިއީ އޯޓިޒަމަށް މުހިންމު ވަގުތެއް ކަމަށެވެ.
އެލިއަޓްގެ ވާހަކަތައްވެސް ހުރީ އެފަދަ ރޫހެއްގައެވެ.
"ޓޮމަސް އެންޑް ފްރެންޑްސް"ގެ ޔޫކޭ ވަޜަން ޕްރޮޑިއުސް ކުރާ މަޓެލްއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ބްރޫނޯއަކީ މުހިންމު ކެރެކްޓަރެއް ކަމަށާ، މުޅި ޝޯގެ ތެރެއިންވެސް ބްރޫނޯ ފެނިގެންދާނެ ކަމަށެވެ. ޓީވީއާއި ޔޫޓިއުބް ޗެނަލްގެ އިތުރުން މިއުޒިކް އަލްބަމާއި ޕޮޑްކާސްޓްތަކުގައިވެސް ބްރޫނޯގެ ކެރެކްޓަރު ބައިވެރިވާނެ ކަމަށް މަޓެލްއިން ބުނެއެވެ.
"ޓޮމަސް އެންޑް ފްރެންޑްސް"ގެ އެމެރިކާއާއި އިޓަލީވިލާތު ވަޜަންތަކުގައިވެސް ބްރޫނޯ ކެރެކްޓަރު އުޅޭ އިރު، އެ ކެރެކްޓަރުތަކަށްވެސް އަޑު އަޅާދީފައި ވަނީ އޯޓިސްޓިކް އެކްޓަރުންކަން ފާހަގަ ކުރަން ޖެހެއެވެ.
"ޓޮމަސް އެންޑް ފްރެންޑްސް"ގެ ފުރަތަމަ އޯޓިސްޓިކް ކެރެކްޓަރ ބްރޫނޯގެ އެންމެ ފުރަތަމަ ފެނިލުން ފެނިގެންދާނީ "ޓޮމަސް އެންޑް ފްރެންޑްސް"ގެ 26 ވަނަ ސީޒަންގެ "ޓޮމަސް އެންޑް ފްރެންޑްސް: އޯލް އިންޖިންސް ގޯ"އިންނެވެ.
އޯޓިޒަމް އަކީ ނިއުރޮލޮޖިކަލް ޑިސްއޯޑަރއެކެވެ. ނުވަތަ ސިކުނޑި މަސައްކަތް ކުރާ ގޮތުގައި ހުންނަ ތަފާތު ކަމެއްގެ ސަބަބުން، ވާހަކަ ދެއްކުމާއި އިޖްތިމާއީ ގުޅުން ހީނަރުވެ، އެހެން މީހުނާ މުޢާމަލާތު ކުރުމުގައި ދަތިތަކެއް ކުރިމަތިކުރުވާ ކަމެކެވެ. އުމުރުން އެންމެ 2 އަހަރާއި 3 އަހަރުގައިވެސް އޯޓިޒަމްއަށް ޑައެގްނޯޒް ކުރެވެއެވެ. މިފަދަ ކުދިން ދެނެގަނެވޭނީ އެކުދިންގެ ހަރަކާތައް ބަލާފައެވެ. ތަފާތު އެސެސްމަންޓްތަކުގެ އެހީގާ ކުއްޖާ އަކީ އޯޓިޒަމް ހުންނަ ކުއްޖެއްތޯ ދެނެގަނެ، އެ ކުއްޖަކަށް އެންމެ އެކަށީގެންވާ ތެރަޕީ ޕްލޭން އެއް އެކުލަވާލުމަށްފަހު ލަސް ނުކޮށް ތެރަޕީ ފެށުމަކީ މުހިންމު ކަމެކެވެ. މިފަދަ އެސެސްމަންޓްތައް ހެދުމަކީ، އެކަމަށް ހާއްސަ ތަމްރީނުތަކެއް ލިބިފައިވާ މާހިރުންގެ އެހީގައި ހަދަން ޖެހޭ އެސެސްމަންޓްތަކެކެވެ. އޯޓިޒަމްއަކީ އެއްވެސް ހާލެއްގައި ނުރައްކާތެރި ބައްޔެއް ނޫނެވެ. ޅަ އުމުރުގައި ދުރާލާ ފަރުވާގެ މަސައްކަތް ފެށިއްޖެނަމަ، އުމުރުގެ އާންމު ކުދިންނާއެކު އުޅުމުގެ ފުރުސަތު، ކުއްޖާއަށް ތަނަވަސްކޮށްދެވެއެވެ.






