ކ. މާލެ
|
9 ފެބްރުއަރީ 2022 | ބުދަ 14:13
މުސްކާން ކޮލެޖަށް ވަނުމަށްދާއިރު، ގިނަ ބަޔަކު އޭނާ ފަހަތުން އާދޭ
މުސްކާން ކޮލެޖަށް ވަނުމަށްދާއިރު، ގިނަ ބަޔަކު އޭނާ ފަހަތުން އާދޭ
ރާއްޖެއެމްވީ
މުސްކާން ދެއްކި ހިތްވަރު
ހަތަރު ފަރާތުން ދިމާކޮށްލި، ހިތްވަރާއެކު ކުރިއަށް ދަމުން ގޮވީ الله اكبر!
 
ކޮންމެ ދީނަކަށް ވެސް އިހުތިރާމް ކުރަން ޖެހޭ
 
ކޮލެޖުން މުސްލިމް ކުދިންނަށް ހިމާޔަތްދޭ
 
އަންހެނުން ބުރުގާ އެޅުމާ ދެކޮޅަށް މުޒާހަރާ ކުރަމުންދާތާ ވަނީ ދުވަސްތަކެއް ވެފައި

ދުނިޔޭގެ އެކިކަންކޮޅުތަކުގައި މުސްލިމުންނަށް ދަނީ އެކި ގޮންޖެހުންތައް ކުރިމަތިވަމުންނެވެ. ފުރައްސާރައާއި މަލާމަތާއި ނިކަމެތިކަން ދެމުންދަނީ އެއްވެސް ވަރަކަށް އިންސާނިއްޔަތު ކަމަށް ބެލުމެއް ނެތިއެވެ. މުސްލިމަކަށްވީތީ ފުރައްސާރައާ މަލާމަތް އެތައް ކުޑަ ކުއްޖަކާއި، ޒުވާނުންނަށް އަދި ދުވަސްވީ މީހުންނަށް ކުރިމަތިވަމުންދެއެވެ. އެއްވެސް ކުށަކާ ނުލާއި ނުހައްގުން އެތައް އަނިޔާއެއް ދަނީ ދެމުންނެވެ. މުސްލިމުންގެ މުދާތައް ފޭރުމާއި، ހުޅުޖަހާ އަންދާލާ، ރިވެތި ހިޖާބުން ނިވާވެގެން ތިބޭ އެތައް އަންހެނުންނަށް ލިބެން ޖެހޭ ހައްގުތަކުން ދަނީ މަހުރޫމް ކުރަމުންނެއެވެ. އޭގެ ތެރޭގައި ތައުލީމުން މަހުރޫމް ކުރާ އަންހެނުންގެ ނިސްބަތް މަދެއް ނުވާނެއެވެ. މިމައްސަލާ މެދު ބައިނަލްއަގުވާމީ ފެންވަރުގައި ބަހުސް ކުރެވެމުންދާއިރު، އަނެއްކާ ވެސް މިވަނީ މިފަދަ މައްސަލައަކާ ކެރިގެން ކުރިމަތިލި ޒުވާން އަންހެނެއް ސަމާލުކަމަށް އައިސްފައެވެ.

މިހާރު މުޅި ސޯޝަލް މީޑިއާ ހިސޯރުކުރަމުންދާ އެ ވީޑިއޯއިން ފެންނަނީ ކަޅުކުލައިގެ އަބާޔާއެއް ލައިގެން ހުރި ޒުވާނެއް އަންހެނެއް ފިރިހެނުންތަކާއި ކުރިމަތިލައި ހަރުއަޑުން الله اكبر އޭ ގޮވަމުން ކުރިއަށްދާ މަންޒަރެވެ. އެއީ އިންޑިއާގެ ކަރްނާޓަކާގެ ޕީއީއެސް ކޮލެޖް އޮފް އިންޖިނިއަރިންގައި ތައުލީމު ހާސިލު ކުރަމުން އަންނަ ބުރުގާ އަޅާ މުސްލިމް ދަރިވަރަކު، ކޮލެޖަށް ދިޔުމުން އެ ދަރިވަރަށް ފުރައްސާރަކުރާ ވީޑިއޯއެކެވެ. މުޅި ސޯޝަލް މީޑިއާގައި އެވީޑިއޯ ދައުރުވަމުންދާއިރު، ގިނަ ބަޔެއްގެ ތަރުހީބާއި ތައުރީފް ދަނީ އެ ޒުވާނާއަށް ލިބެމުންނެއެވެ.

އާންމުވެފައިވާ ވީޑިއޯގައި ފެންނަ ގޮތުގައި އެ އަންހެން ދަރިވަރު ކޮލެޖަށް ދިޔުމާއި އެކު 30 އަކަށް މީހުންގެ ގުރޫޕަކުން އޭނައާއި ދިމާކުރެއެވެ. އަދި ހިންދޫ އިން އަޅުކަން ކުރާ ބުދެއްގެ ނަން އަޑު ހަރުކޮށް އެމީހުން ކިޔައެވެ. އެމީހުން އެ ދަރިވަރު ފަހަތުން ދިޔަ ނަމަވެސް އޭނާ ހަމަ ކުރިއަށް ހިނގާފައި ދަމުން الله اكبر އޭ ގޮވަމުން ކުރިއަށް ދާތަން ފެނެއެވެ. އެވީޑިއޯއިން އެޒުވާނާގެ ހިތްވަރު ފެންނަ ކަމަށާއި، ތައުލީމް ހާސިލްކުރުމަށް ކުރަމުންދާ މަސައްކަތް ދައްކުވައިދޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އާއްމުވަމުންދާ ވީޑިއޯއިން ފެންނަ ޒުވާނާ މުސްކާން ހާން އިންޑީއާގެ ބައެއް ނޫސްތަކަށް ދީފައިވާ އިންޓަވިޔުގައި ބުނެފައިވަނީ ކިޔަވަމުންދާ ކޮލެޖު ކައިރީގައި މުސްލިމު އަންހެނުން ބުރުގާ އެޅުމާ ދެކޮޅަށް މުޒާހަރާ ކުރަމުންދާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި، ނަމަވެސް އެކަމާއި އެއްވެސް ވަރަކަށް ޖެހެލުން ނުވާ ކަމަށެވެ. ކޮންމެ ދީނެއް ނަމަވެސް ވެސް އިހުތިރާމް ކުރާ ކަމަށާއި، ނިވާކުރުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބޭ ކަމަށެވެ. އަދި އެދުވަހު ކޮލެޖަށް ދިޔައީ އެސައިމެންޓެއް ހުށަހަޅަން ކަމަށާއި، ނަމަވެސް ބުރުގާ އަޅައިގެން ހުރުމުގެ ސަބަބުން ކޮލެޖަށް ވަނުމަށް މުޒާހަރާގައި ކުރަމުން ދިޔަ ފިރިހެނުންތައް ދެކޮޅު ހަދަމުން ދިޔަ ކަމަށެވެ. ނަމަވެސް ކޮލެޖަށް ރައްކާތެރިކަމާއެކު ވަދެވުނު ކަމަށާއި، ކޮލެޖްގެ ޕްރިންސިޕަލްއާއި، ލެކްޗަރާއިން އޭނާއަށް ހިމާޔަތް ދިން ކަމަށެވެ.

ކޮލެޖްގައި ކިޔަވަމުންދާ ގާތްގަނޑަކަށް 10 އިންސައްތަ ދަރިވަރުން ބުރުގާ އެޅުމާއި ދެކޮޅަށް ނުކުތް ނަމަވެސް ގިނަ ދަރިވަރުންނަކީ މުސްލިމް ދަރިވަރުންގެ ދިފާއުގައި ތިބި ދަރިވަރުން ކަމަށް އޭނާ ބުންޏެވެ.

މުސްކާން ހާން މި ދެއްކި ހިތްވަރަށް ގިނަ ބަޔަކު ތައުރީފް ކުރަމުންދާއިރު، މިއީ މުޅި އިސްލާމީ މުޖުތަމައުއަށް ލިބުނު އައު ހިތްވަރެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ގޮންޖެހުންތަކާއެކު ވެސް ތައުލީމް ހާސިލްކުރުމަށް ލިބޭ ބާރެއް ކަމަށް ބައެއް މީހުން ބުނެފައިވެއެވެ. މުސްކާންގެ މި ހިތްވަރަށް ދުނިޔޭގެ އެކި ހިސާބުތަކުގެ ދީނީ އިލްމުވެރިން ވެސް ދަނީ ސެލިއުޓް ކުރަމުންނެވެ.

މުސްކާންގެ ހިތްވަރު ދައްކުވައިދޭ ކަމަށް ބުނެ ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ފޮޓޯއެއް

މުސްލިމް އަންހެނުން ބުރުގާ އެޅުމުގެ މައްސަލަ މިފަހުން އިންޑިއާގައި ބޮޑުވެފައިވެއެވެ. ހަމަނުޖެހުން ބޮޑުވުމާއި ގުޅިގެން ބީޖޭޕީން ވެރިކަންކުރާ ކަރްނާޓަކާގެ ސަރުކާރުން ވަނީ, އަންގާރަ ދުވަހުން ފެށިގެން ތިން ދުވަހަށް ކޮލެޖުތަކާއި/ ޔުނިވަރސިޓީ އަދި ސްކޫލުތައް ބަންދުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
62%
23%
0%
8%
8%
0%
ކޮމެންޓް