މިހާރު ގަތަރުގައި ކުރިއަށްދާ ތަމްރީނު ކޭމްޕުގައި ކުޅުންތެރިންގެ ގުޅުން ބަދަހިވުމުގެ ފައިދާ، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުން ފެނިގެންދާނެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ އިތުބާރު ފޯވާޑް އަލީ ފާސިރް (ސެންޓޭ) ބުނެފިއެވެ.
މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ގައުމީ ޓީމުން ފަރިތަކުރަމުން އަންނައިރު، ކޭމްޕް ފުރިހަމަކުރުމަށްފަހު ގައުމީ ޓީމު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ސްކޮޑުގައިވެސް ސެންޓޭ ހިމެނިފައިވާއިރު، އޭނާ އަކީ 2018 ވަނަ އަހަރު ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، ފައިނަލް މެޗުގައި ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ (އަކޫ) އަށް އަނިޔާވުމުން ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ކުޅުންތެރިޔާއެވެ. އަދި ފައިނަލް މެޗުން އިންޑިއާ އަތުން 2-1 ގެ ނަތީޖާއަކުން ރާއްޖެ މޮޅުވިއިރު، ދެވަނަ ލަނޑުވެސް ޖަހައިދިނީ ސެންޓޭއެވެ.
ގަތަރުގައި ކުރިއަށްދާ ފަރިތަކުރުންތަކުގެ ތެރެއިން ދިން އިންޓަވިއުއެއްގައި ސެންޓޭ ބުނީ މުބާރާތަކަށް ތައްޔާރުވާއިރު އެންމެ މުހިންމު އެއް ކަމަކީ ހުރިހާ ކުޅުންތެރިން ވާހަކަ ދެއްކުމާއި، އެކަކު އަނެކަކަށް ރަނގަޅަށް އެނގުން ކަމަށެވެ. އަދި ގައުމީ ސްކޮޑުގައި އެކި ޓީމުތަކުން އައިސް ތިބި ކުޅުންތެރިން އެބަތިބި ކަމަށާއި، އެހެންކަމުން މި ކޭމްޕުގައި އެ ހުރިހާ ކުޅުންތެރިންނާ ގުޅުން ބަދަހިކުރުމުގެ ފުރުސަތުވެސް ލިބިގެންދާ ކަމަށް ސެންޓޭ ބުންޏެވެ.
މިހާރު ކޮންމެ ގޮތެއް ވިޔަސް މިތާ މި އުޅެނީ މާޒިޔާ 12 ވަރަކަށް ޕްލޭޔަރުންނާއި އެކި ޓީމުތަކުން މި ތިބެނީ. ތިބޭއިރު އެކި ކުލަބުތަކުގައި ކުޅެފައި މި އަންނަނީ. އަންނައިރުގައި އެންމެން އެއްކޮށް އެއް ހޮޓަލެއްގައި ތިބެ ގުޅުން ކޮންމެ ގޮތެއް ވިޔަސް އެކަތިގަނޑެއްގެ ގޮތުގައި ބޭއްވުން އެއީ މި ލިބޭ އެންމެ ރަނގަޅު އެއް ޗާންސަކީ މި ކޭމްޕުގައި.ފޯވާޑް އަލީ ފާސިރް (ސެންޓޭ)
ސެންޓޭ ބުނީ މީގެ ކުރިން މާލޭގައި އުޅުނުއިރު، ހުރިހާ ކުޅުންތެރިންނާ ދިމާނުވާ ކަމަށާއިމ އެކަމަކު އެއް ތަނެއްގައި ތިބެން ޖެހުމުން އެކަކު އަނެކަކު ދަސްވެ، އެކަކު އަނެކަކަށް ގޮވައި ވާހަކަދެއްކުމުގެ އިތުރުން ދުވަންވީ ތަންތަނާ އެ ހުރިހާ އެއްޗެއްވެސް ދަސްކުރުމަށް ފަސޭހަވާ ކަމަށެވެ. އެހެންކަމުން ކުޅުންތެރިންގެ ގުޅުން ބަދަހިވެ، އޭގެ ފައިދާ މުބާރާތުން ފެނިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ސެންޓޭ ވަނީ ބުނެފައެވެ.
މިތާނގައި ވާނެ ގޮތަކީ އެކަކު އަނެކަކު އިނގެން، ވާހަކަދެއްކުމާއި ހުރިހާ ކަމެއް، ޓްރެއިނިންގައިވެސް މިސާލަކަށް އެއްދުވަހު އެކަކު ކައިރީ އަނެކެއްޗެއް އަހާލައި، ގޮވައި ވާހަކަދައްކައި، ދުވަންވީ ތަންތަނާ އެ ހުރިހާ އެއްޗެއް އެއްކޮށްވީމަ އަސްލު މި ޓްރެއިނިން ކޭމްޕުގެ ފައިދާ ފެންނާނެ މުބާރާތް ތެރޭ ޔަގީނުންވެސް.ފޯވާޑް އަލީ ފާސިރް (ސެންޓޭ)
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމުން ގަތަރުގައި ކޭމްޕުކުރަމުން އަންނައިރު، ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށްވެސް ތައްޔާރުވީ ގަތަރުގައި ކޭމްޕުކޮށްގެންނެވެ. އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބާއްވާއިރު، މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ފަސް ގައުމުގެ މެދުގައި ލީގު އުސޫލުން ކުޅުމަށްފަހު، އެންމެ ގަދަ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.
ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެރޭ ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ދެވަނަ މެޗުގައި އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ތިންވަނަ މެޗުގައި އެ މަހުގެ 10 ވަނަ ދުވަހުގެ ހަވީރު ރާއްޖެ ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެރޭ ރާއްޖެ ނުކުންނާނީ ވާދަވެރި އިންޑިއާއާ ދެކޮޅަށެވެ.