މިދިޔަ ދެ އަހަރުގެ ތެރޭގައި ބިލިއާޑްގެ އެންމެ ރަނގަޅު ވަޞީލަތްތައް ޤާއިމްކޮށްފި


ރާއްޖޭގެ އެއްވަނަ ބިލިއާޑް ކުޅުންތެރިޔާ ޝާޒް
ދެ މޭޒުން, ހަތަރު މޭޒަށް އަދި މިހާރު 12 މޭޒަށް ބަދަލުވެއްޖެއެވެ. ހެނދުނު އެސޯސިއޭޝަން ހުޅުވާ ގަޑީގައި ކިޔުއަށް އަރައިގެން ބޯޑް ބުކްކޮށްގެން ކުޅުނު ދުވަސް މާޒީވެއްޖެއެވެ. ކޮންމެ ތާކު ކޮންމެ ވަގުތަކު ހުރެވެސް އެޕް މެދުވެރިކޮށް ބޭނުން ކޮންމެ ގަޑިއަކު ކުޅެން ބުކިންގ ހަދާލެވެއެވެ. ކުރިން މުބާރާތެއް ކައިރިވުމުން ނުވަތަ މުބާރާތެއްގެ ތެރޭގައިވެސް ކުޅެން ލިބެނީ ގިނަވެގެން ދެ ގަޑިއެއްހާއިރުއެވެ. ރޭގަނޑު އެފުރުޞަތެއް ހަމަ ނުލިބޭނެއެވެ. މިހާރު ބޭނުން އިރަކު ކުޅެންވީއެވެ. މިއީ ރާއްޖޭގެ ބިލިއަޑާށް އައި ކުރިއެރުމުގެ ކުޑަކުޑަ ހުލާސާއެކެވެ. މިއީ ރާއްޖޭގެ އެއްވަނަ ބިލިއާޑް ކުޅުންތެރިޔާ ހަސަން ޝާޒް މުޙައްމަދު ކުޑަކުއްޖެއްގެ ގޮތުގައި ކުޅެން ފެށިއިރާއި މިއަދު އޭނާ ދެކޭ އަދި ތަޖުރިބާ ކުރާ ކުރިއެރުންތަކެވެ.
ރާއްޖޭގެ ބިލިއާޑަށް އައި ކުރިއެރުންތަކަކީ ކޮބައިތޯ ބަލާލަން މާލޭގައި ބިލިއާޑް އެސޯސިއޭޝަންގެ އޮފީސް ހުރި އިމާރަށް ވަދެލާށެވެ. 12 މޭޒާއެކު އެންމެ ޒަމާނީ ވަޞީލަތްތައް ވަނީ ޤާއިމްކޮށްފައެވެ. އެމާހައުލު އޮތީ ކުޅުންތެރިންނަށް ފަހި އަދި އުފާވެރިކަން އިހުސާސްވާނެ ގޮތަށެވެ. ރަހުމަތްތެރި މާހައުލެކެވެ. މިއީ މިދިޔަ އަހަރު ސަރުކާރުން ބިލިއާޑް ކުޅުންތެރިންނަށް ދިން ބޮޑު ހަދިޔާއެވެ. އޭގެކުރިއަށް ޖެހިލަމާއި ހިނގާށެވެ. 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހުޅުމާލޭގައި ހުޅުވި ބިލިއާޑް ހޯލަށް ވަދެ ބަލާލާއިރު 6 މޭޒު އެބަހުއްޓެވެ. މާހައުލް ސަޅިއެވެ. ބޭނުން ކޮންމެ މީހަކަށް ހަމަޖެހިފައިވާ އިންތިޒާމްގެ ތެރެއިން ކުޅުމުގެ ފުރުޞަތު ލިބެއެވެ. ހުޅުމާލޭގައި ކުޑަ ޚަރަދަކުން ކުޅެލެވެއެވެ. މިއީ ހަމައެކަނި ވަޞީލަތްތަކަށް އައި ބޮޑު ކުރިއެރުމެވެ. ކުޅުންތެރިން ދެކެމުން އައި އެކަމަކު ހަޤީޤަތަކަށް ވާނެކަމަށް ޤަބޫލުނުކުރެވުނު ކުރިއެރުންތަކެވެ.
އެންމެ ފަހުން ރާއްޖޭގެ ޤައުމީ ބިލިއާޑް ޓީމްގެ ކުޅުންތެރިންނަށް އިރުޝާދު ދިނީ ދުނިޔޭގެ އެންމެ މޮޅު އެއް ކޯޗެވެ. މުޅި ދުނިޔެއިން އެންމެ މޮޅު ތިން ކޯޗުން ނެގިޔަސް އޭގެތެރޭގައި ހިމެނޭނެ އެއް ކޯޗެވެ. އޭނާގެ ކޯޗުކަމުގެ މުއްދަތަކީ މަހެއް ނަމަވެސް, އެފެންވަރުގެ ކޯޗެއްގެ އެހީ ލިބުމަކީ ރާއްޖޭގެ ބިލިއާޑް ކުރިއަރުވަން ކުރަމުންދާ މަސައްކަތްތައް ސާފުކޮށް ފެންނަ ހެއްކެކެވެ. ކޯޗު އެނބުރި ދަނީ ރާއްޖޭގެ ކުޅުންތެރިން ކުރިއަރުވަން, ތަމްރީނުތައް ކުރިއަށްގެންދާނެ ޕްލޭނެއް ދީފައެވެ. ރާއްޖޭގެ ކުޅުންތެރިން އިންޓަނޭޝަނަލް މުބާރާތްތަކުގައިވެސް ވާދަކުރަން ފަށައިފިއެވެ. މިއީ ހަމައެކަނި ކުޅިވަރަށް އައި ބަދަލެވެ. ކުރިއެރުމެވެ. ރާއްޖޭގެ ޗެމްޕިއަން ޝާޒް ބުނީ ފުރުޞަތުތައް އެބައޮތްކަމަށެވެ. ޒުވާން ކުޅުންތެރިންނަށް މިއަދު އޮތީ ހިތްވަރާއެކު މަސައްކަތް ކުރުން ކަމަށެވެ.
ދެން އޮތީ ޝާޒް އެއްވަނަ ކުޅުންތެރިޔާއާ ހަމައަށް ކުރި ދަތުރުގެ ވާހަކައެވެ. 26 އަހަރުގައި އޭނާ އެހުރީ ރާއްޖޭގެ އެއްވަނަ ބިލިއާޑް ކުޅުންތެރިޔާގެ މަޤާމްގައެވެ. އެއީ މިދިޔަ ތިން އަހަރަށް ބަލައި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު ފިރިހެން ބިލިއާޑް ކުޅުންތެރިޔާއެވެ.
މިއީ އޭނާގެ ފެށުމެވެ. އޭރު އެއީ ބިލިއާޑް ކުޅޭތަން ބަލަން ހުރި ކުޑަކުއްޖެކެވެ. ފުރުޞަތު ލިބެނީ ކެރަމް އާއި ޓީޓީ ކުޅޭށެވެ. އެކަމަކު އޭނާއަށް އޭރުވެސް ބެލުނީ ބިލިއާޑް މޭޒަށެވެ. ޝައުޤު ހުއްޓުނީ އެކުޅިވަރަށެވެ. ފުރުޞަތު ދިނީ އޭރުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ މުޙައްމަދު ޝަރީފްއެވެ. އެއީވެސް ބިލިއާޑް އެސޯސިއޭޝަނާއި ވަކިން, ޔޫތު ސެންޓަރުގައި ހުންނަ ފާޚާނާ ބިޒީވުމުން، ޝަރީފާއެކު ކުޅެލަން ކުޑައިރުކޮޅަށް ލިބުނު ފުރުޞަތަކުން ލިބުނު ދާއިމީ ފުރުޞަތެކެވެ. އެކުޑަވަގުތުކޮޅުންވެސް ޝަރީފަށް ފާހަގަވީ ޝާޒުގެ ހުނަރާއި, ޝައުޤު ހުރިކަމެވެ. އެހެންކަމުން 18 އަހަރު ނުވަނީސް ނުދޭގޮތަށް އޮތް ފުރުޞަތު 16 އަހަރުގައި ޝަރީފު ދިނީ އުއްމީދެއް އޮވެގެންނެވެ. އެސޯސިއޭޝަންގެ މެމްބަޝިޕް ކުޑަކުއްޖެއްގެ ގޮތުގައި ހުއްޓާ ލިބުންވީ ބިލިއާޑްގައި ޝާޒަށް އެޅުނު މުހިންމު ބިންގަލަކަށެވެ. ޝައުޤުވެރިވާ ކުޅިވަރު ކުޅެން ފުރުޞަތު ލިބުނީއެވެ. އެކަމަކު ފުރުޞަތު ލިބުނުއިރު ހަމައެކަނި ބިލިއާޑް ކުޅޭތަން ބަލާ ކުޑަކުއްޖެއްގެ ގޮތުގައި އޭނާ ދޮޅުއަހަރެއްހާ ދުވަސް ހޭދަކުރިއެވެ. ސްކޫލް ނިމޭގޮތަށް މެންދުރު ރައްޓެހިންނާއެކު ގަލޮޅު ޒުވާނުންގެ މަރުކަޒުގައި ވަގުތު ހޭދަކުރިއެވެ. އޭރު ދިރިއުޅުނު ގެއާއި ޒުވާނުންގެ މަރުކަޒު ކައިރިވުމަކީވެސް އޭނާގެ ނަސީބެވެ.
މިހާރު އެއީ ރޭންކިންގެ ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާއެވެ. މިއަދު ވަޞީލަތްތައް ޤާއިމްވެއްޖެއެވެ. ރަނގަޅު ތަމްރީނު ލިބެއެވެ. ބޭނުން ވަގުތަކު ކުޅެން ބިލިއާޑް ހޯލު އޮތީ ހުޅުވާލާފައެވެ. އެކަމަކު ނެތީ އޭނާގެ ޝެޑިއުލުން ވަގުތެވެ. ދިރިއުޅުމުގެ ކަންކަމާއި, ވަޒީފާއަށް ވަގުތު ދިނުމަށްފަހު ހިތްހަމަޖެހޭވަރާ ގާތަށްވެސް ބިލިއާޑަށް ވަގުތެއް ނުދެވެއެވެ.
ބިޒީކަމާއެކުވެސް ބިލިއާޑްގައި ކުރިއަށްދާން އެންމެފަހުން ލިބުނު ހިތްވަރަކީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްއެވެ. އެއީ ކުޅުންތެރިއަކަށް ލިބޭ ބޮޑު ހިތްވަރެކެވެ. ފަޚުރެކެވެ. އެހޯދަން ކެނޑިނޭޅި މަސައްކަތްކުރަން ޖެހެއެވެ. ޝާޒް ބެނުންވަނީ އެފަޚުރުވެރި ވަނާގެ މަތީގައި ދެމިހުންނާށެވެ. އިތުރު ކާމިޔާބީތައް ހޯދާށެވެ.