ވޯލްޑްކަޕްގެ މެޗުތައް ކުޅޭ ދަނޑުތަކާ ދުރުގައި ދިރިއުޅެމުންދާ މި ފޭނުން ވަނީ ޤަޠަރަށް ދަތުރު ކުރުމުގެ މަހެއްހާ ދުވަސް ކުރިން، މުބާރާތަށް ތައްޔާރު ވާން ފަށާފަ

ބްރެޒީލްއަށް ނިސްބަތްވާ ލިއަނާޑޯ ސިގޭރާ ބުނި ގޮތުގައި މުބާރާތް ބެލުމަށް ޤަޠަރަށް ޖަމާވެ ތިބި ފޭނުންގެ މެދުގައި އޮތް ދެކޮޅުވެރިކަމެއް، ކޯހެބް ޗެމްޕިއަންޝިޕަކުން ފެނިގެނެއް ނުދޭ
މި ދުވަސްވަރަކީ ފުޓުބޯޅައިގެ ބޮޑު ޢީދު ކަމާ މެދު ދެބަސް ވެވޭކަށް ނެތެވެ. ފުޓުބޯޅައިގެ ފޯރި އެންމެ ގަދައީ، ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް ހޮސްޓްކުރާ ޤަޠަރުގައޭ ދެންނެވުމަކުންވެސް ގޯހެއް ނެތެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ބަޔަކު، ވޯލްޑްކަޕްގެ މެޗުތައް ބެލުމަށް ޤަޠަރަށް ޖަމާވެފައި ވާ އިރު، ފޭނުންގެ މެދުގައި ފުޓުބޯޅައިގެ ފޯރި ކެނޑިދާ ހަމަ އެންމެ ވަގުތު ކޮޅެއްވެސް ނެތެވެ. އެފަދަ އެއް މަންޒަރު ފެނިގެން ދިޔައީ އަލް ވުކާއިރުންނެވެ.
ވޯލްޑްކަޕްގެ މެޗުތައް ބަލާލުމަށް ޤަޠަރަށް ޒިޔާރަތް ކުރަމުންދާ މެހެމާނުންގެ މެދުގައި ކޯހެބް ޗެމްޕިއަންޝިޕްގެ ނަމުގައި ފޯރިގަދަ ފުޓުބޯޅަ މުބާރާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ފައިނަލްގައި ވާދަ ކުރީ ބްރެޒީލްއާއި ޔުރުގުއާއީގެ ފޭނުންނެވެ. ކޯހެބް ޗެމްޕިއަންޝިޕްއަކީ ފުޓުބޯޅައިގެ ފޭނުންގެ ފަރާތުން، ފޭނުންނަށްޓަކާ އިންތިޒާމް ކުރި ފުޓުބޯޅަ މުބާރާތެކެވެ.
ކޯހެބް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ކުރިއަށް ދިޔައީ މެންދުރުގެ ގަދަ ހޫނުގައި ކަން، ކުޅުންތެރިންގެ ޖޯޝާ ފޯރިއަކުން ނުފެނެއެވެ.
ބްރެޒީލްއަށް ނިސްބަތްވާ ލިއަނާޑޯ ސިގޭރާ ބުނި ގޮތުގައި މުބާރާތް ބެލުމަށް ޤަޠަރަށް ޖަމާވެ ތިބި ފޭނުންގެ މެދުގައި އޮތް ދެކޮޅުވެރިކަމެއް، ކޯހެބް ޗެމްޕިއަންޝިޕަކުން ފެނިގެނެއް ނުދެއެވެ.
ބަރްވާ ބަރަހަތު އަލް ޖަނޫބް ކޮމްޕްލެކްސް ގައި މި ވަގުތު ދިރިއުޅެމުންދާ ފުޓުބޯޅަ ފޭނުން ވަނީ، ކޯހެބް މުބާރާތަށްޓަކާ ވަރަށްވެސް ފުރިހަމައަށް ތައްޔާރު ވެފައެވެ. ވޯލްޑްކަޕްގެ މެޗުތައް ކުޅޭ ދަނޑުތަކާ ފުދޭ ވަރަކަށް ދުރުގައި ދިރިއުޅެމުންދާ މި ފޭނުން ވަނީ ޤަޠަރަށް ދަތުރު ކުރުމުގެ މަހެއްހާ ދުވަސް ކުރިން، މުބާރާތަށް ތައްޔާރު ވާން ފަށާފައެވެ. އޭގެ ތެރޭގައި ޔުރުގުއާއީ، އާޖެންޓީނާ، ކޮސްޓާ ރީކާ، އެކުއެޑޯ، އެމެރިކާ، ކެނެޑާ އަދި އިންގްލަންޑްގެ ފޭނުން ހިމެނެއެވެ. މުބާރާތުގެ ކަންކަން އިންތިޒާމް ކުރުމަށް އެމީހުން ބައްދަލުކުރީ ޓެލެކޮންފަރެންސް ޓެކްނޮލޮޖީ މެދުވެރިކޮށެވެ.
ކޮންމެ ޤައުމަކުންވެސް ޓީމް ކެޕްޓަނުންނާއި، ކޯޗުންގެ އިތުރު ރެފްރީންވެސް ހޮވިއެވެ.
ބަރްވާ ބަރަހަތު އަލް ޖަނޫބްއަކީ ޤަޠަރުން މިވަގުތު އެންމެ ހެޔޮ އަގުގައި އެކޮމޮޑޭޝަން ހަމަޖެހެން އޮތް ސަރަޙައްދަށް ވީ ނަމަވެސް، އެ ސަރަޙައްދުގައި ވޯލްޑްކަޕްގެ ފޯރި ކުޑަކޮށްވެސް ފަނޑެއް ނޫނެވެ. ބޮޑު ސްކްރީންގައި މެޗުތައް ބެލުންވެސް އޮވެއެވެ. ފޭނުންގެ އަވަށެއް ފަދަ، އެ ސަރަޙައްދުގައި މި ވަގުތު ދިރިއުޅެމުންދާ ހުރިހާ އެންމެންގެ، ހުރިހާ ވަގުތެއްހެން ހުސްކޮށްލާފައި ވަނީ ފުޓުބޯޅައިގެ ކޮންމެވެސް ކަމަކަށެވެ.
އެންމެ ދުރުގައިވާ ސްޓޭޑިއަމްތަކުން ފެށިގެން ބަލާކަމުގައި ވަނީ ނަމަ، ބަރްވާ ބަރަހަތު އަލް ޖަނޫބްއަށް ދެވެނީ 2 ގަޑިއިރުގެ މެޓްރޯ އަދި ބަސް ދަތުރަކަށް ފަހުގައެވެ. މިއިން ތަނެއްގެ އަގަކީ ރެޔަކަށް އެންމެ 84 ޑޮލަރެވެ. ޤަތަރުގެ އަދުގެ އަގުތަކަށް ބަލާއިރު، އެއީ އިންތިހާއަށް ހެޔޮ އަގެކެވެ. ލިބެމުންދާ ޚިދުމަތްތަކާ މެދު ފޭނުން ތިބީ ނުހަނު ހިތްހަމަ ޖެހިފައެވެ.