ކ. މާލެ
|
31 އޯގަސްޓް 2022 | ބުދަ 07:31
އިރާނުގެ ކުޅުންތެރިން ކުއިރޯޒް އުފުލާލަނީ: ގައުމީ ޓީމާ ހަވާލުވާނެ ކަމަށް ބެލެވެނީ އޭނާ
އިރާނުގެ ކުޅުންތެރިން ކުއިރޯޒް އުފުލާލަނީ: ގައުމީ ޓީމާ ހަވާލުވާނެ ކަމަށް ބެލެވެނީ އޭނާ
ފީފާ
ވޯލްޑްކަޕް 2022
އިރާނުގެ ކޯޗަކަށް އަނެއްކާވެސް ކުއިރޯޒް ގެންނަނީ
ކުއިރޯޒް ވަނީ މީގެ ކުރިން ވެސް އިރާނަށް ކޯޗުކޮށްދީފައި

އިރާނާއި އެމެރިކާ އަކީ ދެ ހަތުރުންނެވެ. އަސްކަރީ އަދި ސިޔާސީ މައިދާނުގައިވެސްމެ އެވެ. މިކަން ކުޅިވަރުގެ އިމުގައި ވެސް އޮތީ މި ގޮތަށެވެ. އިރާނުން ގަބޫލުކުރާ ގޮތުގައި 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަށްފަހު ކުޅިވަރުގައި އެގައުމަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ ވެސް އެމެރިކާ ބަލިކުރުމެވެ. އެއީ 1998 ވަނަ އަހަރުގެ ވޯލްޑްކަޕުގައި އެމެރިކާގެ މައްޗަށް ހޯދި 2-1ގެ ނަތީޖާއިންނެވެ. މިހަނދާންތަކާއި މިވާހަކަތައް ވެރިރަށް ތެރެހާނުގައި އަބަދުމެ ފެންނާނެހެން އަދި ދާއިމަށް ރައްކާކޮށްފައި އެބަހުއްޓެވެ.

ގަތަރުގައި އަންނަ ނޮވެމްބަރު މަހު ފަށާ ވޯލްޑްކަޕަކީ އަނެއްކާ ވެސް ދުނިޔޭގެ ފުޓްބޯޅަ އީދުގައި މި ދެ ގައުމުގެ ކުރިމަތިލުމެއް ފެނިގެންދާނެ މުޅިން އައު ބާބެކެވެ. މި މެޗުގައި އެމެރިކާ ބަލިކުރަން އިރާނުން އޮތީ ފޫގަޅައިފަ އެވެ. މިހެންވެ މިކަމަށް ހެދެންއޮތް ފަންޑިތައެއްވިއްޔާ ހަދަން އެމީހުން ތިބީ ފޯރީގަ އެވެ.

އިރާނުގެ ފުޓްބޯޅަ ޓީމު މިވަގުތު އޮތީ މައްސަލަތަކެއްގެ ތެރޭގައެވެ. އެންމެ ބޮޑު ކަމަކީ ކުޅުންތެރިންނާއި ކޯޗާ ދެމެދު އުފެދިފައިވާ ހިލާފުތަކެވެ. މިހިޔާލު ތަފާތުވުންތައް އެއްކުރެވޭނެ މާމޮޅު ގޮތްތަކެއް ވެސް މިވީހާތަނެއް ހޯދިފައެއްނުވެ އެވެ. މިހެންވެ އިރާނުން މިހާރު ގާތްގަނޑަކަށް ނިންމާފައިވަނީ ކޯޗުކަމުން ކްރޮއޭޝިޔާގެ ޑްރަގޯ ސްކޮސިޗް ވަކިކުރުމަށެވެ. ޓީމުގެ ނުފޫޒުގަދަ ކުޅުންތެރިން ތިބީ މިކަމަށް ބާރު އަޅައިގެންނެވެ.

އާ ކޯޗަކަށް ގެންނާނީ އިރާނުގެ ކުރީގެ ކޯޗު ކާލޮސް ކުއިރޯޒެވެ. އޭނާ އަކީ އެންމެ ފަހުގެ ދެ ވޯލްޑްކަޕުގައި ވެސް އިރާނަށް ކޯޗުކޮށްދިން ކޯޗެވެ. އިރާނުގެ ފުޓްބޯޅައިގެ އިސް ފަރާތްތަކާއި ކުއިރޯޒްގެ ގުޅުން ރަނގަޅެވެ. އޭނާ އިރާން ދޫކޮށްފައިދިޔައީ މުސާރަ ނުދީ އެތައް ދުވަހެއްވުން ފަދަ މައްސަލަތައް ކުރިމަތިވެ އުފެދުނު ހިލާފުތަކަކާއިގެންނެވެ. މިވަގުތު އޭނާ ހުރީ ހުސްކޮށެވެ. އެއީ މިދިޔަ އަހަރު ބޭއްވި އެފްރިކާ ކަޕުން މިސުރު ކެޓުމުން އެ ގައުމުގެ ކޯޗުކަމުން އޭނާ ވަކިކުރުމުންނެވެ.

ކުއިރޯޒަށް އިރާނުގެ ދޮރު ހުޅުވައިދޭނެކަން ޔަގީންވާ އަނެއް ކަމަކީ އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ވެރިއަކަށް މަހުދީ ތާޖް ދާދިފަހުން ހޮވާފައިވާތީ އެވެ. ކުއިރޯޒް އިރާނަށް ކޯޗުކޮށްދިންއިރު މަހުދީތާޖް އެގައުމުގެ ފުޓްބޯޅައިގެ ވެރިއަކަށް 2016 އިން 2019 އަށް ހުއްޓެވެ. އޭނާ އިސްތިއުފާދީފައި ގެއަށްދިޔައީ ސިއްހަތު އެހިނދަށް ތަންނުދޭތީ އެވެ.

ޕޯޗުގަލްގެ އަށް އުފަން ކުއިރޯޒަކީ ދުނިޔޭގެ ފުޓްބޯޅައިގެ އިހްތިރާމްބޮޑު ކޯޗެކެވެ. އޭނާ ވަނީ ރެއާލް މެޑްރިޑުގެ ކޯޗުކަމާއި މެންޗެސްޓާ ޔުނައިޓެޑްގައި ސާ އެލެކްސް ފާގަސަންގެ އަރިސް އެސިސްޓެންޓް ކޯޗެއްގެ މަގާމު ވެސް އަދާކޮށްފަ އެވެ.

- ކޮމެންޓް