ހުކުރު 07 އޯގަސްޓު 2020
10 އަހުލިހަ
1441 ޒުލްޙައްޖު 17
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:16
އަސްރު 15:33
އިރުއޮއްސޭ 18:22
އިޝާ 19:37
މަގޭ ރިޕޯޓް

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުނުކޮށް ހަމަޖެހުމެއް ނެތް!

  • އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 269،562 މީހުނަށް، ރާއްޖޭގައި ބިދޭސީން ވެސް ދެލައްކައަށް އަރާ ކަމަށްވޭ
  • ވަޒީފާ އަދާކުރާ ދިވެހިންނަށް ވުރެ ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ގިނަ ކަމަށްވޭ
  • ލިޔެކިޔުމެއް ނެތި ރާއްޖޭގައި އުޅުމަކީ އެއްވެސް މައްސަލައަކަށް ނުވޭ، ކަމާބެހޭ އިދާރާތަކުން ފިޔަވަޅެއް ނާޅާ

ކ. މާލެ | 7 މާރޗް 2020 | ހޮނިހިރު 16:19 | 9,777

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑު ފުރާލާފައި-- - ރާއްޖެއެމްވީ

ރާއްޖޭގައި އުޅޭ ބިދޭސީން އަދަދު ރާއްޖޭގެ ވަޒީފާއަދާކުރާ ދިވެހި ރައްޔިތުންނަށް އިތުރުވެގެން ދިއުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެވެ. އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 269،562 މީހުންނަށެވެ. މާނައަކީ ރާއްޖޭގައި 18 އަހަރުން މަތީގެ 269،562 މީހުން އެބަތިބިކަމެވެ.

އެހެންކަމުން 18 އަހަރާއި ވަޒީފާއިން ރިޓަޔަރ ކުރާން އުމުރު ކަމަށްވާ 65 އަހަރާ ދެމެދުގެ އަދަދަކީ ގާތްގަނޑަކަށް ބިދޭސީން ރާއްޖޭގައި އުޅޭ އަދަދަށް ވެދާނެ އެވެ. އަދި ވަޒީފާ އަދާކުރާ މީހުންނަށްވުރެ ބިދޭސީން ރާއްޖޭގައި އުޅުމަކީ ވަރަށް ގާތްކަމެކެވެ. ނަމަވެސް މިކަމުގެ ކަންބޮޑުވުން އާންމުންގެ މެދުގައި އޮތް ނަމަވެސް އެއްވެސް ސަރުކާރަކުން މިކަމަށް އަވަސް ހައްލެއް ގެންނަން މަސައްކަތް ކުރާތަނެއް ނުފެނެ އެވެ.

ބިދޭސީންގެ މައްސަލަތައް ހައްލުކުރާ ވާހަކައަކީ ކޮންމެ ރިޔާސީ އިންތިހާބެއްގެ ކެމްޕެއިން ދުވަސްވަރު ރިޔާސީ ކެންޑިޑޭޓުންވެސް ދައްކާއުޅޭ ވާހަކަ އެކެވެ. ނަމަވެސް އެކަމަށް އެއްވެސް އަމަލީ ސިފައެއް ނުޖެހި މައްސަލަ އިތުރަށް ގޯސްވުން ނޫންކަމެއް ނުވެއެވެ.

އެކިއެކި ވަޒީފާތަކަށް ދިވެހިރާއްޖެއަށް ގެންނަ ބިދޭސީން ހާއްސަކޮށް، ބަންގްލަދޭޝް މީހުން، ރާއްޖެއަށް އެތެރެކުރުމުގައި ހައްދުން ނެއްޓޭ ހިސާބަށް ދިޔައީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި، އޭރު ހިއުމަން ރިސޯސަސް އެންޑް ލޭބަރ މިނިސްޓްރަކަށް ރައީސް މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން ހުންނެވި ދުވަސްވަރެވެ.

އޭގެފަހުން 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމައި، އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެ އެތެރެކޮށްފައި ވެއެވެ. ހާއްސަކޮށް ބަންގްލަދޭޝްއިން ރާއްޖެ އައިސް އުޅޭ ބިދޭސީން އުނދަގޫ ބޮޑެވެ، އެމީހުންގެ އަތުގައި އެއީ ކާކުކަން އެނގޭނެ އެއްވެސް ލިޔެކިޔުމެއްނެތި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު މިވަނީ އިންތިހާއަށް އިތުރު ވެފައެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި ބިދޭސީން އުޅޭ އަދަދެއް ދިވެހި ދައުލަތުގެ އެއްވެސް އިދާރާއަކަށް ނޭނގޭއިރު، ބައެއް އިދާރާތަކުން ލަފާކުރާ ގޮތުގައި ގަވާއިދާ ހިލާފަށް އެއް ލައްކައަށްވުރެ ގިނަ ބިދޭސީން ރާއްޖޭގައި އެބައުޅެއެވެ. އަދި ދެ ލައްކައެއްހާ ބިދޭސީން ރާއްޖޭގައި އުޅޭކަމަށްވެ އެވެ. މީގެތެރޭގައި ގިނައީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. ގަވާއިދާ ހިލާފަށް އުޅެނީވެސް ބަންގްލަދޭޝް ރައްޔިތުންނެވެ.

ރާއްޖޭގެ އާބާދީގެ ކުދިބޮޑު އެންމެ ހިމަނައިގެން 400،000 އެއްހާ މީހުން ދިރިއުޅޭ މިކުޑަކުޑަ ރާއްޖޭގައި ޖާނުން ވަރުގަދަ މަސައްކަތްތެރިންގެ ގޮތުގައި ރާއްޖޭގައި ދެ ލައްކައަށް ވުރެގިނަ ބިދޭސީން އުޅުމަކީ ގައުމަށް އޮތް ބޮޑު ނުރައްކަލެކެވެ.

ނުރައްކަލަކަށް ވަނީ، އެމީހުންގެ އަމަލުތަކުގެ ސަބަބުން ނެވެ. ރާއްޖެ އެތެރެވަނީ ޕާސްޕޯޓެއްގަ އެވެ. ރާއްޖެއެތެރެވުމަށްފަހު، ޕާސްޕޯސްޓް ނައްތާލަނީ އެވެ. އޭގެ ފަހުން އޭނާ މާލެ ތެރޭގައި، ނުވަތަ ރާއްޖޭގެ ކޮންމެ ރަށަކަށް ދަނީ އެވެ. މުޅިން އަލަށް ރާއްޖެއަންނަ ބަންގްލަދޭޝް މީހާއަށް އެއްވެސް ދިވެއްސެއްގެ އެހީތެރިކަމެއް ބޭނުމެއް ނުވެއެވެ.

އެއާރޕޯޓު ގޭޓުން ނިނުންނައިރު، ހުންނާނީ ބަންގްލަދޭޝް މީހެކެވެ. ފެރީގައި ވެސް ހުންނާނީ ބަންގްލަދޭޝް މީހަކެވެ. މާލެ ފައިބާއިރު، މާލެ ކޮންމެ ތަނަކަށް ދިޔަޔަސް ބަންގްލަދޭޝް މީހުން ދިމާވާނެ އެވެ. ނުވިތާނަށް ގޭދޮށު މީހުންނާ ނުވަތަ އާއިލާގެ މީހުންނާ ވެސް ދިމާވާނެ އެވެ. ގެސްޓް ހައުސަކަށް ދާއިރާއިރު އެތަނުގައި އުޅޭނީ ރަށު މީހުންނެވެ. އެތަނުގެ އޯނަރަކީ ކާކުތޯ ބަލާލާއިރު، އެއީ މުނީރުބާއީ ކިޔާ އޭނާގެ ގޭ ދޮށު މީހެކެވެ.

މިހިސާބަށް ރާއްޖޭގެ ކަންކަން ދިއުމުން ބަންގްލަދޭޝް މީހުންއަތުގައި ޕޯސްޕޯޓެއް ނެތަސް އެންމެ ރަނގަޅުތާއެވެ. އިއްޔެ ރާއްޖެ އެތެރެވާ، ބިދޭސީ މީހާ މިއަދު މަސައްކަތަށް ނިކުންނާނެ އެވެ. ކޮންމެވެސް ފިހާރައަކަށް ނުވަތަ ސައި ހޮޓަކަށެވެ. ނުވަތަ މާރުކޭޓް ގޮޅިއަށެވެ. ވަޒީފާއެއް ނުލިބި ނުދާނެއެެވެ. ނުވަތަ ލާރި ލިބޭނެ ކޮންމެވެސް ގޮތެއް ހޯދާނެ އެވެ. ވިޔަފާރިކޮށްގެންވިޔަސް އެމީހަކަށް މާލޭގައި ދިރިއުޅޭވޭނީ ފައިސާ ހުރެގެންނެވެ. ރާއްޖޭގައި އުޅޭ ދެލައްކައެއްހާ ބިދޭސީން ކޮންމެ ދުވަހަކު އެމީހުންގެ ކެއިން ބުއިމާއި ބޯހިޔާވަހިކަމަށް ހަމަގައިމުވެސް ޚަރަދުތަކެއް ހިނގާނެ ތާއެވެ. އެހެންވީމާ އެ ހުރިހާ އެންމެނަކީވެސް އާމްދަނީ ހޯދަން މަސައްކަތްކުރާ ބަޔަކަށް ވާނެތާއެވެ.

ހަގީގަތުގައި ބަންގްލަދޭޝް މީހުންނަށް އެމީހުންގެ ގައުމުގައި ނޫޅެވޭ މިނިވަންކަމާއެކު ރާއްޖޭގައި އުޅުމުގެ ފުރުސަތު އޮތީ ލިބިފައިވެއެވެ. ދިވެހިންނަށް ވުރެވެސް ބޮޑަށް ބިދޭސީ މީހުންނަށް ލިބޭ ފުރުސަތުތައް ގިނަކަމެވެ. ދިވެއްސަކު ހޮޓަލެއް ހުޅުވަން އުޅުމަށްވުރެ، ފަސޭހައިން ބިދޭސީ މީހާ ރާއްޖޭގައި ހޮޓާ ހުޅުވަ އެވެ.

ކުދި އަދި މެދު ފަންތީގެ ވަރަށް ގިނަ ވިޔަފާރިތައް ހިންގަނީ ބިދޭސީން ނެވެ. ރިސޯޓް ސަޕްލައި ކުރުމުގައި އުޅޭ ބިދޭސީން ވަކި މަދެއް ނޫނެވެ. މިވަރަށް ބިދޭސީން ވިޔަފާރި ކުރާ ވާހަކަ ބުނީމަ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ބައެއް މީހުން ބުނެއެވެ. މިކަމުގައި ދިވެހިންގެ އިހުމާލުވެސް އެބައޮތެވެ.

ފުރަތަމަ ކަމަކީ ރާއްޖޭގައި ބިދޭސީއަކަށް ވިޔަފާރި ކުރެވެނީ ދިވެއްސެއް ހުރެގެންނެވެ. ވިޔަފާރި ހިންގުމަށްޓަކައި ދިވެހި މީހާ އޭނާގެ ނަންމަތީ ފިހާރައެއް ނުވަތަ ހޮޓަލެއް އެ ބިދޭސީ މީހާއަށް ހުޅުވާ ދެނީއެވެ. މިބުނާ ދިވެހި މީހާއަކީ ހަމައެކަނި ނަމަކަށް ބަހައްޓާފައި ހުންނަ މީހެކެވެ. އެ ބިދޭސީ މީހާ، އެ ދިވެހި މީހާ ހިތްހަމަ ޖައްސައިދިނުމަށްޓަކައި ކޮންމެ މަހަކު ލިބޭ ފައިދާއިން ކުޑަ ފައިސާކޮޅެއް ދިއްކޮށްލަފާނެއެވެ.

މިހެންގޮސް މިހާރު ރާއްޖޭގައި ބިދޭސީން ކުރާ ވިޔަފާރިތައް އިތުރުވެ، މުޅި ރާއްޖެ ނުބައި މިސްރާބަކަށް ދާން ފަށައިފި އެވެ. ވިޔަފާރި ކުރުމަށް ފަސޭހައަށް މީހުންނަށް އިންނަ މީހުން ވެސް ވަކިމަދެއް ނޫނެވެ. އެއަތްބަށް މީހުންނަށް އިންނަ ބިދޭސީން އުޅޭކަމަށް ވެއެވެ. ގިނަ ބިދޭސީން ވިޔަފާރި ކުރާއިރު، ޓެކްސެއް ނުދައްކަ އެވެ. ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާބަޔަކު ދައްކާނެ ޓެކްސެއްވެސް ނޯންނާނެ ތާއެވެ.

އެކަމަކު ދިވެއްސެއް ވިޔަފާރި ކުރާނަމަ މީރާއިން އޭނާ ފަހާ ދުވާނެ އެވެ. ނުވިތާކަށް ވިޔަފާރި ފެށޭވަރުވާނީ، ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ އެކަމާ ހަވާލުވެތިބޭ އެތައްބަޔަކަށް "ކަޓު" ދީގެން ނެވެ. ބައެއް ފަހަރު ވިޔަފާރި ވެށޭވަރުވާނީ ކުރިން ލަފާކުރި ޚަރަދަށް ވުރެ ޑަބަލް ޚަރަދު ކޮށްގެންނެވެ.

އެއްވެސް ހުއްދައެއް ނެގުމެއްނެތި، ރާއްޖޭގެ އުޅޭ ބަންގްލަދޭޝަން މީހުންނަށް ކައްކާ ކާންދޭ ތަންތަން ހުރެއެވެ. އެމަސައްކަތް އެމީހުން ކުރަނީ އެމީހުން ދިރިއުޅޭ ތަނުގައި ކުޑަކުޑަ ތަންކޮޅެއްގައި ގޭސް އުނދުނެއް ބަހައްޓަައިގެންނެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެއް ވެސް މެއެވެ. އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އެތައް ބަޔަކަށް ގެއްލުންތަކެއް ވެދާނެ ނުރައްކާތެރި ކަމެކެވެ. ނަމަވެސް އެމީހުން ކޮންމެ ދުވަހު 10،000 ނުވަތަ 12،000 ބަތް ބާރުސަލް ހަދުމަށްފަހު، ޑެލިވަރީ ކުރެއެވެ. އެވިޔަފާރި އެމީހުން ކުރަނީ އެއްވެސް ހުއްދަޔަކާ ނުލާ ކަމަށްވާތީ، ޓެކްސެއްވެސް ދައްކާކަށްވެސް ނުޖެހޭނެތާއެވެ. މީގެ ވަރަށް ބައިވަރު ވިޔަފާރީގެ މުއާމަލާތްތައް ބިދޭސީން ރާއްޖޭގައި ހިންގައެވެ.

މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކަންކަން ހިނގާގޮތެއް ނޫނެވެ. ކޮންމެ ގައުމެއްގައިވެސް، އެގައުމެއްގެ އުފެއްދުންތަކަށް އިސްކަންދީ، އެގައުމުގެ ވިޔަފާރިވެރިންނަށް ފަހި ފުރުސަތު ތަކެއް ލިބިދެއެވެ. ނަމަވެސް ރާއްޖޭގަައި މިކަންވެސް ވަރަށް ތަފާތެވެ. ވިޔަފާރި ކުރުމަށް ދިވެހިންނަށް އުނދަގޫ މަރުހަލާތަކެއް ކުރިމަތި ކުރުވާފައިވާއިރު، ބިދޭސީން އެމީހުންގެ ވިޔަފާރި އެހާފަސޭހައިން ކުރަމުންދާ ގޮތެއްވެސް މިވަނީ ބަލަން ޖެހިފަ އެވެ.

ބިދޭސީން ހިންގާ ހޮޓަލެއް ސަރުކަރުގެ އިދާރާއަކުން ބެލުމަށްފަހު ބަންދުކުރިއަސް، ލަސްވާނީ ބަންދު ކުރުމެވެ. މާގިނަ އިތުތަކެއް ނުވެ، ނުވަތަ އޭގެ އަނެއް ދުވަހު އެ ހޮޓަލެއް ހުންނާނީ ހުޅުވާފައެވެ. ވާނީވެސް އެހެންތާއެވެ. ތަންފީޒީ އިދާރާތައް އޮތީ ކޮރަޕްޝަނުން ފޯވެފައެވެ. އެއްޗެއް ދިއްކޮށްލިއްޔާ ނޫނީ އިން ގޮނޑިން ފޫކޮޅު ހިއްލާވެސް ނުލާނެއެވެ.

މާލޭގައި ތޮއްޖެހިފައިވާ އާބާދީގައި ވެސް ބިދޭސީން އަދަދު ވަރަށް ގިނައެވެ. މާލޭގެ މަގުމަތީގައި ދިވެހިންނަށްވުރެ ގިނައީ ބިދޭސީންނެވެ. މާލޭގައި ރޯގާއެއް ނެތް ދުވަސްވަރެއް މިހާރަކު ނުވެއެވެ. އަބަދުވެސް ކޮންމެވެސް ރޯގާއެއް މާލޭގައި އުޅެއެވެ. މާލޭގައި ދިވެހިން ދިރިއުޅެން ޖެހިފައިވާ ނިކަމެތި ހާލަތަށް ބަލާއިރު، ރޯގާ ކޮންޓްރޯލް ކުރުމަކީ ވަރަށް ދުރުކަމެކެވެ. އަދި ހާއްސަކޮށް، ގިނަ ބިދޭސީން ދިރިއުޅެނީ ވަރަށް ޚަރަދުކުޑަކޮށް، އެއްކޮޓަރިއެއްގައި 10، 12 މީހުން އެއް ފާހާނާއެއް ބޭނުންކޮށްގެންނެވެ.

ކައްކާކައި ހަދަނީވެސް އެކޮޓަރީގަ އެވެ. އެހާ ސާފުތާހިރުކަން ކުޑައިރު، އެމީހުންނަަކީވެސް ކޮންމެ ދުވަހު ހަމަ މަގުމަތިންނާއި ތަންތަނުން ދިމާވާ މީހުންކަމަށްވާތީ، މާލޭގައި ރޯގާއެއް އުޅޭނަމަ، އަރާނެތާއެވެ. ބިދޭސީންނަކީ އަމިއްލަ ހާލުގައި ކޮޅަށް ހުރެވޭނަމަ ޑޮކްޓަރަށްވެސް ދައްކާ ބައެއް ވެސް ނޫނެވެ. އެހެންކަމުން އެމީހުން ދިރިއުޅޭ ތަނެއްގައި ރޯގާއެއް ފެތުރިއްޖެނަމަ، އެއީ މުޅިމާލެއަށް ނުވަތަ މުޅި ރާއްޖެއަށްވެސް އެ ރޯގާއެއް ފެރުތުންފަދަ ކަމެކެވެ.

މާލޭގައި ރޯގާއެއް ނުފެތުރޭ ދުވަސްވަރެއް ނުދެއެވެ. މިކަންކަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ސަމާލުކަމަށް އައިސް ފިވަޅެއް އެޅޭތަނެއް ނުފެނެ އެވެ. އަބަދުވެސް ވިސްނަނީ ރިސޯޓް އޯނަރުންނާއި ބޮޑެތި ވިޔަފާރިވެރިންނަށް ލިބިދާނެ ގެއްލުމަށެވެ. ނިކަމެތި ރައްޔިތުންގެ ހައްގުތައް އޮތީ ވިޔަފާރިވެރިންގެ ފައިބުޑުގަ އެވެ. ރާއްޖޭގެ މުއްސަނދިކަން ހައެއްކަ ވިޔަފަރިވެރިއެއްގެ މުށުތެރޭގައި އަނބުރައިގެން ސަރުކާރު ހިންގާއިރު، ނިކަމެތި ރައްޔިތުން "ފެލުން" ނޫންކަމެއް ނުކުރެވެ.

މިއުޅެނީ އެންމެކަމެއް ކޮށްލަން ސަރުކާރުތަކަށް ނުކެރިގެންނެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މައްސަލަ ހައްލު ނުކުރެވި، އޭގެތެރެއިން އެތައްއެތައް މައްސަލަތަކެއް އެދަނީ ފެންމަތި ވަމުންނެވެ.

ވާނީވެސް އެހެންތާއެވެ. ހޮޓާތަކާއި ފިހާރަތަކާއި އަދި ފައިސާއާބެހޭ ކައުންޓަރުތަކުގެ ފައިސާއާ ހަވާލުވާން ބިދޭސީން ތިބުމަކީ ކުށެވެ. އަދި ހާއްސަކޮށް، ޕާސްޕޯޓެއް ނެތި، އަދި ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދައެއްނެތި، ރާއްޖޭގައި ބިދޭސީން މަސައްކަތް ކުރުމަކީ ގާނޫނުން މަނާ ކަމަށެވެ. އެކަމަކު އަޅުގަނޑަކީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެކެވެ.

އަޅުގަނޑު ހޮޓަލަށްވަދެ ކޮފީ ބޮއެފައި ފައިސާ ހަވާލު ކުރަނީ، ފިހާރައަށް ވަދެ، ބޯލާނެ އެއްޗެއް ގަނެ، ފައިސާ ހަވާލުކުރަނީ ކައުންޓަރުގައި ހުންނަ ބިދޭސީ މީހާ އަށެވެ. އަޅުގަނޑަކީ ބިދޭސީން ކައުންޓަރުގައި ނުތިބެވޭނެ ކަމަށްބުނެ ގައިވާއިދު ހެދި މިނިސްޓްރީގެ މިނިސްޓަރަވެ. އެކަމަކު އަޅުގަނޑުވެސް ހޮޓަލަށްވަދެ ކޮފީއެއް، ފިހާރައަށްވަދެ އެއްޗެއް ގަނެލުމަށްފަހު، ފައިސާ ހަވާލުކުރަނީ ހަމަ އެއްކަލަ ބިދޭސީ މީހާ އަށެވެ. އަޅުގަނޑަކީ ފުލުސް އޮފިސަރެކެވެ. ގާނޫނުތަކާއި ގައިވާއިދުތައް ތަންފީޒުކުރަން ހުންނަ މީހާއެވެ.

އެކަމަކު އަޅުގަނޑުވެސް ހޮޓަލަށް ވަދެ، ކޮފީއެއް ބޯލައިގެން، ފިހާރައަށްވަދެ ކޮންމެވެސް އެއްޗެއް ގަނެލައިގެން ފައިސާ ދައްކަނީ ހަމަ އެއްކަލަ ގާނޫނާއި ގަވާއިދާ ހިލާފަށް އެތާ ފައިސާ ބަލައިގަންނަން ހުރި ބިދޭސީ މީހާ އަށެވެ. މީގައި އެ ބިދޭސީ މީހާގެ ކުށެއް ނެތްތާ އެވެ. މަޖިލިސް މެމްބަރު އަޅައެއް ނުލިއެވެ. ސަރުކާރުގެ ކެބިނެޓް މިނިސްޓަރުންނަށްނަވެސް އޯކޭއެވެ. އަދި ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރަން ތިބި ފުލުހުންވެސް އޯކޭވީމާ، ބިދޭސީ މީހާ ފައިސާ ކައުންޓަރުގައި އިނުމަކީ މައްސަލައެއް ނޫނެއް ނޫންތޯ އެވެ. ގާނޫނާއި ގަވާއިދު އޮތްތާ ބާއްވާށެވެ. އެކަމަކު ދިވެއްސަކު ސައިކަލް ޕާކް ކޮށްލާއިރަށް ދުމެއްޖަހާފައި އެއްކަލަ ޕޮލިސް އޮފިޝަރު އައިސް ސްޓީކާ ޖަހަން ވާނެއެވެ. މިއީ އަހަރެމެންގެ ހާލަތެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުން އިއްތިހާއަށް ގިނަވެއްޖެކަމަށްބުނެ، ރައްޔިތުން އަޑުއެފުލުމުން، މިހާރު އެވަނީ ބިދޭސީ ލޭބަރުން ގެނައުން ހުއްޓާލާފަ އެވެ. މިހާރު ބަންގްލަދޭޝް ލޭބަރުންނެއް ނާދެއެވެ އަންނަނީ ބަންގްލަދޭޝް ގެސްޓުން ނުވަތަ ޓޫރިސްޓުންނެވެ. އެމީހުންނާ ހަވާލުވަނީ ރިސޯޓަކުން ނޫނެވެ. މާލޭގައި ބަންގްލަދޭޝް މީހުން ހިންގާ ގެސްޓް ހައުސްތަކުން ނެވެ. މިބުނާ ބަންލްދޭޝް ގެސްޓް މީހާގެ ތަފާތަކީ އެމީހާ މާލެ ފުންމާލާގޮތަށް ބަދަލުވަނީ، ލޭބަރަކަށެވެ. ނުވަތަ، ވިޔަފާރިވެރިޔަކަށެވެ. މާލޭގައި ދިރުއުޅެން ފަސޭހައީޕާސްޕޯޓެއް ފަދަ އެއްވެސް ލިޔެކިޔުމެއް ނެތިކަމަށް ރައްޓެހިން ބުނާތީ އޭނާ އަމަލުކުރަނީ ވެސް އެގޮަތަށެވެ. އެކިފަހަރު އެކި ނަންނަން ކިޔާލައިގެން އުޅެވިދާނެތާ އެވެ. އެއްފަހަރު ނޫރުލްއިސްލާމެވެ. އަނެއް ފަހަރު ޒުލާލުބާއީއެވެ. އެހެންކަމުން މިކަންކަމަށް އަވަސް ހައްލެއް ހޯދަން މިވަނީ ޖެހިފައެވެ.

މިހާރު ސަރުކާރުން އާންމު ރައްޔިތުންނަށް އަންގާ އެންގުންތައް ތާނައިން އިއުލާން ކުރުމުގެ އިތުރުން ބަންގަދޭޝް ބަހުން އިއުލާންތަކާއި އަންގަންޖެހޭ އެންގުންތައް ނެރެންޖެހޭ ހިސާބަށް ރާއްޖޭގެ ކަންކަން މިވަނީ ގޯސްވެފަ އެވެ. އެހެންވީމާ ރާއްޖޭގެ ހަމަޖެހުމަށް ފުރަތަމަ ކުރަންޖެހޭ ކަމަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމެވެ. އެކަން ހައްލުނުކޮށް، ފެތުރޭ ރޯގާތަކުން ރައްކާތެރިވުމުގެ ވާހަކަތައް ދެއްކެމުގެ ބޭނުމެއްނެތެވެ.

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.