ރައީސް އޮފީސް، މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހާ ވާހަކަ ދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހައްޔަރު ކޮށްފި
20 އޮކްޓޯބަރު 2026 | އަންގާރަ 17:36ދައުލަތުގެ ތިން ބާރުގެ އިދާރާތަކުގައި ހުޅުޖަހަން ހިތްވަރުދޭ މޭރުމަކުން ސޯޝަލް މީޑިއާގައި ޕޯސްޓްކުރި މައްސަލައެއްގައި، ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފި. އަލްބޭނިއާގެ ހަމަނުޖެހުންތަކާ ގުޅޭ ޚަބަރެއް ހިއްސާކޮށް އޭނާ ކުރި މި ޕޯސްޓް ފަހުން ފޮހެލާފައިވާއިރު، ޒިހާނަކީ މީގެ ކުރިން ސިފައިންގެ ވަޒީފާގައި ވެސް އުޅުނު ފަރާތެއް


މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން | ސޯޝަލް މީޑިއާ
ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހަން ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ހައްޔަރު ކޮށްފި އެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ސްޕޯކްސްޕަރސަން އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ސުޕްރީމް ކޯޓުގައި ހުޅުޖަހަން ހިތްވަރުދޭ ގޮތަށް އޭނާ ކުރި ޕޯސްޓަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އަލްބޭނިއާގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި އަލްބޭނިއާގެ ސުޕްރީމް ކޯޓުގައި ހުޅުޖެހި ކަމަށް އަލް ޖަޒީރާގައި ލިޔެފައި އޮތް ޚަބަރު ޝެއަރ ކޮށް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ޒިހާން ބުނެފައި ވަނީ އެ ހަބަރު ޝެއާކޮށް ދައުލަތުގެ 3 ބާރުގައި "އަހަރެމެންނަށް ހުޅުޖަހަން ނުލިބެނީ ކީއްވެ ތޯ" އާއި އެއީ "މަޖާ ކަމަކަށް ވާނެ" ކަމަކަށް ވާނެ ކަމަށް ބުނެފަ އެވެ.
އޭގެ ގަޑިއިރެއްހާ އިރު ފަހުން އޭނާ ވަނީ އެ ޕޯސްޓު ޑިލީޓް ކޮށްލާފަ އެވެ.
އެމެރިކާގެ ނޭވަލް އެކެޑެމީން މަތީ ތައުލީމު ހާސިލުކުރި ޒިހާން އަކީ ސިފައިންގެ ފަސްޓް ލެފްޓިނަންޓެކެވެ. އެހެން ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އޭނާ ސިފައިންގެ ޚިދުމަތުން ވަކި ކޮށްފަ އެވެ. އޭގެ ފަހުން މި ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް އޭނާ އައްޔަނު ކޮށްފައިވެ އެވެ. ޒިހާން އެ މަގާމުން ވަކި ކުރީ 2024 ވަނަ އަހަރުގަ އެވެ.











