ޕީއެންސީ މެންބަރު ހުސެންބެގެ މެސެޖު: ޒަޔަނިސްޓު އަނިޔާވެރިންގެ އެޖެންޓުންނަށް ރާއްޖޭގެ ވެލިފުކެއްގައިވެސް އަތްލުމުގެ ފުރުސަތު ދީގެންނުވާނެ، ގައުމުގެ ހައްގުގައި ހަމަހިމޭންކަން ހިޔާރުކުރުމަކީ ދުވަހެއްގެ ކޮޅުންވެސް ވާނެ ކަމެއް ނޫން
11 ނޮވެމްބަރު 2026 | ބުދަ 06:06ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް އީގަލް ހިލްސް އަށް ދިނުމާ ގުޅިގެން، ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ފަސްގަނޑުން ޔަހޫދީންނަށް ފުރުސަތު ދީގެން ނުވާނެ ކަމަށް މެންބަރު ހުސައިން ޝަރީފް ވިދާޅުވި. ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންދާ އަނިޔާވެރި ހަމަލާތައް ކުށްވެރިކުރައްވައި، ގައުމާއި ދީނުގެ ހައްގުގައި ހަމަހިމޭނުން ނުހުންނަވާނެ ކަމަށް އޭނާ ފާހަގަކުރެއްވި. އަދި ގައުމަށް އަދާކުރަންޖެހޭ ހައްގު ވަކި މީހަކަށް ނުވަތަ ވަކި ޖަމާއަތަކަށްވުރެ މާބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި


ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފް | މަޖިލިސް
އަނިޔާވެރި ޒަޔަނިސްޓު ޔަހޫދީންގެ މަކަރުވެރި އެޖެންޓުންނަށް، ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ އެންމެ ވެލިފުކެއްގައި ވެސް އަތްލުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށާއި، ގައުމަށް އަދާކުރަންޖެހޭ ހައްގު ވަކި މީހަކަށް ނުވަތަ ވަކި ޖަމާއަތަކަށްވުރެ މާބޮޑުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފް (ހުސެންބެ) ވިދާޅުވެއްޖެ އެވެ.
މެންބަރު ހުސެއިން ޝަރީފް މިހެން ވިދާޅުވީ އެކްސް މެދުވެރިކޮށް ތަފާތު އެކި ދުވަސްމަތިން ހިއްސާކުރައްވަމުން ގެންދެވި ޕޯސްޓުތަކެއްގަ އެވެ. ދިވެހިންގެ އެއްބައިވަންތަކަން ދައްކުވައިދޭ ފޮޓޯތަކާއެކު އޭނާ ކުރައްވާފައިވާ ޕޯސްޓުތަކުން، ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއާ ދެކޮޅުކަން ވަރަށް ބޮޑަށް ހާމަވެގެންދެ އެވެ. ހާއްސަކޮށް ސަރުކާރުން އީގަލް ހިލްސް އަށް ރަސްމާލޭގެ ބޮޑު ބައެއް 99 އަހަރަށް ދީފައިވާތީ، އެކަމާ މެދު އޭނާ ހިތްހަމަނުޖެހޭ މިންވަރު އެ ޕޯސްޓުތަކުން ވަރަށް ބޮޑަށް ސާފުވެ އެވެ.
ހުސެއިން ޝަރީފް ވިދާޅުވީ، "މިހިތުގަ ވިންދު ހިނގާހާ ހިނދަކު، ދީނާ ޤައުމަށްޓަކައި ވީކޮންމެ ހާލެއްގަ އެކަކަށް މަވާނަން" ކަމަށެވެ. އަދި ޣައްޒާގެ ހާލަތު ތަސައްވުރު ކޮށްލުމުން ވެސް ހިތް ފަޅައިގެންދާ ފަދަ އިހްސާސެއް ކުރެވޭ ކަމަށާއި، އެއްވެސް ރަހުމެއް އަދި ހަމްދަރުދީ އެއް ނެތި ޣައްޒާގެ މައުސޫމް ތުއްތުކުދިން އެބައިމީހުންގެ ގެދޮރުން ނެރެ ބޭރުކޮށްލި އަނިޔާވެރިންނަކީ ޝައިތާނީ ޔަހޫދީން ކަމަށް އޭނާ ސިފަކުރެއްވި އެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައްޔާއި، ދިވެހިންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ލޯތްބަށްޓަކައި ވެސް، ދިވެހި ފަސްގަނޑުން ވެލިފުކެއްހާ މިންވަރު ވެސް އަނިޔާވެރި ޔަހޫދީން ބީހިލުމަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވަމުން ހުސެއިން ޝަރީފް ފާހަގަކުރެއްވީ، ފަލަސްތީނުގެ އެއްވެސް ކުށެއްނެތް ތުއްތު ކުދިން ގަތުލުކުރަމުން ދަނީ އިސްރާއީލޭ ކިޔުނު އަނިޔާވެރި ޝައިތާނުން ކަމަށެވެ.
މީގެއިތުރުން، އިންސާނިއްޔަތުކަމުގެ ކަންފުޅެއް ވެސް ނެތް ޔަހޫދީންނާ ގާތްވުމަކީ ހެޔޮވާނޭ ކަމެއް ނޫން ކަމަށާއި، އިސްލާމްދީނާއި ޤައުމުގެ ހައްގުގައި ހަމަހިމޭންކަން ހިޔާރުކުރުމަކީ ދުވަހެއްގެ ކޮޅުން ވެސް ވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޣައިރު ދީންތަކުގެ އާދަކާދަތަކާއި ސަގާފަތާއި އިންސާނީ ކަރާމާތް ކިލަނބުކޮށް މަސްހުނިކޮށްލާފަދަ މުޑުދާރު ކަންކަން ކުރުމަށް ދިވެހި ފަސްގަނޑުން އެއްވެސް ޖާގައެއް ދެވިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މެންބަރު ހުސެއިން ޝަރީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، "ދިވެހިންގެ ރާއްޖެ" ދިވެހިންނަށް ދެމިއޮތުމުގެ އެންމެ ބޮޑު އަސާސަކީ އިސްލާމްދީނާއި އިންސާނީ ކަރާމާތާ ބީރައްޓެހި މުޑުދާރު ކަންތައްތަކަށް ހުޅުވޭ ދޮރުތައް އެއްކޮށް ބަންދުކުރުމެވެ. އަދި ބުއްދި ތަޣައްޔަރުވެފައިވާ މީހަކު މެނުވީ، ޔަހޫދީންގެ މަކަރުވެރިކަމާއި ހީލަތްތެރި މަޅީގައި ނުޖެހޭނެ ކަމަށާއި، އިންސާނިއްޔަތުކަމުގެ ކުޑަވެސް ކަންފުޅެއް ހުރި ބަޔަކު ނަމަ ފަލަސްތީނުގެ ނިކަމެތި އަޚުންނާއި އުޚްތުން ކަތިލައި، ގެދޮރުތައް ތަޅައި ސުންނާފަތިކޮށް އެފަދަ ބޮޑު އަނިޔާވެރިކަމެއް ނުހިންގާނެ ކަމަށް ވިދާޅުވެ އޭނާ ވަނީ ޔަހޫދީންގެ އަނިޔާވެރި އަމަލުތައް ކުށްވެރިކުރައްވާފަ އެވެ.
އެނގިފައިވާ ގޮތުގައި، ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ފަސް މެންބަރަކު ރަސްމާލޭ މަޝްރޫއާ މެދު ވަރަށް ބޮޑަށް ދެކޮޅުހައްދަވަ އެވެ. އަދި ރައީސް މުއިއްޒު އެ މެންބަރުންނާ ބައްދަލުކުރައްވާފައިވާ ކަމަށާއި، މި މައްސަލައިގައި އެމަނިކުފާނުގެ ނުރުހުން ހުސެއިން ޝަރީފަށް ވެސް އަމާޒުވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.











