ކ. މާލެ
|
17 ޖެނުއަރީ 2018 | ބުދަ 19:18
މާރާމާރިގައި ވަޅިން ހަމަލާދިން ކުއްޖާއަށް ފުލުހަކު އެހީތެރިވަނީ
މާރާމާރިގައި ވަޅިން ހަމަލާދިން ކުއްޖާއަށް ފުލުހަކު އެހީތެރިވަނީ
ރާއްޖެ އެމްވީ
ދަރިވަރުންނަށް ހަމަލާދިނުން
މާރާމާރީތައް ސުކޫލުގެ ހަތަރު ފާރުގެ ތެރެޔަށް: ނުރައްކަލުގެ ވަރުގަދަ ސިގްނަލެއް
ދިރާސީ އާ އަހަރު ފެށި ފުރަތަމަ ހަތަރު ދުވަހުގެ ތެރޭގައި ދެ މާރާމާރީ
އެޑިއުކޭޝަން މިނިސްޓްރީގެ އިހުމާލެއްވޭ
މައްސަލަ ދިރާސަކޮށް އަވަސް ހައްލުތަކެއް ހޯދަންޖެހޭ

ބެލެނިވެރިން، އެ މީހުންގެ ދަރިން ސުކޫލްތަކަށް ފޮނުވަނީ، އެ ތަނަކީ އެ ކުދިންނަށް ރައްކާތެރި ތަނަކަށް ވާނެކަމުގެ ޔަޤީން ކަމާއެކުއެވެ. ސުކޫލްތަކުގެ ހަތަރު ފާރުގެ ތެރޭގައި ކުދިންނަށް އަނިޔާތަކެއް ނުލިބޭނެ ކަމުގެ އުއްމީދުގައެވެ. އެކުދިން ސްކޫލަށް ފޮނުވާފައި ގޭގައި ހަމަޖެހިލައިގެން މަޑުކޮށްލެވެނީ ސްކޫލްތަކުގައި ތިބޭ ޓީޗަރުންނާއި ސްކޫލްތަކުގެ އެކި ފަންތީގައި ތިބޭ މީހުން އެ ކުދިންނަށް ފާރަވެރިވެ ރައްކާތެރިކަން ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާއި އިތުބާރާ އެކުގައެވެ. 

ދާދިފަހަކާ ޖެހެންދެން ވެސް އެކަމަށް ބަދަލެއް ނާދެއެވެ. ދަރިވަރުންނަށް ސުކޫލްތަކުގެ ހަތަރު ފާރުގެ ތެރެޔަކީ ނާމާން ތަނެއް ނޫނެވެ. އަމާން ރައްކާތެރި މާހައުލެކެވެ. ނަމަވެސް އެކަން އެކުގައި ބަދަލުވެ، މިއަދު ސުކޫލުތަކުގެ ހަތަރު ފާރުގެ ތެރޭގައި ވެސް ދަރިވަރުންނަށް ރައްކާތެރިކަމެއް ނެތެވެ. ބޮޑެތި މާރާމާރީތައް ހިންގައި، ކުދިން ކޮށާލެވެނީ ސުކޫލުތަކުގެ ހަތަރު ފާރުގެ ތެރޭގައެވެ.

ދެ ދުވަހުގެ ތެރޭގައި، މާލޭގެ ދެ ސުކޫލެއްގައި މާރާމާރި ހިންގައި ދަރިވަރުންތަކެއް ވަނީ ޒަހަމްކޮށްލާފައެވެ. ފުރަތަމަ ތާޖުއްދީން ސުކޫލްގައި ދަރިވަރަކަށް ހަމަލާދީ ޒަހަމްކޮށްލައި ވަނީ ބޯފަޅާލާފައެވެ. އެ މާރާމާރިއަށް އެއް ދުވަސްނުވެ، ޖެހިގެން އައި ދުވަހު ސުކޫލް ނިންމާފައި ދިޔަ ދަރިވަރަކަށް ވަޅިން ހަމަލާދީ ވަނީ ޒަހަމްކޮށްލާފައެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށި ހަތަރު ދުވަހުގެ ތެރޭގައި ދެ މާރާމަރި ހިނގުމުން އެއީ ނުރައްކަލުގެ ރަތް ސިގްނަލެއް ކަމަށް ބަލަންޖެހެއެވެ. އެކަމާ މެދު ވިސްނުންތަކެއް ވިސްނައި ކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހެއެވެ. އެއީ ސްކޫލްތަކުގެ ޒިންމާއެކެވެ. ސްކޫލްތަކުގެ ދޮރާއްޓާ ހަމައިން ބެލެނިވެރިޔާ އޭނާގެ ދަރިފުޅު ދޫކޮށްލާފައި ދަނީ އެނބުރި ބަލާ އަންނަ އިރު އޭނާގެ ދަރިފުޅު ސަލާމަތްތެރިކަމާއި ރައްކާތެރިކަމާ އެކު ފެންނާނެކަމުގެ އުންމީދުގައެވެ. ނަމަވެސް ފުލުހުންގެ ޚިދުމަތް ފެއިލްވެ މަގުމަތީގެ ރައްކާތެރިކަން ގެއްލި އެކަމަށް ހައްލެ ނުލިބި އެތައް އަހަރުތަކެއް ފާއިތުވި އިރު މިހާރު މި ވަނީ ގޭތެރެ އާއި ސްކޫލްތަކުގެ ހަތަރު ފާރުގެ ތެރެ ވެސް ނުރައްކާތެރި ތަރަނަކަށް ވެފައެވެ. 

ތައުލީމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއްކޮށްދެއްވި އަމީނިއްޔާ ސުކޫލްގެ ކުރީގެ ޕްރިންސިޕަލް އާތިޔާ ނަސީރު ރާއްޖެޓީވީއަށް ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީން މިކަން ވަރަށް ސީރިއަސްކޮށް ނަގަންޖެހޭ ކަމަށާއި، އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ބަލައި ދިރާސާކުރަންޖެހޭ ކަމަށެވެ. އަދި މިކަމުގައި ވަރަށް ބޮޑު އިހުމާލެއް ވާކަމަށް ޤަބޫލުކުރައްވާ ކަމަށާއި، ދުރާލާ ވިސްނައި ފިޔަވަޅުތައް އެޅިފައި އޮތް ނަމަ މި ހާލަތަށް ނުދިޔައީސް ކަމަށް އާތިޔާ ވިދާޅުވިއެވެ.

"ކޮންމެ ކަމެއް ވެސް މި ހާލަތާއި ދޭތެރެޔައަށް އައުމަށް ގިނަ ކަންތައްތަކެއް ހިނގާ. ވޯނިންގ ސިގްނަލްތަކެއް އެޑިއުކޭޝަން މިނިސްޓްރީ އަށް ވެސް އޮންނާލީ ލިބިފައި، ސުކޫލްތަކަށް ވެސް އޮންނާނީ ލިބިފައި. އެހެންވީމައި ދުރާލާ ފިޔަވަޅުތައް އެޅުނު ނަމަވެސް ސުކޫލު ތެރެޔަށް ވަދެ މާރާމާރި ހިންގާ ހާލަތަށް ކަންތައްތައް އަންނާނެ ކަމަކަށް އަޅުގަނޑަށް ޤަބޫލެއް ނުކުރެވޭ،" އާތިޔާ ވިދާޅުވިއެވެ.

 

އަމީނިއްޔާ ސުކޫލްގެ ކުރީގެ ޕްރިންސިޕަލް އާތިޔާ ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ރައްޖެޓީވީ

މާލޭގެ ހުރިހާ ސްކޫލެއްގައި މިހާރު ވެސް ސެކިއުރިޓީ ގާޑުން ތިބޭ އިރު، ސްކޫލް ފެށޭ ވަގުތާއި ނިމޭ ވަގުތު ފިޔަވައި، ސްކޫލު ތެރެއަށް އެހެން މީސްމީހުން ވަނުން މިހާރު ވެސް ހުއްޓުވައެވެ. އަދި އެ ނޫން ވަގުތުތަކުގައި ގިނަ ސްކޫލްތައް ހުންނަނީ ވެސް ގޭޓް ބަންދުކޮށްފައެވެ. ބޭނުމެއްގައި ސްކޫލަށް ދާ މީހަކު ވެސް ވައްދަނީ ސެކިއުރިޓީ ގާޑަށް އެނގިގެންނެވެ. 

އާތިޔާ ވިދާޅުވީ ސުކޫލުތަކުގައި ތިބޭ ސެކިއުރިޓީންނަކީ ކުރިމަތިވާ މިފަދަ ކަންކަން ހުއްޓުވޭ ވަރުގެ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި ސެކިއުރިޓީ އޮފިސަރުންތަކެއް ސުކޫލްތަކުގައި ތިބި ނަމަވެސް އެ މީހުންނަކީ މާރާމާރީތައް ހުއްޓުވޭވަރުގެ ބައެއް ނޫން ކަމަށާއި، އެހެންކަމުން އެކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް އާތިޔާ ވިދާޅުވި އެވެ.

ވަރަށް ބޮޑު ތެދެކެވެ. ސްކޫލްތަކުގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކަށް ބަލާ ނަމަ އެއީ އެފަދަ ކަމަކާ ކުރިމަތިލެވޭ ފަދަ ބައެއް ކަމަށް ބުނެވޭކަށް ނެތެވެ. އުމުރުން ދުވަސްވީ މީހުންނާއި އެފަދަ ކަމަކާ ކުރިމަތިލެވޭ ވަރަށް ވުރެ މާ ބަލިކަށި އަންހެނުން ވެސް ސެކިއުރިޓީންގެ ގޮތުގައި ތިބޭތަން ފެނެއެވެ. ހަގީގަތުގައި މިހާތަނާ ޖެހެންދެން ސެކިއުރިޓީން ބެހެއްޓުމުގެ މައިގަނޑު ބޭނުމަކީ ތަނަށް ބޭކާރު މީހުން ވަނުން ހުއްޓުވުމެވެ. ނުވަތަ އެފަދަ ފަރާތްތައް ދެނެގަތުމެވެ. އެއްވެސް ހާލެއްގައި އެއީ ގޭންގް ނުވަތަ އެނޫން ވެސް ބައެއްގެ ނުރައްކަލުން ސްކޫލްތައް ނުވަތަ ދަރިވަރުން ސަލާމަތްކޮށްދިނުމުގެ މަގުސަދުގައި އަޅާފައިވާ ފިޔަވަޅެއް ކަމަކަށް ނުބެލެވެއެވެ.

އާތިޔާ ވިދާޅުވީ ފުރާވަރުގެ ކުދިންނަށް ޓާގެޓްކޮށްގެން ކުށުގެ މާހައުލުގެ ތެރެޔަށް ވެއްދުމަށް ގޭންގުތަކާއި، ކުށްކުރާ މީހުން މަސައްކަތްކުރާ ކަމަށެވެ. އެހެންކަމުން އެއީ ވެސް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެއް ކަމަށް އާތިޔާ ވިދާޅުވިއެވެ.

ތައުލީމީ ދާއިރާގައި، ސުކޫލުތަކުގައި މަސައްކަތްކުރާ އެއްވެސް މީހަކަށް ރައްކާތެރިކަން ނެތްކަން ފާހަގަކޮށް އާތިޔާ ވިދާޅުވީ ޓީޗަރުންނާއި ދަރިވަރުންނާއި ދެމެދު ވެސް ހިޔާލު ތަފާތުވުންތައް ހުންނަ ކަމަށެވެ. ނަމަވެސް މިހާރު ކަންތައްތައް ހިނގާ ގޮތުން ނަމަ ކޮންމެ ހިތް ހަމަ ނުޖެހުމެއް މާރާމާރިއަށް ބަދަލުވާއިރު ޓީޗަރުން އަދި ޕްރިންސިޕަލުން ވެސް ތިބެން ޖެހެނީ ބޮޑު ބިރުވެރި ކަމެއްގައި ކަމަށް އާތިޔާ ވިދާޅުވިއެވެ.

އާތިޔާ ވިދާޅުވި ގޮތުގައި ބެލެނިވެރިން ވެސް މިކަމުގައި މަސައްކަތްތަކެއް ކުރަންޖެހެއެވެ. ވަކިން ހާއްސަކޮށް ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކުގެ ވާހަކަ ދައްކަންޖެހޭ ކަމަށާއި، ވާހަކަދައްކައި، ސުކޫލުތަކުގެ ވެރިންގެ ސަމާލުކަމަށް އެކަން ގެންނަންޖެހޭ ކަމަށް އާތިޔާ ވިދާޅުވިއެވެ.

ކޮންމެއަކަސް މިހާރު މި އޮތީ ނުރައްކަލުގެ ވަރުގަދަ ސިގްނަލެއް ލިބިފައެވެ. މާރާމާރި އާއި ގޭންގު ކުށްތައް އިތުރުވެ، ސުކޫލު ވެށި ވެސް އެ ވަނީ އެކަމުގެ ނުރައްކަލުގެ ތެރެޔަށް ވެޓިފައެވެ. ދަރިވަރުންނަކީ ނުރައްކަލުގެ ޝިކާރަޔަކަށް އެ ވަނީ ވެފައެވެ. އެހެންކަމުން އެކަމުގައި ސަރުކަރުންނާއި، ސުކޫލުތަކުން އެކަށީގެންވާ ފިޔަވަޅުތައް އަޅަންޖެހެއެވެ. ހަމައެކަނި ސުކޫލު ދޮރުމަތީގައި ދެ ފުލުހަކު ބެހެއްޓުމުގެ ބަދަލުގައި މައްސަލަ ދިރާސަކޮށް ހައްލުތައް ހޯދަންޖެހެއެވެ. ގޭންގުތަކުގެ ޝިކާރައަކަށް ދަރިވަރުންވާ ސަބަބުތައް ބަލަންޖެހެއެވެ. އަދި ސްކޫލްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި މިކަމަށް ތައްޔާރުވާންޖެހެއެވެ. ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ގެންގުޅޭ ވިސްނުން މުޅިން ބަދަލުކުރަންޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް