އާލާމާތެއް ނުފެނި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ރާއްޖޭގައި ގިނަ: ޑރ. އަފްޒަލް
4 މެއި 2020 | ހޯމަ 10:23ނޭނގި ކޮވިޑް-19 ޖެހި ރަނގަޅުވެފައި ތިބި މީހުން ތިބެދާނެ


ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އަފްޒަލް ވާހަކަދައްކަވަނީ
އާލާމާތެއް ނުފެނި ކޮވިޑް-19ށް ޕޮޒިޓިވްވާ މީހުން ރާއްޖޭގައި ގިނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.
ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި އަދީއްތަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި، ނޭނގި ކޮވިޑް-19 ޖެހި ރަނގަޅުވެފައި ތިބި މީހުން ވެސް ތިބެދާނެ ކަމަށް ވަރަށް ބޮޑަށް ލަފާ ކުރެވޭ ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ ރާއްޖެއިން މިހާތަނަށް ވައިރަސްއަށް ޕޮޒިޓިވްވި ގިނަ މީހުންނަކީ އާލާމާތްތައް ނުފެނި ޕޮޒިޓިވްވެފައިވާ މީހުން ކަމަށެވެ. އަދި ބަލި ޖެހޭ މީހުންގެ ތެރެއިން އާންމުކޮށް ފެންނަ އަލާމަތަކީ ހިކި ކެއްސުމާއި، ކަރުގައި ރިހުން އަދި ހުން އައުން ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.
ކޮވިޑް-19 ކޮންޓްރޯލްކޮށް ނައްތާލުމަށް ކުރަމުންދާ މަސައްކަތަށް އަލިއަޅުއްވާލައްވާ ޑރ. އަފްޒަލް ވިދާޅުވީ މިހާރު ވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑީ ލޮކްޑައުން ކޮށްފައިވާ މިދަނޑިވަޅުގައި ބޭރަށް ނިކުންނަ މީހުންގެ ފުށުން ކަމަށެވެ.
އެގޮތުން ޑެލިވަރީގެ ޚިދުމަތްދޭ މީހުންނާއި، އެކިއެކި ބޭނުންތަކަށް ބޭރަށް ނުކުންނަ މީހުން ޚާއްސަ ސަމާލުކަމެއް ދިނުމަށް ޑރ. އަފްޒަލް އިލްތިމާސްކުރެއްވި އެވެ.




