ކ. މާލެ
|
24 އޯގަސްޓް 2017 | ބުރާސްފަތި 17:00
ދައުލަތުން ދައުވާ އުފުލާފައިވާ މެންބަރުން ކްރިމިނަލް ކޯޓުގެ ބޭރުގައި: ގިނަ މެންބަރުންތަކެއްގެ ގޮނޑި ގެއްލުވާލުމަށް ސަރުކާރުން ގެންދަނީ މަސައްކަތްކުރަމުން
ދައުލަތުން ދައުވާ އުފުލާފައިވާ މެންބަރުން ކްރިމިނަލް ކޯޓުގެ ބޭރުގައި: ގިނަ މެންބަރުންތަކެއްގެ ގޮނޑި ގެއްލުވާލުމަށް ސަރުކާރުން ގެންދަނީ މަސައްކަތްކުރަމުން
ރާއްޖެ އެމްވީ
ރައްޔިރުންގެ މަޖިލިސް
ބައި އިލެކްޝަނެއް ނުބާއްވައި މަޖިލިސް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް!
 
އެހާ ގިނަ ބައި އިލެކްޝަން ބޭއްވުމަށް މާލިއްޔަތު ތަނެއް ނުދޭ
 
ފަހަކަށް އައިސް އިންތިޚާބުތަކުގައި ސަރުކާރު ވަނީ ބަލިވެފައި
 
ގިނަ މެންބަރުންތަކެއްގެ ގޮނޑި ގެއްލުވާލުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުން

މަޖިލީހުގެ މި ދައުރު ފެށުނު އިރު ސަރުކާރު ހިންގާ ކޯލިޝަނަށް ސުޕަ މެޖޯރިޓީ އޮތް ނަމަވެސް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމު މައްސަލައާ އެކު މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓީ ވަނީ ގެއްލިފައެވެ. ސަރުކާރުގައި ކުރިން ވަރަށް ބޮޑަށް ފައި ވިއްދައިގެން ތިބި މެންބަރުންތަކެއް ކޮޅު ބަދަލުކުރުން ސަރުކާރަށް ވީ ހަޖަމުކުރަން ދަތި ކަމަށެވެ. އޭގެ ރައްދެއްގެ ގޮތުން އިދިކޮޅު ފަރާތްތައް ސައިޒު ކުރުމަށް ސަރުކާރުގެ މިހާރުގެ އަމާޒަކީ ސަރުކާރަށް މެޖޯރިޓީ ލިބޭ މިންވަރަށް މެންބަރުންގެ އަދަދު މަދުކުރުމެވެ. އިދިކޮޅު މެންބަރުންތަކެއްގެ ގޮނޑި ގެއްލުވާލައިގެންނެވެ.

އަލުން ސުޕަ މެޖޯރިޓީ ހޯދުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން ބަންޑާރަ ނައިބާއި ސުޕްރީމް ކޯޓުގެ އެހީތެރިކަމާ އެކު ދައުލަތުގެ މުއްސަސާތައް ބޭނުންކޮށްގެން އިދިކޮޅު ހަ މެންބަރެއްގެ ގޮނޑި މިހާރު ވެސް އެ ވަނީ ގެއްލިއްޖެ ކަމަށް ކަނޑައަޅާފައެވެ. ދެން އޮތީ ސުޕްރީމް ކޯޓުން އެ ނިންމުމުގައި ސިއްކަ ޖެހުމެވެ. އޭގެ އިތުރުން އެތައް މެންބަރެއްގެ މައްޗަށް ޖިނާއީ މައްސަލަތަކެއް ދަނީ ކޯޓުތަކުގައި ހިންގަމުންނެވެ. އިތުރު މެންބަރުންތަކެއްގެ މައްސަލަ ވަނީ ތަހްގީގު ކޮށްފައެވެ. ޕެންޑިންގައި އަދިވެސް އިދިކޮޅު އެތައް މެންބަރުންނެއް އެބަ ތިއްބެވެ. ސުވާލަކީ ގޮނޑިތައް ގެއްލުވާލައިގެން ސަރުކާރަށް އޮތް މޮޅަކީ ކޮބައި ހެއްޔެވެ؟ ސަރުކާރުން ހަދަން މިއުޅެނީ ކިހިނެއް ހެއްޔެވެ؟

ގޮނޑިތަކެއް ގެއްލިއްޖެ ނަމަ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބުނެފައި ވަނީ ބައި އިލެކްޝަން ބާއްވަންޖެހޭނެ ކަމަށެވެ. އަދި އެކަމަށްޓަކައި މުއްދަތުތަކެއް ވެސް ކަނޑައެޅިފައި ވެއެވެ. ސުވާލަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބުނެފައިވާ ގޮތަށް އެކަން ސަރުކާރުން ކުރާނެތޯއެވެ؟ ނުވަތަ ބައި އިލެކްޝަނެއް ބާއްވައިގެން ސަރުކާރަށް އޮތީ ކޮން މޮޅެއް ހެއްޔެވެ؟

ފަހަކަށް އައިސް ރާއްޖޭގައި ބޭއްވި އިންތިޚާބުތަކުން ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރު ވަނީ ބޮޑުތަނުން ބަލިވެފައެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި ވަރަށް ބޮޑު ބައްޔަކުން ބަލިވެފައި ވަނިކޮށް ދާދިފަހުން ބޭއްވި ބ. ކަމަދޫ ބައި އިލެކްޝަނުގައި ވެސް ސަރުކާރަށް ވީ ނާކާމިޔާބީއެވެ. އޭގެ ރައްދުގައި ސަރުކާރުގެ ކޯލީޝަންގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެފައި ވަނީ ސަރުކާރުން ކާމިޔާބީ ހޯދާނީ ރިޔާސީ އިންތިޚާބުގައި ކަމަށެވެ. މާނައަކީ އެ ދެމެދުގައި ބާއްވާ އެއްވެސް އިންތިޚާބަކަށް ސަރުކާރުގެ މާ ބޮޑު ޝައުގުވެރިކަމެއް ނެތުން ހެއްޔެވެ؟ ނުވަތަ ރިޔާސީ އިންތިޚާބުގެ ކުރިން ސަރުކާރަށް މުހިންމު އިންތިޚާބެއް ދެން ނުބޭއްވުން ހެއްޔެވެ؟

ސަރުކާރުން ކާމިޔާބުކުރާނީ ރިޔާސީ އިންތިޚާބު ކަމަށް ނިހާން ވިދާޅުވި އިރު ވެސް އިލެކްޝަން ކޮމިޝަނުން އޮތީ މަޖިލީހުގެ މެންބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެކަން ކަނޑައަޅައި ބައި އިލެކްޝަނެއްގެ ވާހަކަ ވެސް ދައްކާފައެވެ. އެ ހާލަތުގައި އޮއްވައި ބައި އިލެކްޝަނުގެ ވާހަކަ ނުދައްކައި ސަރުކާރުން ރިޔާސީ އިންތިޚާބުގެ ވާހަކަ ދެއްކުމުގައި ނުބައި ހީލަތެއް ފޮރުވިފައިވާނެއެވެ. ބޮޑަށް ބުރަވެވޭ ގޮތުގައި ރިޔާސީ އިންތިޚާބުގެ ކުރިން ދެން އިތުރު ބޮޑު އިންތިޚާބެއް ނުވަތަ ރައްޔިތުން މަޖިލީހުގެ ބައި އިލެކްޝަނެއް 2019 ގެ ކުރިން ނުބޭއްވުމުގެ ވިސްނުމެއް ސަރުކާރުގައި އޮތުން އެކަށީގެން ވެއެވެ. އޭގެ އެއް ހެއްކަކީ ހަ މެންބަރެއްގެ ގޮނޑި ގެއްލުނުކަން އިލެކްޝަނުން އިއުލާންކުރުމާ އެކު ކެމްޕެއިންގެ ހަރަކާތްތަކެއް ސަރުކާރުން ފެށި ނަމަވެސް މިހާރު އެކަން ވަނީ މަޑުޖައްސާލާފައެވެ. ވާހަކަ މިހާރު ނުދެކެވެއެވެ.

މަޖިލީހުގެ ވިއްސަކަށް މެންބަރުންގެ ގޮނޑި ގެއްލުވާލައި އަލުން އެ ދާއިރާތަކުގައި ބައި އިލެކްޝަނެއް ބޭއްވުމަކީ  ކުޑަ ކަމެއް ނޫނެވެ. އެއީ އެތައް މިލިއަން ރުފިޔާއެއް ޚަރަދުވާނެ ކަމެކެވެ. ނަމަވެސް އެވަރުގެ ހަކަތައެއް ރާއްޖޭގެ މާލިއްޔަތުގައި ނެތްކަން ޚުދު ސަރުކާރަށް ވެސް އެނގެއެވެ. ދައުލަތުގެ މުއައްޒަފުންނަށް މުސާރަ ދިނުން ފަދަ ދުވަހުން ދުވަހަށް ކުރަންޖެހޭ ޚަރަދުތައް ވެސް މިހާރު ކުރަމުން އަންނަނީ ޓީބިލް އާއި ބޮންޑް ފަދަ ވަސީލަތްތައް ވިއްކައި މާކެޓުން ދަރަންޏަށް ފައިސާ ނަގައިގެންނެވެ. އެފަދަ ހާލަތެއްގައި އޮވެ އަނެއްކާ ވެސް ބައި އިލެކްޝަންތަކަކަށް ހޭދަކުރުމަކީ ކުޅަދާނަ ކަމަކަށް ނުވާނެއެވެ. އެހެން ކަމުން މާލީ ހާލަތަށް ވިސްނާފައި ވެސް ބައި އިލެކްޝަންސްތަކާ ދިމާ އަށް ސަރުކާރުގެ ވިސްނުން ބަހައްޓާނެ ކަމަށް ނުބެލެވެއެވެ.

އަނެއް ސަބަބަކީ އިންތިޚާބެއް ބާއްވައިގެން ސަރުކާރަށް ކާމިޔާބެއް ލިބިދާނެކަމުގެ އަލާމާތެއް ވެސް ފެންނަން ނެތުމެވެ. ފާއިތުވި ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުގެ ތެރޭގައި ހިނގައިދިޔަ ކަންކަމާ ގުޅިގެން ރައީސް ޔާމީނާއި ސަރުކާރުގެ މަގުބޫލުކަން ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށް އޭގެ ފަހުން ބޭއްވި އިންތިޚާބުތަކުން ދައްކާ އިރު މަޖިލީހުގެ  ގޮނޑިއެއް ސަރުކާރަށް ނެގުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ބޮޑު ހޭދައެއް ކޮށްގެން ފަހަރުގައި ގޮނޑިއެއް ނުނެގޭނެއެކޭ ނޫނެވެ. ނަމަވެސް އެހާ ބޮޑު ރިސްކެއް ސަރުކާރުން ނަގާނެ ހެއްޔެވެ؟ އިދިކޮޅު ފަރާތްތަކުން އެ ބުނާ ގޮތަށް އެ ފަރާތްތަކަށް މެޖޯރިޓީ ލިބިފައިވާކަން ކަށަވަރުކޮށް ސިއްކަ ޖެހުމަށް ސަރުކާރުން ފުރުސަތު ދޭނެ ހެއްޔެވެ؟

ސަރުކާރަށް ކިރިޔާ ވެސް މޮޅެއް އޮތީ އިންތިޚާބެއް ނުބާއްވައި ދިގު ދެއްމުމެވެ. އިތުރު އިންތިޚާބުތަކެއް ނެތި ރިޔާސީ އިންތިޚާބާ ހަމައަށް ދިއުމެވެ. އެކަމުގައި އޮތީ ހަނިފުރުސަތެކެވެ. ނަމަވެސް މި ސަރުކާރުން އެކަން ވެސް ނުކުރާނެއެކޭ ބުނެވޭކަށް ނެތެވެ. މިހާތަނަށް ސަރުކާރުން ބޭނުންވާ ކަންކަން ހާސިލްކުރުމަށް ގާނޫނުއަސާސީ އާއި ގާނޫނުތައް ބޮލާލާޖާހަފައި ވަނީ މަދު ފަހަރަކު ނޫނެވެ. އެހެން ކަމުން ގާނޫނުއަސާސީ އާއި ގާނޫނުތައް އޮތްތަނުގައި ބާއްވައި ސުޕްރީމް ކޯޓު ބޭނުންކޮށްގެން ރާއްޖޭގެ އިގްތިސާދީ ހާލަތާއި ހަމަޖެހުމުގެ މައްޗަށް ރިއާޔަތްކޮށް ރިޔާސީ އިންތިޚާބުގެ ކުރިން މަޖިލީހުގެ އިތުރު އިންތިޚާބެއް ނުބާއްވާ ގޮތަށް ހުކުމެއް ނެރުމަކީ ވެސް ނުކުރާނެ ކަމެކޭ ބުނެވޭކަށް ނެތެވެ. މި ސަރުކަރުން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެކަން މާޒީން ފެންނަން އެބަ އޮތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
14%
71%
14%
0%
ކޮމެންޓް