ކ. މާލެ
|
3 ޖޫން 2017 | ހޮނިހިރު 18:31
ޔާމީން ރަޝީދު
ޔާމީން ރަޝީދު
ޓްވިޓަރ
ޔާމީން މަރާލުން
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!
 
ޔާމީންގެ ގާތިލުންގެ ތަހްގީގާ ގުޅޭ މައުލޫމާތު ހިއްސާއެއް ނުކުރޭ
 
ޔާމީނަށް ދިން އިންޒާރުތަކުގެ މައްސަލަތައް ބަލާފައެއް ނެތް
 
ދިރިހުރުމުގެ ޙައްޤު ކަށަވަރުކޮށް ދިނުމަކީ ދައުލަތުގެ ޒިންމާއެއް

ބްލޮގަރ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލިތާ 40 ދުވަސްވީއެވެ. އެމައްސަލައިގެ ޖިނާއީ ތަޙުޤީޤަށް ކުރިއެރުން ލިބެމުންދާ ކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް އަދި މިއަދާ ހަމަޔަށް އެމަރާ ގުޅިގެން އެއްވެސް ފަރާތެއްގެ މައްޗަށް ދަޢްވާކުރުމަށް ފޮނުވާފައިނުވެއެވެ. ޔާމީންގެ މަރާގުޅިގެން އިންސާފަށް އެދި އުފުލަމުންދާ އަޑުތަކަށް ބަލާއިރު، މައި ފޯކަސް ހުރީ މައްސަލައިގެ ޖިނާއީ ޑިމެންޝަނަށެވެ. އެހެނަސް ޔާމީނަށް ރައްކާތެރިކަން ދިނުމުގައި ފުލުހުން އިހުމާލުވެފައިވާކަމަށް ބުނެ، ދެކެވޭ ވާހަކަތަށް ވެސް މަދެއް ނޫނެވެ. އަދި މިހާތަނަށް ލިބެންހުރި މައުލޫމާތަށް ބަލާއިރު ޔާމީންގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިހުމާލުވާ ކަމަށް ކަނޑައަޅައިދިނުމަށް ޢާއިލާގެ ފަރާތުން ވަނީ މަދަނީ ކޯޓަށް ހުށަހަޅާފައެވެ. އާއިލާގެ ފަރާތުން ހުށަހެޅި އެމައްސަލަ ބިނާކުރެވުނު ޤާނޫނީ މަރުކަޒުތަކުގެ ތަފުސީލު ލިބިފައިނެތް ނަމަވެސް މިއީ ޔާމީނަށް އިންސާފު ހޯދައިދިނުމަށް އެޅެން ހުރި ފިޔަވަޅުތަކުގެ ތެރެއިން މުހިއްމު ފިޔަވަޅެކެވެ. އެހެނީ މިމައްސަލަ ފެށިގެން އަންނަނީ ދިރިހުރުމުގެ ޙައްޤާހަމައިންކަމަށް ވާތީއެވެ. އެޙައްޤާ ގުޅިގެން ދައުލަތާ މަތިވާ އިލްތިޒާމްވާތީއެވެ. އަދި އެއިލްތިޒާމް އަދާކުރުމުގައި ދައުލަތުން އިހުމާލުވެފައވާކަން ހާމަވާތީވެސްމެއެވެ.

 

ދިރިހުރުމުގެ ޙަޢްޤާއި ދައުލަތުގެ ޒިންމާ

ޤާނޫނުއަސާސީގައި އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ބާބެއް އެކަށައަޅާފައިވާއިރު އެބާބުގެ 21 ވަނަ މާއްދާއިން ދައުލަތުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ އެންމެނަށްމެ ދިރިހުރުމުގެ ޙައްޤު ކަށަވަރުކޮށްދީފައިވެއެވެ. މިޙައްޤުގެ ދާއިރާއަކީ ކޮބައިތޯ ދެނެގަންނަން ބަލާއިރު ރާއްޖޭގެ އެތެރޭގެ ނިންމުންތަކުން އަދި މާބޮޑު އިރުޝާދެއް ލިބެންނެތެވެ. ޤާނޫނުއަސާސީގެ 68 ވަނަ މާއްދާބުނާގޮތުން އަސާސީ ޙައްޤުތަކުގެ ބާބު މާނަކުރުމުގައި ދީމުޤްރާތީ މުޖުތަމަޢުތަކުން ޤަބޫލުކުރާ އުސޫލުތަކަށާއި އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ރިޢާޔަތްކުރާންޖެހެއެވެ. އެހެންކަމުން ޤާނޫނުއަސާސީ ދޭ އިރުޝާދުގެ މަތީން ޔޫރަޕިއަން ޖުރިސްޕްރޫޑަންސަށް ބަލައި، ދިރިހުރުމުގެ ޙައްޤުގެ ދާއިރާ ވަޒަންކުރާއިރު، އެހަޢްޤާގުޅިގެން ދެބާވަތެއްގެ ޒިންމާ ދައުލަތާ މަތިވާކަމަށް ފެނެއެވެ. އެއީ ޤާނޫނުން އެކަމަށް ހުއްދަކުރާ ޙާލަތުގައި މެނުވީ ދައުލަތުން މީހަކު މެރުމުން މަނާވެގަތުމާއި (ނެގެޓިވް ޒިންމާ) އަދި ދިރިހުރުމުގެ ޙައްޤު މާނަވީގޮތުގައި ހިމާޔަތްކުރުމަށްޓަކައި ދައުލަތުން އަޅާންޖެހޭ ފިޔަވަޅުތައް އެޅުމެވެ (ޕޮޒިޓިވް ޒިންމާ). ޖުމްލަގޮތެއްގައި ބަލާއިރު ޕޮޒިޓިވް ޒިންމާގެ ފިޔަވަޅުތަކަކީ ، ދިރިހުރުމުގެ ޙައްޤު ހިމާޔަތްކުރުމަށް ޤާނޫނީ ނިޒާމެއް އެކަށައެޅުމާއި  އެނިޒާމު އެކަށޭނަގޮތުގައި ތަންފީޒުކުރުމެވެ. އަދި މީގެ އިތުރުން ޚާއްޞަ ޙާލަތްތަކުގައި ވަކިވަކި ފަރުދުންގެ ފުރާނަ ޙިމާޔަތްކުރުމަށް އެފަރުދުންނަށް ޙާއްޞަވާ ފިޔަވަޅުއެޅުމެވެ. މިދެންނެވި ޚާއްޞަ ޒިންމާ ވަކި ފަރުދަކާމެދު މަތިވެފައިވާކަމަށް ކަނޑައެޅުމުގައި ކޯޓުން ބަލާ މިންގަނޑުތަކެއްވެއެވެ. އެއީ ވަކި ފަރުދެއްގެ ފުރާނައަށް ޙަޤީޤީ ނުރައްކަލެއްއޮތްކަން ދައުލަތަށް އެނގި ނުވަތަ އެނގެންޖެހޭ ޙާލަތެއް އޮވެ، އަދި އެނުރައްކަލުން އެމީހަކު މިންޖުކުރުމަށް ދައުލަތުގެ ބާރުގެ ތެރޭން އެޅޭނޭ އެކަށޭނަ ފިޔަވަޅު ހުރެ، ދައުލަތުން އެފިޔަވަޅު އަޅާފައިނުވުމެވެ.

 

ޔާމީނަށް ލިބެމުންދިޔަ އިންޒާރުތަކާގުޅިގެން ދައުލަތުގެ ޒިންމާ އަދާކުރެވިފައިވޭތޯ؟

ޔާމީން ރަޝީދުގެ ކިބައިގައިވި ދިރިހުރުމުގެ ޙައްޤު ދައުލަތުން ޙިމާޔަތްކޮށްދިނުމުގައި ދައުލަތުން ފެއިލްވެފައިވޭތޯ، މިސުވާލުގެ ޖަވާބު ހޯދުމަށް އެންމެ ފުރަތަމަ ބަލަންޖެހެނީ ޔާމީންގެ ފުރާނަ ހިމާޔަތްކޮށްދިނުމަށް ޚާއްޞަ ފިޔަވަޅުއެޅުމުގެ އިލްތިޒާމް ދައުލަތާ  މަތިވާ ޙާލަތު އޮތްތޯއެވެ. މިގޮތުން ބަލާއިރު، ޔާމީން މަރާލާނޭކަމުގެ އިންޒާރު ތަފާތު އެތައް ފަހަރެއްގެ މަތީން ދީފައިވެއެވެ. އެއިންޒާރުތައް ފުލުހުންނަށް ރިޕޯޓްކުރެވި، ފުލުހުންގެ ސަމާލުކަމަށް ގެނެވިފައިވެއެވެ. ތަކުރާރުކޮށް ލިބެމުންދިޔަ އިންޒާރުތަކާމެދު ފުލުހުން ފިޔަވަޅުއަޅާފައިނުވެއެވެ. ޚުދު ސޯޝަލް މީޑިއާ މެދުވެރިކޮށް ދީފައިވާ ބައެއް އިންޒާރުތައް ދީފައިވަނީ ފުލުހުން ޓެގްކޮށްގެންނެވެ. ފުލުހުން ފިޔަވަޅެއް ނާޅާނެކަމަށް ފާޅުގައި ބުނެ މަލާމާތްވެސް ކުރަމުންނެވެ. ތަކުރާރުކޮށް ދެމުންދިޔަ އިންޒާރުތަކަށް ފިޔަވަޅުއެޅިފައިނުވުމުން ޔާމީންއަށް އޮތް ނުރައްކަލުގެ ދަރަޖަ އިތުރުވެގެންދިޔަކަމަށް ބަލާނޭ ޖާގައެބައޮތެވެ. އަދި ފޮރުވިގެންތިބެ ޔާމީންގެ ފުރާނަޔަށް ފާރަލަމުންދިޔަ ޤާތިލުންނަށް އެމީހުންގެ ރޭވުންތަކަށް ޢަމަލީ ސިފަގެނައުމަށް ބާރު އެޅިގެންދިޔަކަމަށް ބެލުމުގެ ޖާގަވެސްއެބައޮތެވެ.  ޔާމީންއަށް ލިބެމުންދިޔަ މަރުގެ އިންޒާރުތަކަކީ އޭގައި ބިންގާނެތް ހުސް އިންޒާރުތަކެއްކަމަށް ބެލެވެންވެސް ނެތެވެ.  ރިލްވާން ގެއްލުވާލި ހާދިސާއާއި އަދި ރިލްވާނަށް އިންސާފުހޯދައިދިނުމަށް ޔާމީން ކުރަމުންދިޔަ މަސައްކަތުގެ ކޮންޓެކްސްޓްގައި ބަލާއިރު، ޔާމީނަށް ލިބެމުންދިޔަ އިންޒާރުތައް ސީރިއަސްކޮށް ބެލެންޖެހެއެވެ. އަދި ރާއްޖޭގައި އަށަގަންނަމުންއަންނަ ހަރުކަށި ދީނީ ފިކުރާއި އެފިކުރާ ދެކޮޅަށް ވަކާލާތުކުރާކަމަށް އެފިކުރުގެ އަހުލުވެރީން ބަލައިގަނެފައިވާ ފަރާތްތަކަށް ހުރި ނުރައްކަލުގެ ނަޒަރިއްޔާތުން ބެލިނަމަވެސް ޔާމީނަށް އަމާޒުވަމުންދިޔަ މަރުގެ އިންޒާރުތަކަކީ އޭގައި އަރޖަންސީ އޮތް މައްސަލައެއްކަމަށް ބެލެންޖެހެއެވެ. މީގެ އިތުރުން ޔާމީނަށް ދެމުންދިޔަ މަރުގެ އިންޒާރުތަކުގެ މައްސަލަ ބެލި، އެއްވެސް ފަރާތަކާމެދު ފިޔަވަޅު އެޅިފައިނުވުމުން އެއީ ޔާމީން ޤަތުލުކުރުމާހަމަޔަށް ދެމިއޮތް ނުރައްކަލެއްކަމަށް ބެލެވެއެވެ.

މިނުކުތާތަކަށް ޖުމްލަކޮށްބަލާއިރު، ޔާމީންގެ ފުރާނަ ހިމާޔަތްކޮށްދިނުމަށް ޚާއްޞަ ފިޔަވަޅުއެޅުމުގެ އިލްތިޒާމް ދައުލަތާ  މަތިވާ ޙާލަތު އޮތްކަމަށް ޤަބޫލުކުރެވެއެވެ. އަދި އެނުރައްކާ އެއްކިބާކުރުމަށް ދައުލަތުގެ ބާރުގެ ތެރެއިން އެޅޭނޭ އެކަށޭނަ ފިޔަވަޅު ހުރިކަމާއި، އެހެނަސް ދައުލަތުން އެފިޔަވަޅު އަޅާފައިނުވާކަމަށް ޤަބޫލުކުރެވެއެވެ.

 

 

އިންސާނީ ޙައްޤުގެ މައްސަލައެއްގެ ގޮތުގައި ޔާމީންގެ މަރުގެ މައްސަލަ ބެލިދާނެތޯ؟

މަރުގެ މައްސަލަތަކުގައި ޢާއްމުކޮށް އުފުލެނީ ޖިނާޢީ ދަޢްވާއެވެ. މީގެ އިތުރުން ޙާލަތު އެކަމަށް ތަންދޭނަމަ މަދަނީ ދަޢްވާވެސް އުފުލެއެވެ. މަދަނީ ދަޢްވާގެ ބާވަތަށް ބަލާއިރު ޒަމާނުއްސުރެން އުފުލެމުންއަންނަނީ އިހުމާލުން މީހަކު މަރުވުމުގެ ދަޢްވާ (ރޯންގްފުލް ޑެތް) އެވެ. އެހެނަސް އިންސާނީ ޙައްޤުގެ ދާއިރާ ތަރައްޤީވަމުންއަންނަހެން ދައުލަތުގެ އިހުމާލު ޝާމިލްވާ މަރުގެ މައްސަލަތަކުގައި އިންސާނީ ޙައްޤުގެ ބިންގަލުގެ މައްޗަށް ޚާއްޞަ ދަޢްވާ އުފުލޭނޭ މަގު ތަނަވަސްވަމުންއައިސްފައިވާކަން ފާހަގަކުރެވެއެވެ.

 

ދާޚިލީ ނިޒާމުތަކުގައި ޒަމާނުއްސުރެން އުފުލެމުންއައިސްފައިވާ އިހުމާލުން މީހަކު މަރުވުމުގެ ދަޢްވާއާއި އަލަށް ޤާއިމްކުރެވެމުންއަންނަ އިންސާނީ ޙައްޤުގެ މަރުކަޒުގެ މައްޗަށް ބިނާކުރެވޭ ދިރިހުރުމުގެ ޙައްޤު ނަގާލެވިފައިވާކަމުގެ ދަޢްވާ ތަފާތެވެ. އެގޮތުން މިދެ ބާވަތުގެ ދަޢްވާ ސާބިތުކުރުމަށްޓަކައި ޤާއިމްކުރާންޖެހޭ ޤާނޫނީ ނުކުތާތައް ކޮންމެވެސް މިންވަރަކަށް ތަފާތުވެއެވެ. މީގެ އިތުރުން މައްސަލަ ވަޒަންކުރުމުގައި ބޭނުންކުރެވޭ އެޕްރޯޗާއި މައްސަލައިގެ ފޯކަސްއާއި އަދި ކަނޑައެޅޭ ބަދަލުގައިވެސް ތަފާތުވެއެވެ. މިތަފާތުތަކަށް ބަލާއިރު، އިންސާނީ ޙައްޤަކީ ދައުލަތް އެމައްޗަށް ބަނދެވޭ އިލްތިޒާމް ޤާއިމްކުރެވޭ އެއްޗަކަށްވާހިނދު، ދައުލަތުގެ އިހުމާލު ޝާމިލްވާ މައްސަލަތަކުގައި ދައުލަތުގެ އަމަލު އިންސާނީ ޙައްޤުގެ ތަރާދުން ވަޒަންކުރުމަކީ އެންމެ އެކަށޭނަގޮތްކަމަށް ފެނެއެވެ. އަދި ޤާނޫނުއަސާސީގެ 65 ވަނަ މާއްދާއަށް ބަލާއިރު، މިއިޝާރާތްކުރި މަގުން ދައުލަތުގެ ޢަމަލު ވަޒަންކުރުމަށް މަގުފަހިވެފައިވާކަން ފާހަގަކުރެވެއެވެ. މިއީ ދާޚިލީ ޤާނޫނީ ނިޒާމުތަކުގައި ކުރީއްސުރެން ޤާއިމްކުރެވިފައިވާ އިހުމާލުން މީހަކު މަރުވުމުގެ ދަޢުވާއާ ވަކީން ނުވަތަ އޭގެ އިތުރުން ހުށަހެޅިދާނޭ ދަޢްވާއެއްކަމަށްވެސް ޤަބޫލުކުރެވެއެވެ. ޔާމީން ރަޝީދުފަދަ ޒުވާން ކުއްޖެއްގެ މަރަށް ބަލާއިރު، މިދެބާވަތުގެ މައްސަލަވެސް މުހިއްމެވެ. އެހެނީ، މަރުވެދިޔަ ފަރާތަކީ ޢާއިލީ ޒިންމާތައް އަދާކުރާ އިސްފަރާތެއްނަމަ އެކަމުން ޢާއިލާއަށް ކުރިމަތިވާނޭ ނިކަމެތިކަމަށް ފަރުވާލިބެންޖެހެއެވެ. އެގޮތުން އެޙާލަތުގައި ބަދަލަކީ މުހިއްމު ޙައްޤެކެވެ. އަދި ހަމަ މިއާއެކު މަރުގެ ހާދިސާ ހިނގާދިޔުމުގައި ދައުލަތުގެ ޒިންމާވާކަމާއި، އެޒިންމާ އަދާކުރުމުގައި ދައުލަތުން ފެއިލްވެފައިވާކަން ޢާންމުކޮށް ކަނޑައެޅި، އެކަން ބަލައިގަތުމަކީ މުހިއްމު ކަމެކެވެ.

 

އެއްވެސް ޝައްކެއްނެތްގޮތުގައި ޤާނޫނީގޮތުން ލިބޭ ފަރުވާއަކުން އިންސާނެއްގެ ފުރާނަ ގެއްލިދާދިޔުން ފޫނުބެއްދޭނެއެވެ. ޚާއްޞަކޮށް މަރުވެދިޔައީ ތިމާގެ ދަރިއެއް ނުވަތަ އަޚެއް ނުވަތަ އެނޫންވެސް ގާތްގުޅުމެއް އޮތް މީހެއްނަމަ، އެމީހަކު ގެއްލިދިޔުން ޙަޤީޤަތުގައި އަގުކުރެވޭނޭ ނުވަތަ އެކަމަށް ފަރުވާދެވޭނޭ ގޮތެއްނެތެވެ. އެހެނަސް، އެމަރަށް ބަދަލު ނުވަތަ އެނޫންވެސް ޤާނޫނީ ފަރުވާ ކަނޑައެޅިދިޔުމަކީ މުހިއްމުކަމެކެވެ. އެހެނީ މަރުވެދިޔަ ފަރާތުގެ ޙައްޤަށް އޮތް އިޙްތިރާމްގެ ރަމްޒެއްގެ ގޮތުންނެވެ. އެ ޙައްޤު ނަގާލެވުމުގެ ޢަމަލެއް ހިނގައިގޮސްފިކަން ޢާންމުކޮށް ބަލައިގަތުމުގޮތުންނެވެ. އަދި އެބާވަތުގެ މައްސަލަތައް ތަކުރާރުވެގެންދިޔުން ހުއްޓުވުމަށް އެޅޭ ބާރެއްގެ ގޮތުންވެސްމެއެވެ. މިގޮތުން ޤާނޫނީ ފަރުވާއިން ޢާއިލާއާއި އަދި މުޖުތަމަޢަށްވެސް ކޮންމެވެސް މިންވަރެއްގެ ތަޞައްލީއެއް ލިބިގެންދާނެއެވެ.

 

އެޑިޓަރުގެ ނޯޓް: މި ލިޔުންތެރިޔާ އެނގެން ބޭނުންވަނީ "ދުނި" ނަމުންނެވެ. މި ލިޔުމުގައި ފާޅުކޮށްފައިވާ ހިޔާލަކީ ލިޔުންތެރިޔާގެ އަމިއްލަ ހިޔާލެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް